بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

އަޅުގަނޑުމެން މިއަދު ތިޔަބޭފުޅުން މެދުވެރިކޮށް ފާހަގަކުރަން ބޭނުންވާ އެންމެ މުހިންމު ނުކުތާއަކީ، ސަރުކާރު މުވައްޒަފުންނަށް އެބޭފުޅުންގެ މުސާރައިގެ އެކަށީގެންވާ ކުރިއެރުމެއް، އަޅުގަނޑުމެންނަށް މިއަހަރުގެ ތެރޭގައި އުފަލާއެކު ރައްދުކޮށްދެވެން އެބައޮތޭ. އެހެންވީމާ، އަޅުގަނޑުމެން މިއަދު މި ހުށަހަޅާލަނީ ސަރުކާރުގެ މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުން ދޭ މިންވަރާއި، އެ މިންވަރުތައް ބެހިގެންދާގޮތް.
އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެންގެ އަބަދުގެވެސް އަމާޒަކީ، މި ސަރުކާރުގެ ބޭނުމަކީ، ސަރުކާރު މުވައްޒަފުންނަށް ވީހާވެސް ރަނގަޅު އެއްޗެއް ދެވިގެން، އެބޭފުޅުންގެ ފުރިހަމަ މަސައްކަތް އެބޭފުޅުންނަށް ކުރެއްވިގެން، އޭގެ ސަބަބުން، އަޅުގަނޑުމެން ރާއްޖެއަށް، ރާއްޖޭގެ ރައްޔިތުންނަށް ތަރައްޤީއާއި ކުރިއެރުން ލިބިގެންދިޔުން. ސިވިލް ސަރވިސްއެއްގެ އެންމެބޮޑު އެއްބޭނުމަކީ، އެ އިރެއްގައި އޮންނަ ސަރުކާރެއްގެ ސިޔާސަތު ތަންފީޒުކޮށްދިނުން. މިހާތަނަށް އަޅުގަނޑުމެން މިކަން ހިންގަމުން އަންނައިރުގައި މި ސަރުކާރުގެ މިދިޔަ ފަސްދޮޅަހަކަށް ދުވަހުގެ ތެރޭގައި، ޖުމްލަ ގޮތެއްގައި ދަންނަވާއިރު އަޅުގަނޑު ދަންނަވާނީ، ސިވިލް ސަރވިސް ބޭފުޅުންގެ، ސަރުކާރު މުވައްޒަފުންގެ އެހީތެރިކަން މި ސަރުކާރަށްވަނީ ލިބިފައޭ. އެހެން ނަމަވެސް، ބައެއް ސިވިލް ސަރވަންޓުންނަށް މި ސަރުކާރުގެ ފުރިހަމަ ސިޔާސަތު ތަންފީޒު ކުރުމުގައި އެބޭފުޅުން ޢަމަލުކުރައްވާނެ ގޮތް ސާފުނުވުމުގައި ކުޑަކޮށް ދަތިވެގެން އުޅުއްވަނީހެން އަޅުގަނޑަށް ހީވަނީ. އަޅުގަނޑުމެން އަނެއްކާވެސް ސިވިލް ސަރިވިސްއާ ވާހަކަދައްކައިގެން، މިހެން ހުރި، އޮމާން ނުވާ ކަންކަން އޮމާންކޮށްލަން މިޞްރާބު ޖަހާނަން.

