بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

އަޅުގަނޑުމެން މިއަދު ހުޅުމާލޭގައި ތިޔަބޭފުޅުންނާ މިބައްދަލުކޮށްލީ، އަޅުގަނޑުމެންގެ ބޯހިޔާވަހިކަމުގެ ވަޢްދާ ގުޅޭގޮތުން ސަރުކާރުން މިހާރު ކުރައްވަމުން ގެންދަވާ ބައެއް މަސައްކަތްތަކާ، މަސައްކަތްތައް ގޮސްފައިވާ ހިސާބާ މިކަންކަމާ ގުޅޭގޮތުން ބައެއް މަޢްލޫމާތު ތިޔަބޭފުޅުންނަށް އެރުވުމަށްޓަކައި.

އަޅުގަނޑުމެންގެ އަމާޒަކީ، މިއަހަރުގެ ތެރޭގައި ދިހަހާސް ހައުސިންގ ޔުނިޓުގެ ޢަމަލީ މަސައްކަތް ފެށުން. އެކަން ކުރުމަށްޓަކައި ކުރީގައި އޮތް "ހުޅުމާލޭ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން"، ސަރުކާރުން މިހާރު ވިސްނަނީ، "ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނެއްގެ" ގޮތުގައި ބަދަލުކުރަން. އެކުންފުނީގެ މަސްއޫލިއްޔަތު، މިހާރަށްވުރެ ބޮޑަށް ފުޅާކުރަން. އެކުންފުނީގެ މަސައްކަތްތަކުގެ ތެރޭގައި ދެން ހިމެނިގެންދާނީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަސައްކަތްތައް ހިންގުން. އެކަން ހިންގުމަށް އަޅުގަނޑުމެން މިގެންދާ އުޞޫލަކީ، ވިޔަފާރީގެ އުޞޫލުން އެކަން ކުރުން. އެހެންނަމަވެސް އަޅުގަނޑުމެން އަބަދުވެސް ހިފަހައްޓަން ބޭނުންވާނެ އެއް ހަމައަކީ، އެއްވެސް ގެއެއްގެ އާމްދަނީގެ 20 ޕަސެންޓަށްވުރެ ބޮޑު އަދަދެއް ގެދޮރަށް ޚަރަދުކުރާކަށް ޖެހިގެން ނުވާނެއޭ. އެއަށްވުރެ ބޮޑުވާ މިންވަރެއް ވެއްޖިއްޔާ ސަރުކާރުގެ ހިލޭ އެހީގެ ގޮތުގައި ހައުސިންގ ގްރާންޓުގެ ގޮތުގައި ރައްޔިތުންނަށް ލިބިދޭނެއޭ.

މިހާރު މިހުޅުވާލެވޭ ދިހަހާސްގޭގެ ތެރޭގައި، ނުވަތަ ދިހަހާސް ހައުސިންގ ޔުނިޓުގެ ތެރޭގައި އަޅުގަނޑުމެން އެ ބަހާމިލަނީ ޕްރޮވިންސްތަކަށާ، އަދި މާލެއަށާ، ހުޅުމާލެއަށް. މިހެން ބަހާލެވުނީމާ، ހުޅުމާލޭގައި އަޅުގަނޑުމެންނަށް އަދި އިތުރަށް އެބަފެށޭ 900 ޔުނިޓު. އަދި މާލެއަށް އަޅުގަނޑުމެންނަށް އެބަ އަމާޒުކުރެވޭ. 1100 ޔުނިޓު. މާލެއަށް އަމާޒުކުރާ، ނުވަތަ މާލޭގައި ބިނާކުރުމަށް މިމަސައްކަތްކުރާ 1100 ޔުނިޓަކީ، މިހާރު މާލޭގައި، ބަހައިގެން ބިމެއް ލިބި، އެހެންނަމަވެސް އެބިމުގެ ޖާގައަކީ ވަރަށްކުޑަ ޖާގައަކަށް ވާތީވެ، އެއްޢާއިލާއަކަށް އެޖާގައިގެ ބޭނުންނުކުރެވޭތީވެ، އެފަދަ ޢާއިލާތަކަށް ފަސޭހަގޮތެއް ހޯދައި ދިނުމަށް، މާލޭގައި މިފަށާ މަސައްކަތް އަޅުގަނޑުމެން މިފަށަނީ. މީގެބޭނުމަކީ، މާލޭގެ ގޭގެ ރަޖިސްޓަރީގައި ތިއްބެވި ބޭފުޅުންގެ ތެރެއިން، މާލެއިން ބިމެއް ނުވަތަ ބޯހިޔާވަހިކަމެއް ނުލިބި، ދަތިވެފައިތިބި ބޭފުޅުންނަށް ބޯހިޔާވަހިކަން ހޯދައި ދިނުމަށްޓަކައި އަޅުގަނޑުމެން ހިންގާ މަޝްރޫޢެއް. އެގޮތުން މިފަހަރު މާލޭގައި 1100 ހައުސިންގ ޔުނިޓު ދިނުމަށް އަޅުގަނޑުމެން މި އަމާޒުކުރަނީ. ހަމައެއާއެކީގައި، އިތުރު 900 ހައުސިންގ ޔުނިޓު އަޅުގަނޑުމެން މިއަހަރު ތެރޭގައި ބިނާކުރުމުގެ މަސައްކަތް ފަށައިގަނެވޭތޯ މިބަލަނީ، ހުޅުމާލޭގައި.

