بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

އަޅުގަނޑަށްވެސް ލިބޭ ވަރަށްބޮޑު އުފަލެއް ތިޔަބޭފުޅުންގެ ރައީސުލްޖުމްހޫރިއްޔާގެ ގޮތުގައި މިރަށަށް އާދެވޭކަމީ. ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، މިވޭތުވެދިޔަ ދުވަސްތަކުގައި ޚާއްޞަކޮށް މިދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި، ރާއްޖެއަށް ގެނައުމަށް އަޅުގަނޑުމެން އުންމީދުކޮށްގެން އުޅުނު ބަދަލު ގެނައުމަށްