ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، މުލަކަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ އަތޮޅު ވޭވަށު ރައްޔިތުންނާ މިއަދު މެންދުރު ބައްދަލުކުރައްވައިފިއެވެ.

މިރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ސަރުކާރުން ހިންގަވަމުން ގެންދަވާ އެކިއެކި ޕްރޮގްރާމްތަކާ ބެހޭގޮތުންނާއި، އެ ޕްރޮގްރާމްތަކުން މިހާތަނަށް ހޯދިފައިވާ ކާމިޔާބީތައް ރައްޔިތުންނާ ޙިއްޞާ ކުރެއްވިއެވެ. މިގޮތުން، ބޭސްފަރުވާއަށް ސަލާންޖެހުން ނައްތާލުމާއި، ރައްޔިތުންނަށް އިޖްތިމާޢީ ރައްކާތެރިކަން ހޯދައިދިނުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެއިތުރުންވެސް ތަޢްލީމާއި، އިޖްތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއަށްޓަކައި ސަރުކާރުން މިހާތަނަށް ކުރައްވާފައިވާ ކަންކަމާއި، ކުރިއަށް ރޭވިފައިވާ ކަންކަމާ ބެހޭގޮތުންވެސް ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދެއްކެވިއެވެ.