بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

މިއަދަކީ 3 ސެޕްޓެމްބަރ 2010ވީ ހުކުރު ދުވަސް. މިހާރު އަޅުގަނޑުމެން ވޭތުކުރަމުން މިގެންދަނީ، ބަރަކާތްތެރި ރޯދަމަހުގެ ފަހުދިހައިގެ ދުވަސްތައް. އިޢްތިކާފްގެ ދުވަސްތައް. އެނގިވަޑައިގަންނަވާނެ، ރޯދަމަހުގެ ފަހު ދިހަދުވަހު ވަކިން އެކަހެރިވެ، އަޅުކަމުގައި ގިނަވަގުތު ހޭދަކުރުމަކީ، އިސްލާމީ އުޞޫލުތަކުގައި ރިވެތި ގޮތެއް. ޚާއްޞަކޮށް، ކީރިތި ރަސޫލާ އެކަން ކުރައްވަމުން ގެންދެވިގޮތް. ގިނަ ރޯދަމަސްތަކުގެ ފަހުދިހަ ދުވަހު ވަކިން އެކަހެރިފުށި ތަންތަނުގައި ތިއްބަވައި އަޅުކަން ކުރައްވަމުން، މާތްރަސްކަލާނގެ ޙަޟުރަތަށް ޝުކުރު ދަންނަވައި، އެކަލާނގެގެ ނިޢުމަތްތަކަށް ޝުކުރުކޮށް، އެކަލާނގެ ހަނދުމަކޮށް، އެކަލާނގެގެ ކުޅަދުންވަންތަކަން ހަނދާނަށް ގެނެސް، ރޫޙާނީ ކަންކަމަށް އަޅުގަނޑުމެން ބޮޑަށް އިސްކަންދޭ ދިހަ ދުވަހެއް. އެހެންވީމާ، އަޅުގަނޑު އުންމީދު ކުރަން، އަދި އެކަހެރިފުށި ތަންތަނަށް އަޅުގަނޑުމެން އެންމެންނަށް ނުދެވުނު ކަމުގައިވިޔަސްވެސް، މި ދިހަ ދުވަހަކީ އަޅުގަނޑުމެންގެ ރޫޙާނީ ކަންތައްތައް، ޖިސްމާނީ ކަންކަމަށްވުރެ އަޅުގަނޑުމެން އިސްކުރާނެ ދުވަސްތަކެއްކަން. މިރޯދަމަހުގެ އަޅުކަމުގެ ޘަވާބު، އެތައް ގުނައަކުން އިތުރުވާކަން އަޅުގަނޑުމެންނަށް ކުޑައިރުއްސުރެ ފަށައިގެން ކިޔައިދީފައި މިވަނީ. އަޅުގަނޑުމެން އެންމެންވެސް މިވާހަކަތައް ދަންނަން. އަޅުގަނޑުމެން މިއަދު މަސައްކަތް ކުރާން ޖެހޭނީ، މިދެންނެވި ޢިބްރަތްތަކުން ފިލާވަޅު ލިބިގެން، އަޅުގަނޑުމެންގެ ޙަޔާތް މިއަދަށްވުރެ ޠާހިރު ކުރުމަށް، ސާފުކުރުމަށް. އަޅުގަނޑުމެންގެ ހިތްތަކުގައި ޙަސަދައާއި ނަފްރަތާއި ރުޅިވެރިކަން އުފެދުނަ ނުދިނުމަށް. އެކުވެރިކަމާއި އެކަކު އަނެކެއްދެކެ ލޯބިވުމާއި، ހެޔޮކަންތައް ކުރުމާއި، އަޅާލުމާ، މިބާވަތުގެ ކަންތައްތަކަށް އަޅުގަނޑުމެންގެ އާދަތައް ބަދަލުކުރުމަށް.

