ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، މުލަކަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ އަތޮޅު މަޑުއްވަރީ ރައްޔިތުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މިރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ސަރުކާރުން ހިންގަވަމުން ގެންދަވާ އެކިއެކި ޕްރޮގްރާމްތަކާ ބެހޭގޮތުންނާއި، އެ ޕްރޮގްރާމްތަކުން މިހާތަނަށް ހޯދިފައިވާ ކާމިޔާބީތައް ރައްޔިތުންނާ ޙިއްޞާ ކުރެއްވިއެވެ.

މިގޮތުން، މަޑުއްވަރީ ރައްޔިތުންނާ މުޚާޠަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި، ސަރުކާރުގެ އިޖްތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމްގެ ދަށުން ސަރުކާރުންދޭ ދެހާސް ރުފިޔާގެ ޢިނާޔަތް، ޢުމުރުން 65 އަހަރުން މަތީ މަޑުއްވަރީގެ 59 މީހަކަށް، ނޮވެމްބަރ 2010ގެ ނިޔަލަށް ލިބެމުންދާކަން ފާހަގަކުރެއްވިއެވެ. އަދި ބޭސްފަރުވާއަށް ސަލާންޖެހުން ނައްތާލަން ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރެއިން، އެރަށުގެ 164 ރައްޔިތަކު މަދަނައިގައި ބައިވެރިކުރެވިފައިވާކަންވެސް ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.

ސަރުކާރުގެ މައިގަނޑު 5 ވަޢުދުގެ ތެރޭގައި ހިމެނޭ ދަތުރުފަތުރު ކުރުމުގެ ނިޒާމާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން، ސަރުކާރުން ޤަޞްދު ކުރައްވާފައި އޮތީ، މިނިޒާމް 7 އަހަރު ދުވަހުގެ ތެރޭގައި ފުރިހަމަ ކުރުމަށާއި، ފުރަތަމަ ދެއަހަރު ދުވަހުގެ ތެރޭގައި، މިނިޒާމް އަސާސީ ގޮތަކަށް ސަރަޙައްދުތަކުގައި ފެށުމަށް ކަމުގައި ވިދާޅުވިއެވެ. އަދި މިއަސާސީ ޚިދްމަތް، ރާއްޖޭގެ ސަރަޙައްދުތަކުގައި މިހާރު ފެށިފައިވާކަން ފާހަގަކުރެއްވިއެވެ.

ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމާއި އަދި ރަށްވެހި ތަރައްޤީގެ މަޝްރޫޢުގެ މައްޗަށް ވާހަކަފުޅު ދައްކަވަމުން، މިއަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި، 6 މިލިއަން ރުފިޔާ ޚަރަދުކޮށްގެން، މަޑުއްވަރީގައި 88،524 ކޮޑި މީޓަރުގެ ބިމެއް ހިއްކާފައިވާކަމާއި، މިބިން ތަރައްޤީ ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމުގައި ރައީސް ވިދާޅުވިއެވެ.

މީގެއިތުރުންވެސް ތަޢްލީމާއި، އިޖްތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއަށްޓަކައި ސަރުކާރުން މިހާތަނަށް ކުރައްވާފައިވާ ކަންކަމާއި، ކުރިއަށް ރޭވިފައިވާ ކަންކަމާ ބެހޭގޮތުންވެސް ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދެއްކެވިއެވެ.