بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

އިންޑިޔާގެ އެކިއެކި ކުންފުނިތަކާއެކު ވަރަށްގިނަ އެއްބަސްވުން ތަކެއްގައި މިއަދުވަނީ ސޮއިކުރެވިފައި. އަޅުގަނޑުމެންގެ މެނިފެސްޓޯ ނުވަތަ އަޅުގަނޑުމެންގެ ސަރުކާރުން ވެފައިވާ ވަޢުދުތައް ފުއްދައިދިނުމަށްޓަކައި އަޅުގަނޑުމެން ހިންގާ އެކިއެކި މަޝްރޫޢުތަކާ ގުޅޭގޮތުން ވިޔަފާރިތަކުގައި ނުވަތަ ކަންކަން ހިންގުމުގައި ޙިއްޞާވާނެ ބައިވެރިން ހޯދުމަށް އަޅުގަނޑުމެންގެ މަސައްކަތުން އަޅުގަނޑުމެންނަށް މިލިބުނު ބައެއް ފަރާތްތަކުން ހާމަކުރި ބައެއް ޝައުޤުވެރިކަން މިއަދު އަޅުގަނޑުމެންނަށް ފެނިގެން އެދިޔައީ. އެއީ، އިންޑިޔާއަށް އަޅުގަނޑުމެން ކުރި ދަތުރާ ގުޅިގެން އުފެއްދުނު ޝައުޤުވެރިކަމެއް. އެއީ، އިންޑިޔާގެ އެކިއެކި ކުންފުނިތަކުން ޝައުޤުވެރިވާ ބައެއް ކަންކަން. އަޅުގަނޑު މިހާރު މިގަސްދުކުރަނީ ފެބްރުއަރީ މަހުގެ 14ވަނަ ދުވަހު އިޓަލީއަށް ދަތުރެއް ކުރަން. އެ ދަތުރުގައިވެސް ރާއްޖޭގައި މިބާވަތުގެ މަޝްރޫޢުތައް ހިންގާ ތަރައްޤީގެ ކަންކަމުގައި ދިވެހި ކުންފުނިތަކާ ބައިވެރިވާނެ އެހެން ފަރާތްތައް ހޯދުމުގެ މަސައްކަތް އަޅުގަނޑު ކުރިއަށް ގެންދާނަން. ސަރުކާރުން ކުރިއަށް ގެންދާނެ. އެހެންވީމާ، ހަމަ އެވާހަކަ ދަންނަވާލީ. ޓީވީ ބެއްލެވި ބޭފުޅުންނަށް މިއަދު ހެނދުނު މިތަނުގައި އެއޮތް ޙަފްލާ ފެނިވަޑައިގެންފައި އޮންނާނެތީވެ، އެކަމާ ގުޅޭގޮތުން ހަމަ ކުޑައެއްޗެއް ދަންނަވާލާފައި ތިޔަބޭފުޅުންގެ ސުވާލަށް ފުރުސަތު ހުޅުވާލުމަށްޓަކައި. އަޅުގަނޑުމެން މިނިއުސް ކޮންފަރެންސް ކުރިއަށް ގެންދާނަން 3 ޖަހަންދެން.

އަޙްމަދު ސަޢީދު ހަވީރު ނޫސް

އަޅުގަނޑު ސަޢީދު އިނގޭތޯ ހަވީރު ނޫހުން. އެމް.އޯ.ޔޫ.ތަކެއްގެ ފައިދާ ކޮން ގޮތަކަށްތޯ ފެނިގެންދާނީ މިކަންތައްތަކުގެ ޢަމަލީ މަސައްކަތް ކިހާތަނެއްގައި ފެށޭނެތޯ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު

އަޅުގަނޑުމެންގެ ބައެއް ކަންކަމުގެ ޢަމަލީ މަސައްކަތް ފެށޭނެ މާދަމާ. އަނެއްބައި ކަންކަމުގެ ޢަމަލީ މަސައްކަތް ފެށޭނެ މަހެއް ފަހުން. އަނެއްބައި ކަންކަމުގެ ޢަމަލީ މަސައްކަތް ފެށޭނެ ހަމަސްފަހުން. އެކިއެކި ކަންކަމާ ގުޅޭގޮތުން ވަރަށް ބޮޑެތި ކަންކަމާ ގުޅޭގޮތުން ހުރި ކަންކަން އެހެރީ. މިދިޔަ ތިންމަސް ދުވަހުގެ ތެރޭގައި އަޅުގަނޑުމެންނަށް ދެފަރާތުގެ ދެމެދުގައި ވާހަކަ ދައްކަމުން ދައްކަމުން އައިސް މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގއަކާ ހަމައަށް އާދެވުނީމާ އޭގައި ސޮއިކުރުމުގެ ޙަފްލާ މިދިޔައީ.

ދެން މީގެތެރޭގައި މިސާލަކަށް އެނގިވަޑައިގަންނަވާނެ އައި.ޖީ.އެމް.އެޗް ހޮސްޕިޓާ ހިންގާނޭ ފަރާތެއް ހޯދުމަށް ސަރުކާރުންވަނީ އިޢުލާން ކޮށްފައި. ހަމައެހެންމެ، އުތުރުންވެސް ދެކުނުންވެސް. މިފަހަރު އަތުވެއްޖެ އިންޑިޔާގައި ހޮސްޕިޓާ ހިންގާ ތިންބައިމީހުން. އޭގެތެރޭގައި މަޝްހޫރު އެޕޯލޯ ގްރޫޕްވެސް. އަދި އެހެންވެސް މަޝްހޫރު އިންޑިޔާގެ ގްރޫޕްތައް އެބަހުރި. އެމީހުން އެބަ ބޭނުންވޭ, އަޅުގަނޑުމެން އެކޮށްފައި އޮތް އައި.ޖީ.އެމް.އެޗް.ގެ އިޢުލާނަށް ޝައުޤުވެރިކަން ހާމަކުރަން. މިއަދު އެދިޔައީ އެބޭފުޅުންގެ ޝައުޤުވެރިކަން ހާމަކުރުން އެތަނަށް. ދެން އަޅުގަނޑުމެން ޖެހޭނީ އެބޭފުޅުންގެ ޕްރޮޕޯސަލެއް ހޯދަން. ވާހަކައަކީ އެހިންގުމުގެ ސީދާ ތަފްސީލުތަކަށް ދާން. ގޮސްފައި އެކުންފުންޏާ ދިވެހި ސަރުކާރާ ދެމެދުގައި އެއްބަސްވުންތަކެއް ޤާއިމު ކުރެވޭނެ. ދެން އަޅުގަނޑު އެދެނީ މިކަންކަން ވީހާވެސް އަވަހަކަށް ކުރިއަށް ގެންދިއުމަށް. ދެން އެހެންނަމަވެސް ހަމަ ދަތިތަކެއް އެބަދިމާވޭ ތިޔަވިދާޅުވާހެން. ޚާއްޞަކޮށް ހޮސްޕިޓަލްގެ ތެރެއިން ދިމާވާ ދަތި ވަރަށްގިނަ، ސިވިލް ސަރވިސް މުވައްޒަފުންނާ ގުޅިގެން. ދެން އެހެންނަމަވެސް، އަޅުގަނޑުމެން މިކަންކަން ކުރުން ހުއްޓައެއް ނުލާނަން. އަޅުގަނޑުމެން ބޭނުންވާ އަވަސް މިނުގައި ރައްޔިތުންނަށް ޚިދްމަތް ދެވެން އަންނަނީ ސަރުކާރު މުވައްޒަފުންވެސް އަޅުގަނޑުމެންނާ އެކީގައި ބައިވެރިވެގެން މަސައްކަތް ކުރީމާ.

ހަމައެއާއެކީގައި މިސާލަކަށް ދިހަހާސް ގެ އެޅުން. ދިހަހާސް ގެ އެޅުމުގެ މަޝްރޫޢަށްވެސް މިހާރު އަޅުގަނޑަށް އެބަފެނޭ ހަތަރު ފަސް ފަރާތަކުން ޝައުޤުވެރިވެފައި ހުއްޓާ. ދެން އޭގެތެރެއިން އަޅުގަނޑުމެން މިކަން ދޫކުރަން ގަސްދުކުރަނީ އެންމެ ފަރާތަކަށް. އެހެންވީމާ، އަޅުގަނޑުމެން އެބަޖެހޭ މީގެ އިތުރު ތަފްޞީލަށް ޓެންޑަރެއްގެ ގޮތުގައި ގޮސް ސީދާ އެންމެ އެކަށީގެންވާ ފަރާތް ހޯދަން. ދެން އަޅުގަނޑު ހަމަ ދެކެނީ ދާދި އަވަހަށް މިކަން އަޅުގަނޑުމެން ބުނަމުންމިދާ މިންގަނޑުތަކުގެ ތެރޭގައި ވާނެ ކަމަށް.

އެނގިވަޑައިގަންނަވާނެ އަޅުގަނޑުމެންގެ މެނިފެސްޓޯގައި ހުންނާނެ 100 ދުވަހުގެ ތެރޭގައި ކުރަންޖެހޭ ކަންތައް. އަޅުގަނޑުމެންނަށް މި 100 ދުވަހުގެ ތެރޭގައި ކުރަންޖެހޭ ކަންކަން ކުރެވުނީ ޙަޤީޤަތުގައި 90 ދުވަސް ނުވަނީސް. އެއީ ތިން މަސް މިވަނީ. ދެން އޮންނާނެ ދިގުމުއްދަތަކަށް ކުރަންޖެހޭ ކަންކަން. އަޅުގަނޑުމެންގެ މިތާވަލް މިއީ، 2006 ވަނަ އަހަރު އެމް.ޑީ.ޕީ.ން އެކުލަވާލި ތާވަލެއް. ދެން ފަހުން އައިސް 2007 ވަނަ އަހަރާ 2008 ވަނަ އަހަރު މިދިޔައީ މެނިފެސްޓޯ ނެރުމުގައި އެތާވަލަށް މަސައްކަތް ކުރަމުން. އޭރުވެސް ތިޔަބޭފުޅުން އައްސަވާ ދިގުމުއްދަތަކީ ކޮބައިތޯ ކުރު މުއްދަތަކީ ކޮބައިތޯ. ފަށައިގަންނައިރު ކުރާ ކަންތައްތަކަކީ ކޮބައިތޯ. އަނެއްކާވެސް ތިޔަ އެއްސެވުނީ ހަމަ އެ ސުވާލު.

ޢަބްދުލްލަޠީފް: މިއަދު ނޫސް

ސަރުކާރުން މިހާ ކުރުމުއްދަތެއްގެ ތެރޭގައި ތިޔަ ހޯއްދަވާ ކާމިޔާބީއަށް އަޅުގަނޑު އެންމެ ފުރަތަމަ ޝުކުރު ދަންނަވަމުން، މަރްޙަބާވެސް ދަންނަވަމުން، އަޅުގަނޑުގެ ސުވާލުގެ އެއްބައިވެސް އަމާޒުވަނީ އެކަމަށް. މިހާރު އަޅުގަނޑުމެން ރޭގައި ޚަބަރުން އަޑުއެހި ކަމެއްގެ ވާހަކަ ދަންނަވާލާފައި ކަންނޭނގެ ކުރިއަށް ގެންދަން ފަސޭހައީ. އެއީ، ޗައިނާއާއެކު ސަރުކާރުން ކުރި އެގްރީމެންޓެއް 2006 ވަނަ އަހަރު. މިއިމްޕްލިމެންޓްނުވެ މިއޮތް ކަމަށްވަނީ ކަރުދާހުގެ ކުލަޔަކާ ބާކޯޑެއްގެ މައްސަލަ ޙައްލުނުކުރެވިގެން 2 އަހަރު ވަންދެން. އެހެންވީމާ، އަޅުގަނޑުވެސް ގަބޫލުކުރަން މިދެންނެވިފަދަ މަޝްރޫޢުތައް ފަށައިގަތުމުގައި ސަރުކާރުން ކުރެވޭނެ ކަންތައްތަކަކާ ކުރުން ދަތި ކަންތައްތަކެއް ހުންނާނެކަން. އެހެންނަމަވެސް، އަޅުގަނޑުމެން ޢާންމުންގެ ވިސްނުމަށް ވަރަށް އުނދަގޫ، މިހެން ކަރުދާހެއްގެ ކުލަޔާއި ބާކޯޑެއްގެ މައްސަލައިގައި ދެއަހަރު ދުވަސް އެގްރިމެންޓަކަށް ޢަމަލުނުކުރެވި އެމް.އޯ.ޔޫ.އަކަށް ޢަމަލު ނުކުރެވި ދިޔައީމާ. އެހެންވީމާ، އެފަދަ ކަންތައްތައް ދިމާވާ ކަހަލަ އެއްބަސްވުން މީގައި އެބަހުރިތޯ؟ ދެން ދެވަނަ ފުރުސަތެއް އަޅުގަނޑަށް ދެއްވައިފިއްޔާ އަދި އިތުރު ކަމަކަށް ސުވާލެއް އަޅުގަނޑު ދަންނަވަން ބޭނުން.