އިއްޔެގައި އަޅުގަނޑު ޗައިނާގެ ޔުނާން ޕްރޮވިންސްގެ ގަވަރނަރ ޗިންގ ގުއާންގ ރޮންގއާ ބައްދަލުވި. އެބޭފުޅާއަކީ ރާއްޖެއަށް އެންމެގިނަ ޓޫރިސްޓުން އަންނަ ޗައިނާގެ އެއް ޕްރޮވިންސްގެ ގަވަރނަރ. އެނގިވަޑައިގަންނަވާނެ، އެއީ ފަރުބަދަ ހިސާބު ޕްރޮވިންސެއް. ބޯޓުފަހަރު ރާއްޖެއަށް މިއަންނަނީ ގުއަންޒޯ އާއި ކޮންގމިންގ އިންނާއި، ޗެންޑޫއިން. ޔުނާނަކީ މި ތިން ޕްރޮވިންސްގެ ތެރެއިން ޕްރޮވިންސެއް ކަމުގައިނުވިނަމަވެސް، ގަވަރނަރ ވިދާޅުވީ، އެޕްރޮވިންސްގެ ވަރަށްގިނަ ރައްޔިތުން ރާއްޖެއަށް މިހާރު ޗުއްޓީއަށް އަންނަ ކަމަށް. އެކަން އަޅުގަނޑުމެންގެ ތަފާސް ހިސާބުތަކުން އަޅުގަނޑުމެންނަށް ސާފުވޭ. 2010 ވަނަ އަހަރުގެ މި ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި، ޖުލައި މަހާ ހަމައަށް އަޅުގަނޑުމެންނަށް އާދެވުނުއިރުގައި، ޗައިނާއިން ފަސްދޮޅަސް ދެހާސް ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކޮށްފައި އެބަވޭ. އެއީ މިސާލަކަށް، 2009 ވަނަ އަހަރުގެ މުޅި ޖުމްލައަށްވުރެވެސް އިތުރު އަދަދެއް. އަދި 2008 ވަނަ އަހަރުގެ މުޅި ޖުމްލައަށްވުރެވެސް މާ އިތުރު ޢަދަދެއް. ހަމައެކަނި ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި ރާއްޖެ އައިސްފައި މިވަނީ. ޗައިނާ ޓޫރިސްޓުން ރާއްޖެ އައިސް، ރާއްޖެއަށް ޗައިނާއިން ގިނަ ޓޫރިސްޓުން އަންނައިރުގައި، އަޅުގަނޑުމެންގެ ޓޫރިސްޓް އިންޑަސްޓްރީގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކަށްވެސް އެބަ ސާފުކޮށް އެނގެންޖެހޭ، ޗައިނާ މީހުންނަކީ މީގެކުރީގައި އަޅުގަނޑުމެން މެހްމާންދާރީ އަދާކުރި ޘަޤާފަތްތަކާ ވަރަށް ތަފާތު ޘަޤާފަތަކުން އައިސް ރާއްޖެއަށް ޒިޔާރަތްކުރާ ބައެއްކަން. ޔޫރަޕިއަނުންނާއި، ޗައިނާ މީހުންނާ، ކެއިންބުއިމުގައިވެސް، މުނިފޫހިފިލުވުމުގައިވެސް، ޢާންމުކޮށް އުޅުމުގައިވެސް، ސަލާން ގަލާން ކުރުމުގައިވެސް އެތައް ތަނަކުން ތަފާތުވާނެ. އެތަފާތު ދެނެގަނެ، އަޅުގަނޑުމެންގެ ހުރި ހުނަރަކީ، އަޅުގަނޑުމެންގެ މަސައްކަތަކީ މެހްމާންދާރީ އަދާކުރުން. ރަނގަޅު ޗުއްޓީއެއް ރާއްޖެއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ދިނުން. އެހެންވީމާ، މި ޗައިނާ ރައްޔިތުންނަށްވެސް، ޗައިނާ ޓޫރިސްޓުންނަށްވެސް، ޔޫރަޕްގެ ޓޫރިސްޓުންނަށް މި ރާއްޖެއިން ހަމަ މިދޭ ބާވަތުގެ ރަނގަޅު ޗުއްޓީއެއް ދިނުމަކީ ވަރަށް މުހިންމު ކަމެއް.

