ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، މެދު ޕްރޮވިންސްގެ ދަތުރުފަތުރުގެ ނިޒާމް އިފްތިތާޙްކޮށްދެއްވައި، މުލަކަތޮޅު މުލަކުގެ ފެރީ ޓަރމިނަލްގެ ބިންގާ މިއަދު ހަވީރު އަޅުއްވައިދެއްވައިފިއެވެ. މިގޮތުން، މެދު ޕްރޮވިންސްގެ ދަތުރުފަތުރުކުރުމުގެ ނިޒާމް ފަށްޓަވައިދެއްވުމުގެ ގޮތުން، މުލަކަތޮޅު ވޭވަށުން މުލަކަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގެންނެވީ ފެރީގައެވެ.

ދަތުރުފަތުރުގެ ނިޒާމް އިފްތިތާޙްކުރެއްވުމާއި، ފެރީ ޓަރމިނަލްގެ ބިންގާ އަޅުއްވައިދެއްވުމަށް މުލަކުގެ ބަނދަރު ސަރަޙައްދުގައި ބޭއްވުނު ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ވިޔަފާރިއާނުލާ އަޅުގަނޑުމެންނަކަށް ތަރައްޤީއެއް ނުވެވޭނެކަން ފާހަގަކުރައްވަމުން، ފިޔަފާރި ތަރައްޤީކުރުމަށް މުދަލާއި ފަސިންޖަރުން އެއްތަނުން އަނެއް ތަނަށް ބަދަލުކުރެވެންޖެހޭ ކަމުގައި ވިދާޅުވިއެވެ. މި ސަބަބަށްޓަކައި ދަތުރުފަތުރުކުރުމުގެ ނިޒާމަކީ ނުހަނު ބޭނުންތެރި ނިޒާމެއްކަން ރައީސުލްޖުމްހޫރިއްޔާ ބަޔާންކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ދަތުރުފަތުރު ކުރުމުގެ މަޝްރޫޢު އެކުލަވާލެވިފައިވަނީ، 7 އަހަރުން އެމަޝްރޫޢު މުޅިން ފުރިހަމަކުރާ ގޮތަށް ކަމަށާއި، ފުރަތަމަ ދެއަހަރު ދުވަހުގެ ތެރޭގައި ރޭވިފައިއޮތީ، މި މަޝްރޫޢުގެ އަސާސީ ޚިދްމަތެއް ފެށުމަށް ކަމަށް ވިދާޅުވިއެވެ. އަދި އަސާސީ ޚިދްމަތްތަކަށްފަހު ދެވަނަ ފިޔަވެއްސަށް ދެވޭއިރު، އެކަން މިފެށެނީ މުލަކުގައިކަން ފާހަގަކުރައްވަމުން، ދަތުރުފަތުރު ކުރުމުގެ ނިޒާމް ފުރިހަމަވީ މިންވަރަކަށް، ތަރައްޤީ ހޯދަން ފަސޭހަވެގެންދާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މިމޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، މި ނިޒާމުގެ ތެރޭގައި ސަރުކާރުގެ އެންމެބޮޑު އެއްވާޖިބަކަށްވާނީ، ބަނދަރު ރަނގަޅު ކުރުން ކަމަށާއި، މުލަކު ބަނދަރުގެ ބޭރުތޮށިލުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ، 2011 ވަނަ އަހަރުގެ ތެރޭގައި ސަރުކާރުން ފަށާނެކަން ހާމަކުރެއްވިއެވެ.

މީގެ އިތުރުންވެސް މުލަކުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ސަރުކާރުން ހިންގަވަމުން ގެންދަވާ އެކިއެކި ޕްރޮގްރާމްތަކާ ބެހޭގޮތުންނާއި، އެ ޕްރޮގްރާމްތަކުން މިހާތަނަށް ހޯދިފައިވާ ކާމިޔާބީތައް ރައްޔިތުންނާ ޙިއްޞާ ކުރެއްވިއެވެ.

މެދު ޕްރޮވިންސްގައި ދަތުރުފަތުރުގެ ނިޒާމް ޤާއިމް ކުރުމަށްޓަކައި ސަރުކާރުން އެ މަސައްކަތް ޙަވާލުކުރައްވާފައިވަނީ، ވަރމިލިއަން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑާއެވެ. އަދި އެކުންފުނިން ވަނީ މިއަހަރުގެ އޭޕްރީލްމަހު މެދު ޕްރޮވިންސްގައި، އެ ޚިދުމަތް ވަގުތީގޮތުން ދޭން ފަށާފައެވެ. މިގޮތުން، މިހުސްވި ނޮވެމްބަރު މަހުގެ ނިޔަލަށް ޖުމްލަ ހަހާސް ދުއިސައްތަ އަށްޑިހަ ފަސިންޖަރުން، މި ޕްރޮވިންސްގައި ދަތުރުކޮށްފައިވެއެވެ.