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު

އާދެ. ވަރަށްބޮޑަށް ޝުކުރިއްޔާ އިނގޭތޯ. ތިޔަ ވިދާޅުވިހެން އަޅުގަނޑުމެން ސަރުކާރު ހިންގުމާ ހަވާލުވިއިރު ރައީސް މައުމޫންގެ ސަރުކާރުން ހަމައެއްކަމެއްވެސް ގާތްގަނޑަށް ކުރެވިފައިނެތިހެން ދާކަހަލަ ގޮތަކަށް މިވޭތުވެދިޔަ ތިން ހަތަރު އަހަރެއް ދިޔައީ، މުޅިން އަޅުގަނޑު ދަންނަވާނީ ބާވަތްބާވަތުގެ ސިޔާސީ ކުޅިގަނޑުތައް ރާވައިގެން ހިންގުމާއި އެކިފަރާތްތަކަށް އެކިބާވަތްބާވަތުގެ އަނިޔާއާއި މިކަންތައްތަކެއް ހިންގުމުގެ ތެރޭގައި މިދިޔަ ދެތިން އަހަރެއް ސަރުކާރުން އެ ހޭދަކުރީ. އެހެން ހޭދަކުރި ކުރުމެއްގައި ތިޔަ އިޝާރާތް ކުރެއްވި ފަދައިން ބާކޯޑާ ކަރުދާހުގެ ކުލަޔާ އެކަހަލަ އެއްޗެއްސެއްގެ ހުއްޖަތުގައިވެސް ކަންކަން ހުރީ ހަމަ ވަރަށްބޮޑަށް ހުއްޓިފައި. އެއްވެސް ކަމެއް ހަމަ ހިނގާފައެއްނެތް.

މިވަގުތު ހަމަ އަޅުގަނޑު ސަރުކާރު ހިންގުމާ ހަވާލުވެ ހުރީތީއެއް ނޫން އަޅުގަނޑު މިހެން މިދަންނަވަނީ. އެހެންނަމަވެސް، ހަމަ އަޅުގަނޑު ދަންނަވާނީ މިބަދަލު ރާއްޖެއަށް ނައިނަމަ، މިދިޔަ ސަރުކާރު ބަދަލުވުން އަޅުގަނޑުމެންނަށް ނުލިބުނުނަމަ، މިރާއްޖޭގެ ރައްޔިތުން ހަމަ ބިކަހާލުގައި ޖެހި، ނެތިދާހާލުގަޔޭ އަޅުގަނޑުމެން ތިބީ. އެ ސަރުކާރަކަށެއް އަޅުގަނޑުމެން މިގެންނަ އިންވެސްޓްމަންޓްސްއެއް ނުގެނެވޭނެއޭ. ކުރީ ރައީސް މައުމޫންގެ ސަރުކާރަކަށް އެކަމެއް ނުވެސް ކުރެއްވޭ. ހަމަ އެހީއެއްވެސް އެކަށީގެންވާ އަދަދަކަށް، ކަމެއް ހިންގާ ގޮތަކަށް ލިބިވަޑައެއް ނުގަންނަވާ. އެހެންވީމާ، މިސަރުކާރަށް ބަދަލެއް އައިކަން އެއީ، އަޅުގަނޑު ދަންނަވާނީ ދިވެހި ރައްޔިތުންނަށް އޮތް ރޯއްޖެކޭ، އަޅުގަނޑުމެންނަށް ދިމާވި ވަރަށްބޮޑު ނަސީބެކޭ. އިރާދަކުރެއްވިއްޔާ އެބާވަތުގެ ކަންކަމުގައި މަޝްރޫޢުތައް ހުއްޓިގެނެއް ނުދާނެ. މިހާރު ހަމަ އަޅުގަނޑުމެންނަށް ސީދާ ސީދާކޮށް ޤާނޫނާއި ގަވާއިދުތަކުގެ ސަބަބުން ބަލަންޖެހޭ ބެލުންތަކެއް، ކުރަންޖެހޭ ކަންތައްތަކަކަށް މަޑުޖައްސާލަންޖެހޭ މަޑުޖައްސާލުމެއްގައި ނޫނިއްޔަކާއެއް އަޅުގަނޑުމެންނެއް މަޑެއްނުކުރާނަން.

މޫސާ ވަސީމް ޓީވީ މޯލްޑިވްސް

ޝުކުރިއްޔާ އިނގޭތޯ! އަޅުގަނޑުގެ ސުވާލަކީ ދެންމެ ތިޔަ ވިދާޅުވި ގޮތަށް 15 އެމް.އޯ.ޔޫ.އެއްގައި ސޮއިކުރައްވައި އެކަމާބެހޭ ޢަމަލީ މަސައްކަތްތައްވެސް މާދަމާ ފަށްޓަވާނެ ކަމަށް ތިޔަވިދާޅުވަނީ. އަޅުގަނޑުގެ ސުވާލަކީ، މީގެތެރޭގައި އެބަ ހިމެނެއޭ އަމިއްލަ ކުންފުނިތައް އިންޑިޔާގެވެސް. ކިހިނެއްތޯ ސަރުކާރުން މިވަގުތު ރާއްވަވާފައިއޮތީ، މިކަންތައްތައް ކުރިއަށްދޭތޯ ބެއްލެވުމާއި އަދި މީގެއިތުރުން، މިކަންތައްތަކަށް މިފައިސާ ހޯދުމާ މިކަންތައްތަކާ ގުޅޭގޮތުން ކުރިއަށް ގެންދަވާ މަސައްކަތްތައް ސަރުކާރުން ބެއްލެވުމާއި އަދި އެމަސައްކަތްތައް ދާ ސްޕީޑް ބެއްލެވުމާ މިކަންތައްތައް ރާއްވަވާފައިއޮތީ ކިހިނެއްކަން ވިދާޅުވެދެއްވަފާންނަތޯ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު

މިހާރު މީގެ ހުރިހާ ކަމެއްގެވެސް މޮނިޓަރިންގ އެންޑް އިވެލުއޭޝަން، ކަންކަން ބަލަމުންގެންދާނީ ސަރުކާރުން. ސަރުކާރުން މިއުފައްދަނީ ޔުޓިލިޓީޒް ކުންފުނި. ސަރުކާރު ޙިއްޞާވާ ކުންފުނިތަކެއް. އުފައްދާފައި ބޭރުގެ ކުންފުނިތަކުގައި އަޅުގަނޑުމެން މިއެދެނީ، މިކުންފުނިތަކުގައި ޙިއްޞާވެގެން ޖޮއިންޓް ވެންޗަރ ޕާޓްނަރުންގެ ގޮތުގައި ޙިއްޞާދާރުންގެ ގޮތުގައި ބައިވެރިންގެ ގޮތުގައި ބައިވެރިވެގެން އެމަސައްކަތް މިރާއްޖޭގައި ކުރިއަށް ގެންގޮސް އެކަމުގެ ވިޔަފާރީގައި ބައިވެރިވާން އެދޭ ފަރާތްތައް އަޅުގަނޑުމެން މިހޯދަނީ. މިހާރު އެހެން ހޯދީމާ މިސާލަކަށް ޓާޓާ ބޭފުޅުން ވަޑައިގަންނަވަނީ، ދެން އެހެންނޫނިއްޔާ އެހެން ބޮޑެތި ކުންފުނިތަކުން އިންޑިޔާއިން އައިސް މިކަންކަމުގައި މިބައިވެރިވަނީ. ދެން ބައިވެރިވެގެން ފައިސާ ގެންނަވާނީ އެބޭފުޅުން. އަޅުގަނޑުމެން ދިވެހި ސަރުކާރަކުން މިއަކަށް ފައިސާއެއް ޚަރަދެއް ނުކުރާނެ. އަޅުގަނޑުމެން މިހުޅުވާލަނީ ދިވެހިރާއްޖޭގެ ވިޔަފާރި އެބޭފުޅުންނަށް ކުރެއްވޭގޮތަށް. ހުޅުވާލާފައި ސަރުކާރުގެ ޙިއްޞާއާއެކީ، ބިމާއި އޭގެ ވިޔަފާރިއާ. ވިޔަފާރި މިދެނީ ސަރުކާރުން. އެކަން ހަނދުމަފުޅުނައްތާ ނުލައްވާތި. ޙަޤީޤަތުގައި އެންމެ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ، ވިޔަފާރީގެ ގޮތުގައި މިކިޔަނީ ހަމައެކަނި ކެޕިޓަލެއްނޫން. ރުފިޔާއެއްނޫން. އަޅުގަނޑުމެން ވަރަށްބޮޑަށް ބަލަންޖެހޭނެ، ލޭންޑް ލޭބަރ އޮންޓަރޕްރިނިއަރޝިޕް. އަޅުގަނޑުމެން ބޭރުން މިގެނައީ މިފަހަރު ދެބައިވެރިން. އެއީ، އޮންޓަރޕްރިނިއަރޝިޕް، ވިޔަފާރި ކުރުމުގެ ހުނަރާއި ކެޕިޓަލްއާއި ރުފިޔާއާ. ދެން އަޅުގަނޑުމެން ދިވެހި ސަރުކާރުން އަދި ދިވެހި ދައުލަތުން މިފޯރުކޮށްދެނީ މަސައްކަތްކުރާނެ މީހުންނާއި ބޭފުޅުންނަށް ލިބޭނެ ވަޒީފާތަކާއި ދެން ލޭންޑް ބިމާ. އެހެންވީމާ، އަޅުގަނޑު މިދެކެނީ ހަމަ ވަރަށް އާދައިގެ އިޤްތިޞާދީ ޓެކްސްޓް ފޮތެއްގައި ބުނާ ފަދައިން ލޭންޑް ލޭބަރ ކެޕިޓަލް އޮންޓަރޕްރިނިއަރޝިޕް އެކުވީމާ ޕްރޮޑަކްޝަނެއް ނުކުންނާނެ.

ޢަލީސަޢީދު ސަންދާނުން

ރައީސްގެ ވާހަކަފުޅުގައި އިޓަލީއަށް ވަރަށް އަވަހަށް ދަތުރެއް ކުރައްވާކަމަށް ވިދާޅުވި. އަޅުގަނޑު ދަންނަވަން މިއުޅޭ ވާހަކައަކީ، އިޓަލީގެ ވިޔަފާރިވެރިޔަކު މީގެ ދެއަހަރެއްހާ ދުވަސް ވަންދެން މަސައްކަތް ކުރައްވައިފި ޅ. އަތޮޅުގައި ލޮލުގެ އޮޕަރޭޝަން ކުރެވޭނެ ސިސްޓަމެއް ޤާއިމު ކުރައްވަން އިނގޭތޯ. އަޅުގަނޑަށް ޚަބަރު ލިބިފައިވާ ގޮތުން މިހާރު އޭގެ ބައެއް ސާމާނު މިކޮޅަށް އަތުވެއްޖެ. ކުރީގެ ސަރުކާރުގެ ފިއްތުންތައް ހުރިގޮތުން އޭނާއަށް އެކަން ނުކުރެވިފައި އޮތީ. އެހެންވީމާ، މިކަމާ ގުޅޭގޮތުން މަނިކުފާނަށް ކިހާވަރަކަށްތޯ މަޢްލޫމާތު ލިބިވަޑައިގެންފައިއޮތީ؟ އެއެއް ސާފުކޮށްލަދެއްވުމަށް.

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު

އަޅުގަނޑު މީގެ ދެހަފްތާއެއް ތިންހަފްތާއެއް ފަހުން، އަޅުގަނޑު އިޓަލީއަށް މިދާ އެންމެބޮޑު ސަބަބަކީ ޓޫރިޒަމް މިހާރު މިއަންނަނީ ވަރަށްބޮޑު ހީނަރު ކަމެއްގެ ތެރެއަށް. ޚާއްޞަކޮށް އަޅުގަނޑުމެން މިލަފާ މިކުރަނީ ޖޫން ޖުލައިގައި ޓޫރިޒަމަށް ވަރަށްބޮޑު ހީނަރުކަމެއް އަތުވެދާނެ ކަމަށް. އިޓަލީ މާކެޓް ނުވަތަ އިޓަލީން ރާއްޖެއަށް އަންނަމުން އައި ޓޫރިސްޓުން ޒަމާނުއްސުރެ ފަށައިގެން އަންނަމުން އައީ ކްލަބްތަކެއްގެ ގޮތުގައި. ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ވެކެންޒީ، ވަލްތޫރާ މިއިން ހުރި ޓުއަރ އޮޕަރޭޓަރުންތަކެއް އާދޭ، ކްލަބް ގޮތުގައި ހިނގަމުން އައި. އެބޭފުޅުން ވިއްކަމުން އައީކީއެއް އެހާބޮޑު އަގެއްގައެއް ނޫން. އެބޭފުޅުންނަށް ހެޔޮއަގުގައި ވިއްކުނީ އެހާ ބޮޑެތި ކުލިތައް ނެތުނީމާ. އެހެޔޮ އަގުގައި ވިއްކީމާ އައި މީހުން ވަރަށްގިނަ.