އަޅުގަނޑު ހަމަ މިދަނޑިވަޅުގައި ދަންނަވާލަން އޮތް އިތުރު ވާހަކައެއް އެބައޮތް. އެއީ، ރާއްޖޭގައި މިހާރު ބައެއްފަހަރަށް ދިމާވަމުން މިއަންނަ ވަޒީފާ އަދާކުރާ މީހުންނާއި އަދި ވަޒީފާދޭ ފަރާތާ ދެމެދުގައި އުފެދޭ ޚިލާފާއި، ދެބަސްވުންތަކާއި، ހަމަނުޖެހުންތައް. ވަޒީފާދޭ ފަރާތުންވެސް ވަޒީފާ އަދާކުރާ ފަރާތަށް ފޯރުކޮށްދޭންޖެހޭ ހުރިހާ ޚިދްމަތަކާއި، ހިފަހައްޓައިދޭންޖެހޭ ހުރިހާ ޙައްޤުތަކެއް ހިފަހައްޓައިދިނުމަކީ ވަރަށް މުހިންމު ކަމެއް. އޭގެތެރޭގައި، ވަޒީފާ އަދާކުރާ މީހުންގެ ކެއިންބުއިމުގެ ކަންތަކާއި، އެމީހުންގެ ނިދުމާއި އަދި އެމީހުން ރެޒޯޓްފަހަރުގައި ދިރިއުޅުމާއި، ޗުއްޓީ ދިޔުމާއި، އެކި އެލަވަންސް ލިބުމާ، މިބާވަތުގެ ހުރިހާ ކަމެއްވެސް ފުރިހަމައަށް ރަނގަޅަށް ވަޒީފާދޭ ފަރާތުން ކޮށްދިނުމަކީ މި ޞިނާޢަތް ފައިދާހުރި ގޮތުގައި ދިވެހިންނަށް ބޭނުންކުރުމުގައި ވަރަށް މުހިންމު ދައުރެއް ކުޅޭ ކަމެއް. ހަމައެހެންމެ، ވަޒީފާ އަދާކުރާ ފަރާތުންވެސް ހިތްހަމަނުޖެހުނީމާ، ޚިޔާލުފާޅުކުރުމުގެ ޙައްޤާއި، އެއްވެ އުޅުމުގެ ޙައްޤާއި، ހަޅުތާލު ކުރުމުގެ ޙައްޤު އެބަލިބޭ ކޮންމެ ރައްޔިތަކަށްވެސް. އެހެން ނަމަވެސް، އެ ޙައްޤު ބޭނުންކުރަމުން ގެންދާން ޖެހޭނީ ޤާނޫނީ ޙުދޫދުގެ ތެރޭގައި. ބައެއްގެ މިލްކިއްޔާތެއްގައި، ބައެއްގެ މުދަލެއްގައި ތިމާގެ ޙައްޤުތައް ހޯދުމަށްވެސް އަދި ތިމާގެ ޚިޔާލުފާޅުކުރަމުން ގެންދިޔުމުގައިވެސް ޢަމަލު ކުރެވޭނީ އެމުދަލުގެ ވެރިފަރާތުގެ ހުއްދަ އޮތް މިންވަރަކަށް ނުވަތަ ޤާނޫނު، އެމުދަލުގެ ވެރިފަރާތަށް ފޯރުކޮށްދީފައިވާ ޙައްޤުތައް ހިފަހައްޓަންޖެހޭނެ. އެއްއަތުން ސަރުކާރުން އެބަ ހިފަހައްޓައިދޭންޖެހޭ ރައްޔިތުންގެ ޙައްޤުތައް. ޢާންމު މީހާގެ ޙައްޤުތައް. ވަޒީފާ އަދާކުރާ މީހާގެ ޙައްޤުތައް. ހަމައެއާއެކީގައި، މުދާ ހޯދުމާއި، މުދާ އެއްކުރުމާއި، މުދަލުގެ މުޢާމަލާތް ހިންގުމާއި، މުދަލުގެ ޙުރްމަތް، މުދަލުގެ ވެރިފަރާތަށް ހިފަހައްޓައިދިނުމަކީވެސް ސަރުކާރުގެ ވާޖިބެއް. ޤާނޫނުއަސާސީ ސަރުކާރަށް ލާޒިމްކުރާ ކަމެއް. ދެފަރާތުގެވެސް ޙައްޤުތައް އެބަހުރި. ރައްޔިތުންގެ ޙައްޤެއް އެއްވެ އުޅުމަކީ، ހަޅުތާލު ކުރުމަކީ. ހަމައެހެންމެ، ވިޔަފާރިވެރިޔާގެ ޙައްޤެއް، މުދާ ހޯދުމަކީ. މުދަލުގެ ވިޔަފާރި ކުރުމަކީ. އަދި މުދާ ރައްކާތެރިކަމާއެކީގައި އެއްޖީލުން އަނެއް ޖީލަށް، އެވިޔަފާރިވެރިޔާއަށް އެމުދާ ރައްދުކޮށްދިނުމަކީވެސް. މިއީ ޤާނޫނުއަސާސީ އަޅުގަނޑުމެން ތަންފީޒު ކުރަމުން އަންނައިރުގައި، އަޅުގަނޑަށް ފެންނަ ފެނުމުގައި، އަޅުގަނޑުމެންނާ ދިމާވާނެ އުނދަގޫ ކަމެއް. އަޅުގަނޑަށް ފެންނަ ފެނުމުގައި، ސިޔާސީ ދެޕާޓީއެއްގެ ދެމެދުގައި އުފެދޭ ޚިލާފަށްވުރެ މާ އުނދަގޫ މައްސަލަތަކަކަށްވެގެންދާނެ، އިންޑަސްޓްރިއަލް ރިލޭޝަންސް ނުވަތަ ލޭބަރ ރިލޭޝަންސް ނުވަތަ ވަޒީފާ އަދާކުރާ މީހުންނާއި އަދި ވަޒީފާދޭ ފަރާތްތަކުގެ ދެމެދުގައި އޮންނަންޖެހޭ ގުޅުންތަކާ ގުޅޭގޮތުން ނުކުންނަ މައްސަލަތައް ޙައްލު ކުރުމުގެ ކަންތަކަކީ އަޅުގަނޑުގެ ނަޒަރުގައި އަޅުގަނޑުމެން ވަރަށް މުހިންމު އަހަންމިއްޔަތު ކަމެއް، ވަރަށްބޮޑު އަހަންމިއްޔަތު ކަމެއްދީގެން އަޅުގަނޑުމެންނަށް ދެފަރާތުންވެސް ވާހަކަ ދައްކައިގެން، މަޝްވަރާކޮށްގެން މިކަމުގައި ފެންނާން އޮތް ރަނގަޅު ޙައްލެއް ހޯދުމަކީ ވަރަށް ބޭނުންތެރި ކަމެއް. އަޅުގަނޑު އަބަދުވެސް މިބާވަތުގެ ކަންކަމުގައި ދެކޭގޮތަކީ، މިވަގުތު އަޅުގަނޑުމެންގެ ރާއްޖެ މިއޮތް ހިސާބުން އެހެން ހިސާބަކަށް ދިޔުމަށް އަޅުގަނޑުމެންނަށް ދިމާވާނެ ކަންތައްތަކެއް އެބަހުރޭ. އެކަންތައްތައް އަޅުގަނޑުމެން ޖެހޭނީ ހުރަސްކުރަން. އަޅުގަނޑުމެންނާ އެކަންތައްތައް ދިމާވާނެ. ދިމާނުވެއެއްނުދާނެ. އެދިމާވާ ކަންކަމަށް ޙައްލު ހޯދުމާއި، އެކަންކަން ފަހަނަޅައި ކާމިޔާބުގެ އައްސޭރިއަށް އަޅުގަނޑުމެންނަށް ދިޔުމަށް އަޅުގަނޑުމެންގެ ޢަޒުމް، ކުޑަތަންކޮޅެއްވެސް ކުޑަކޮށްގެނެއް ނުވާނެ. އަޅުގަނޑުމެންގެ މިޞްރާބުވެސް އެންމެ ތަންފުކެއްވެސް މީޒާނުން ކައްސާލައިގެން ނުވާނެ.

