بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

ހަނިމާދޫ ރައްޔިތުންނަށް އޮންނަ ކުޑަކުޑަ ހިތްހަމަނުޖެހުމެއް އަބަދުވެސް އޮވޭ. އެއީ، ހަނިމާދުއަކީ ތިލަދުންމަތީ އެހެން ތަންތަނަށް އަޅުގަނޑުމެން ދިޔުމަށް ބޭނުންކުރާ ފާލަމެއްގެ ގޮތުގައި އެކަނި މިރަށް އަޅުގަނޑުމެން ބޭނުންކުރާތީ. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތަނުގައި އަޅުގަނޑުމެން ކަންތައް ކުރާނީ އެހެނެއް ނޫން. ޙަޤީޤަތުގައި އަޅުގަނޑުމެން މިއަދުވެސް ދަތުރު ރޭވީ، ހަނިމާދޫގައި ރައްޔިތުންނާ ބައްދަލުކުރުމެއް ބާއްވާ ގޮތަށް. ދެން ކުދިކުދި އޮޅުމާ އެކީގައި އަޅުގަނޑުމެންނަށް ކާން ދެވުނީ މާދުރުގައި ވަލުތެރޭގައި ހުރި ތަނަކަށް. އެހެންވީމާ، އެވަގުތުކޮޅު ތިޔަބޭފުޅުންނާ އެކީގައި ހޭދަކޮށްނުލެވުނީތީ، އެކަމަށް އަޅުގަނޑު މަޢާފު އެދެން.

ތިޔަބޭފުޅުންގެ އިޙްސާސްތައް އަޅުގަނޑަށް ސާފު. އަދި މިދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި، އެކަންކަން ތަފާތު ކުރެވިފައި ހުރިނަމަ، ތަފާތުވީ މިންވަރުވެސް ބަލައި، ތިޔަބޭފުޅުން ކަންކަމާ ގުޅޭގޮތުން ވިސްނަވަމުން ގެންދަވާގޮތް، އޮޅުންފިލުވަން އަޅުގަނޑު ބޭނުންވާނެ. އަޅުގަނޑަށް އެނގޭ، ހަނިމާދޫގެ ގިރާ ސަރަޙައްދުގެ މައްސަލަ އެއީ، ތިޔަބޭފުޅުން ކަންބޮޑުވެވަޑައިގަންނަވާ ކަމެއްކަން. އަޅުގަނޑަށް އެނގޭ، މަދަރުސާގައި ހުރި ޕްރިންސިޕަލާ، ނުވަތަ މަދަރުސާގެ ޓީޗަރުންނާ، މަދަރުސާގެ ޚިދްމަތުގެ ކަންކަމާ، ތިޔަބޭފުޅުން ހިތްޕުޅުހަމަނުޖެހޭކަން. އަޅުގަނޑަށް އެނގޭ، ހެލްތް ސެންޓަރުގެ ކަންތައްތަކާ ގުޅޭގޮތުން ތިޔަބޭފުޅުން ހިތްޕުޅުހަމަނުޖެހޭކަން. އަޅުގަނޑަށް އެނގޭ ބޭންކެއްގެ ޚިދްމަތް ތިޔަބޭފުޅުންނަށް މިރަށަށް ނިހާޔަތަށް ބޭނުންފުޅުވާކަން. އަޅުގަނޑަށް އެނގޭ، މިރަށަށް ބަދަލުވެވަޑައިގެން ތިއްބެވި އެހެން ރަށްރަށުގެ ބޭފުޅުން، ރައްޔިތުން، ގެދޮރުގެ ކަންތަކާ ގުޅޭގޮތުން ، ކަންބޮޑުވެވަޑައިގަންނަވާކަން. އަޅުގަނޑު ދެނެހުރީމު، މިހާރު ވަގުތީގޮތުން ތިޔަބޭފުޅުން ކުރީގައި އެހެން ރަށްރަށުން މިރަށަށް ހިޖުރަ ކުރައްވާފައި ތިއްބެވި ބޭފުޅުންނަށް ދޫކޮށްފައިވާ ގެތައް ނުވަތަ ކުއްޔަށް ތިއްބަވާ ތަންތަނުގެ މުއްދަތު، ޖޫން ޖުލައި އެހިސާބުގައި ހަމަވާކަން. އަދި އެބޭފުޅުން ދާއިމީ ހިޔާއަކަށް، ދާއިމީ ގެއަކަށް އެބަ ބަދަލުވެވަޑައިގަންނަވަން ޖެހިވަޑައިގަންނަވާކަން.

