بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

އަޅުގަނޑުމެންގެ އެންމެބޮޑު އެއްބޭނުމަކީ، ރާއްޖޭގެ މުއްސަނދިކަން ރާއްޖޭގެ ރައްޔިތުންނަށް ފުރިހަމަގޮތުގައި ބޭނުންކުރެވޭނެ އިދާރީ އޮނިގަނޑެއް، ވެރިކަމުގެ ނިޒާމެއް ގާއިމު ކުރުން. އެގޮތުން، އަޅުގަނޑުމެން އިންތިޚާބުގައިވެސް ވަކާލާތު ކުރަމުން އައިމު، ލާމަރްކަޒީ އުޞޫލުން ކަންކަން ހިންގައިގެންނޭ، އަޅުގަނޑުމެންގެ ރާއްޖޭގެ މުއްސަނދިކަން، އޭގެ ފުރިހަމަ ގޮތުގައި، އަޅުގަނޑުމެންގެ ރައްޔިތުންނަށް ބޭނުންކުރެވޭނީ.
މިހާރު އަޅުގަނޑުމެން ޢަމަލު ކުރަމުންމިދާ ނިޒާމުގައި، އުޞޫލުގައި ގިނަ ކަންކަން ކުރެވެން މިއަންނަނީ، މާލޭގައި ތިބޭ ބަޔަކު، އެއިރެއްގައި ބޭނުންވާ ކަމެއް ބޭނުންވާ ގޮތަކަށް ކުރާ އުޞޫލުން. މިގޮތަށް މިކަން އޮތީމާ، އެ ކުރެވޭ ކަންތައްތަކުގައި، ރައްޔިތުންގެ އެދުމާ، ރައްޔިތުންގެ ރުހުމާ، ރައްޔިތުންގެ އިޙްސާސްތަކެއް ނުހިމެނޭ. އެހެންވީމާ، ސަރުކާރުން އިޚްލާޞްތެރިކަމާއެކު ކުރާ ރަނގަޅު ކަމެއްވެސް ރައްޔިތުންނަށް ބަލައެއްނުގަނެވޭ. ބަލައިގަންނަން ދަތި. ކަމެއްގެ މައިގަނޑު މަޤްޞަދު ރަނގަޅުވެފައި އޮންނައިރުގައިވެސް، އެކަމެއްގެ ވަށައިގެން ދެން ހުންނަ އެހެން ހުރިހާ ކަމެއް ހިނގަމުން އަންނަނީ، ރައްޔިތުން އެދޭ ގޮތަށް ނޫންކަމަށް ރައްޔިތުންނަށް ފެންނާތީވެ، އެންމެފަހުން އައިސް އަޞްލު މައިގަނޑު މަޤްޞަދުވެސް ގެއްލިދަނީ.

އަޅުގަނޑުމެންގެ ބޭނުމަކީ، ތިޔަބޭފުޅުންގެ ކަންކަން ތިޔަބޭފުޅުންނާ ވީހާވެސް ގާތުން ކުރިއަށް ގެންދިޔުން. އެގޮތުން، އަޅުގަނޑުމެން މި ގާއިމު ކުރަނީ ސަރަޙައްދީ އިދާރާއެއް. އެތަނުގައި އަޅުގަނޑުމެން ސްޓޭޓް މިނިސްޓަރެއް ބަހައްޓާނަން. އަދި އެ އިދާރާއަކީ، ހއ. ހދ. ށ. މި ތިން އަތޮޅުގެ އެންމެހާ ކަންކަން ހިންގާ އިދާރާއަކަށް ހެދުމަށް އަޅުގަނޑުމެން ޤަޞްދުކޮށްގެން މިތިބީ. އެގޮތުން، އިރާދަކުރެއްވިއްޔާ، އަޅުގަނޑު މިއަދު ދިއްދުއަށް ގޮސް، ދިއްދޫގައި ސްޓޭޓް މިނިސްޓަރަކަށް ފަތްކޮޅު އަރުވާނަން. އަދި އެ މިނިސްޓަރުގެ ނާއިބުންގެ ގޮތުގައި މީހުން ހަމަޖެހިގެންދާއިރުގައި، އަޅުގަނޑު ވަރަށް އުފާވޭ، ތިޔަބޭފުޅުންގެ އަރިހުގައި ދަންނަވަން، ކެލާ ބޭފުޅަކަށްވެސް އެމަގާމު އަޅުގަނޑު މިއަދު އަރުވާ ވާހަކަ.