އަޅުގަނޑު ހަމަ މިއަދު ނިންމާލުމުގެ ކުރިން އަދި އިތުރަށް ދަންނަވާލަން ބޭނުންވާ ވާހަކައެއް އެބައޮތް. މިދިޔަ ހަފްތާގެ ތެރޭގައި، އަޅުގަނޑު ގޭގައި ހުއްޓާ، އަޅުގަނޑުގެ ދަރިފުޅު އަޅުގަނޑު ކައިރީގައި ބުނި، ބައްޕާއޭ ބަޔަކު މީހުން ކަރުދާހެއް ހިފައިގެން އައިސް އެބަތިއްބޭ. އަޅުގަނޑު ބޭރު ބަލައިލިއިރުގައި އެއީ ތެދެއް. ވަރަށްގިނަ ބަޔަކު މީހުން ކަރުދާހެއް ހިފައިގެން އައިސްތިބީ. ރާއްޖޭގެ ވަރަށްގިނަ ޒުވާނުން އައިސްތިބީ ބައިބަލާ ކުޅުމާ ގުޅޭގޮތުން އެމީހުންނަށް ހުއްދައެއް ނުލިބިގެން، އެހުއްދަ ހޯދައިދިނުމުގައި އަޅުގަނޑުގެ ކިބައިން އެދުމަށް. އަދި އަޅުގަނޑަށް ކުރެވެން އޮތް މަސައްކަތެއް ކޮށްދިނުމަށް އެދުމަށް. އަޑު އުފުލުމަށް. ވަރަށް ކިޔަމަންތެރިކަމާއި، ވަރަށް ރިވެތި އަޚްލާޤެއްގައި ތިބި ވަރަށްގިނަ ޒުވާނުންތަކެއް މުލީއާގޭ ކުރިމައްޗަށް އައީ. އަޅުގަނޑު ބެލި ބެލުމުގައި، އަޅުގަނޑަށް ސާފުވިގޮތުގައި، ދިމާވެމިވާ މައްސަލައަކީ މިދިޔަ ދެތިން އަހަރެއްގެ ތެރޭގައި، މި ބައިބަލާ ކުޅުމުގެ ތެރޭގައި މާރާމާރީ ހިންގާފައި މިވަނީ އިންތިހާއަށް. އަދި ބައިބަލާ ކުޅުމުގައި ބައިވެރިމިވަނީ މާލޭގެ އެކިއެކި ކަންކަންމަތިން އަދި ނަންދެވިފައި ހުރި އެކިއެކި ކަންކަންމަތިން ކުދިން ކަމަށްވާތީވެ، އެކަންމައްޗާ ގުޅިފައި އޮންނަ އެހެން ޖޯޝްތަކާއި ރޫޙުތައްވެސް މީގެތެރެއަށް ވަދެގެންދާތީވެ، މިކަމުގައި މާރާމާރީއާ ހަމައަށް ކަންކަން ފުރޮޅިގެންދަނީ. ރާއްޖޭގައި މާރާމާރީ މިހާރު ހިނގަނީ ވަރަށް ނުރައްކާކޮށް. ކަނޑިޔާއި ވަޅިއާއި ހަންޖަރާ، މިބާވަތުގެ ތޫނު ހަތިޔާރު ބޭނުންކޮށްގެން، ހަމަ ކަނޑައެޅިގެން އެކަކު އަނެކަކު މަރަން ނުކުމެ މިތިބެނީ. ބޭނުންކުރާ ބަހުރުވައަކީވެސް އެހާމެ ހޫނު ބަހުރުވައެއް. ބަސްތަކުގައި މިހިމެނެނީ، ކޮށާލުން، ކަޓަރުއެޅުން. މިފަދަ ކޮށާލުމަކަށް ބަޔަކު ނުކުންނައިރުގައި ދިމާވާ ނުރައްކާތެރިކަމާއި ހަމަނުޖެހުން