އަޅުގަނޑު ޒިންމާދާރު މީހަކަށެއް ނުވާނެ، މިއަދު މިތާ ހުރެފައި މާދަމާ އެކަންކަން އަޅުގަނޑު ތިޔަބޭފުޅުންނަށް ކޮށްދޭނަމޭ ދަންނަވައިފިނަމަ. އަޅުގަނޑުމެންގެ މަޤްޞަދަކީ، މިކަންކަމާ އަދި މީގެ ހަތަރުގުނަ އިތުރަށް ތިޔަބޭފުޅުންނަށް ކަންކަން ކޮށްދިނުން. އަޅުގަނޑުމެންގެ ބޭނުމަކީ، ރައްޔިތުން އެދޭ ކަންކަން ރައްޔިތުންނަށް ކޮށްދެވޭނެ އިންތިޒާމުތަކާއި ނިޒާމުތައް ހަމަޖެއްސުން. އަޅުގަނޑުމެންގެ ބޭނުމަކީ، ރައްޔިތުންނާ ގާތުން ރައްޔިތުންގެ ނިންމުންތައް ނިންމަމުން ގެންދެވޭނެ ވެރިކަމުގެ އުޞޫލެއް ހޯދުން.

އަޅުގަނޑުމެން ފެށުނީއްސުރެ ވަކާލާތު ކުރަމުން މިއައީ، ލާމަރްކަޒީ އުޞޫލުން ވެރިކަމުގެ އިދާރީ ހިންގުން ހިންގައިގެންނޭ ރާއްޖޭގެ ރައްޔިތުންނަށް ޙަޤީޤީ ތަރައްޤީ ލިބޭނީ. އަދިވެސް އަޅުގަނޑުމެން މިތިބީ އެމަސައްކަތުގައި. ރައީސް އޮފީހުން މިހާރުވާނީ، މި ލާ މަރްކަޒީ އުޞޫލުން މިހާރުން މިހާރަށް ހިންގޭނެ ގޮތަކާ ގުޅޭގޮތުން ރުހުން ދެއްވުމަށް އެދި ރައްޔިތުންގެ މަޖިލީހުގައި ދަންނަވާފައި. އަޅުގަނޑު މި އުންމީދު ކުރަނީ، މަޖިލީހުން ދާދި އަވަހަށް އެކަމުގައި އަޅުގަނޑުމެންނަށް ގޮތެއް ނިންމަވައި ދެއްވާނެ ކަމަށް. އަޅުގަނޑުމެންގެ ސަރުކާރު މަސައްކަތް ކުރާނީ، ރައްޔިތުންނާއި އަދި ރައްޔިތުންގެ ވަކީލުން، އާދެ! ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާ ގުޅިގެން.

އަޅުގަނޑު އިޚްލާޞްތެރިކަމާއެކު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން، ރައްޔިތުންގެ މަޖިލީހުގެ ތިލަދުންމަތީ ދެކުނުބުރީގެ ޢިއްޒަތްތެރި މެންބަރު އަޙްމަދު ޢަބްދުﷲ އަޅުގަނޑުމެންނާ އެކީގައި މިދަތުރުގައި ބައިވެރިވެވަޑައިގެންނެވީތީ. ހަމަ އެގޮތަށް ތިލަދުންމަތީ އުތުރުބުރީ މެންބަރަށާއި އަދި ށ. އަތޮޅުގެ ޢިއްޒަތްތެރި މެންބަރަށްވެސް އަޅުގަނޑުމެން ދެންނެވީމު، އަޅުގަނޑުމެންނާ އެކީގައި މިދަތުރުގައި ބައިވެރިވެވަޑައިގަތުމަށް. އެބޭފުޅުންނަށް ކަންތައްތައް ހުރިގޮތުން މިއަދު ވަޑައިނުގެންނެވުނީ. އެހެންނަމަވެސް، ރައްޔިތުންނާ ގުޅުންހުރި، ރައްޔިތުންގެ އިޙްސާސްތައް ދެނެވަޑައިގަނެވޭނެ ބޭފުޅުން އަޅުގަނޑުމެންގެ ސަރުކާރުގައި ބައިވަރު. އަޅުގަނޑުމެންގެ ތެރޭގައި ގިނަ. އަޅުގަނޑު އެދެނީ، އެބޭފުޅުން މެދުވެރިކޮށްގެންނާއި އަދި ތިޔަބޭފުޅުންވެސް އަޅުގަނޑުމެންނާ ވީވަރަކުން ގުޅުން ބަހައްޓަވައިގެން ކަންކަމުގެ ވާހަކަ އަޅުގަނޑުމެންނަށް ފޯރުކޮށްދެއްވަމުން ގެންދެވުން.

