ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، މުލަކަތޮޅު ނާލާފުއްޓާއި ކޮޅުފުއްޓަށް ވަޑައިގެން، އެ ދެރަށުގެ ރައްޔިތުންނާ، ރޭ ބައްދަލުކުރައްވައިފިއެވެ.

މި ދެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އެ ދެރަށުގެ ތަރައްޤީއަށް ރޭވިފައިވާ އެކިއެކި ޕްރޮގްރާމްތަކާއި، މިހާތަނަށް ހިންގިފައިހުރި ބައެއް ޕްރޮގްރާމްތަކުން ހޯދިފައިވާ ކާމިޔާބުތަކާބެހޭ ތަފްޞީލު ދެއްވިއެވެ. މީގެތެރޭގައި، ސަރުކާރުގެ މައިގަނޑު 5 ވަޢުދުގެ ދަށުން، ދަތުރުފަތުރުގެ ނިޒާމެއް ޤާއިމު ކުރުމުގައި، ލިބިފައިވާ ކުރިއެރުންތަކާއި، ޞިއްޙީ ޚިދްމަތް ރަނގަޅު ކުރުމުގެ ގޮތުން، މަދަނައިގެ ދަށުން ލިބިފައިވާ ކާމިޔާބީތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދެއްކެވިއެވެ.

އަދި ތަޢްލީމީ ދާއިރާ ހަރުދަނާކޮށް، ކުރިއެރުވުމުގެ ގޮތުން ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކާއި، އިޖްތިމާޢީ ރައްކާތެރިކަމުގެ ނިޒާމެއް، ރާއްޖޭގައި ޤާއިމު ކުރެއްވުމުގައި ހޯދިފައިވާ ކުރިއެރުންތައްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.