އެނގިވަޑައިގަންނަވާނެ އިޓަލީގެ ޓޫރިސްޓް އެރައިވަލްސް 1994އާ 2004އާ ދެމެދުގެ 10 އަހަރުގައި ރަނގަޅު ވިހި ޕަސެންޓޭ އަޅުގަނޑު ހަނދާންވަނީ. މުޅިއަކުން ޔަޤީނެއް ނޫން. ވިހި ޕަސެންޓަށް އެބަ ދަށަށްދޭ، އެމީހުން އަންނަ މިންވަރު. ދެން އޭގެ ބަދަލުގައި މިވާ ގޮތަކީ، އަގު މައްޗަށް ޖައްސަނީ. ޖެއްސީމާ، ސަރުކާރަށް ލިބޭ އެއްޗެއް އޮވެދާނެ. ދެން އަޅުގަނޑުމެން މިއަޅުވަނީ ރެންޓް، ކުލި މައްޗަށް ދިޔައިމާ ލިބުނު އަދަދާ، މީހުން މަދުވީމާ ގެއްލުންވީ އަދަދާ މިއިން ކޮންގޮތެއްގައިތޯ ސަރުކާރަށް ކުރިއެރުމެއް ލިބޭނީ. ސަރުކާރަށް ގެއްލުން ވެފައިއޮތީ. ހަމަ ކަނޑައެޅިގެން ގެއްލުން. އެހެންވީމާ، އަޅުގަނޑުމެންގެ މިހާރުގެ އަމާޒަކީ، އިޓަލީން އިރާދަކުރެއްވިއްޔާ ޖޫން ޖުލައިގައި މިދިޔަ އަހަރާ އަޅާ ބަލާފައި 5000 އިތުރު ޓޫރިސްޓުން ހޯދުން. އެކަމަށް އަޅުގަނޑު މިދަނީ. ފުރަތަމަ އަމާޒަކީ އެއީ.

ދެން އިރާދަކުރައްވައިގެން އަޅުގަނޑު އިޓަލީގެ އެމްބެސެޑަރާވެސް ވާހަކަ ދައްކައިފިން. އިޓަލީގެ ޓްރޭޑް މިނިސްޓަރާވެސް އަޅުގަނޑުމެން ވާހަކަދައްކަމުން މިދަނީ. އަޅުގަނޑުމެންނަށް މިލާން ފެއަރ ހުޅުވުމާއި އަދި އެފެއަރއަކީ މިފަހަރު އިރާދަކުރެއްވިއްޔާ ދިވެހިރާއްޖޭގެ ފެއަރއަކަށް އަޅުގަނޑުމެން ހަދާނަން. އެތަނުގައި އަޅުގަނޑުމެންގެ ސްޓޯލް ބޮޑުވެސްވާނެ. އަޅުގަނޑުމެންގެ ޙަރަކާތްވެސް ގިނަވާނެ. އަޅުގަނޑުމެންގެ ކަންތައްތައްވެސް އިތުރުވާނެ. ދެން މީގެ އެންމެބޮޑު ރަނގަޅަކީ މިކަމަށް އަޅުގަނޑުމެންގެ އަތަކުން އިރާދަކުރައްވައިގެން ފައިސާ ޚަރަދުކުރާކަށް ނުޖެހޭ. އެފައިސާ އިޓަލީ ސަރުކާރުން އެބަ ދެއްވާ.

ދެން ތިޔަވިދާޅުވި މިސާލަކަށް އިންވެސްޓްމަންޓްގެ ވާހަކަ. އަޅުގަނޑު އޮންނާނީ އަހާފައި އިޓަލީ ސަރުކާރުން ދިވެހިރާއްޖެއާ ދެމެދުގައި އެއްބަސްވެ ކަންތައްތައް ކުރަން އުޅުނު ދަރަޖަ މިދިޔަ އަހަރުތަކުގައި. ހަމަ ފަރުވާކުޑަ ކަމުންނާއި ކޮރަޕްޝަންގެ ކަންތައްތައް ބޮޑުކަމުން. ޚާއްޞަކޮށް ކޮރަޕްޝަންގެ ކަންތައްތައް ބޮޑުކަމުން އިޓަލީ ސަރުކާރަށް ހަމަ އެއް ގޮތަކަށް ކުރިއަށްގެންދެވިފައި ނެތީ. އޭގެތެރޭގައި، އިޓަލީ ސަރުކާރުން ޔުނިވަރސިޓީއެއް ހަދަން އުޅުން. އަދި ތިޔަ ވިދާޅުވާ ބާވަތުގެ ކިތަންމެ ކަމެއް އެސަރުކާރުންވެސް މިތަނުގައި އެބޭފުޅުންގެ ވިޔަފާރިވެރިންނާއެކީގައި ކުރެވޭތޯ މަސައްކަތް ކުރެއްވި.

ޔޫރަޕްގަޔާއި އަދި ބައިނަލްއަޤްވާމީ ދުނިޔޭގެ ވިޔަފާރިތަކުން ކޮރަޕްޝަން ފެންނާން ފެށީމާ ވަރަށް އަވަހަށް ދުރަށްޖެހޭނެ. ސަރުކާރުގެ އޮފީހެއްގައި ހުންނަވާ މިނިސްޓަރަކު ނުވަތަ އެންމެ މަތީ މަގާމުގައި ތިއްބަވާ ބޭފުޅުން އެއީ ރިޝްވަތު ނަންގަވާ، ނާޖާއިޒު ފައިދާ ނަންގަވާ ބައެއްގެ ގޮތުގައި ފާހަގަވީމާ، ދެނެއް އެތަނަކަށް ވިޔަފާރިއެއް ނާންނާނެ. އެތަނަކަށް އަންނާނީ ފަސާދަ. އިރާދަކުރެއްވިއްޔާ މިސަރުކާރަށް އެހެނެއް ވެގެނެއް ނުދާނެ. އަޅުގަނޑުމެން ސާފު ގޮތުގައި މިވިޔަފާރި ދިވެހި ރައްޔިތުންނަށް ކޮށްދީ، ރައްޔިތުންނަށް މީގެ މަންފާއާއި ފައިދާ ހޯދައިދޭނަން.

ޝައުފާ ޙުސައިން ދިވެހިރާއްޖޭގެ އަޑު

އެމް.އޯ.ޔޫ. އެއްގައި ސޮއި ކުރެވިފަ އެބައޮތް ހިއުމަނިޓީޒް މާއްދާއެއް ކިޔަވައިދޭ ޔުނިވަރސިޓީއެއް ޤާއިމުކުރުމާ ބެހޭގޮތުން. މިޔުނިވަރސިޓި ހަމަ މާލޭގައިތޯއޭ ނޫނީ އެއްވެސް ޕްރޮވިންސަކަށް ދާނެތޯ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު

އިރާދަކުރެއްވިއްޔާ އަޅުގަނޑު މިއުންމީދު ކުރަނީ އަޅުގަނޑުމެންގެ ތަރައްޤީގެ ތަޞައްވުރު އަޅުގަނޑުމެންގެ މަންޒަރު، އަތޮޅުތައް ތަރައްޤީވީމައޭ ދެން މާލެ ތަރައްޤީވާނީ. އަތޮޅުތައް ތަރައްޤީވެގެން ނޫނިއްޔަކާއެއް މާލެއަށް ލުޔެއްވެސް ލިބޭކަށެއްނެތޭ. އެހެންވީމާ، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އެހިއުމަނިޓީޒް ޔުނިވަރސިޓީ އެކަށީގެންވާ ރަނގަޅު ތަނެއްގައި، ޖާގައޮތް ތަނެއްގައި އަޅުގަނޑުމެން ހަދާނަން. ކޮންމެހެން މާލެއަކަށެއް ނޫން އަޅުގަނޑުމެން އެކަން ބަލާނީ. އެ ޔުނިވަރސިޓީގައި އިރާދަކުރެއްވިއްޔާ ޕޮލިޓިކަލް ސައިންސާއި ހިސްޓްރީއާއި އިކޮނޮމިކްސްއާއި ލޯއާއި އާކިއޮލޮޖީއާއި އެޕިގްރަފީއާއި، ލެންގުއޭޖާ ސައިކޮލޮޖީއާ މިބާވަތުގެ ސިކުނޑި ހުޅުވާލާ މާއްދާތައް އަޅުގަނޑުމެން ދަރިވަރުންނަށް ކިޔވައިދޭނަން.

ރާއްޖޭގައި ތިބި ހިސްޓްރީ ޑިގްރީ މީހުންގެ އަދަދު އިހަކަށްދުވަހު އަޅުގަނޑު ހޯދީ ބައްދަލުކޮށްލަންވެގެން. އަޅުގަނޑު ހަމަ އަދިވެސް މިހުންނަނީ ދެރަވެގެން ހަދާނެގޮތެއް ނެތިފައި. ހަބޭފުޅުން މުޅިޖުމްލަ، "ތާރީޚް" ކިޔަވާވިދާޅުވެގެން ތިއްބެވީ. ކިހިނެއްތޯ ނޫސްވެރިކަމެއްވެސް ހިނގާނީ. ސިކުނޑި ހުޅުވިފައި ނެތީހެއް. ކިހިނެއްތޯ އަޅުގަނޑުމެންނަށް އޭގެ އެއްވެސް ކަމެއް ހިންގޭނީ ވިސްނުމުގެ ހަމަ ރޮނގެއް ދަސްވެފައި ނެތިއްޔާ. ވިސްނުމުގެ ތަރުތީބެއް ދަސްވެފައި ނެތީވިއްޔާ. ދެން މިކިޔަވާ އެހެން މާއްދާތައް، މިސާލަކަށް ހިސާބު ކިޔެވުމުގައި. ހިސާބުގައިވެސް އަޅުގަނޑުމެންނަށް ފަލްސަފާއެއް ފިލާފައެއް ނުހުރޭ. ވިސްނުމުގެ ތަރުތީބެއް ނޭނގުނީމާ ނެތުނީމާ، ހަމަ ވިސްނުން ގެންނަން ނޭނގެނީ. އެހެންވީމާ، މިވާގޮތަކީ، އަންޑަރ އެސްޓިމޭޓްވެސް ކުރެވެނީ. ދެންވާނެ ގޮތްވެސް ނޭނގެނީ. އެހެންވީމާ، އިރާދަކުރެއްވައިގެން އަޅުގަނޑުމެން ބައެއް ފަހަރަށް ތަންކޮޅެއް ފަޚުރުވެރިކަމާއެކީގައި އެބަ ބުނެލަން، އަޅުގަނޑުމެންނަކީ ހަކުޅި ކުރިއަށް ވިސްނާފައި ހިންގާ ބައެކޭ. އެހެންވީމާ، އަޅުގަނޑުމެން އަރާނެ ގެ ހުހެއް ނުވާނެ. އަޅުގަނޑުމެންނެއް ސައެއް ނުވާނެ.

ދި ޓީވީން ނާޒިމާ

އިންޑިޔާގެ ވިޔަފާރިވެރިންގެ ވަފްދުން ރާއްޖޭގައި ވަކިދާއިރާއަކަށް ޝައުޤުވެރިކަން ފާޅުކޮށްފައިވޭތޯއޭ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު

ތިޔަހެން އެއްސެވީމަ 15 ދާއިރާއެއް މިފަހަރު އަޅުގަނޑުމެންނަށް މިފާހަގަވީ. ދެން އޭގެ ތެރޭގައި އައި.ޓީ. އެބަފެނޭ. ޓްރޭނިންގ، ހިއުމަނިޓީޒް ޓްރޭނިންގ އެބަފެނޭ. މަގު އެބަފެނޭ. ގެ އެބަފެނޭ. ހޮސްޕިޓާ އެބަފެނޭ. ގުދަން އަޅަންވެސް އެބަބޭނުންވޭ. ހިލަވެލި ވިއްކަންވެސް ބައެއް ބޭފުޅުން ބޭނުންވޭ. މިހެންގޮސް އެކިބާވަތްބާވަތުގެ ކަންތައް. އެއްބޭފުޅަކު ވަރަށް ޝައުޤުވެރިކަމާއެކީގައި ޕިއްޒާ ލައިނެއްގެ ވާހަކަ ދެއްކެވި. ޑޮމިނޯ ޕިއްޒާގެ އޯނަރު އޭގެ އެންމެބޮޑުމީހާ އެބޭފުޅާ ވަޑައިގެންނެވި. އެބޭފުޅާ އިއްޔެ އަޅުގަނޑު ކައިރީ އެއްސެވި މިރަށުން ކިހާވަރަކަށްހޭ ޕިއްޒާއެއް. ދެން މިވާ ގޮތަކީ، ފަސްދޮޅަސް ރުފިޔާއަށް ހޮނިހިރު ދުވަހު އަޅުގަނޑުގެ ކުދިންނަށް ގަނެދިނީ. ގަންނަންވެގެން އަޅުގަނޑު ހަވީރު ހަތަރުގަޑި ބައިގައި ފޯނު ނުކުރިއްޔާ އެރޭ ހަތްގަޑިބައި އަށެއްގެ ކުރިއަކުން އެޕިއްޒާއެއް ނުލިބޭނެ. ދެން އަޅުގަނޑު ކޮންމެ ގޮތެއްގައިވެސް ބަލަން ހަފްތާއަކު އެއްފަހަރު މިކަން ކޮށްދެވޭތޯ. އެހެންވީމާ، އަޅުގަނޑު އެންގޭޖްވެފައި އެބައިނދޭ ހަތަރެއް ޖެހީއްސުރެ ފަށައިގެންގޮސް ހަތެއް ޖަހަންދެން މިޕިއްޒާއެއްގެ މައްސަލައިގައި. ދެން ކިހާވަރަކަށްތޯ. ފަސްދޮޅަސް ރުފިޔާއަށޭ. ފަސްޑޮލަރަށޭ. އިންޑިޔާގައި އެބޭފުޅާ އެޕިއްޒާ އެވިއްކަނީ ހަށްޑިހަ ސެންޓަށް. އަޅުގަނޑުމެން މިވިއްކަނީ ފަސްޑޮލަރަށް. އެއްސެވީ ކޮންދާއިރާއަކަށް ހެއްޔޭ އެބޭފުޅުންގެ ޝައުޤުވެރިކަން ހުރީ. ހަމަ ޕިއްޒާ އެކަންޏެއް ނޫން އިނގޭތޯ، އެއަރޕޯޓާއި، ބަނދަރާއި، މަގާއި، މަސްވެރިކަމާއި، ދަނޑުވެރިކަމާއި، ޔުޓިލިޓީޒް، އެކިއެކި ނަރުދަމާއާ، ފެނާއި، ކަރަންޓާ މިބާވަތުގެ އެތައްކަމެއް އެބަހިމެނޭ.

ހަވީރުން އަޙްމަދު ސަޢީދު

ދެސުވާލެއް އެބައޮތް އިނގޭތޯ. ފުރަތަމ ސުވާލަކީ ތިޔަބޭފުޅުން އެމް.އޯ.ޔޫތައް ޤާއިމުކުރެއްވިއިރުގައި ސަރުކާރުގެ ވިސްނުން އެންމެބޮޑަށް ދެއްވާފައިވަނީ ކޮންކޮން ކަންތައްތަކަކަށްތޯ؟ މިއާ ގުޅޭގޮތުން މިކަހަލަ އިޤްތިޞާދީ ދަތި ދުވަސްވަރެއްގައި، މުޅި ދުނިޔޭގެ އިޤްތިޞާދަށްވެސް ދަތި ދުވަސްވަރެއްގައި އިންވެސްޓަރުންގެ ޔަޤީންކަން ރާއްޖޭގައި އިންވެސްޓް ކުރުމަށް މިލިބެނީ ކޮން ސަބަބަކާހުރެތޯ؟

އަނެއް ސުވާލަކީ، ޔުޓިލިޓީޒް ކުންފުނިތަކުގެ ވާހަކައަށް ރައީސްވެސް ދެންމެ އިޝާރާތް ކުރައްވައިފި. އެކަން ކުރުމަށް ރާވާފައިވާ ގޮތުގެ ކޮންސެޕްޓެއް އަޅުގަނޑަކަށް އެހާ ބޮޑަކަށް ނުވިސްނޭ. އެއީ، ސަބްސިޑައިޒްކުރާ ގޮތަށް އެހެން ވިޔަފާރިއެއް ކުރުމަށް ދޫކޮށްގެން އެކަން ކުރަނީތޯ ނޫނީ އެއާގުޅޭގޮތުން އަހާލަން ބޭނުންވަނީ ސަރުކާރުގެ ޙިއްޞާވާ ގޮތަކަށް، ވިޔަފާރިތައް ބައްޓަންވަމުންދާތަން އަޅުގަނޑަށް ބޮޑަށް ސިފަކުރެވެނީ. އެހެންނަމަވެސް، އެމް.ޑީ.ޕީ.ގެ މެނިފެސްޓޯގައި ވިޔަފާރިތަކުން އަތްދޫކޮށްލުން އެބައޮތް. އެހެންވީމާ، އެސިޔާސަތާ އެއްގޮތަށްތޯ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު

ފުރަތަމަ ސުވާލު އަނެއްކާ ހަނދާން ކޮށްދެއްވިދާނެތޯ؟

ހަވީރުން އަޙްމަދު ސަޢީދު

އެމް.އޯ.ޔޫ.ތަކުގައި ސަމާލުކަން ދެންވީ ކޮންކަންކަމަކަށްތޯ؟ ދެން އެއިންވެސްޓަރުންގެ ކޮންފިޑެންސް ލިބެނީ ކޮންކަމަކާ ގުޅިގެންތޯ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު

އާދެ! އެނގިއްޖެ އިނގޭތޯ. އެމް.އޯ.ޔޫ.ތަކުގައި އަޅުގަނޑުމެން އެންމެބޮޑު ސަމާލުކަމެއް ދިނީ އަޅުގަނޑުމެންގެ ވަޢުދުތައް ފުއްދުމަށް. އެއީ، އަތްފޯރާފަށުގައި ބޯހިޔާވަހިކަން ހޯދައިދިނުން. ބޭސްފަރުވާއަށް ސަލާން ޖަހަން ނުޖެހުން. ޑްރަގްގެ ޝިކާރައަކަށްވެ، ޒުވާން ޖީލު ގެއްލުނަ ނުދިނުން. ތަކެތީގެ އަގު ހެޔޮކުރުން. ދަތުރުފަތުރުކުރުމުގެ ނިޒާމަކުން ރާއްޖެ ގުޅާލުން. އަޅުގަނޑުމެންގެ މައިގަނޑު އެންމެބޮޑު އަމާޒަކީ އެއީ. ވެފައި އޮތް ވަޢުދުތައް ފުއްދައިދިނުން. އެހެންވީމާ، އެކަމަށް އަޅުގަނޑުމެން ވަރަށްބޮޑަށް ބެލިން. ކޮންސަބަބަކަށްތޯ. ޑިމޮކްރަސީއަށްޓަކައި. އަދި ކިރިޔާ މިރާއްޖޭގައި އެބޭފުޅުންގެ ވިސްނުމުގައި މިއުފެދުނީ ސަރުކާރެއް. އެހެންނޫނިއްޔާ މީގެކުރީގައި އޮތީ ދެން އެހެން އުޅޭ ޢާއިލާއެއްގެ ބޭފުޅުންކޮޅެއް. އެނގިވަޑައިގަންނަވާނެ ކުރީ ސަރުކާރު ބައްލަވާލެއްވީމާވެސް އެކިއެކި ވަޒީރުންނާއި ރައީސުލްޖުމްހޫރިއްޔާއާއި މިހެންގޮސް ޢާއިލާއަކާއި ދެން ވަރަށް ގާތްކުދިންކޮޅަކާ އުޅުއްވީ. އެކުއެކުގައި ތަޢްލީމީ ދައުރުގައި ކިޔަވަން އުޅުއްވި ދެތިން ބޭފުޅަކާ. ދެން އެއީވެސް ބޭރުގައި ތިއްބެވި ބޭފުޅުން، ތަޢްލީމީ ދައުރުގައި އުޅުއްވި ބޭފުޅުންވެސް މިއީ. ޚާއްޞަކޮށް ދެފަރާތު ޢާއިލާއިން މިކަން ކުރަމުން ގެންދިޔައީމާ އެއީކީއެއް ވިޔަފާރީގައި ބަޔަކު މީހުންގެ މައްޗަށް އިތުބާރު އުފެދޭ ކަމެއްނޫން.

މި ރާއްޖެއަށް އަޅުގަނޑުމެންނަށް ޑިމޮކްރަސީ ތަޢާރުފް ކުރެވިއްޖެ. އަދި އިންޑިޔާ މީހުން ބަލަން ތިބީ. މިއޮއްހާ ދުވަހުވެސް ބަލަން ތިބީ. މިދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި އަޅުގަނޑު އިންޑިޔާއަށް ވަރަށްގިނަ ދަތުރު ކޮށްފިން. އިންޑިޔަން އިންޑަސްޓްރީޒްއާ އަޅުގަނޑު ތަކުރާރުކޮށް ވާހަކަދައްކަމުން އައީ. އެމީހުން ހަމަ ވަރަށް ގާތުން ކަންތައްތައް ހިނގަމުން އައިގޮތް ބަލަމުން އައީ. ދެން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް މިކަމުގެ ކާމިޔާބީއެއް ލިބޭނެ. އަޅުގަނޑު ދަންނަވަން ޖެހޭނީ އަޅުގަނޑާއެކީ ޒަކީ ވަރަށް ބޮޑަށް މިކަމުގައި އެހީތެރިވެވަޑައިގެންނެވި ފެށުނީއްސުރެ ފަށައިގެންވެސް އަޅުގަނޑުމެންނަށް އިންޑިޔާއާ ވާހަކަދައްކަމުން އަންނާތީވެ.

އޭރުގައި ވެރިކަމުގައި ތިއްބެވި ބޭފުޅުން ދެން ތިއްބެވީ ވަރަށް ކިބުރުވެރި ގޮތަކަށް. ތިމަންނާމެންނަށް އެއްވެސް ބަޔަކާ ގާތެއް ނުކުރެވޭނެއޭ. ތިމަންނާމެންނޭ އަބަދުވެސް މިތަނުގައި ތިބެންޖެހޭނީ. އެބާވަތުގެ ވިސްނުމެއްގައި އެބޭފުޅުން ތިއްބެވީ. ދެން އެހެންވީމާ، އެބޭފުޅުންނަށް ވަރަށް ދަތިވި މިއިން އެއްވެސް ކަމެއް ގެންނަން. ދެން އެންމެބޮޑު އެއް ސަބަބަކީ، އެބޭފުޅުންގެ ވިސްނުމުގެ ތިލަކަން. ހަމަ އެއްގޮތަކަށް ނޭނގުނު ވާއެއް ނުވާއެއް. އަދި އިޤްތިޞާދީ ކަންކަން އަމުދުން. ސަރުކާރުގެ މަތީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށް ހަމަ ކުރީގައި ތިޔަބޭފުޅުން ބައްލަވާލައްވައިފިއްޔާ މިސާލަކަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީސް. ހަމަ އެއްގޮތަކަށް ނޭނގެ. އަޅުގަނޑުމެން މިއޮފީސް ހިންގުމާ ހަވާލުވިއިރުގައި މިތާ ޕީ.އެޗް.ޑީ ނަންގަވައިގެން ތިއްބެވި ބޭފުޅުންތައް އެބޭފުޅުން ތިއްބަވަނީ ބައެއް ބާވަތުގެ ސެކްރެޓަރީންގެ ގޮތުގައި. މިސާލަކަށް ޙުނައިފް މިހާރު އެހުންނަވަނީ އުތުރުގައި ހުންނަ ޕްރޮވިންސްގެ ސްޓޭޓް މިނިސްޓަރަކަށް. ޑޮކްޓަރ ފަތުޙީ، ޢިޞާމް. މިހާރު އަޅުގަނޑުމެން އެބޭފުޅުންގެ ބޭނުން ހިފަން ފަށައިފިން. އަޅުގަނޑުމެންނަށް އެނގޭ އެބޭފުޅުންގެ ބޭނުން ހިފަން.