އަޅުގަނޑު ހަމަ މާލެދިޔުމާ އެކީގައި، އަޅުގަނޑު މި ފާހަގަކުރި ކަންކަމާ ގުޅޭގޮތުން އަޅުގަނޑު ބަލަމުން ގެންދާނަން. އަޅުގަނޑު ދަންނަވާނީ، އިރާދަކުރެއްވިއްޔާ ލަސްތަކެއްނުވެ، ތިޔަބޭފުޅުންނަށް އެކަންކަން ހަމަޖެހިގެންދާނެއޭ. އަޅުގަނޑުގެ ނަޒަރުގައި ތިޔަބޭފުޅުންގެ އެދުންތަކުގެ ތެރޭގައި، މި ރާއްޖެއަށާއި މި ސަރުކާރަށް ނުކޮށްދެވޭވަރުގެ ކަންތައްތަކެއް ނޫން އެހުރީކީއެއް. މިކަންކަން ކުރުމުގެ އިންތިޒާމު ބަދަލުވާނީ. މި ރޭވުންތައް ރާވައި، އިދާރީ ކަންކަން އަޅުގަނޑުމެން ހިންގާގޮތް ބަދަލުކޮށްލެވުނީމާ، ކަންކަން އަޅުގަނޑުމެންނަށް ފަސޭހަވެގެންދާނެ. އަޅުގަނޑުމެން ބޭނުންވަނީ، ބާރަށް އަވަހަށް ނަތީޖާ ނުކުންނާނެ ގޮތަކަށް މަސައްކަތްކުރާ ސަރުކާރުގެ އޮނިގަނޑެއް ހެދުމަށް. ރަސްމިއްޔާތަށް ކަންކަން ދޫކޮށްލައި، އަޅުގަނޑުމެންގެ ގިނަވަގުތު އެކަންކަމުގައި ނަގާލާކަށް އަޅުގަނޑުމެންނެއް ނޭދެން. އަޅުގަނޑުމެން ބޭނުންވަނީ ނަތީޖާ އަވަހަށް ނެރެވޭނެ އުޞޫލުތަކާއި ހަމަތަކެއް ހޯދަން.

އާދެ! އަޅުގަނޑު ތިޔަބޭފުޅުންގެ ކިބައިން ވަރަށް ބޮޑަށް މަޢާފަށް އެދެން. ދެގަޑި ފަނަރައިގައި، ތިޔަބޭފުޅުން މިތަނަށް ވަޑައިގަތުމަށް އަޅުގަނޑުމެންނަށް ދެންނެވިފައި އޮތީ. އެއީ އަޅުގަނޑު އެދުނު ގޮތް. އެހެންނަމަވެސް، ދެގަޑި ފަނަރަވީއިރުގައި މިތަނުގައި އޮތް އެހެން ކަމެއްގައި ގޮސް އަޅުގަނޑަށް ހުރެވުނީ. އެހެންވީމާ، ކުޑަތަންކޮޅެއް ލަސްކޮށްނަމަވެސް، ތިޔަބޭފުޅުންނާ ބައްދަލުވުމަށް މިތަނަށް އަޅުގަނޑު އަވަހަށް އައިސް މިހުރީ. އަޅުގަނޑުމެން މިތަނުގައި ބޮޑު ބައްދަލުވުމެއް ނުބާއްވާކަމުން ހަނިމާދޫ ރައްޔިތުން އެކަމާ ނުރުހުންވޭ. ހިތްހަމަނުޖެހުން އިތުރުވޭ. އަޅުގަނޑަށް އެނގޭ، މިރަށު ގިނަ ރައްޔިތުން ވަޒީފާ އަދާކުރައްވަމުން ގެންދަވާނީ ދުވާލުގެ ވަގުތުތަކުގައި އެކި ތަންތަނުގައިކަން، އެބޭފުޅުންނަށް ވަޑައިނުގެންނެވޭނެކަން. އަޅުގަނޑުމެން މިތަނުގައި ފުރިހަމަ ބައްދަލުވުމެއްވާނަމަ، ރޭގަނޑު ބާއްވާ ބޮޑު ބައްދަލުވުމަކަށް އަޅުގަނޑުމެން އެބަ ތައްޔާރުވާންޖެހޭ.