އޭގެއިތުރުން އަތޮޅުތަކުގައި އަޅުގަނޑުމެން އެބަ ޢިމާރާތްކުރަން އިރާދަކުރެއްވިއްޔާ މަދުވެގެން 7000 ޔުނިޓު. ދެން އެ 7000 ޔުނިޓު ބަހާލެވިފައި އޮންނާނީ އެންމެ ބޭނުންތެރި، ބޯހިޔާވަހިކަމަށް އެންމެ ބޭނުންވެފައިވާ ރަށްތަކަށް، އޭގެ ތެރެއިން ގިނައިން ގެދޮރު ލިބޭ އުޞޫލަކުން މިކަން ކުރުމަށް. އެހެންވީމާ އަޅުގަނޑުމެން މިއުންމީދުކުރަނީ، ޙަޤީޤަތުގައި މިއަހަރު ނިމޭއިރުގައި އަޅުގަނޑުމެންގެ 5 އަހަރު ދުވަހުގެ އޭރުގެ ވަޢްދަށްވުރެ، މާރަނގަޅު މިންވަރަކަށް އަޅުގަނޑުމެންނަށް ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރެވެން އެބައޮތޭ. އަޅުގަނޑުމެން އޭރުގައި އަމާޒުކުރީ، 25 ހާސް ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދެވޭނެ ގޮތެއް އަޅުގަނޑުމެންގެ 5 އަހަރު ދުވަހުގެ ތެރޭގައި، އަޅުގަނޑުމެން ހޯދާނަމޭ. މިހާރު އަޅުގަނޑުމެންނަށް ބަލާބެލުމުގައި، އަޅުގަނޑުމެންނާ ސަރުކާރު ހަވާލުވިތާ މިދިޔަ ދެމަސް ދުވަހުގެ ތެރޭގައި އަޅުގަނޑުމެންނަށް ސާފުވެފައިމިވަނީ ޙަޤީޤަތުގައި އެއަށްވުރެ މާރަނގަޅަށް މަސައްކަތް ކުރެވެން އެބައޮތޭ. އެހެންވީމާ އެމަސައްކަތްތައް އަޅުގަނޑުމެން މިފަށައިގަންނަނީ. އެމަސައްކަތް ފަށައިގަތުމުގައި، މިކަމުގައި ހައުސިންގ މިނިސްޓްރީއާ، އަދި އޭގެއިތުރުން ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެކުންފުނީގެ އެތެރިކަމާ އެއްބާރުލުން އަޅުގަނޑުމެންނަށް ލިބިގެންދާނެ.

އެނގިވަޑައިގަންނަވާނެ، ހުޅުމާލޭ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގައި މިއަދާ ހަމައަށްވެސް އެމަސައްކަތް ކުރައްވަމުން ގެންދެވީ މަހުޖޫބު. ކުރިއަށްއޮތްތަނުގައިވެސް އަޅުގަނޑުމެންނަށް އެމަސައްކަތް ކުރައްވަމުން ގެންދަވާނީ މަހުޖޫބު. އެހެންނަމަވެސް އެބޯޑުގެ އެހެން ބޭފުޅުންތައް އަޅުގަނޑުމެން މިއަދު އިޢްލާން ކުރާނަން. ކުރީގައި އެބޯޑުގައި މަސައްކަތް ކުރެއްވި ބޭފުޅުންގެ ތެރެއިން، ސުހައިލް އަރިހުގައިވެސް އަޅުގަނޑު ވާނީ އެދިފައި، މިބޯޑުގައި އެބޭފުޅާވެސް މަސައްކަތް ކޮށްދެއްވުމަށް. ދެން އެހެންނޫނަސް އެބޯޑުގައި ތިއްބެވި ބޭފުޅުންނާ އެކީގައި އަޅުގަނޑުމެން މިމަސައްކަތް ބާރަށް ކުރިއަށް ގެންދެވިދާނެ ކަމަށް އަޅުގަނޑުމެން މިދެކެނީ. ބޯޑު އެކުލަވާލުމުގައި މިހާރު ރާއްޖޭގައި ކުންފުންނާބެހޭ ޤާނޫނާ، އަދި އެނގިވަޑައިގަންނަވާނެ ކެޕިޓަލް މާކެޓްސް ޑިވެލޮޕްމަންޓް އޮތޯރިޓީން ނެރުއްވާފައިއޮވޭ، ކޯޕަރޭޓް ގަވަރނަންސް ކޯޑެއް. ކޯޕަރޭޓް ގަވަރނަންސް ކޯޑަކީ އަދި ގަވާއިދެއްގެ ގޮތުގައި ބެލެނިވެރިކޮށްފައިވާ ގަވާއިދެއްނޫން. މިއާޤާނޫނުއަސާސީގެ ދަށުން، ބެލެނިވެރިޔަކު ލިބިފައިވާ ގަވާއިދެއްނޫން. މިދަންނަވަނީ މިހާރު ޤާނޫނުއަސާސީގެ ދަށުން ވެއްޖިއްޔާ ގަވާއިދަކަށް ފުރިހަމަ ބާރު ލިބުމަށްޓަކައި ޤާނޫނަކާ އެއާ ބެލެނިވެރިވާންޖެހޭ.