ރޭގައި އަޅުގަނޑުމެންނަށް އަޑުއިވުނު، ސިވިލް ސަރވިސްގެ އިތުރު ބައެއް މަގާމުތަކެއްގެ ވާހަކަ. އަޅުގަނޑަށް ހީވަނީ އޭގެ ސާފު ތަފްޞީލު ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް ދެއްވާނެހެން. އަތޮޅުވެރިންގެ މަގާމެއް މިހާރަކު ނުހުރޭ. އެހެންވީމާ، އެފަދަ ބޭފުޅުންގެ އެހީތެރިންނާ ގުޅޭގޮތުން އަޅުގަނޑު ހިތުން ސިވިލް ސަރވިސް އަދި ވަރަށް ބޮޑަށް ވިސްނާވަޑައިގަންނަވާނެ.
އަޅުގަނޑުމެން މިއަދު މިފޯރުކޮށްދެނީ ޖުމްލަ އެއްބިލިޔަނެއްހާ ރުފިޔާގެ މުސާރައިގެ ކުރިއެރުމެއް. މިކަމުގައި ސިވިލް ސަރވިސްގެ ހުރިހާ މުވައްޒަފުންވެސް، ސަރުކާރުގެ ހުރިހާ މުވައްޒަފުންވެސް ހަނދުމަފުޅު ބަހައްޓަވަން ޖެހޭނެ، މިފައިސާއަކީ ރައްޔިތުންގެ ފައިސާކަން. ރައްޔިތުންގެ މަސައްކަތުން ރައްޔިތުން ސަރުކާރަށް ފޯރުކޮށްދޭ ފައިސާ ނަގާފައި، އެ ފައިސާ މި އަރުވަނީ މުސާރައިގެ ގޮތުގައި ސިވިލް ސަރވިސްގެ މުވައްޒަފުންނަށް.

ރާއްޖެއަށް ލިބޭ އާމްދަނީގެ ޖުމްލައަކީ ގާތްގަނޑަކަށް 7 ބިލިޔަން ރުފިޔާ. އެ 7 ބިލިޔަން ރުފިޔާގެ ތެރެއިން، 4 ބިލިޔަން ރުފިޔާ މި ޚަރަދު ކުރަނީ ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރައަށް. ސިވިލް ސަރވިސްގެ އަދަދުތައްވެސް އެހާ ގިނަ. އެ އަދަދުތައް ކުޑަކުރުމަށް އަޅުގަނޑުމެން މިހާރު އެބަޖެހޭ ވިސްނަން. އެހެން ނަމަވެސް، މިހާރު މި ބޭނުންވާ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލު ފިޔަވައި، އެހެން ކުޑަކުރުމެއް ނުވަތަ މަދުކުރުމެއްގެ ވާހަކައެއް އަޅުގަނޑުމެން ނުދައްކަމު.

އެނގިވަޑައިގަންނަވާނެ، މިދޭތެރެއަކުން ސިވިލް ސަރވިސްގެ ބައެއް މުވައްޒަފުންގެ މަގާމުތައް ނުވަތަ ވަޒީފާތައް، މި ސަރުކާރުން މަދުކުރާ ކަމަށް ނުވަތަ ބައެއް ބައެއް ބޭފުޅުން މަގާމުން ދުރުކުރާކަމަށް ބައެއް ނޫސްތަކުގައި އެބަ ޝާއިޢުވޭ. މީގެ ޙަޤީޤަތް އަޅުގަނޑަށް ފެންނައިރުގައި ފެންނަނީ، އަޅުގަނޑުމެން މިދައްކާ ވާހަކައަކީ، ސިވިލް ސަރވިސްގެ މަގާމުތައް ލާމަރްކަޒީ އުޞޫލުން އެބަ އަލުން އަތުރާލަންޖެހެއޭ. މިހުރިހާ މަގާމުތައް މާލޭގައި ހުރުމުގެ ބޭނުމެއް ނެތޭ. މި ސަރުކާރުގައި އެމަސައްކަތެއް މާލެއަކު ނޯންނާނެއޭ. މަސައްކަތް އޮތީ ޕްރޮވިންސްތަކުގައޭ. އަތޮޅުތަކުގައޭ.