އަނެއްކަމަކީ ރާއްޖޭގައި ހުރި ވަސީލަތްތައް، ޚާއްޞަކޮށް ހިއުމަން ރިސޯސަސް، ޚާއްޞަކޮށް އިންސާނާ. ދިވެހި ފަރުދުންގެ ބޭނުން ނުހިފިކަން. އަޅުގަނޑުމެން މިހާރު ދިވެހި ފަރުދުންގެ ބޭނުން ހިފަން. ދެން މިކަންކަން މިހެން ހުއްޓާ ދިވެހިރާއްޖެއަށް މިއޮތީ ވަރަށްބޮޑު ފުރުސަތެއް ލިބިފައި. އެއީ، އަބަދުވެސް ހުރިހާ ބޭފުޅުން ނޫހެއްގައި، ރޭޑިޔޯއެއްގައި، ޓީވީއެއްގައި ހަމަ ދައްކާ ވާހަކައެއް ތަކުރާރުކުރާނީ. ދެން މިހާރަކަށްއައިސް، ސީ.އެން.އެން. އާއި ބީ.ބީ.ސީ. ފެންނާތީ އަދި ތަކުރާރު ކުރަންޖެހޭ ވާހަކަތައް ވަރަށްގިނަ. ކްރެޑިޓް ކްރަންޗް. ދެން މިވާހަކަ ވަރަށްބޮޑަށް އަންނާނެ.

ކްރެޑިޓް ކްރަންޗްގެ ވާހަކަ އެނގިވަޑައިގަންނަވާނެތޯ. އޭގައިވާ ގޮތަކީ ކްރަންޗްވަނީ ދިވެހިރާއްޖޭގެ ސައިޒަށް އެއްކަލަ އެއްމިލިއަން މީހުންގެ އިލެކްޓްރިކް ގްރިޑް މިހާރު ފީޒިބަލެއް ނޫން. ވަނީ ފަންސާސްހާސް، ތިރީސްހާސް މީހުންގެ ގްރިޑް. އެއީ، އަޅުގަނޑުމެންގެ ޕްރޮވިންސެއްގެ ސައިޒް. އަޅުގަނޑުމެންނަށް އެނގޭ، އީސްޓަން ޔޫރަޕް ހަލާކުވިފަހުން ތިޔަ ވިދާޅުވާ އިކޮނޮމީޒް އޮފް ސްކޭލް އެއްތަނަކަށް ތޮއްޖައްސައިގެން ލޭންޑް މާސްއާއި، ކްރިޓިކަލް ޕޮޕިއުލޭޝަނެއް އުފައްދަން، ކްރިޓިކަލް މާސްއެއް އުފައްދަން އުޅުއްވި އުޅުއްވުން. ކުރީއްސުރެ ފަށައިގެން އެވިސްނުންތައްވެސް އިނގޭތޯ ހަމަ ބޯދައީއޭ އަޅުގަނޑު ދަންނަވާނީ. ފަށައިގަންނަންވެސް ބަލައިގަންނަންވެސް ނޭނގޭހާ ބޯދާ ވިސްނުންތަކަކާ އެކީގައި، ބަރުހެލި ސަރުކާރެއް އައިމާ އެއްގޮތަކަށްވެސް އެކަން ވާގޮތްނުވީ.

ޔުޓިލިޓީޒް ކުންފުނިތައް ރާވަނީ ކިހިނެއްތޯ، މިދަންނަވާ ގްރިޑް އެޅުނީމަ. މިސާލެއް އިނގޭތޯ މިއީ. މިސާލަކަށް ބައްލަވާ، އަޅުގަނޑުމެން ޓާޓާ ކުންފުންޏާއެކު ގްރިޑެއް އަޅަނީ. މިސާލެއް އިނގޭތޯ ހަމަ. ނޭކުރެންދޫ، ވައިކަރަދޫ، ކުމުންދޫ، ކުޅުދުއްފުށި، ނޮޅިވަރަމު، ނޮޅިވަރަންފަރު، ހަނިމާދޫ، ބާރަށް، ކެލާ. އެތަނުގައި އަޅުގަނޑުމެން މިއެޅީ މިސާލަކަށް ކަރަންޓު ނަރެއް، ކޭބަލެއް. ކޭބަލެއް އަޅާފައި އެމީހުން ކަރަންޓު ޖަނަރޭޓްކޮށްގެން ކަރަންޓު އެތަނަށް ވިއްކީ. ކާކުތޯ ބުނީ އެވިޔަފާރިން ފައިދާނުވާނެއޭ. ދެރުފިޔާ ބަޔަށް ޔުނިޓެއް ވިއްކައިގެން އެވިޔަފާރިން ފައިދާ ނުވާނެ ކަމަކަށް ނުދެކޭ. ދުނިޔެއިން މީހުން ދެކެނީ ވާނެ ކަމަށް. އަޅުގަނޑުމެންގެ ހިތްތަކުގައި އަބަދުވެސް ބިންވަޅު ނަންގުވާފައި މިއޮތީ، މިރާއްޖެއަކީ ޤުދްރަތީ ވަސީލަތްތައް މަދު، ނިކަމެތި، ފަޤީރު، ބިކަހާލުގައި ޖެހިފައި އޮތް، އިންޑިޔާ ކަނޑަށް އުކާލެވިފައި އޮތް ޖަޒީރާ ކުދިކުދި ވައްލަ ބިސް އަޅާ ރަށްތަކެއް ހުރި ޤައުމެކޭ. އެއީއެއްނޫން ޙަޤީޤަތަކީ. ޙަޤީޤަތަކީ މިއީ ރަންބިސްއަޅާ ކުކުޅުތަކެއް.

އެހެންވީމާ، އަޅުގަނޑުމެން އެބަޖެހޭ އަޅުގަނޑުމެން އަމިއްލައަށްވެސް މިވިސްނުމަށް މިބަދަލު ގެންނަން. ހަމަ ތަކުރާރުކޮށް ދަންނަވާނީ ވިސްނުމެއް އެއްގޮތަކަށްވެސް ނެތުނިއްޔޭ. ހަމަ އެއްގޮތަކަށްވެސް ތަނެއްދޮރެއް ނޭނގުނީޔޭ. ދެން އަޅުގަނޑު ބައެއް ފަހަރަށް އެކިގޮތްގޮތަށް މި ވާހަކަ ފާހަގަކުރެވޭތޯ ބަލަން. އަޅުގަނޑު ރައްޔިތުންގެ މަޖިލީހުގެ މާލޭ މެންބަރަކަށް އިނީއްސުރެ ފަށައިގެން އަޅުގަނޑަށް ވަރަށް ފާހަގަވަމުން އައީ، މިހުށަހަޅާ ބަޖެޓުތަކާ ގުޅޭގޮތުންވެސް ބަޖެޓު ހުށަހަޅާ ގޮތުންނާއި އަނެއްކާ ބަޖެޓް ހުށަހަޅާފައި އެދައްކަވާ ވާހަކަތަކުން. މިނޫނީ ޤައުމެއް ނޯންނާނެ އިނގޭތޯ ދައުލަތުގެ ބެލެންސް ޝީޓެއްނެތް. އަޅުގަނޑުމެންނަކަށް އެސެޓް ވެލިޔުއެއް މިރާއްޖެއަކު ނެތް. ކޮންސޮލިޑޭޓަޑް ބަޖެޓެއް ކޮންމެ އަހަރަކު އެބަފާސްކުރޭ ރައްޔިތުންގެ މަޖިލީހުން. އިޤްތިޞާދީގޮތުން ބަލާއިރުގައި އެއީ ބޭކާރު ކަމެއް، އިޤްތިޞާދީ ބޮޑު ޢިލްމަކަށް ބަލާއިރު. ދެން އަޅުގަނޑު އެދެން ހަމަ ބޭފުޅުން ތަންކޮޅެއް ލޯހުޅުވާލައި ކަންކަމުގެ މަޢްލޫމާތު ލިބިވަޑައިގެން ތިއްބަވަންޏާ ކަންކަން އޮޅުންފިލަމުންދާނެ. ދެން އަޅުގަނޑު ތިން ސުވާލަކަށް ޖަވާބު ދޭނަން.

އަޑުން ޝައުފާ ޙުސައިން

ދެންމެ ރައީސް ވިދާޅުވެއްޖެ އިންޑިޔާގެ އެޕޯލޯ ހޮސްޕިޓަލް ތްރޫކޮށް އައި.ޖީ.އެމް.އެޗް ތަރައްޤީކުރަން ޝައުޤުވެރިކަން ފާޅުކުރި ވާހަކަ. އެއީ، ހަމައެކަނި އައި.ޖީ.އެމް.އެޗް.ތޯ ނޫނީ، އުތުރާއި ދެކުނުގެ ހޮސްޕިޓަލްތައް ތަރައްޤީކުރުމަށް މިއޮތީ ފުރުސަތުތައް ހުޅުވާލާފައި.

ދެން އަނެއް ސުވާލަކީ ދަތުރުފަތުރުގެ ނިޒާމަކުން ރާއްޖެ ގުޅުވާލުން، ޝައުޤުވެރިކަން ހުރި ފަރާތްތަކަށް ފުރުސަތު ހުޅުވާލާފައި. އެކަމަށް އިންޑިޔާގެ އެއްވެސް ވިޔަފާރި ގްރޫޕަކުން ޝައުޤުވެރިކަން ފާޅުކޮށްފައިވޭތޯ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު

ހޮސްޕިޓާ ގްރޫޕްގެ ތިން ގްރޫޕް ޙަޤީޤަތުގައި އައިސް އެބައުޅޭ އިނގޭތޯ. އެތިން ގްރޫޕްވެސް އެބަ ބޭނުންވޭ ތިން ހޮސްޕިޓަލްވެސް. ދެން އަޅުގަނޑުމެންގެ ވާހަކައަކީ އެޓެންޑަރަށް ހުށަހަޅާށޭ. ސަރުކާރުން އެ ބަލަންވާ ގޮތްތަކަކަށް ބަލާފައި އެކަށީގެންވާ އެންމެ ރަނގަޅު ބަޔަކަށް އަޅުގަނޑުމެން އެތަންތަން ދޫކުރާނަމޭ. އޭގެ ތެރޭގައި އައި.ޖީ.އެމް.އެޗާއި ކުޅުދުއްފުށީ ހޮސްޕިޓަލާއި އަދި ދެކުނުގައި ހުރި ހޮސްޕިޓަލަކާ.
މިވަގުތު ދެން އަޅުގަނޑަށްވެސް އެނގޭ އައި.ޖީ.އެމް.އެޗް.ގެ ދަތިތައް ވަރަށްބޮޑުކަން އިނގޭތޯ. ހަމަ އަޅުގަނޑަށް ކޮންމެ ދުވަހަކު ތަކުރާރުކޮށް އިވެމުންދަނީ. އެކަމަކު އެއީ އަތްނުލެވޭ ދަރަޖައަށް ހަލާކުކޮށްފައި އޮތް ތަނެއް. ހޮސްޕިޓަލެއް ހިންގުމުގެ މާނައެއްގައި ކަމެއް ކޮށްފައި އޮތީކީއެއްނޫން. ސިޔާސީ ބޭނުންފުޅުތަކަށް އެތަނަށް ބޭފުޅުން ލައްވަވައި، އެއްބައި ބޭފުޅުން އެތަނުން ކަނޑުއްވައި، އަނެއް ބޭފުޅަކު އަނެއް މަގާމަކަށް ބަދަލުކުރުމާއި އަނެއް ބޭފުޅަކަށް އެވެނިގޮތެއް މިވެނި ގޮތެއް ހެދުމާ މިބާވަތުގެ ކަންތައްތަކެއްގައި ހަސްތާވެސް އުޅެފައި އޮތީ. އެހެންވީމާ، ހޮސްޕިޓަލެއްގެ ގޮތުގައި އެތަން މިހާރު ބަލައިގަންނަން އަޅުގަނޑުމެންނަށް ހަމަ ދަތިވެގެން މިއުޅެނީ. ވަރަށް އުނދަގޫވެގެން މިއުޅެނީ. އެކަމަކު އިރާދަކުރެއްވިއްޔާ ވީހާވެސް އަވަހެއް އަޅުގަނޑުމެން މިކުރަނީ. ހަމަ މުޅިން ބަދަލުކޮށްލަން. މުޅި މެނޭޖްމަންޓާ ހުރިހާ ކަމެއް އައި.ޖީ.އެމް.އެޗް.ގައި ބަދަލުވެގެންދާނެ، ކުރިއަށް މިއޮތް ދެތިން މަސްދުވަހުގެ ތެރޭގައި، އަލިފުން ޔާއަށް. އެއްގޮތަކަށްވެސް ތިޔަބޭފުޅުން ހިތްޕުޅަކަށް ނާރާނެ އަނެއް ދިވެހިރާއްޖެ ފެންނާނެ ކަމަކަށް. އެކަމު އިރާދަކުރެއްވިއްޔާ އަނެއް ދިވެހިރާއްޖެ ފެނިގެންދާނެ. އުތުރުންވެސް ފެނިގެންދާނެ. ދެކުނުންވެސް ފެނިގެންދާނެ. ހަތްޕްރޮވިންސުންވެސް ހަމަ ފެނިގެންދާނެ.