އަޅުގަނޑުމެން ވެރިކަމުގައި މިތިބެނީ ހަމަ އެންމެ ބޭނުމަކަށް. އެއީ، އަޅުގަނޑުމެން ތިޔަބޭފުޅުންނަށް ވެފައިވާ ވަޢުދުތައް ފުއްދައިދިނުމަށް. އަޅުގަނޑުމެން މި އިންތިޚާބަށް ވާދަކުރަމުން އައިއިރުގައި، ރައްޔިތުންނަށް ވަޢުދުތަކެއް ވަމުން އައިސްފީމު. ވެރިކަމުގައި ތިބެ، ސަރުކާރު އުފައްދައި، ސަރުކާރު ހިންގުމުގައި އަޅުގަނޑުމެން ކުރަން އޮތް ކަމަކީ، މިދެންނެވި ވަޢުދުތައް ފުއްދައިދިނުން.

އަނެއްކާވެސް އަޅުގަނޑު އުފަލާއެކީ ދަންނަވަން އޮތް ވާހަކައަކީ، އިރާދަކުރެއްވިއްޔާ، 1 ޖަނަވަރީން ފެށިގެން، ޢުމުރުން 65 އަހަރުގެ ކޮންމެ ދިވެހި ރައްޔިތަކަށް، އަންހެނަކަސް، ފިރިހެނަކަސް ކޮންމެ މަހަކު ދައުލަތުން ޕެންޝަނެއްގެ ގޮތުގައި ދެހާސް ރުފިޔާ ދެއްވާނެއޭ. ހަމައެހެންމެ، އަޅުގަނޑު ހަމަ އަނެއްކާވެސް އުފަލާއެކު ދަންނަވަން އޮތް ވާހަކައަކީ، ރާއްޖޭގެ ރައްޔިތުންގެ ތެރެއިން އެއްލައްކަ ރައްޔިތުންނަށް، އިންޝުއަރެންސްގެ އުޞޫލުން ބޭސްފަރުވާ ކުރެވޭނެ އިންތިޒާމު، މިއަންނަ އަހަރު ޖަނަވަރީ 1 ވަނަ ދުވަހުއްސުރެ ފެށިގެން، އަޅުގަނޑުމެން ހަމަޖައްސައިދޭނެ ވާހަކަ. އެއީ، ބޭސް ސިޓީއަށް ނުވަތަ ބޭސްފަރުވާ ހޯދުމަށްޓަކައި، އެންމެ ދަތި ޙާލުގައި އުޅެންޖެހޭ އެއްލައްކަ ރައްޔިތުން. މި އަދަދު މިއަންނަ އަހަރު ދެލައްކައަށް އިތުރުކުރަންޖެހެންޏާ އިރާދަކުރެއްވިއްޔާ އެކަން ކުރާނަން. މިދެކަންތައްވެސް ވަނީ ބަޖެޓުގައި ހިމަނާފައި. އެހެންވީމާ، އަޅުގަނޑަށް މިވާހަކަ މިހެން ދަންނަވަން ކެރެނީ. އަދި ބަޖެޓުގައި ހިމެނިއެއްކަމަކު އަޅުގަނޑުމެންނަށް މިކަން ކުރެވޭނީ، ބަޖެޓު ފާސްވެގެން ދިޔައީމަ. ދެން އަޅުގަނޑަށް ޔަޤީން، އެ އޮންނަ ޢާންމު އުޞޫލުގެ ތެރެއިން ބަޖެޓު ފާސްވެގެންދާނެކަން. އެކަމާމެދު އަޅުގަނޑުމެން ޝައްކެއް ނުކުރަން. އެހެންވީމާ، އަޅުގަނޑުމެންގެ މި ވަޢުދުތައް ފުއްދުމުގައި، އަޅުގަނޑުމެންނަށްވީ ވަރަކުން މަސައްކަތް ކުރާނެ ކަމުގެ ފުރިހަމަ އިތުބާރާއި ޔަޤީންކަން ތިޔަބޭފުޅުންނަށް އަޅުގަނޑު އަރުވަން.