ވަރަށްބޮޑު. އަޅުގަނޑު ފުލުސް އޮފީހުގައި ދަންނަވާފައިވާނެ، ފުލުސް އޮފީހުން ބަލަހައްޓައިދެވޭ ކަހަލަ ގޮތަކަށްވިޔަސްވެސް، ބައިބަލާގެ ކަންތައް ވީހާވެސް ރަނގަޅަކަށް، ވީހާވެސް ފުރިހަމައަކަށް ކޮށްދެވޭތޯ ބެލުމަކީ އަޅުގަނޑުގެ ވަރަށްބޮޑު އެދުމެކޭ. ދެން އަޅުގަނޑު ހަމަ މިއާއެކީގައި، ބައިބަލާގައި ބައިވެރިވާ ހުރިހާ ފަރާތްތަކެއްގައިވެސް ވަރަށް އިޚްލާޞްތެރިކަމާ އެކުގައި އެދެން. އަޅުގަނޑު ކައިރިއަށް ތިޔަބޭފުޅުން ވަޑައިގެންނެވީ، އަޅުގަނޑު މިކަމަށް ހުއްދައެއް ހޯދުމުގައި އެހީތެރިވެދިނުމަށް. އަޅުގަނޑު އެހުއްދަ ހޯދުމަށް ފަރާތްތަކުގައި ދެންނެވުމުން، ފަރާތްތަކުން ސާފުކޮށްދެއްވި، މިކަމުގައި އެފަރާތްތަކުން ހުއްދަ ނުދިނުމަށް ޚިޔާލު ގެންގުޅޭ ސަބަބުތައް. އަޅުގަނޑު މިއަދު ދަންނަވަން ބޭނުންވަނީ، އެއްވެސް ބައިބަލާ ގްރޫޕަކުން އަދި މާލޭގެ އެއްވެސް ކަންމައްޗަކުން، އަޅުގަނޑު ގާތުގައި އެވެފައި އޮތް އެއްބަސްވުމާ ޚިލާފުނުވައްޗޭ. މާލޭގެ ކަންމަތިތަކަށް އަޅުގަނޑު ވަރަށް ރަނގަޅަށް އެނގޭނެ. އަދި އަޅުގަނޑަށްވެސް މާލޭގެ އެކިއެކި ކަންމަތިތައް ވަރަށް ރަނގަޅަށް އެނގޭ. އަޅުގަނޑަކީވެސް ހަމަ މިރަށުގައި އުޅެ ބޮޑުވި، މިރަށުގެ މަގުމަތި ވަރަށް ރަނގަޅަށް ދަންނަ މީހެއް. އަޅުގަނޑު އުންމީދު ކުރަން، އަޅުގަނޑު ޔަޤީން ކުރަން، އަޅުގަނޑާވެވޭ އެއްބަސްވުމެއް، މާލޭގެ އެއްވެސް ކަންމައްޗަކުން، އޭގެ އިތުބާރު ކަނޑާލައި، އޭގެ ބަސް ނުހަމަކޮށް، އެއީ ބޭނުންނެތް، އިތުބާރު ނުކުރެވޭ އެއްބަސްވުމަކަށް ނުހައްދަވާނެ ކަމަށް.

އަޅުގަނޑުމެން ޢީދުގެ ތަހުނިޔާތަކަށް ދެން އެނބުރޭނީ. މިހުކުރަށްފަހު ދެނެއް ހުކުރަކަށް ރޯދަމަހެއް ނެތް. ދެން އޮތީ ޢީދު ދުވަހުގެ ހުކުރު. އެހެންވީމާ، އަޅުގަނޑު ހުރިހާ ބޭފުޅުންނަށްވެސް ޢީދު ދުވަހުގެ އެންމެހާ ތަހުނިޔާތައް ފޮނުވަމުން، އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه. والسّـلام عليـكم

______________________