އެހެންވީމާ، އަޅުގަނޑުމެން ބޭނުމޭ، މިވެނި އަދަދަކަށް މާލެއިން މަގާމު އުވާލަން. ހަމަ އެއަދަދަށް ނުވަތަ މަސައްކަތަށް ބޭނުންވާ ޢަދަދަށް ޕްރޮވިންސްތަކުގައި މަގާމުތައް އުފެދިގެންދާނެއޭ. މީގައި އަޅުގަނޑުމެން މި ފާހަގަކުރަނީ މުވައްޒަފުންގެ ޢަދަދަށް އަންނަ ބަދަލެއް ނޫން. މަސައްކަތްކުރާ ތަން ބަދަލުވެގެންދާ ދިޔުން. މާލޭގައި ނެތް މަސައްކަތެއްގައި، މަގާމުގައި ބޭފުޅުން ތިއްބަވައި، އެބޭފުޅުންނަށް ސަރުކާރުގެ މުސާރަ ލިބިވަޑައިގަންނަވާ ގޮތަށް އޮތުމަކީ، އަޅުގަނޑު ހިތުން ޒިންމާދާރު ގޮތެއްގައި ސަރުކާރަކަށް ކުރިއަށް ގެންދެވޭނެ ކަމެއް ނޫން. އަޅުގަނޑުމެން އެބަޖެހޭ، މަގާމުތައް ޕްރޮވިންސްތަކަށް ބަދަލުކުރަން. އަދި އެޕްރޮވިންސް ތަކުގައި މަސައްކަތްތައް ކުރިޔަށް ގެންދަން.

އަޅުގަނޑުމެންނަށް މިއަދު މިދެވޭ އެއްބިލިޔަން ރުފިޔާގެ މުސާރައިގެ ކުރިއެރުން މިދެވެނީ، ސަރުކާރުގެ މާލީ ސިޔާސަތު، އިޤްތިޞާދީ ސިޔާސަތު، ކުރިއާ އަޅާބަލާއިރު ވަރަށް ބޮޑަށް ބަދަލުކޮށްގެން ގެންދާ ގެންދިޔުމެއްގައި. މީގެކުރީގައި ސަރުކާރުގެ ތެރޭގައި ހުރި ގެއްލުންވާ ވަރަށް ގިނަ މުއައްސަސާތައް މި ސަރުކާރުން މިދަނީ ވިޔަފާރީގެ އުޞޫލަށް ބަދަލުކޮށް، ޢާންމު ވިޔަފާރިތަކަށް ބަދަލުކުރަމުން. މި ޕްރޮގްރާމު އަޅުގަނޑުމެންނަށް މިގޮތަށް ގެންދެވުނީމާ، އަޅުގަނޑުމެން މި އުންމީދު މިކުރަނީ މުޅި ޖުމްލަ މަހެއްގެ މައްޗަށް 200 މިލިޔަން ރުފިޔާގެ ޚަރަދު، އެއީ ވިޔަފާރީގެ އުޞޫލަކުން ކުރާ ޚަރަދަކަށްވެ، އެ ޚަރަދު އެއީ ސަރުކާރުގެ ބަޖެޓުން ނުކުރާ ޚަރަދެއްގެ ގޮތުގައި ހަމަޖެހިގެންދާނެކަމަށް.

އެހެންވީމާ، މި އެއް ބިލިޔަން ރުފިޔާގެ މުސާރައިގެ ކުރިއެރުން ސަރުކާރު މުވައްޒަފުންނަށް ފޯރުކޮށްދެވޭނީ، މިދަންނަވާ އަނެއް ޕްރޮގްރާމު ހިންގުމުގައި، ސިވިލް ސަރވިސް މުވައްޒަފުންގެ ވަރަށް ފުރިހަމަ އެއްބާރުލެއްވުމެއް އަޅުގަނޑުމެންނަށް ލިބިގެން. ކޯޕަރޭޓް އުޞޫލުން ޕްރައިވެޓައިޒް ކުރާ ސަރުކާރުގެ މުއައްސަސާތައް ޕްރައިވެޓައިޒް ކުރުމުގައި، ސިވިލް ސަރވިސްގެ މުވައްޒަފުން ސަރުކާރަށް ވަރަށްގިނަ މަސައްކަތް ކޮށްދެއްވަން އެބަޖެހޭ.

