بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

އަޅުގަނޑުމެންގެ ސަރުކާރު ދެމިއޮންނަނީ ހަމައެކަނި އެންމެ ބޭނުމަކަށް. އެއީ އަޅުގަނޑުމެންގެ ވަޢުދުތައް ފުއްދައިދިނުމަށް. ރައްޔިތުންނަށް ޚިދްމަތް ކޮށްދިނުމަށް. މި ސަރުކާރު އުފެދިފައި މިވަނީ މިދެންނެވި ބޭނުމަށްޓަކައި. އިރާދަކުރެއްވިއްޔާ އަޅުގަނޑު ތިޔަބޭފުޅުންނަށް އަނެއްކާވެސް ޔަޤީންކަން އަރުވަން، އަޅުގަނޑުމެން ވެފައިވާ ވަޢުދުތައް އަޅުގަނޑުމެންގެ މި ރިޔާސީ ދައުރުގައި ތިޔަބޭފުޅުންނަށް ފުއްދައިދޭނެކަން.
މިއަދު މިތަނުގައި ހައްދުންމަތީގައި މިހުޅުވެނީ، ނުވަތަ މަޝްވަރާތައް މިފެށެނީ، އަޅުގަނޑުމެންގެ ސަރުކާރުގެ ވަޢުދުތަކުގެ ތެރެއިން، އަޅުގަނޑުމެންގެ ހިތްތަކާ ވަރަށް ގާތް އަދި ކާމިޔާބު ކުރުމަށް އެހާމެ ބޮޑަށް އަޅުގަނޑުމެން އެދޭ މަސައްކަތްތަކެއް. އެއީ، ސަރުކާރު ހިންގާއިރުގައި ސަރުކާރުން ކުރާ ކަންކަން ރައްޔިތުންނާ ވީހާވެސް ގާތުން ކުރެވޭނެ އިންތިޒާމަކާއި، ނިޒާމެއް ހަމަޖެއްސުމުގެ މަސައްކަތް. ލާމަރްކަޒީ އުޞޫލުން ރާއްޖޭގެ އަތޮޅުތަކާއި ޕްރޮވިންސްތައް ހިންގަން ފެށުމަށް، ތައްޔާރުވާން ފެށުމުގެ މަސައްކަތްތައް، އަޅުގަނޑުމެން މިއަދު ފަށައިގެން ކުރިއަށް މިގެންދަނީ.

އެނގިވަޑައިގަންނަވާނެ، އައްޑުއަތޮޅުގަޔާއި ކުޅުދުއްފުށީގައި މިހާރުވާނީ މި އުޞޫލުން ހިންގާ ދެ މަރްކަޒު ޤާއިމުވެ، އެ ދެ މަރްކަޒުގައި، މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ ސްޓޭޓް މިނިސްޓަރެއް ހުންނަވާގޮތަށް ހަމަޖެހިފައި. އެބޭފުޅާގެ ބެއްލެވުމުގެ ދަށުން، ހއ. ހދ. ށ. ނުވަތަ އެ ޕްރޮވިންސްގައި ހިމެނޭ އަތޮޅުތައް ހިންގުމުގެ މަސައްކަތް މިދެސަރަޙައްދުގައި މިހާރުވަނީ ފެށިފައި.