މޫސާ ވަސީމް ޓީވީ މޯލްޑިވްސް

ބައެއް ކަންތައް ފާހަގަކުރައްވައިފި 15 އެމް.އޯ.ޔޫ.ގެ ތެރޭގައި ބައެއް މަރުކަޒްތަކާއި ޔުނިވަރސިޓީތަކާ އެބަހުރި. ކިހާ އަވަސް މުސްތަޤްބަލެއްގައިތޯ މިކަންތައް ޤާއިމުކުރައްވާނެ ސަރަޙައްދުތަކާ ރަށްރަށާ ތަންތަނާ އެނގިގެންދާނީ. ނޫނީ މިހާރުން މިހާރަށް ދެއްވެން އޮތް ޖަވާބެއް ދެއްވައިފިއްޔާ ވަރަށް ރަނގަޅު. ކޮންކޮން ތަންތަނެއްތޯ މިހާރު ނިމިފައި ހުރީ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު

މިހާރު އަޅުގަނޑު އެބަ ރަށްރަށަށް ދަން އިނގޭތޯ. ހަމަ އިރާދަކުރެއްވިއްޔާ ކޮންމެ ހަފްތާއަކުވެސް އަޅުގަނޑު އަތޮޅެއްގައި ދެދުވަހު މަޑުކޮށްލަން އެބަ. ދެން އެ ދާއިރުގައި އަޅުގަނޑު މިދަނީ އަޅުގަނޑުމެންނަށް ފެންނަ ކަންކަން ހިފައިގެން. ދެވެން ހުރި ތަންތަނާއި ކުރެވެން ހުރި ކަންކަމާ އެކަންކަން ފާހަގަކޮށްގެން އަޅުގަނޑު މިދަނީ. އިތުރަށް ރަށް ކުރިއަރުވާ ކޮމިޓީތަކާ ކޮށްފައިހުރި މަޝްވަރާތަކާވެސްއެކުގައި. ހަމަ އަނެއްކާވެސް ދަންނަވާނީ، އަޅުގަނޑުމެންގެ ޕާޓީ ޑިމޮކްރެޓިކް އުޞޫލުގައި ހިނގަމުން އަންނަތާ 4 އަހަރު ވެއްޖެއޭ. އެތެރޭގައި ބާއްވަންޖެހޭ ވާރކްޝޮޕްތަކާއި، ޕާޓީ ތެރޭގައި ބާއްވަންޖެހޭ އިންތިޚާބުތަކާއި، ޕާޓީ ތެރޭގައި ކުރަންޖެހޭ މަޝްވަރާތައް، އަތޮޅުތަކުގެ ފެންވަރުގައި އަޅުގަނޑުމެންގެ ދާއިރާތަކުގެ ގޮތުގައި އަޅުގަނޑުމެން ފާހަގަކޮށްގެން އަޅުގަނޑުމެން އިންތިޚާބުތައް ބާއްވައިގެން، މި ދިވެހިންގެ އަޑުއެހުން ބޭނުންވަނީ ކޮންކަމެއްތޯ މިކަންކަމުގައި އަޅުގަނޑުމެންގެ މުޅި ތަޞައްވުރާ މިކަންކަމާއެކީގައި އަޅުގަނޑުމެންނަށް އެބަހުރި މަޢްލޫމާތުތަކެއް ލިބިފައި. އޭގެއަލީގައި އަޅުގަނޑުމެން މިހިރީ މިސާލަކަށް ފާހަގަކޮށްފައި. ކުރީދުވަހު އަޅުގަނޑުމެން މިސާލަކަށް އައި.ބީ.އަށާއި، އޭ. ލެވެލްއަށް އެންމެ ރަނގަޅަށް ހިސްޓްރީ ކިޔަވައިދޭ މަދަރުސާއެއް ތ.އަތޮޅު ދިޔަމިގިލީގައި އަޅުގަނޑުމެން ޤާއިމުކޮށްދޭނަމޭ. ތ އަތޮޅު ގުރައިދޫގައި ބޭންކެއް އަޅައިދޭނަމޭ. އެއީ އަޅުގަނޑުމެން އެތަނަށް ގޮސްފައި ބުނެލާ ވާހަކައެއްނޫން. ތިން އަހަރުވެއްޖެ ތ. އަތޮޅު ދިޔަމިގިއްޔަށް ނުވަތަ ތ އަތޮޅު ގުރައިދުއަށް ބޭންކެއް ގެނައުމަށް އަޅުގަނޑުމެން ވިސްނާތާ. އެއީ، އަޅުގަނޑުމެންނަށް އެބަ އެނގޭ ގުރައިދޫއަކީ މަސްހިއްކާ ކައްކާ ބައެއްކަމާ އެމީހުން މަސް އެކްސްޕޯޓްކުރާކަމާއި މިރުފިޔާ ބަދަލުކުރަން އެމީހުންނަށް ޖެހޭކަން. އެކަން ކުރަންޖެހެނީ ބޮޑަށް ވޭމަންޑޫގައި ނޫންކަން. ވޭމަންޑޫގައި ހުންނަ ބޭންކް ވޭމަންޑޫގައި ހުންނާނެ. ދެން ގުރައިދޫގައި އަޅުގަނޑުމެން ބޭންކެއް ހަދަންޖެހޭކަން. އަޅުގަނޑުމެންނަށް އެނގޭނެ މާދަމާ މިސާލަކަށް ވެލިދުއަށް އަޅުގަނޑުމެން ދާއިރުގައި ވެލިދުއަށް ސްލިޕްވޭއެއް ބޭނުންވާކަން. އެހެންވީމާ، ރަށްރަށުގައި އަޅުގަނޑު މިދަނީ ބުނަމުން އަޅުގަނޑުމެންނަށް ކޮށްދެވެން ހުރިކަންކަން.

މޫސާ ވަސީމް ޓީ.ވީ މޯލްޑިވްސް

އަޅުގަނޑު އަދި އެއްސުވާލު ދަންނަވާނަން އިނގޭތޯ. 15 އެމް.އޯ.ޔޫ.ގައި ސޮއިކުރެއްވިއިރުގައި އަޅުގަނޑު ހިތަށްއަރަނީ ކިހާ ކައިރި މުސްތަޤްބަލެއްގައިބާވައޭ މިކަންކަމާ ގުޅޭ އިތުރު މަޢްލޫމާތު ލިބޭނީ. ހަމައެއާއެކީގައި ސޮއިކުރެއްވި ދާއިރާތަކުންތޯ އެކަމާގުޅޭ މަޢްލޫމާތުތައް ފަތުރުއްވަމުން ގެންދަވާނީ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު

ސޮއިކުރެއްވި ދާއިރާތަކާ ކުންފުނިތަކާ ދެން ހަމަ ކޮންމެ ބޭފުޅެއްވެސް ރަނގަޅުވާނެ. ވަޙީދުވެސް ރަނގަޅުވާނެ. ޒަކީވެސް ރަނގަޅުވާނެ. މިތަނުން ބާރީއާ ޝުޢައިބުވެސް ރަނގަޅުވާނެ. ދެން ހަމަ އަޅުގަނޑުމެން މަޢްލޫމާތު ދިނުމުގައި ހުއްޓުމެއް ނެތް އިނގޭތޯ. މިހާރު ޓްރޭޑް މިނިސްޓްރީގައި އެބަ ހުރޭ އިންވެސްޓްމަންޓް ސެކްޝަނެއް އެހެން ނޫންތޯ. "މޯލްޑިވްސް އޯޕަން ފޮރ ބިޒްނަސް" އެޝިޢާރުގައި އަޅުގަނޑުމެން މިގެންދަނީ. އެހެންވީމާ، ޓްރޭޑް މިނިސްޓްރީގެ ތެރެއިން އެކަން އެންމެބޮޑަށް ސާފުކޮށް އެނގިވަޑައިގަންނަވާނީ. އަނެއްހެން ދަންނަވަންޏާ އަޅުގަނޑު ހަމަ ދަންނަވަންތޯ އެންމެބޮޑަށް މިކަމުގެ ހުރިހާ ހިސާބު އަކުރަކާ އެކީގައި ތިޔަބޭފުޅާއަށް އެރުވޭނީ އަޅުގަނޑަށް.

ޢަބްދުއްލަޠީފް މިއަދު ނޫހުން

މަނިކުފާނު، ކުރިންވެސް އަޅުގަނޑު ކުރި ސުވާލަކާ ގުޅިގެން ވިދާޅުވީ ބައެއްކަހަލަ ކަންތައްތަކުގައި އަޅުގަނޑު ނުނެއްޓުވިގެން އުޅޭވާހަކަ. އެކަމަކު ފުރަތަމަ އަޅުގަނޑު މަރްޙަބާ ދަންނަވާނީ. މިހާ އަވަހަށް ތިން ކޮމާޝަލް ބޭންކް އިތުރަށް ރާއްޖެއަށް ގެންނަވަން މަސައްކަތްތަކެއް ކުރެވި ބައެއް ކަންތައްތައް ކުރަން ހަމަޖެހި ޚަބަރު އަޅުގަނޑުމެންނަށް ލިބިފައިވާތީ. މިއާއެކު އަޅުގަނޑު މަނިކުފާނު އަރިހުން ދަންނަވާލަން ބޭނުންވަނީ އަޅުގަނޑުމެން މިދައްކާ ހުރިހާ ވާހަކައެއްގެ އަސްލު ގޮސް މިގުޅެނީ ފައިސާއާއި އިޤްތިޞާދީ ކަންތައްތަކުގެ މައްޗަށޭ. މިހެން ބަލާއިރު ޑޮލަރުގެ އަގު މިދަނީ ހަމަ އުފުލެމުންނޭ. އަޅުގަނޑުމެންނަށް ލޯންގްޓަރމް އިންވެސްޓްމަންޓްފަދަ ބޭންކެއް ރާއްޖެއަށް ގެނެވޭނެ ގޮތެއް އަދި ހަމަނެތްތޯއޭ؟ ކޮންމެ ކޮމާޝަލް ބޭންކަކީވެސް ވަރަށް ކުރުމުއްދަތުގެ ކަންތައްތައް ރާއްވަވާ ތަނަކަށްވާތީ، އަޅުގަނޑުމެންގެ ޑޮލަރުކޮޅު ހަމަ ޤައުމުގައި ހަމަ ނުހިފޭއްޓޭނެހެން ހީވާތީ މިކަމުގައި ތިޔަބޭފުޅުން ވިސްނަވާފައިވާ ގޮތެއް މިއަދުގެ މައުޟޫޢާ ސީދާ ނުގުޅުނު ކަމުގައިވިޔަސް ވިދާޅުވެދެއްވައިފިއްޔާ ވަރަށްބޮޑަށް ޝުކުރިއްޔާ އިނގޭތޯ.

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު

އާދެ! ލަޠީފް. ނަސަންދުރަ، ޢަލީ ހާޝިމް ކުރީގައި ނިންމަވާފައިއޮތީ އެތަން ތަޅާލަން އިނގޭތޯ. ދެން ހަމަ އެގޮތަށް ނިންމަވާފައިއޮތީ. އެހެންނަމަވެސް، އަޅުގަނޑުވެސް ޢަލީއަށް ދަންނަވައިފިން ޢަލީއޭ މީގައި ހަމަ ރައްޔިތުންނަށް އެބަފެނެއޭ މިހާރުން މިހާރަށް އެސެޓެއްގެ ގޮތުގައި. ބަޔަކަށް އެސެޓެއްގެ ގޮތުގައި އެއްޗެއް ފެންނަންޏާ އަޅުގަނޑުމެންނަށް އަދި އެލަޔަބިލިޓީއެއްގެ ގޮތުގައި ފެނުނަސްވެސް ދެން ހަމަ އަޅުގަނޑުމެން ދެވަނަ ވިސްނުމަކަށްދާންޖެހޭނީ. ދެން ހަމަ އެހެންވެގެން އަޅުގަނޑުމެންގެ ދެވަނަ ވިސްނުމަކަށް ދިޔައީ. ގޮސްގެން އަޅުގަނޑުމެން ބެލީމާ ޓްރެންޑްސް ބަހައްޓާފައި އަނެއްބައި ތަޅާލަނީ އިނގޭތޯ. ތަޅާލާފައި އެތަނަށް އެބަދޭންޖެހޭ ޕާކިންގ އޭރިއާއެއް. އެސަރަޙައްދަށް. އެވެސް ހަމަ އިޤްތިޞާދީ ވަރަށްބޮޑު ބޭނުމެއް. މަގުތައް ރީތިކޮށް އޮމާންކަމާއެކީގައި ޓްރެފިކް ޒޯން ނެތުނީމަ އެއީ ހަމަ ވިޔަފާރިއަށް އެޅޭ ވަރަށްބޮޑު ހުރަހެއް. އިރާދަކުރެއްވިއްޔާ އެކަން އެބަވޭ.

