ރާއްޖޭގެ ރައްޔިތުންނަށް އިޖްތިމާޢީ ރައްކާތެރިކަން ހޯއްދަވައިދެއްވުމާއި، ރައްޔިތުން ބޭސް ސިޓީއަށް ސަލާން ޖެހުން ނައްތާލެއްވުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގެ މަޤްޞަދަކީ، ކޮންމެ ރައްޔިތަކީ ޤަދަރާއި ޢިއްޒަތް ލިބިގެންވާ ރައްޔިތެކޭ ބުނެވޭނެ ފުރުޞަތުއެ ރައްޔިތުމީހާއަށް ދެއްވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ފާދިއްޕޮޅުގެ ބައެއް ރަށްރަށަށް ރައީސުލްޖުމްހޫރިއްޔާ މިއަދު މެންދުރުފަހު ފެށްޓެވި ދަތުރުފުޅެއްގައި، އެއަތޮޅު ކުރެންދޫ ރައްޔިތުންނާ މިއަދު ހަވީރު ބައްދަލުކުރައްވައި، މި މޭރުމުން އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި، މަދަނައިގެ ޚިދުމަތް ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ފުޅާ ކުރެއްވުމުގެ އެންމެ ބޮޑު އެއް މަޤްޞަދަކީ، ރާއްޖޭގެ ރައްޔިތުންނަށް ޤަދަރާއި ޢިއްޒަތް ހޯއްދަވައިދެއްވުން ކަމުގައި ވިދާޅުވިއެވެ.

 
 "ރައްޔިތުމީހާ ބޭސް ސިޓީ ހިފައިގެން އެއް މަހުޖަނެއްގެ ގާތުން އަނެއް މަހުޖަނެއްގެ ގާތުން ހިނގާއިރު އަޅުގަނޑުމެންނަކަށް ނުފެނޭ ޤަދަރާ ކަރާމާތް އެ ރައްޔިތުމީހާގެ ހިފެހެއްޓޭނެ ގޮތެއް." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
 
ރާއްޖޭގައި ލިބެންހުރި ޞިއްޙީ ވަސީލަތްތައް އެކަށީގެންވާ ފެންވަރަށް ތަރައްޤީވެފައި ނެތްކަން ރައީސުލްޖުމްހޫރިއްޔާ ފާހަކުރައްވަމުން، ރާއްޖޭގެ އާބާދީގެ ތިންބައިކުޅަ އެއްބައި ރައްޔިތުންނަކީ، އ.ދ.އިން ބުނާ ހައިހޫނު ކަމުގެ ރޮނގުން ދަށުގައި، ރެޔަކާ ދުވާލަށް ބާރަ ރުފިޔާވެސް ނުލިބޭ މީހުންނަށްވެފައި، ރާއްޖޭގައި ހުރި ފެންވަރު ދަށް ޚިދުމަތަށްވެސް އަތް ނުފޯރާ މީހުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
 
"ޤައުމެއް ތަރައްޤީވެއެއްނުދާނެ، އެޤައުމެއްގެ ރައްޔިތުން ހައިހޫނު ކަމުގައި ތިއްބައެއް. ތަރައްޤީ ކުރަންމިޖެހެނީ ސީދާ ރައްޔިތުމީހާ. ކިތަންމެ ބޮޑެތި ބިނާ ތަކެއް ކުރިއަސް ސީދާ މީހާ، ފަޤީރުކަމުން އަރައިނުގަނެވޭހާ ހިނދަކު، ނުވަތަ މިރާއްޖޭގެ އާބާދީގެ ތިންބައި ކުޅަ އެއްބައި ހައިހޫނު ކަމުގައި ތިއްބައި އަޅުގަނޑުމެންނަށް ތަރައްޤީއެއް ނުހޯދޭނެ. ބޭސް ސިޓީއަށް ސަލާންޖެހުން ނައްތާލަން ވަޢުދު ވީ އެހެންވެގެން. ރައްޔިތުންގެ އިޖްތިމާޢީ ރައްކާތެރިކަން އަޅުގަނޑުމެން ހޯދައިދޭން"، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
 
ކުރެންދޫގެ ތަރައްޤީއަށް ސަރުކާރުން ރާއްވަވާފައިވާ ޕްރޮގްރާމްތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވަމުން، ކުރެންދޫއަކީ، ފުރިހަމަކުރަން ބޭނުންވާ ޚިދުމަތްތައް ފުރިހަމަކުރުމަށް ސަރުކާރުން ޕްރޮގްރާމް ކުރައްވާފައިވާ ރަށެއް ކަމަށް ވިދާޅުވެ، ކުރެންދޫއަކީ ޓެލެމެޑިސިންގެ ޚިދުމަތް މިއަހަރުގެ ތެރޭގައި ލިބިގެންދާނެ ރަށެއްކަން ހާމަކުރެއްވިއެވެ.
 
މީގެ އިތުރުން، މިއަހަރުގެ ތެރޭގައި ކުރެންދޫގެ ބަނދަރު ސަރުކާރުން ހައްދަވާ ދެއްވާނެ ކަމަށާއި، މިއަހަރުގެ ބަޖެޓްގައި ކުރެންދޫގެ ބަނދަރު ހެދުމުގެ ފައިސާ ހިމެނިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ކުރެންދޫގެ ކުނި ނައްތާލުމާއި، ކުރެންދޫ ސާފުތާހިރުކޮށް ބޭއްވުމަށްޓަކައި، ކުރެންދޫގައި ކުނި ނައްތާލުމުގެ ނިޒާމެއް މިހާރު ޤާއިމް ކުރެވެމުން އެބަދާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
 
ރައީސުލްޖުމްހޫރިއްޔާ، ފާދިއްޕޮޅަށް މިކުރައްވާ ދަތުރުފުޅުގައި، ކުރެންދޫއަށް ކުރެއްވި ދަތުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހަވީރު އެ އަތޮޅު ހިންނަވަރަށް ވަޑައިގެންފިއެވެ.