ޤައުމުގެ ތަރައްޤީއަށް އެންމެ ފުރަތަމަ ކުރާން އޮތް ކަމަކީ، ޤައުމުގެ ނިކަމެތީންނަށް އިޖްތިމާޢީ ރައްކާތެރިކަމެއް ހޯދައިދިނުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މުލަކަތޮޅު ރަތްމަންދުއަށް ވަޑައިގެން، އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި މިއަދު ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މަދަނައިގެ ވިއުގަ ތަރައްޤީވެގެން އައީ، މި ވިސްނުންފުޅުގެ ތެރެއިން ކަމަށް ވިދާޅުވެ، ރަތްމަންދޫގެ 59 ރައްޔިތުން މަދަނައިގައި މިހާރު ރަޖިސްޓްރީ ކުރެވިފައިވާކަން އުފަލާއެކު ފާހަގަކުރެއްވިއެވެ. އަދި އިޖްތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމްގެ ދަށުން ސަރުކާރުންދޭ ދެހާސް ރުފިޔާގެ ޢިނާޔަތް، ޢުމުރުން 65 އަހަރުން މަތީ ރަތްމަންދޫގެ 19 މީހަކަށް ލިބެމުންދާކަން ބަޔާންކުރެއްވިއެވެ.

މީގެއިތުރުން، ރާއްޖޭގެ ތަޢްލީމީ ފެންވަރު ރަނގަޅު ކުރުމަކީ ސަރުކާރުން ވަރަށްބޮޑު އަހަންމިއްޔަތު ކަމެއް ބަހައްޓަވާ ކަމެއް ކަމުގައި ވިދާޅުވެ، މިކަމަށް ކުރެވިފައިވާ ބައެއް ހޭދަތަކުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލެއްވިއެވެ. އެގޮތުން، ރަތްމަންދޫގައި ކިޔަވާ ދަރިވަރުންނަށް ފޮތް ފަންސޫރު ހޯދައިދިނުމަށް 2010 ވަނަ އަހަރު ބާރަހާސް އަށްސަތޭކަ ސާޅީސް ފަސްރުފިޔާ ހޭދަކުރެވިފައިވާކަމީ، ސަރުކާރަށް ލިބޭ ވަރަށްބޮޑު އުފަލެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރަތްމަންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ތަޢްލީމާއި، ބޯހިޔާވަހިކަން ހޯދައިދިނުމުގެ މަޝްރޫޢާއި، އިޖްތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއަށްޓަކައި ސަރުކާރުން މިހާތަނަށް ކުރައްވާފައިވާ ކަންކަމާއި، ކުރިއަށް ރޭވިފައިވާ ކަންކަމާ ބެހޭގޮތުންވެސް ވާހަކަފުޅު ދެއްކެވިއެވެ.