މިހާރުވެސް ލަޠީފް އިނގޭތޯ. މިހާރު އަޅުގަނޑުމެން ހޯދާފައި އެހުރި ތިން ބޭންކް އެމް.އެމް.އޭ.އިން ރަޖިސްޓަރީ ކޮށްދެއްވީމާ ހަމަ ވަގުތުން ޑޮލަރުގެ ދަތިކަން ފިލާނެ. އަޅުގަނޑަކަށް އެއްގޮތަކަށްވެސް ނުވިސްނޭ އެމް.އެމް.އޭ.އިން ކީއްވެގެން ކަމެއް މިހާ ގިނަދުވަހެއް މިކަމުގައި މިކުރައްވަނީ. މިހާރު ވަރަށް ދުވަސްވެގެން މިދަނީ. މަހަކަށްވުރެ ގިނަ ދުވަސްވެގެން މިދަނީ ސްޓޭމްޕެއް ޖަހާފައި ރަޖިސްޓަރީއެއް ނުދެވިގެން. މީގައި ޤާނޫނީގޮތުން ކުރަންޖެހޭ ކަންތައްތަކެއް އެބަހުރޭ ސާފުކޮށް އެނގެން. އެކަންކަން ކޮށް ނިމުނީމަ ނިމުނީނޫންތޯ. އަޅުގަނޑު ހިތަށްއަރާ އެބޭފުޅުންނަށް ބޭންކެއް ބެލެހެއްޓޭބާއޭ. އެހެންވީމާ، ބޭންކް އޮފް މޯލްޑިވްސް ވާހަކަ އަޅުގަނޑު މިދެންނެވީ. މިކަންކަން އަޅުގަނޑުމެންނަށް ހަމަ މިހާރުވެސް ރަޖިސްޓަރީވީމާ ދެން އިރާދަކުރެއްވިއްޔާ ޑޮލަރުގެ ދަތިކަން ފިލާނެ.

އަނެއް ކަމެއްގެ ގޮތުގައި ތިންވަނަ ބޭންކަކީ އިންވެސްޓްމަންޓް ބޭންކެއް. ދެކޮމާރޝަލް ބޭންކާ އެއް އިންވެސްޓްމަންޓް ބޭންކާ. ދެން އިއްޔެ ވަޑައިގެން އުޅުއްވި ޕަންޖާބް ނޭޝަނަލް ބޭންކްގެ ޗެއަރމަން އިނގޭތޯ. މީގައި ބައިވެރިވެވަޑައިގެން އުޅުއްވި. އެބޭފުޅުންވެސް އެތިއްބެވީ މިތަނުގައި ބޭންކެއް ހުޅުއްވަން ތައްޔާރަށް. މުޅިން ހުރިހާ ކަމެއް ނިންމަވާފައި އެތިއްބެވީ.
މިބޭންކްތައް ހުޅުވުމުގެ އިތުރުން، އަޅުގަނޑުމެން ވަރަށްގިނަ އަދަދެއްގެ ވިޔަފާރި އެބަކުރޭ ސިލޯނަށް. އަދި ވަރަށްގިނަ އަދަދެއްގެ ވިޔަފާރި އެބަކުރޭ އިންޑިޔާއަށް. ވަރަށް މުހިންމު ކަމެއް އަޅުގަނޑުމެންގެ ނަޒަރުގައި ސިލޯނާއި ދިވެހިރާއްޖެއާއި އިންޑިޔާއާ މިތިން ޤައުމުގެ ފައިސާ، ފަސޭހަކަމާއެކީގައި ބަދަލުވާ ގޮތަށް ހުރުން. އިންޑިޔާއަށް ގޮސްފައި ދިވެހި ރުފިޔާއިން ލާރި ދެއްކުން. އެހެންނޫނީ އިންޑިޔާއަށް ދިޔުމަށް ޑޮލަރު ގަންނަން ނުޖެހުން. އިންޑިޔާއިން މުދާ އެތެރެކުރުމަށް ޑޮލަރު ގަންނަން ނުޖެހުން. ސިލޯނުން އަޅުގަނޑުމެން ގޭގެ ކުއްޔާ މިބާވަތުގެ ކަންކަންވެސް ދެއްކިދާނެ ޙަޤީޤަތުގައި ސިލޯނު ރުފިޔާއިން. ސިލޯނުން ވަރަށްގިނަ އަދަދެއްގެ ދިވެހި ރުފިޔާ ސިލޯނު ރައްޔިތުން ބޭނުންވާނެ. އެއީ ކަނޑުމަސް ގަންނަން. އެހެންވީމާ މިތިން ކަރަންސީ ރަނގަޅަށް އެކްސްޗޭންޖް ވާގޮތް އަޅުގަނޑުމެންނަށް ހެދުނީމާ ޑޮލަރުގެ ތާށިކަން ވަރަށް ބޮޑަށް ފިލައިގެންދާނެ. ދެން މިބޭންކްތަކާ މިކަންކަމާ އިތުރުވީމާ އާދެ އަޅުގަނޑު ތަންކޮޅެއް ކުރިއަށް ކަންނޭނގެ މިދަންނަވަނީ ލަޠިފް. އަޅުގަނޑުމެންގެ މި ދައުރު ނިމޭއިރުގައި، މިފަސްއަހަރު ނިމޭއިރުގައި އިރާދަކުރެއްވިއްޔާ އެކްސްޗޭންޖް ރޭޓް އަޅުގަނޑުގެ އަމާޒަކީ، އެކްސްޗޭންޖް ރޭޓް ދިހަރުފިޔާއަށް އިރާދަކުރެއްވިއްޔާ ބަހައްޓަދޭނަން. މިއީ، އަޅުގަނޑުގެ އަމާޒެއް އަދި ދިހަރުފިޔާގައި އަޅުގަނޑު އިރާދަކުރެއްވިއްޔާ ބަހައްޓައިދޭނީ އެކްސްޗޭންޖް ރޭޓް ފްލޯޓް ކޮށްފައި އޯޕަން މާކެޓްގައި އަޅުގަނޑުމެން އޮޕަރޭޓް ކޮށްގެން.

ހަމައެއާއެކީގައި އަޅުގަނޑުގެ އަނެއް އަމާޒަކީ، އައްސަތޭކަ މިލިއަން ޑޮލަރުގެ ރިޒާވެއް އަޅުގަނޑުމެންގެ އޮތުން. އިޤްތިޞާދީގޮތުން އަޅުގަނޑުމެންގެ ބައެއް އަމާޒު މިހުރީ. އިރާދަކުރެއްވިއްޔާ އެކަންކަން އަޅުގަނޑުމެން ފަރުޖެހޭތޯ ބަލައިދޭނަން. ދެން މިހާރު މިއަދު ޑޮލަރު ފޮރުވައިގެން ހުންނެވި ބޭފުޅަކަށް ވަރަށްބޮޑު ގެއްލުން ލިބޭނެ. އެއީ މިއަދު އެބަލިބޭވިއްޔަ ބާރަ ރުފިޔާ ހަށްޑިހަ ފަސްލާރިއަށް. މާދަމާ ބޭންކް ހުޅުވިޔަސްވެސް ޑޮލަރު ދިހަރުފިޔާއަށް ދިޔައިމާ، އަޅުގަނޑުމެންނަށް ދެރުފިޔާ ހަށްޑިހަ ފަސްލާރި ގެއްލެމުންދާނީ. ދެރުފިޔާ ހަށްޑިހަ ފަސްލާރި ކޮންމެ ޑޮލަރަކުން ގެއްލުވަން ބޭނުމިވިއްޔާ ޑޮލަރުކޮޅު ގޭގައި ބަހައްޓަވަންވީ. އަޅުގަނޑު ދަންނަވާނީ މިހާރު ޑޮލަރު ނެރެ ރުފިޔާ ނުގެންފިނަމަ ގެއްލުންވާނެޔޭ ދެން.

ޢަބްދުﷲ ސަޢީދު އެ ސަންދާނު

މިއަދު ސޮއިކުރެވުނު 15 އެމް.އޯ.ޔޫ.ގައި އެބަހިމެނޭ ފަންނީ ކަންކަމަށް ތަމްރީނު ދިނުމުގެ މަރްކަޒެއް. ދެން އަދި އެބައޮވޭ ޔުނިވަރސިޓީއެއް. މިހުންނަނީ މުސްތަޤިއްލު ދެތަނަށް އިނގޭތޯ. ވަކިވަކި ދެތަން މިއީ. އެހެންވީމާ، މިދެތަން މިރާއްޖޭގެ ކޮންސަރަޙައްދެއްގައިތޯ ޤާއިމުކުރެވޭނީ މާލޭގައިތޯ. ދެން މީގެ ކުރިންވެސް އަޅުގަނޑުމެން މާލޭގައި ޔުނިވަރސިޓީއެއް ޤާއިމުވެގެން ދިޔަތަން ފެނިގެން ހިނގައްޖެ، ޚިދްމަތެއް ނުލިބުނު ކަމުގައިވިޔަސް.

ދެން އަނެއް ސުވާލަކީ ކޮންފަރެންސެއް އެބަ ބާއްވާ ފަންނީ ރާއްޖޭގެ އިންވެސްޓްމަންޓް ހޯދުމާ ބެހޭގޮތުން. ކިހާތަނެއްގައިތޯ ބޭއްވޭނީ.

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު

އެކޮންފަރެންސް އެބަ ބާއްވަންޖެހޭ ސާކް ސަމިޓުގެ ކުރިއަށް އިނގޭތޯ. އެއީކީއެއް ދިވެހިރާއްޖެއާ އެކަނި ގުޅޭ ކޮންފަރެންސެއްނޫން. އިންޑިޔާއިން ބޭނުންވަނީ ދިވެހިރާއްޖޭގައި މުޅިދުނިޔެއަށް ޑައިވަރސް ކޮންފަރެންސެއްހެން މިކޮންފަރެންސް ސިލްސިލާކޮށް ބާއްވަމުން ގެންދިއުން. ޑިވެލޮޕްމަންޓް ޓްރޭޑް ކަންކަމާ ގުޅޭގޮތުން. ދެން އެހެންވީމާ، ޓޫރިޒަމް ހަރަކާތެއްގެ ގޮތުގައި އަޅުގަނޑުމެން މިބާއްވަނީ. އިރާދަކުރެއްވިއްޔާ އޭޕްރީލް މެއި ހިސާބުގައި އެކޮންފަރެންސް އޮންނާނެ. ދެން އޭގެ އިތުރުން އަދި ތިޔަބޭފުޅުންނަށް ފާހަގަނުވަނީ ކަންނޭނގެ ބޮމްބޭގައި ޓްރޭޑް ފެއަރއެއް ބޭއްވުން.

އަޅުގަނޑުމެންގެ އަނެއް އަމާޒަކީ، މިއަހަރު ޖޫން ޖުލައިގައި ބޮމްބޭއިން ފަސްހާސް ޓޫރިސްޓުން ގެނައުން އިޓަލީން ގެންނަ ފަސްހާސް ޓުއަރިސްޓުންގެ އިތުރަށް. އަދި އިންޑިޔާއިން އަޅުގަނޑުމެންގެ އަމާޒެއް އެއީ، އިތުރު ފަސްހާސް ޓޫރިސްޓުން ގެނައުން. ޓޫރިޒަމް ދަށަށް ދިޔަނުދީ ހިފެހެއްޓުމަކީ، އަޅުގަނޑުމެންގެ އަމާޒެއް. އެހެންވީމާ، އިންޑިޔާއިން އަޅުގަނޑުމެން އެކަން ގެންނާނަން. ކޮންތަންތާކުތޯ މިކަންކަން ލޮކޭޓްވަނީ، ހުންނަނީ. އެއީ، އަޅުގަނޑުމެން މިދަންނަވާހެން ޓެކްނިކަލް ފަންނީ ކަންތައްތަކުގެ މައްޗަށް ބިނާކޮށް ނިންމާ ނިންމުންތަކެއް. އަޅުގަނޑުމެންގެ ގިނަމީހުންނަށް މިތިބެނީ ވަރަށްބޮޑަށް ރަށުގެ ގޮނޑުދޮށުން ބޭރަށް ސިކުނޑި ނުގެންދެވިފައި. ހަމަ އަޅުގަނޑު ތަކުރާރުކޮށް އެބަ ދަންނަވަން ރަށުގެ ގޮނޑުދޮށުން، އަތޮޅު ތުނޑިން އަދި ރާއްޖޭގެ އަސްދަނޑިން ބޭރަށް ގެންދިޔުމޭ އަޅުގަނޑުމެންގެ ބޭނުމަކީ. ދެން އަޅުގަނޑުމެންގެ މި ޓޫރިޒަމް ފެއަރތައް އެބަ އަމާޒުކުރަން އަދި ސީ.އައި.އައި.ގެ އޮފީސްތައް މެދުވެރިކޮށްގެން ދިވެހިރާއްޖެ އެކިތަންތަނުގައި އިސްތިހާރު ކުރުން. އެވެސް އަޅުގަނޑުމެންނަށް އެއްބަސްވެވިފައި އޮތް އެއްބަސްވުމެއް. ހަމަ ހުރިހާ ކަމެއްގެވެސް އަމާޒަކީ، ބޭނުމަކީ ރައްޔިތުންނަށް އަޅުގަނޑުމެންގެ ވަޢުދުތައް ފުއްދައި ދިނުމާއި ހަމަ އަނެއް ދިވެހިރާއްޖެ.

އެހެންވީމާ، އަޅުގަނޑު ދަންނަވާނީ އިރާދަކުރެއްވިއްޔާ މިއަދު ފެނިގެންމިދަނީ އަނެއް ދިވެހިރާއްޖޭގެ މަލަމައްޗޭ. ދެން އަޅުގަނޑު ނިންމާލުމުގެ ކުރީގައި ޑޮކްޓަރ ވަޙީދަށާއި އިބްރާހީމް ޙުސައިން ޒަކީއަށް ވަރަށްބޮޑަށް ޝުކުރު ދަންނަވަން. އިންޑިޔާ ޕްރޮޖެކްޓްގައި ވަރަށްބޮޑަށް ޒަކީ މަސައްކަތް ކޮށްދެއްވައި އަދި ވަރަށްބޮޑަށް އެކަން ގެނެސް ދެއްވައިފި. އަދި ޑޮކްޓަރ ވަޙީދުވެސް ހަމަ ހުރިހާ ޕްރޮޖެކްޓެއްގައި ވަރަށްބޮޑަށް މަސައްކަތް ކޮށްދެއްވަމުން އެގެންދަވަނީ. އަޅުގަނޑު ނިންމާލުމުގެ ކުރީގައި ވަޙީދު އެއްޗެއް ވިދާޅުވެފައި ޒަކީ އެއްޗެއް ވިދާޅުވީމާ ދެން އަޅުގަނޑު ނިންމާލާނީ.

ނާއިބު ރައީސް: ޑޮކްޓަރ މުޙަންމަދު ވަޙީދު ޙަސަން މަނިކު

އާދެ! އަޅުގަނޑު ހަމައެކަނި ދަންނަވާލާނީ ވަރަށްގިނަ ދާއިރާތަކަކުން ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕް ހެއްދެވުމަށްޓަކައި މިހާރު ވާހަކަދެކެވިގެން މިދަނީ. އެހެންވީމާ، މިހުރިހާ ދާއިރާތަކަކުން ސަތޭކައިންސަތޭކަ އަޅުގަނޑުމެންނަށް ކާމިޔާބުނުވިޔަސް މީގެތެރެއިން ހަމަ ބައެއް ކަންތައްތައް ކާމިޔާބުވިޔަސް އަޅުގަނޑު ދަންނަވާނީ އެއީ، ދިވެހިރާއްޖެއަށް ކުރެވޭ ވަރަށްބޮޑެތި ކަންތައްތަކަކަށް ވެގެންދާނެއޭ. ދެން މީގައި މިހިރީކީއެއް އެއްގޮތަކަށްވެސް ކުދި ކަންތައްތަކެއް ނޫން. ވަރަށްގިނަ ދާއިރާތަކެއް ހިމެނޭގޮތަށް މީގައި މިހިރީ. ތަޢްލީމުން ފެށިގެންގޮސް ރަށްރަށް ގުޅުވާލާ ހިސާބުން. އެހެންވީމާ، މިއަދު މިވެވުނު އެއްބަސްވުންތަކަކީ، އަޅުގަނޑު ދަންނަވާނީ ވަރަށް ތާރީޚީ އެއްބަސްވުންތަކެކޭ. އޭގެ ސަބަބުން، ރާއްޖެއަށް ވަރަށް ރަނގަޅު، ވަރަށް އެދެވޭ ބަދަލުތަކެއް ވަރަށް އަވަހަށް ފެނިގެންދާނެ ކަމަށް. ދެން އަޅުގަނޑު އޭގެ ތެރެއިން ބައެއް ބޭފުޅުންނާ ވާހަކަދެއްކި ދެއްކުމުގައި އޭގެ ތެރެއިން ބައެއް ބޭފުޅުން ވިދާޅުވި ހަމަ ކުރިއަށްއޮތް ދެހަފްތާއެއްގެ ތެރޭގައި ހަމަ އަޅުގަނޑުމެން އެނބުރި އަނެއްކާ އަންނާނަމޭ. ކޮންމެއަކަސް މިކަހަލަ އެގްރީމެންޓަކީ މިއީ ފުރަތަމަ ދެބައިމީހުން އެކުވެގެން މަސައްކަތްތަކެއް ކުރުމަށްޓަކައި ކުރެވޭ ފުރަތަމަ އެއްބަސްވުން. ދެން މީގެއިތުރުން، އަދި ކުރަންޖެހޭ ކިތަންމެ ކަންތައްތަކެއް ހުންނާނެ. ތިޔަވިދާޅުވި ބައެއް ސުވާލުތަކާ ބެހޭގޮތުން އަޅުގަނޑު ވިސްނިއިރުގައި އެސުވާލުތަކުގެ ޖަވާބު ނުކުންނާނީވެސް އެބައްދަލުވުންތައް ބޭއްވުމަށްފަހުގައި. ކަނޑައެޅިގެން ކޮންތަނެއްގައިތޯ ވަކިމަޝްރޫޢެއް ހިންގާނީ މިހެން ހުރި ޓެކްނިކަލް ކަންތައްތަކެއް ސާފުވެގެންދާނެ އެބޭފުޅުން ވަޑައިގެން އަދި އިތުރު މަޝްވަރާތައް ކުރައްވަމުން ގެންދެވީމާ. ދެން އެހެންވީމާ، އަޅުގަނޑަށް ހީވަނީ މިހާހިސާބުން އަޅުގަނޑުމެން އުންމީދު އާކޮށްލައިގެން މިއަދު މިކަންކަމަށް އަޅުގަނޑުމެން ތައްޔާރުވެގެން މަސައްކަތް ފަށަންވީއޭ. މިކަހަލަ ކޮންމެ ބޮޑުކަމެއް ފަށާއިރުގައި އަޅުގަނޑުމެން އަދި މިކަމާ ބެހޭގޮތުން އަދި ޚާއްޞަކޮށް މިހާރުގެ މިކަހަލަ މާޙައުލެއްގައި މިކަމާ ބެހޭގޮތުން ފާޑުކިޔާ މީހުންވެސް އުޅޭނެ. އެހެންނަމަވެސް، އެއަށްވުރެ އަޅުގަނޑުމެންގެ ސިކުނޑިތައް ހުޅުވާލައިގެން ތަންކޮޅެއް ފުޅާ ވިސްނުމެއްގައި އަޅުގަނޑުމެން މަސައްކަތް ކޮށްފިއްޔާ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ވަރަށް އަވަހަށް ރަނގަޅު ގޮތްތަކެއް ކުރިމަތިވާނެ ކަމުގެ އުންމީދު އަޅުގަނޑުމެންނަށް ލިބޭނެ.

އިބްރާހީމް ޙުސައިން ޒަކީ

އާދެ! ވަރަށްބޮޑަށް ޝުކުރިއްޔާ. އާދެ، އިންޑިޔާގެ ވަރަށް ކުރީސަފުގައި ޙަރަކާތްތެރިވެވަޑައިގަންނަވާ ވިޔަފާރިވެރިންގެ ވަފްދެއް މިފަހަރު ރާއްޖެއަށް މި ޒިޔާރަތްކުރެއްވީ. މި ޒިޔާރަތްކުރެއްވުމުގައި އެންމެ ލީޑް ނަންގަވައިގެން ތިއްބެވީ މިހުރިހާ ވިޔަފާރިތަކެއް ވިލަރެސް ކުރައްވަމުން ގެންދަވާ ސީ.އައި.އައި ނުވަތަ ކޮންފެޑެރޭޝަން އޮފް އިންޑިއަން އިންޑަސްޓްރީޒް. ސީ.އައި.އައި. އަކީ، ދިވެހިރާއްޖެއަށް ޑިމޮކްރަސީ އަންނަމުން ދިޔައިރު އިދިކޮޅު ޕާޓީއާ ވަރަށްކައިރިން ވާހަކަފުޅު ދައްކަވަމުން ގެންދެވި ބޭފުޅުން. އަޅުގަނޑު ދެން މާޒީއަށް ނަޒަރު ހިންގާލާފައި މުސްތަޤްބަލަށް ބަލާލާއިރު އަޅުގަޏޑަށް މިފެންނަ ތަޖުރިބާއަކީ، ފެންނަ މަންޒަރަކީ ކުރީގައިވެސް އިންޑިޔާ އޮތޭ. ކުރީގައި ދިވެހިރާއްޖެވެސް އޮތޭ. ކީއްވެގެންބާވައޭ މިވަރުގެ ފުޅާދާއިރާއެއްގައި ދިވެހި ރައްޔިތުންނަށް ފައިދާހުރި މިވަރުގެ ބޮޑެތި މަޝްރޫޢުތަކެއް، މިވަރުގެ ބޮޑެތި މަސައްކަތްތަކެއް ނުފެށްޓެވީ އޭރު. އަޅުގަނޑު އޭގަ ހަމަ ރައްޔިތުންނަށް ސާފުކޮށް އެރުވުމުގެ ގޮތުން ދަންނަވާލަން ބޭނުންވަނީ، ދުނިޔޭގައި އޮތް އެންމެބޮޑު ޑިމޮކްރަސީއާއި ދުނިޔޭގައި އޮތް ޑިކްޓޭޓަރ ޝިޕަކާ ދޭތެރޭ އޮންނަންވީ ގުޅުމޭ އެދުވަސްވަރު އެއޮތީ. އެކަމު މިއަދު ދިވެހިރާއްޖެ ޑިމޮކްރެޓިކް ޢާއިލާއެއްގެ ތެރެއަށް އަޅުގަނޑުމެން އުފަންވެ، އަޅުގަނޑުމެން އެޢާއިލާގެ ފުރިހަމަ މެންބަރަކަށްވުމުން އިންޑިޔާ އެއީ، ޑިމޮކްރަސީގެ އެންމެ ވަރުގަދަ އެންމެ ބޮޑު ޤައުމަކަށް މުޅި ދުނިޔެ ބަލަމުންދާއިރު އިންޑިޔާއިން އަޅުގަނޑުމެންނަށް ލިބޭނެ އެހީތައް އަދި މިއަށްވުރެވެސް މާފުޅާވެފައި މާފުންވެފައި އޭގެ އަސަރު ރައްޔިތުންނާ ހަމައަށް މާއަވަސް ފުރުސަތެއްގެ ތެރޭގައި ފެނިގެންދާނެ ކަމުގެ އުންމީދު އަޅުގަނޑަށް އެބައޮތޭ.

ދެން މިކަން މިވަނީ ޙަޤީޤަތުގައި ހަމައެކަނި ލިޔެލާ ސިޓީއަކުންނޫން. އަދި ބޭބޭފުޅުންނާ ދައްކާލެވޭ ވާހަކައަކުންވެސް ނޫން. އެއީ ޙަޤީޤަތުގައި މިކަން މިހާ ފުރިހަމައަށް، މިކަން މިހާ އަވަހަށް އަދި އިންޑިޔާގެ ރައްޔިތުންވެސް، އިންޑިޔާގެ ވިޔަފާރިވެރިންވެސް، އިންޑިޔާ ސަރުކާރުންވެސް ވަޒަން ކުރެއްވި ގޮތުގައި މިވަމުން މިދަނީ މިއަދު މިސަރުކާރު ހިންގަވަން ހުންނެވި ރައީސުލްޖުމްހޫރިއްޔާ އިންޑިޔާ މީހުންނާ ދޭތެރޭ، އިންޑިޔާ ސަރުކާރާ ދޭތެރޭ، އިންޑިޔާއާ ދޭތެރޭ ދެކެވަޑައިގެންނެވި ގޮތް އެންމެ ހިތްހަމަޖެހޭ ގޮތެއްގެ ގޮތަށް ބަދަލުވެގެން ދިޔައީމައޭ. އެހެންވީމާ، ދެފަރާތުގެ ގުޅުން އެއްދުވަހުން އަނެއްދުވަހަށް ބަދަހިވެގެންދާނެ ކަމުގެ ފުރިހަމަ ދަލީލެއް މިއަދު ތިޔަފެނިވަޑައިގެންނެވީ. ޝުކުރިއްޔާ.

ވަރަށްބޮޑަށް ޝުކުރިއްޔާ