އަޅުގަނޑު މިހެން ދަންނަވާއިރުގައިވެސް، މިހާތަނަށް އަޅުގަނޑުމެންނަށް ކޯޕްރަޓައިޒް ކުރެވިފައި ހުރި ދާއިރާތަކުގެ މަސައްކަތް ކުރިއަށް ގޮސްފައިމިވަނީ ސަރުކާރު ހިތްހަމަޖެހޭ ހަލުވި މިނެއްގައި. އެހެން ނަމަވެސް، އަޅުގަނޑު ދަންނަވާނީ، އަޅުގަނޑުމެން އަދި ކުރަން ހުރި މަސައްކަތް ބައިވަރޭ. އަޅުގަނޑުމެންގެ އަމާޒަކީ، މިދަންނަވާހެން ކޮންމެ މަހަކު 200 މިލިއަން ރުފިޔާއިން ސަރުކާރުގެ ޚަރަދު ކުޑަކުރެވޭނެ އުޞޫލެއް ހޯދުން. އަޅުގަނޑުމެންގެ ސިޔާސަތުގައި މިވަނީ އެ އުޞޫލު އަޅުގަނޑުމެންނަށް ހޯދިފައި. ދެން އޮތީ އެގޮތަށް، އެ މަގަށް ކެނޑިނޭޅި މަސައްކަތް ކުރުން. މި މަސައްކަތް ކުރުމުގައި، ސަރުކާރު މުވައްޒަފުންގެ މަސައްކަތު ގަޑިތަކަށް ބަދަލެއް ގެންނަން އެބަޖެހޭ. ވަޒީރުންގެ މަޖިލީހުން އިއްޔެ ވަނީ، މި ގަޑިއަށް ގެންނަ ބަދަލު ފާހަގަކުރައްވާފައި. އަޅުގަނޑުމެން މިއަދުގެ މި ވަގުތުތަކުގައި އިތުރު ޕްރެޒެންޓޭޝަނާ އެކުގައިދާއިރު، ސަރުކާރުގެ އޮފީސްތަކުގެ މަސައްކަތްކުރާ ގަޑިތަކަށް އައި ބަދަލުވެސް ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ.

އަޅުގަނޑުގެ ވާހަކަ އެހާ ދިގުކުރާކަށް ނެތިން. އަޅުގަނޑު، ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް ޑޮކްޓަރ މުޙަންމަދު ލަޠީފާއި އަދި ފިނޭންސް މިނިސްޓަރ ޢަލީ ހާޝިމާއި އަޅުގަނޑުމެންނާއެކު މިއަދު ބައިވެރިވެވަޑައިގަންނަވާ ސިވިލް ސަރވިސްގެ ހުރިހާ ޕަރމަނަންޓް ސެކްރެޓެރީންނާއި، ހުރިހާ މެންބަރުންނާ އަދި އެ ކޮމިޝަނަށް ނުވަތަ ސިވިލް ސަރވިސްއަށް މަސައްކަތް ކޮށްދެއްވާ ވަޒީރު ބޭފުޅުންނަށާއި މިހުރިހާ ބޭފުޅުންނަށް ނިހާޔަތަށް ޝުކުރުވެރިވަން. އަޅުގަނޑުމެންނަށް މިއަދު މިދެވޭ މުސާރައިގެ ކުރިއެރުން އަޅުގަނޑުމެންނަށް މިފޯރުކޮށްދެވެނީ، މި އެންމެ ބޭފުޅުން ވަރަށް ބުރަ މަސައްކަތް މިކަމުގައި ކޮށްދެއްވީތީ. ވަރަށް ބޮޑަށް ޝުކުރިއްޔާ.