ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، މާލޭ މުނިސިޕަލިޓީއަށް މިއަދު ޒިޔާރަތްކުރައްވައި، "ވެށިފަހި މާލެ" ޕްރޮގްރާމްގެ ދަށުން ތަނަވަސް ހިޔާވަހިކަމަށް އެދޭ ފަރާތްތަކަށް ފޯމް ދޫކުރުމުގެ މަސައްކަތް ހިނގަމުންދާގޮތް ބައްލަވާލައްވައިފިއެވެ. އަދި، މާލޭ މުނިސިޕަލިޓީގެ ރައީސް ސަރަނގު އާދަމް މަނިކާ ބައްދަލުކުރައްވައި ފޯމް ދޫކުރުމުގެ މަސައްކަތް ހިނގަމުންދާ ގޮތުގެ މަޢުލޫމާތު ސާފުކުރެއްވިއެވެ.

 
 [ވެށިފަހި މާލެ] ޕްރޮގްރާމަކީ ބޯހިޔާވަހިކަމަށް ދަތިވެފައިވާ މާލޭގެ ރަށްވެހިންނަށް ޙައްލެއް ހޯދައިދިނުމުގެ އިތުރުން، މާލެ ތޮއްޖެހުންވެސް ކުޑަކުރުމުގެ ބޭނުމުގައި 2010 ވަނަ އަހަރުގެ ނޮވެމްބަރު 10 ވަނަ ދުވަހު އިޢުލާން ކުރައްވާފައިވާ ޕްރޮގްރާމެކެވެ.
 
މި ޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހީގައި ހުޅުވާލެވޭ ފުރްޞަތުގެ ދަށުން ކުދި ބިންތަކުގައި ދިރިއުޅޭ މާލޭގެ ރަށްވެހިންގެ ގިންތި ހުޅުވާލެވެނީ ޖުމްލަ 1000 ފަރާތަކަށެވެ. އެފަރާތްތަކަށް ޚާއްޞަ ކުރެވިފައިވަނީ، މާލެއިން 500 ހައުސިންގ ޔުނިޓާއި، ހުޅުމާލެއިން 250 ހައުސިންގ ޔުނިޓާއި، ހުޅުމާލޭގައި ކަނޑައެޅޭ 1200 އަކަފޫޓްގެ 250 ގޯއްޗެވެ.