ރާއްޖެ މިއަދު މިއޮތް ހިސާބުން ކުރިއަށް ދިއުމަށްޓަކައި، ތަރައްޤީވެފައިވާ މުޖްތަމަޢުތަކުގައި އެ ހުންނަ ސިފަތައް ރާއްޖޭގައި ހުންނަންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އެމަނިކުފާނު ފާދިއްޕޮޅަށް އިއްޔެ ފެށްޓެވި ދަތުރުފުޅުގައި، ރޭ ހިންނަވަރު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، އެންމެ ފަޤީރު ޤައުމުތަކުގެ ލިސްޓުން މެދު އާމްދަނީގެ ޤައުމަކަށް ރާއްޖެ މިހާރު ބަދަލުވެފައިވުމާއެކު، މިކަމާ ގުޅިގެން ރާއްޖެއަށް މީގެކުރީގައި ލިބެމުންއައި ވަރަށް ކުޑަ އިންޓަރެސްޓްގެ ލޯނުތަކާއި، މިބާވަތުގެ މާލީ އެހީތައް ލިބޭލެއް މަދުވާނެއެވެ.

 
މި މޭރުމުން ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅުދައްކަވަމުން، ޤައުމަކީ ތިމާގެ ޖީބުގައި އޮންނަ އެއްޗެއް ކަމަށް ނުވަތަ ތިމާއަށް އަތުން ހިފައިގެން އެއްތަނުން އަނެއްތަނަށް ގެންދެވޭނެ އެއްޗެއް ކަމަށް ބޯދާ ވިސްނުމުގައި ދެކިގެން، ދެން އަޅުގަނޑުމެން ސިޔާސީ ފިކުރު ކުރާންވެއްޖެނަމަ ޤައުމު ހައްތަހާވެސް ދާނީ ފަހަތަށް ކަމަށާއި، ޤައުމު ދާނީ ދަރަނިވެރިވަމުން ކަމުގައި ވިދާޅުވިއެވެ. އެހެންކަމުން، ރާއްޖެ މިއޮތް ހިސާބުން ތަރައްޤީ ކުރުމަށްޓަކައި، ދޭދޭ ކިތަންމެ ޤައުމަކާ ބައިނަލްއަޤްވާމީ ގުޅުންތައް ޤާއިމްކޮށް ރާއްޖެއަކީ، ރަނގަޅު ޝަޚްޞަކަށްއަދި ޤައުމަކަށްވާން އެބަޖެހޭ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
 
ޤައުމު ތަރައްޤީ ކުރުމުގައި، ބިމުގެ މުހިންމު ކަމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ  ވާހަކަފުޅު ދައްކަވަމުން، ބިމަކީ ވިއްކޭ، ނުވަތަ އެކަކުގެ އަތުން އަނެކަކުގެ އަތަށް ބަދަލުކުރެވޭ މުދަލަކަށް ވާންޖެހޭ އެއްޗެއް ކަމުގައި ވިދާޅުވިއެވެ. "ބިމަކީ އާދައިގެ ވިޔަފާރީގައި އަތް ބަދަލުކުރަންވީ އެއްޗެއް. އެކަން އެހެން ވެގެން ނޫނިއްޔާ ބޯހިޔާވަހިކަމެއްވެސް ޙަޤީޤަތުގައި ނުލިބޭނެ. އެކަން އެހެން ވެގެން ނޫނިއްޔާ ބިން ހެޔޮގޮތުގައި ބޭނުމެއްވެސް ނުކުރެވޭނެ"، އެމަނިކުފާނު ވިދާޅުވިއެވެ.
 

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސަރުކާރުން ވެވަޑައިގެންފައިވާ ވަޢުދުތަކުގެ ތެރެއިން ގިނަވަޢުދުތައް މިހާރު މިވަނީ ފުއްދުމުގެ ވަރަށް ފުރިހަމަ މަރްޙަލާއެއްގައިކަން ފާހަގަކުރައްވަމުން، ސަރުކާރުން ވެވަޑައިގެންފައިވާ ވަޢުދުތަކުގެ ތެރެއިން އެންމެ މުހިންމު އެއް ވަޢުދަކީ މުދަލާއި، ޚިދުމަތުގެ އަގު ތިރިކޮށްދެއްވުމުގެ ވަޢުދުކަމުގައި ވިދާޅުވިއެވެ. މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، ތަކެތީގެ އަގު ވަރަށް ބޮޑަށް ގުޅިފައިވަނީ ތަކެތިން ނަގާ ޑިއުޓީއާ ކަމަށާއި، ޑިއުޓީނެގުން ހުއްޓާ ނުލެވެނީ ވިޔަފާރީގެ ފައިދާއިން ޓެކްސް ނުނެގޭތީ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ނަމަވެސް މިހާރު ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ބިލް ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކުރައްވާފައި ކަމަށާއި، ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގެންފެށުނީމާ، މުދަލާއި ޚިދުމަތުގެ އަގު ތިރިކުރުމުގެ ވަރަށް ރަނގަޅު މިޞްރާބެއް ހިފޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.