މިގޮތުން ފާހަގަކުރެއްވިފައިވާނެ، މިހާރު ޑީސަލްގެ އަގު ބައިނަލްއަޤްވާމީ މާރުކޭޓުގައިވެސް ދަށަށް ގޮސްފައިވާކަން. އެކަންކަން ކުރުމަށް އަޅުގަނޑުމެންނަށް ފައިސާ ހޯދަން ޖެހުނީ. އަޅުގަނޑުމެންނެއް ބޭނުމެއް ނޫން ދޮގު ހަދަމުން ގެންދާކަށް. އަޅުގަނޑުމެން ބޭނުމީ ވާން އޮތް ކަމެއް ވާނެޔޭ ބުނަން. ނުވާނެ ކަމެއް އަޅުގަނޑުމެންނަށް ނުވާނެޔޭ ބުނަން. ދެން މިދިޔަ ސަރުކާރުން ކޮށްފައި އޮތް ކަމެއް ކަމުގައިވިޔަސްވެސް، ކުރާނަމޭ ސަރުކާރަކުން ބުނެފައި އޮތް ކަމެއް ކަމަށް ވެއްޖިއްޔާ، އަދި ޚާއްޞަކޮށް ރައްޔިތުންނާ ގުޅޭކަމެއްކަމަށްވަނީނަމަ، އަޅުގަނޑުމެން ދުށީ އެކަމެއް ފުއްދުމަކީ އަލަށް އުފެދޭ ސަރުކާރުގެ ވާޖިބެއް ކަމަށް. އަޅުގަނޑުމެން ޖެހޭނެ، ސަރުކާރަކުން ކުރަން ނިންމާފައި އޮތް ކަމެއް ވެއްޖިއްޔާ، އަދި ރައްޔިތުންނާ ގުޅޭގޮތުން ނިންމާފައި އޮތް ކަމެއް ވެއްޖިއްޔާ، އެކަމެއް ކުރުމަށް ބާރުއަޅަން.
އަޅުގަނޑު ރައީސް އޮފީހަށް އައިއިރުގައި އަހަރެއްގެ މައްޗަށް ދުއިސައްތަ ފަންސާސް މިލިޔަން ރުފިޔާ ބަޖެޓް ކޮށްފައި އޮތް. އަދި މިދިޔަ އަހަރުވެސް އެއަށްވުރެ އިތުރަށް ޚަރަދުވެފައި އޮތް. އަޅުގަނޑުމެން އެއޮފީހުގެ ބަޖެޓެއްގެ ގޮތުގައި މިހާރު މި ކަނޑައަޅަނީ ސާޅީސް މިލިޔަން ރުފިޔާ. ހަމައެހެންމެ، ތީމުގޭގެ ބަޖެޓުގެ ގޮތުގައި ތިންސަތޭކަ މިލިޔަން ރުފިޔާއަށްވުރެ ބޮޑުކޮށް މިދިޔަ އަހަރު ޚަރަދުވެފައި އެބައޮތް. އަޅުގަނޑުމެން މިއަހަރު އެތަނުގެ ބަޖެޓުގެ ގޮތުގައި މި ކަނޑައަޅަނީ ސާޅީސް މިލިޔަން ރުފިޔާ.

އަޅުގަނޑު ދެންނެވިން، ޢުމުރުން 65 އަހަރުގެ މީހުންނަށް ފައިސާ ދިނުމަށް ހެދެން އެބައޮތޭ ވަރަށް ފަސޭހަ ގޮތެއް. އޭރުގައި އަޅުގަނޑު ކިޔައިދެމުން ދިޔައިން. އަޅުގަނޑުގެ ނަޒަރުގައި އެ ފައިސާ ހޯދެން އެބައޮތޭ، ރިޔާސީ ޚަރަދު ކުޑަކޮށްގެން. އެހެންވީމާ، އަޅުގަނޑުމެން ރިޔާސީ ޚަރަދު ކުޑަކޮށް، އަޅުގަނޑުމެން ބޭނުންވީ، ކޮންމެހެން ބޭނުންވާ އެހެން ޚަރަދުތައް ބަޖެޓުން ކުރުމަށް. އިރާދަކުރެއްވިއްޔާ، ސަރުކާރުގެ އެހެން ވުޒާރާތަކުންވެސް އެކަންކަން އެގޮތަށް ކުރަމުން ގެންދާނެ.