ސަރުކާރުން މިހާރު މިފަށައިގަންނަނީ، މި ސަރަޙައްދުގައި، މި ޕްރޮވިންސްގައި އެމަސައްކަތް އެގޮތަށް ކުރުމަށް. އެގޮތުން، އަޅުގަނޑުމެން ބަލާއިރުގައި، މި ޕްރޮވިންސަކީ، ނުވަތަ މި ދެއަތޮޅަކީ، ހައްދުންމައްޗާއި ކޮޅުމަޑުލަކީ، ރާއްޖޭގައި ޒަމާނުއްސުރެ ފަށައިގެން ވެރިކަމުގެ، ރަށްވެހިކަމުގެ ވަރަށް ފުރިހަމަ ތާރީޚެއް އެކުލެވިފައި އޮތް ދެއަތޮޅު. ދިޔަމިގިއްޔަކީ، އެރަށުން އުފެދުނު ދަރިއެއް ރާއްޖޭގައި ރަސްކަންކުރި ރަށެއް. ކޮޅުމަޑުލަކީ، ރާއްޖޭގެ ރަސްކަމުގެ ނަސަބެއް ނިސްބަތްވާ އަތޮޅެއް. އަދި ހަމައެހެންމެ، އެނގިވަޑައިގަންނަވާނެ، ހައްދުންމައްޗަކީ، މީލާދީ ސަނަތުން އެގާރަސަތޭކައިގެ އަހަރުތަކުގައި ވަރަށް ވަރުގަދަ ރަށްވެހިކަމެއް ހިނގަމުން އައި އަތޮޅެއް. މިކަންކަން، އިސްދޫ ލޯމާފާނާއި ދަނބިދޫ ލޯމާފާނު، ވަރަށް ސާފުކޮށް އަޅުގަނޑުމެންނަށް ކިޔައިދޭ. ވަރަށް ވަރުގަދަ ރަށްވެހިކަމެއް ހިނގަމުންއައި. އެހެންނަމަވެސް، އޭރުގައި ހިނގާދިޔަ އެތައް ކަމަކާ ގުޅިގެން، އެ ރަށްވެހިކަން އައީ ދުވަހުން ދުވަހަށް އަތޮޅުތަކުގައި ނިކަމެތިވަމުން. ހަމައެއާއެކީގައި މާލޭގައި އައީ ވަރުގަދަވަމުން.

މިއަދު އަޅުގަނޑުމެންނަށް ކުރިމަތިލާން ޖެހިފައި މިވަނީ، މާލެއަށް ހުރިހާ ކަމެއް ދިޔަދޮވިވެފައި އޮތުމުން، އެންމެފަހުން އައިސް މާލެ ތޮއްޖެހި، މާލޭގެ އެންމެހާ ކަންކަންވެސް ހައްދުންނެއްޓި، ހަމަ މިހިސާބުގައި ދިރިއުޅޭ ރައްޔިތުންނަށްވެސް، އޭގެ އެއްވެސް ފައިދާއެއް ނުކުރާ ފައްތަރަށް ދިޔުން. އަޅުގަނޑުމެންގެ ބޭނުމަކީ، ރާއްޖޭގެ އަތޮޅުތަކުގައި ފުރިހަމަ ތަރައްޤީއެއް ގެނައުން. މި އަތޮޅުތަކުގައި މަގުހަދައި، ކަރަންޓާއި ފެނާއި ނަރުދަމާއާއި އަދި ބޭނުންވާނެ އެހެންވެސް އަސާސީ ޚިދްމަތްތައް ރައްޔިތުންނަށް ފޯރުކޮށްދެވޭނެ އިންތިޒާމެއް، ނިޒާމެއް ގާއިމު ކުރުން. އަޅުގަނޑުމެންގެ ސިޔާސަތަކީ، އަތޮޅުތަކުގައި ނުވަތަ ޕްރޮވިންސްތަކުން މިތަންތަން ތަރައްޤީ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔުން.

އެގޮތުން ކޮޅުމަޑުލާއި އަދި މިއަތޮޅާ ދެއަތޮޅު ނިސްބަތްވާ ޕްރޮވިންސް ނުވަތަ ސަރަޙައްދު ލ. އަތޮޅުގައި، ގާއިމު ކުރެވޭނެ. އެސަރަޙައްދުގައި ހޯމްމިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއް ހުންނަވައިގެން، އަދި ސަރުކާރުގެ އެހެންވެސް މިނިސްޓްރީތަކުގެ މޭޒުތައް އެއޮފީހުގައި ގާއިމު ކުރެވިގެން މިޕްރޮވިންސަށް ބޭނުންވާ ސަރުކާރުގެ އެންމެހާ މަސައްކަތް، ސަރަޙައްދުގައި ހިނގަމުންދާނެ. މިކަމުގައި އަޅުގަނޑުމެންގެ ބޭނުމަކީ، އަޅުގަނޑުމެންގެ ތަރައްޤީއަށް އެންމެ މަގުފަހިވާނެ ވެރިކަމުގެ ނިޒާމަކަށް ރާއްޖޭގެ ވެރިކަން ބަދަލުކުރުން. އަދި އިދާރީ ހިންގުންވެސް މިދަންނަވާހެން، ތަރައްޤީއަށް އެންމެ މަގުފަހިވާނެ ނިޒާމަކަށް، މަގަކަށް، ކަންކަން ހިމުންވާނެ ގޮތްތަކަށް އަޅުގަނޑުމެންގެ މަސައްކަތް ބެހެއްޓުން.

އަޅުގަނޑުމެންނަށް ހަމަ ޔަޤީން، ސީދާ ތިޔަބޭފުޅުންގެ އަތޮޅުތަކުން، ތިޔަބޭފުޅުންގެ އަތޮޅުތަކާ ގުޅޭ ކަންކަން ނިންމަމުން ގެންދިޔައީމާ އޭގެ ސަބަބުން ތަރައްޤީގެ ދުވެލި އެތައް ތަނެއް ކުރިއަރައިދާނެ. މިދިޔަ ސަރުކާރުން އެކުލަވާލާފައި އޮތް ތަޞައްވުރެއް އެބައޮތް. އޭގައި މިއަތޮޅުގައި 400 ޓޫރިސްޓް އެނދު ތަރައްޤީ ކުރުން އެބަ އޮތް. އެނގިވަޑައިގަންނަވާނެ، އެ މަސައްކަތްތައް މިހާރުދަނީ ހިނގަމުން. އެހެންނަމަވެސް، އެމަސައްކަތްތައް ހިނގަމުންދަނީ ހިނގަމުންދާންޖެހޭނެ ބާރުމިނެއްގައެއްނޫން. ނުވަތަ އެއްބަސްވެވިފައިވާ ވަގުތުތަކާ ތާވަލުތަކާ އެއްގޮތަކަށްވެސް ނޫން.

އަޅުގަނޑުމެން މިގެންނަ ހިންގުމުގެ ބަދަލުގެ ބޭނުމަކީ، މިދަންނަވާ އާމްދަނީ އިތުރުވާނެ ބާވަތުގެ މަސައްކަތް ވީހާވެސް ހަލުވިކުރެވޭތޯ ބެލުން. އަޅުގަނޑުމެންގެ ބޭނުމަކީ، ސަރުކާރުގެ ބޭނުމަކީ، މިއަތޮޅުގައި އަދި ކޮޅުމަޑުލުގައިވެސް ތަރައްޤީ ކުރުމަށް ކަނޑައަޅާފައިވާ މަޝްރޫޢުތައް ބާރުމިނުގައި ތަރައްޤީކުރެވޭނެ ގޮތްތަކެއް ހޯދައި، އެކަންކަމަށް މަގުފަހިކޮށްދިނުން. މިގޮތުން މަސައްކަތް ހުއްޓިފައިވާ އަދި ކުރިޔަށް ނުގެންދެވޭ ރިޒޯޓުތަކަށް، ރަށްތަކަށް މިދިޔަ ހަފްތާގެ ތެރޭގައި ސަރުކާރުން އިތުރު މުއްދަތު ދީފައިވާނެ. އެހެންވީމާ، އަޅުގަނޑުމެން ބަލާނީ، އުންމީދު ކުރާނީ، މިދެވުނު މުއްދަތުގެ ތެރޭގައި، އެތަންތަން ތަރައްޤީކޮށް، އެތަންތަނުން ރައްޔިތުންނަށް ލިބެންވާ މަންފާއާއި ލާބަ، ވީހާވެސް އަވަހަކަށް ލިބޭނެ މަގެއް ހޯދައިދޭން.

އޭގެއިތުރުން، އަޅުގަނޑުމެން މިއުންމީދު ކުރަނީ، މިދަންނަވާ އަސާސީ ޚިދްމަތްތައް ފޯރުކޮށްދިނުމަށް ހިންގާ މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތްތައް އިރާދަކުރެއްވިއްޔާ މިއަހަރު މެދުޖެހުމުގެ ކުރީގައި ރަށްތަކުން ފެނިގެންދާނެކަމަށް. ފެނާއި، ނަރުދަމާއާއި، ކަރަންޓާއި، މަގާއި، ދަތުރުފަތުރުގެ މަޝްރޫޢުތަކަށް މިހާރު މިވަނީ ބޭރުގެ އެކިއެކި ފަރާތްތަކުން ބައިވެރިން ހޯދުމަށް އިޢްލާނު ކުރެވިފައި. އެ އިޢްލާންތަކަށް ބޭރުގެ ފަރާތްތަކުން ވަރަށް ހަލުވިކަމާއެކީގައި އިޖާބަދޭ. މި ސަރުކާރުން އިޢްލާނުކުރާ އިޢްލާނުތަކަށް ބޭރުގެ ފަރާތްތަކުން އިޖާބަދެނީ އަޅުގަނޑުމެންނާ ބަޔަކު ރައްޓެހި ކަމަކުންނެއް ނޫން. އަޅުގަނޑުމެން މި ރާއްޖޭގައި ތަޢާރުފު ކުރަން މިއުޅޭ އުޞޫލުތަކަކީ، ބައިނަލްއަޤްވާމީ ދުނިޔެއާ ރަށްޓެހި ޤައުމުތަކުގެ ޢާއިލާތަކުން ގަބޫލުކުރާ ހަމަތަކެއް ކަމަށްވާތީ.

އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ ޑިމޮކްރަސީގެ މަތިވެރި އުޞޫލުތައް ތަޢާރުފު ކުރުމަށް. އެމަސައްކަތް އަޅުގަނޑުމެން ކުރާހާ ހިނދަކު، އަޅުގަނޑުމެންނެއް އެކަނިވެރިވެގެނެއް ނުދާނެ. ހަމަ އެފިކުރުގައިވާ ދުނިޔޭގެ ތަރައްޤީވެފައިވާ އެހެން ޤައުމުތަކުން މި ދިވެހިރާއްޖެއާ އަޅާލާނެ. މީގެކުރީގައި ދިވެހި ސަރުކާރަށް ކިތަންމެ ތަނަކުން ދަތިވެފައި އޮތީ، ކަންކަމާ ގުޅޭގޮތުން ބޭރުގެ ޤައުމުތަކާ މަޝްވަރާ ކުރަން. އޭގެ ސަބަބުތައްވެސް ބައިވަރު. ޚާއްޞަ ގޮތެއްގައި ވެރިކަން ހިންގުމުގައި، ވެރިކަމުގެ އެންމެހާ ބާރުތައް މަދުމީސްކޮޅެއްގެ އަތްމަތީގައި އަދި ކުޑަކުޑަ ސަރަޙައްދެއްގެ ތެރޭގައި ހިފަހައްޓައިގެން ހިންގާ ހިންގުން އެއީ ދުނިޔެއަށް ގަބޫލުކުރެވޭ އުޞޫލެއް ނޫން. ލާމަރްކަޒީ އުޞޫލުން އަޅުގަނޑުމެން ކަންކަން ހިންގުމަށް ބާރުއަޅާކަމުން، ބައިނަލްއަޤްވާމީ މުޖްތަމަޢު އަޅުގަނޑުމެންނަށް ތަރުޙީބުދޭ. މި މަޝްރޫޢުތައް އަޅުގަނޑުމެންނަށް މުހިންމުވަނީ، މިއީ އިންސާނީ ތަޖުރިބާ ކާމިޔާބުކަމާއެކުގައި ކަނޑައަޅާފައިވާ އުޞޫލުތަކާއި ހަމަތައް ކަމަށްވާތީ. އަނެއްކާ މުޅިން އާ ގޮތްތަކެއް ހޯދަން، އަޅުގަނޑުމެންނެއް ދުނިޔެ ލާހިނގާކަށް ނުޖެހޭ. އިންސާނާ އެބަހުރި ގޮތްގޮތް ހޯދާފައި، ކަންކަން ކާމިޔާބުކޮށްފައި. އަޅުގަނޑުމެން ހަމައެކަނި މިޖެހެނީ އެގޮތްގޮތާ، އެހަމަތަކާ އުޞޫލުތައް، އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނުގެ އަސާސްތަކާ އެއްގޮތަށް ހިންގަމުން ގެންދިޔުން.

