ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އާ ވެބްސައިޓް، ރައީސް މުޙަންމަދު ނަޝީދު މިއަދު އިފްތިތާޙުކޮށްދެއްވައިފިއެވެ. ވެބްސައިޓް އިފްތިތާޙުކޮށްދެއްވުން އޮތީ، މިކަމަށްޓަކައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

ވެބްސައިޓް އިފްތިތާޙުކޮށްދެއްވަމުން ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުގައި، ރައީސް އޮފީހުގެ މި އާ ވެބްސައިޓްގައި ސަރުކާރުގެ މައިގަނޑު ފަސް ވަޢުދަށް ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދީފައިވާކަން ފާހަގަކުރައްވައި، ސަރުކާރުގެ މަސައްކަތްތަކުގެ އެންމެ ބޮޑު އަމާޒަކީ މިފަސް ވަޢުދު ފުއްދެވުން ކަމުގައި ވިދާޅުވިއެވެ. އަދި ވެބްސައިޓަށް މިއައި ބަދަލަކީ މި އަމާޒު ސާފުވީކަން ދޭހަވެގެންދާ ކަމެއް ކަމަށާއި، މިހިނގާ އަހަރަކީ، މިމަގަށް މަސައްކަތްކުރާންއޮތް މަގު ސާފުވެފައިއޮތް އަހަރެއް ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރައީސް އޮފީހުގެ ހުރިހާ މުވައްޒަފުންވެސް އޮފީސް ރަނގަޅަށް ހިންގުމަށް އެމަނިކުފާނު ވެދެއްވާ އެހީތެރިކަން ފާހަގަކުރައްވައި ޝުކުރު އަދާކުރެއްވިއެވެ.
 
ރައީސް އޮފީހުގެ އާ ވެބްސައިޓް ފަރުމާ ކުރެއްވީ، އެ އޮފީހުގެ އިންފޮމޭޝަން ސިސްޓަމްސް ޔުނިޓުންނެވެ.