އަޅުގަނޑު އެދެނީ ވީހާވެސް ގިނައިން ރަށްރަށުގައި އަޅުގަނޑަށް އުޅެވޭނެ ގޮތަކަށް ސަރުކާރުގެ އިންތިޒާމު ހަމަޖެހޭތޯ ބަލަން. އިރާދަކުރެއްވިއްޔާ އަޅުގަނޑު އެގޮތަށް އެކަން ކުރާނަން. ދެން އަޅުގަނޑު ދަންނަވާނީ، ކޮންމެވެސް އެއްރަށަކަށޭ އެންމެ ފުރަތަމަ ދެވޭނީ. 200 ރަށަށް އެއްފަހަރަކާ އަޅުގަނޑަކަށް އެންމެ ފުރަތަމައިން ނުދެވޭނެ. އަޅުގަނޑު މިއައީ ދެކުނުގެ ރަށްރަށަށް ގޮސްފައި. އައްޑުއަތޮޅަށާއި މުލަކަށް. މިފަހަރު އަޅުގަނޑު މިބަލަނީ އުތުރުން ވީހާވެސް ގިނަ ރަށަކަށް އަޅުގަނޑަށް ދެވޭތޯ. ރައްޔިތުންނާ ބައްދަލުކުރެވޭތޯ. އަދި އަޅުގަނޑުމެންގެ ކަންކަން އަޅުގަނޑުމެންގެ ވަޢުދުތައް އަޅުގަނޑުމެންނަށް ފުއްދުމުގައި އަޅުގަނޑުމެންނަށް ބާރަށް މަސައްކަތް ކުރިއަށް ގެންދެވޭތޯ.

ހަނދުމަފުޅު ބަހައްޓަވާތި. އަޅުގަނޑުމެން އަބަދުވެސް ޔަޤީން ކުރަން. އަޅުގަނޑުމެން އަބަދުވެސް ދެކެނީ، އަޅުގަނޑުމެން ވެރިކަމުގައި މި ތިބެނީ، ރައްޔިތުންނަށް އަޅުގަނޑުމެން ވެފައިވާ ވަޢުދުތަކެއް ފުއްދުމަށްޓަކައޭ. އެ ނޫން އެހެން އެއްވެސް ކަމެއް ކުރާކަށެއް ނޫނޭ. އަޅުގަނޑުމެން ވެރިކަމަށް އައިސް މިތިބީ، ހަމައެކަނި ވެރިކަމުގައި ތިބުމުގެ ނިޔަތެއްގައެއް ނޫން. އަޅުގަނޑުމެންނަށް މި އަޣްލަބިއްޔަތު ތިޔަބޭފުޅުން ދެއްވީ، އަޅުގަނޑުމެން ތިޔަބޭފުޅުންނަށްވީ ވަޢުދުތަކުގެ މައްޗަށް ބިނާކޮށް. އެހެންވީމާ، އަޅުގަނޑުމެންގެ ވާޖިބަކަށްވާނީ، އެ ވަޢުދުތައް ފުއްދައިދިނުމުގައި ބާރަށް މަސައްކަތް ކުރުން.

އެގޮތުން ޢުމުރުން 65 އަހަރުވީ ކޮންމެ ދިވެހި ރައްޔިތަކަށް އިރާދަކުރެއްވިއްޔާ ޖަނަވަރީ 1 ވަނަ ދުވަހު އަޅުގަނޑުމެން -/2000 ރުފިޔާގެ ޕެންޝަނެއް އަރުވާނަން. އަންހެނަކަސް ފިރިހެނަކަސް ކޮންމެ ބޭފުޅަކަށް، އަޅުގަނޑުމެން ކޮންމެ މަހަކު -/2000 ރުފިޔާގެ ޕެންޝަނެއް އަރުވާނަން. ހަމައެހެންމެ، މިޖަނަވަރީ މަހުއްސުރެ ފެށިގެން، ހެލްތް އިންޝުއަރެންސްގެ ގޮތުގައި ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ވަރަށްގިނަ ބަޔަކަށް، އެއްލައްކަ ރައްޔިތުންނަށް ހެލްތް އިންޝުއަރެންސް އަޅުގަނޑުމެންނަށް ދެވޭނެ. އޭގެ މާނައަކީ، އަޅުގަނޑުމެން މި އިޝާރާތް ކުރާ ފަދައިން ބޭސް ސިޓީއަށް ސަލާން ޖަހަން ނުޖެހޭނެއޭ. ކަމެއް ދަމެއް ދިމާވީމާ، އެކަމެއް އެ ބޭސްފަރުވާ ތިޔަބޭފުޅުންނަށް ކުރެވޭނޭ އިންތިޒާމާއި ނިޒާމު ހަމަޖެހިގެންދާނެއޭ. ވެލްފެއަރ، ނުވަތަ އެހީއެއް ހޯދަން މާލެއަށް ސިޓީއެއް ލައިގެން، އެވެނި ގެއަކަށް ސިޓީއެއް ލައިގެން، އަނެއް ގެއަކަށް ސިޓީއެއް ލައިގެން، ބަލިވެ އުޅޭ މީހާ އެހުރި ތަނެއްގައި ހުރެ، މިހުރިހާ ތަކުލީފެއް ނުވަތަ އެމީހެއްގެ ޢާއިލާއިން އުފުލާކަށް އިރާދަކުރެއްވިއްޔާ ނުޖެހޭނެއޭ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ވެލްފެއަރއިންވެސް ސަރުކާރުން ދެވެން އޮތް އެއްޗެއްވިއްޔާ، ހަމަ އެ ރައްޔިތުންގެ ގެއަށް އައިސް ދެވޭތޯ ބެލުން. ކޮންމެހެންނެއް އިތުރު ތަންތަނަކަށް ހިންގަވާނެ ކަމެއް ނެތް. އެއީ، އަޅުގަނޑުމެންނަށް ދެވެން އޮތް އެއްޗެއް ވެއްޖިއްޔާ، ވަގުތުންވަގުތަށް އަޅުގަނޑުމެން ތިޔަބޭފުޅުންނަށް އަރުވާނަން.