މިސާލަކަށް، އަޅުގަނޑު ދަންނަވާނީ، މިހާރު ޖަލުގޭގައި އުޅޭ ކޮންމެ މީހަކަށް ދުވާލެއްގެ މައްޗަށް އަޅުގަނޑަށް ހިސާބު ލިބިފައި އޮތް ގޮތުގައި ހާހެއްހާ ރުފިޔާއަށްވުރެ ގިނަ ރުފިޔާ އެބަ ޚަރަދުވޭ. އަޅުގަނޑަށް ހީވަނީ، ރިޒޯޓެއް ބުކްކޮށްފައި، އެތަނުގައި އެމީހުން ބޭތިއްބީމާވެސް ދައުލަތަށް އެއަށްވުރެ ޚަރަދު ކުޑަވާނެހެން. އެތަން ރަނގަޅު ކުރުމަކަށް އިތުރު ފައިސާއެއްގެ ވާހަކަ ދެއްކުން އެއީ ދެން ބުއްދިވެރި ކަމެއް ނޫން. އަޅުގަނޑު ކައިރިއަކު އެއްވެސް މިނިސްޓަރަކު އެބާވަތުގެ ވާހަކަ ދައްކަވާނެ ކަމެއް ނެތް. މިހާރު އެހުރި ޚަރަދު އެހެރީ އެގޮތަށް.

އެހެންވީމާ، އެތަނުގައި ކަމެއް ރަނގަޅު ނުވާ ކަމަށްވަނީވިއްޔާ، އޭގެ މާނައަކީ އެތަނަށް އެ މިނިސްޓަރަކު ވަޑައިގެން އިންނަވައިގެން، އެތަނުގެ މެނޭޖްމަންޓް ރަނގަޅު ކުރައްވާށޭ! ކޮންމެވެސް ދިމާއަކަށް ފައިސާ ދަނީ. އަޅުގަނޑުމެން އެންމެންނަށްވެސް އެނގޭ، މީހެއްގެ ބޮލަކަށް ދުވާލަކަށް އެއްހާސް އެތައް ރުފިޔާއެއް ޚަރަދު ކުރީމާ، އެއީ ދެން ޚަރަދު ކުރެވެނީކަން. އެއަށްވުރެ އެކަން ބޮޑުކުރާކަށް ނުވާނެކަން. އެހެންވީމާ، އެކަމުގައި އަޅުގަނޑުމެންނަށް ހެދެން އޮންނާނެ ގޮތަކީ، ތިޔަ ވާހަކަ ތިޔަ ގޮތަށް ނުދައްކަވާށޭ، އެތަނަށް ވަޑައިގަންނަވާށޭ، އެތާ އިންނަވައިގެން ރުފިޔާއަކުން ރުފިޔާއަކުން ދެއްވައިގެން ނަމަވެސް، ތިޔަކަން ޙައްލު ކުރައްވާށޭ. އަޅުގަނޑުމެންނަކަށެއް ނެތޭ ހަމަ މިވެނި ތަނަކަށް މިވެނިހާ ރުފިޔާއޭ، އެވެނި ތަނަކަށް މިވެނިހާ ރުފިޔާއޭ، އެހެން ބުނާއިރަށް ރުފިޔާ ދޫކުރެވޭކަށް. ބޭނުންވާ ޚަރަދު، ކުރަން ޖެހޭ ޚަރަދު، އަޅުގަނޑުމެން ކުރާނަން. އެހެން ނަމަވެސް، ހުރިހާ ޚަރަދެއް، ހުރިހާ ތަނަކަށް ހުރިހާއިރަކު، ބޭނުންހާ ގޮތަކަށް ކުރަމަކުންނެއް އަޅުގަނޑުމެންނަކަށެއް ނުގެންދެވޭނެ.

އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ތިޔަބޭފުޅުންނަށް މި ވެރިކަން ކޮށްދޭނީ، ޒިންމާދާރު ގޮތެއްގައި. ތިޔަބޭފުޅުންގެ ފައިސާތައް އަބަދުވެސް ދެމިގެންދާ ގޮތެއްގައި.

ވަރަށްބޮޑަށް ޝުކުރިއްޔާ!

اَلحَمْـدُ لِلّـهِ.