ކޯޕްރޭޓް ގަވަރނަންސް ކޯޑަކީ، އެމަސައްކަތް ނުހިނގާ އޮތް ގަވާއިދެއް. އެހެންވީމާ، އެކޯޑުގެ މާއްދާތަކަށް ޙަޤީޤަތުގައި މިވަގުތު ޢަމަލު ކުރެވޭކަށެއްނެތް. އެހެންނަމަވެސް ސަރުކާރުން ކޯޕަރޭޝަންތައް ހިންގުމުގައި އަބަދުވެސް އަޅުގަނޑުމެން އަމާޒަކަށް މިހަދަނީ، ކޯޕަރޭޓް ގަވަރނަންސް ކޯޑާ އެއްގޮތަކަށް މިކަން ކުރަމުންގެންދިއުމަށް. އެގަވަރނަންސް ކޯޑާ އެއްގޮތަށް ކުންފުނިތަކުގެ ބޯޑު ބަދަލުކުރަމުން އަންނަ އިރުގައި ސަރުކާރަށް ދައްޗަކާދިމާވޭ. ދިމާވާ އެންމެބޮޑު ދައްޗަކީ، ގަވަރނަންސް ކޯޑުން ފަށާއިރުގައިވެސް ބޯޑަށް ބަދަލެއް ގެނައުމަށް މިހުށަހަޅަން ޖެހެނީ މިހާރު ތިބޭ ބޯޑަށް. މިހާރު ތިއްބެވި ބޭފުޅުން އަމިއްލައަށް އެއްބަސްވެވަޑައިގަންނަވަން މިޖެހެނީ، އެބޭފުޅުން އެކަމުން ވަކިވެވަޑައިގެންފައި، އެހެން ބޭފުޅުން ކޮޅެއް އެކަމާ ހަވާލުކުރުމަށް. އެއީ ބައެއް ފަހަރަށް ކުޑަކޮށް ދަތިކަމަކަށްވެގެންދޭ.

ދެން އެހެންވީމާ، އަޅުގަނޑުމެންނަށް ގަވަރނަންސް ކޯޑަށް ފަށައިގަންނައިރުގައި ކުރަންޖެހޭ އިތުރު ކަންތައްތަކެއް އޮތް ކަމަށް އަޅުގަނޑުމެން ދެކެން. ކޮންމެއަކަސް މީގެ ނުކުތާއަކީ، އަޅުގަނޑުމެން ޢަމަލުކުރަމުން މިގެންދަނީ ގަވަރނަންސް ކޯޑާ ކުންފުންޏާބެހޭ ޤާނޫނާ އެއްހަމައެއްގައޭ. އެއީ ދެން އޭގެ ޤާނޫނީ ވާހަކަތައް. ރައްޔިތުން ބޭނުންވަނީ ހިޔާވަހިކަމެއް. ރައްޔިތުން ބޭނުންވަނީ، އެބޭފުޅުންނަށް ހާސްކަމެއްނެތި ރިވެތި ގޮތުގައި ތާހިރު ދިރިއުޅުމެއް އުޅެވޭނެ ގޮތެއް ހޯދުން. އަޅުގަނޑުމެންގެ އަމާޒަކީ އެދިރިއުޅުން އެބޭފުޅުންނަށް ރައްދުކޮށް ދިނުމަށްޓަކައި، ހޯދައިދިނުމަށްޓަކައި، އަޅުގަނޑުމެންނަށް، ސަރުކާރަށް ކުރެވެންހުރި ހުރިހާ ކަމެއް އަޅުގަނޑުމެން ކުރުން.

ދެން އަޅުގަނޑުގެ ވާހަކަތައް އިތުރުނުކޮށް، އަސްލަމްވެސް އަދި މަހުޖޫބުވެސް އެއްޗެއް ވިދާޅުވަން ބޭނުންފުޅުވެލައްވަންޏާ، އެއްޗެއް ވިދާޅުވެފައި ދެން ތިޔަބޭފުޅުންގެ ސުވާލުތަކަށް އަޅުގަނޑު ފުރުޞަތު އަރުވާނަން.