އެހެންވީމާ، ދެންމެ ޢަފީފް އެ އިޝާރާތް ކުރެއްވި ފަދައިން، ޖަޕާނު ސަރުކާރުންވެސް، އިންޑިޔާ ސަރުކާރުންވެސް އަދި އެހެން ކިތަންމެ އަމިއްލަ ކުންފުނިތަކަކުންވެސް އަޅުގަނޑުމެންގެ އިޢްލާނުތަކަށް އަހަންމިއްޔަތުކަންދެނީ. އެނގިވަޑައިގަންނަވާނެ، އިޢްލާނެއް ނެރެ މުއްދަތު ހަމަވެފައި މިހާރު މިވަނީ ހަމައެކަނި މާލޭ އެއަރޕޯޓު، ބައިވެރިއަކާއެކު ތަރައްޤީ ކުރުމަށް ނެރެފައިވާ އިޢްލާނު. އެ އިޢްލާނަށް ދުނިޔޭގެ 19 އެއަރޕޯޓުން އެބައޮތް ޝައުޤުވެރިކަން ހާމަކޮށްފައި. އަޅުގަނޑުމެންނަށް ހަމަޔަޤީން، މިއަތޮޅުގައި ދަތުރުފަތުރު ކުރުމުގެ ނިޒާމެއް ގާއިމުކުރުން، ނުވަތަ މި ޕްރޮވިންސްގައި ދަތުރުފަތުރުކުރުމުގެ ނިޒާމެއް ގާއިމު ކުރުމަކީ، އަދި ގެދޮރު ބިނާކުރުމަށްވެސް، އަދި އަސާސީ ޚިދްމަތްތައް ފޯރުކޮށްދިނުމަށްވެސް، މަދަރުސާތައް ހިންގުމަށްވެސް، ބޭރުގެ ހުނަރުވެރި ފަންނީ ފަރާތްތަކުގެ ޝައުޤުވެރިކަން އުފެއްދުން. އެކަންކަން ޢާންމު ހަމަތަކެއްގެ ތެރޭގައި އަޅުގަނޑުމެންނަށް ކުރިއަށް ގެންދެވޭނެ އެންމެ ބޮޑު ސަބަބަކީ، އަޅުގަނޑުމެން ވެރިކަމުގައި ބައިތިއްބަން ރައްޔިތުން ނޭދޭ އެންމެ ހިނދުކޮޅެއްގައިވެސް ވެރިކަމުގައި ތިބެން އަޅުގަނޑުމެން ނޫޅުން.

ޑިމޮކްރަސީގެ އުޞޫލުތަކުން ބޭރުގައި އަޅުގަނޑުމެން އެއްވެސް ކަމެއް ކުރާކަށް ނިޔަތެއް ނުގަންނާނަން. އަޅުގަނޑުމެންނެއް އިޢްތިރާފްގެ ބަޔާން ހޯދުމަށް، ސިޔާސީ ކުށްވެރިންގެ ގޮތުގައި މީހުން ހިފައި ހައްޔަރުކޮށް، އަނިޔާކޮށެއް ނުހަދާނަން. އަޅުގަނޑުމެންނެއް ޚިޔާލުފާޅުކުރުމުގެ މިނިވަން ކަމަކަށް ހުރަހެއް ނާޅާނެ. އެއްވެ އުޅުމުގެ މިނިވަންކަމަކަށް އަޅުގަނޑުމެން ހުރަހެއް ނާޅާނަން. ތިޔަބޭފުޅުންގެ އަމިއްލަ ދިރިއުޅުންވުމަކަށް ގަދަވެއެއް ނުގަންނާނަން. އަޅުގަނޑުމެންނެއް، ސިޔާސީ ބޭނުމަކަށްޓަކައި ސަރުކާރުގެ މަގާމުގެ ނުފޫޒާއި އަދި ބާރު ބޭނުންކޮށެއް ނަހަދާނަން. މި ސަރުކާރުގެ މިޞްރާބަކީ މިއީ. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ވެފައިވާ ވަޢުދުތައް މި މިޞްރާބުގައި ތިޔަބޭފުޅުންނަށް ފުއްދައިދޭނަން.

އަޅުގަނޑުގެ ދުޢާއަކީ، މިއަދަށްވުރެ ތަނަވަސް މާދަމާއެއް އަޅުގަނޑުމެން ހުރިހާ ރައްޔިތުންނަށްވެސް ލިބުން. އަޅުގަނޑު ޔަޤީންކުރަނީ ތިޔަބޭފުޅުންނާ އެކުގައި އަޅުގަނޑުމެންނަށް މިކަންކަން ކާމިޔާބުކަމާއެކު ކުރެވޭނެ ކަމަށް.

اَلحمْـدُ لِلّـهِ. ވަރަށްބޮޑަށް ޝުކުރިއްޔާ!