އަނެއްކާ އަޅުގަނޑު އިތުރަށް ފާހަގަކޮށްލަން ބޭނުންވަނީ، އަޅުގަނޑުމެންނަށް ރުހޭ މީހުންނަށް އެކަންޏެއް ނޫން، ސަރުކާރުން ދެވެންހުރި އެއްޗެއް އަޅުގަނޑުމެން ދޭނީކީ. އަޅުގަނޑުމެންނަށް ދެވެން ހުރި އެއްޗެއް، ހުރިހާ ދިވެހި ރައްޔިތުންނަށް ދޭނަން. އަޅުގަނޑުމެން މި ސަރުކާރުން ތަފާތެއް ނުކުރާނެ، އަޅުގަނޑުމެންނަށް ވޯޓުދެއްވީ ކޮންބަޔެއްތޯ، ވޯޓު ނުދެނީ ކޮންބަޔެއްތޯ، މި މޭރުމުން ކަންކަން ފާހަގަކޮށްގެންނެއް. ހުރިހާ ބޭފުޅުންނަކީވެސް ހަމަ ސީދާ ދިވެހި ރައްޔިތުން. އަޅުގަނޑުމެންގެ ސަރުކާރުގެ ބެލުމުގެ ދަށުން ސަރުކާރު ޒިންމާދާރުވާ ރައްޔިތުން. އަޅުގަނޑުމެން ވަކިކުރުމެއް ތަފާތު ކުރުމެއް، އިރާދަކުރެއްވިއްޔާ މިކަންކަމުގައެއް ނުބާއްވާނަން.

މިހެން އޮންނަ ބައްދަލުވުންތަކުގައި އަޅުގަނޑު ޙަޤީޤަތުގައި އެދޭނީ، އަޅުގަނޑު ގިނަ ވާހަކަތަކެއް ދެއްކުމުގެ ބަދަލުގައި، ތިޔަބޭފުޅުންނާ އެކީގައި މަޢްލޫމާތު ޙިއްޞާކޮށްލެވޭތޯ ބެލުމަށް. އަޅުގަނޑު މިދެންނެވި މިހާރު މި ފާހަގަކުރި ކަންތައްތަކުގެ އިތުރުން، ތިޔަބޭފުޅުން ކަންބޮޑުވެވަޑައިގަންނަވާ ކުއްލި ކަމެއް އޮތް ކަމަށް ހަމަ ފެނިވަޑައިގަންނަވާނަމަ، އަޅުގަނޑު ވަރަށް ބޮޑަށް އެދެން، އެބޭފުޅަކު އިޝާރާތްކޮށްލެއްވުން. އިޝާރާތްކޮށްލެއްވީމާ، އެބޭފުޅަކަށް އަޅުގަނޑު ފުރްޞަތު އަރުވާނަން. ދެން އަޅުގަނޑުމެންގެ ސެކްރެޓޭރިއަޓުން ނޯޓުކޮށްދިނުމަށްވެސް އަޅުގަނޑު އެދެން.

ވަރަށް ބޮޑަށް ޝުކުރިއްޔާ!

اَلحَمْـدُ لِلّـهِ.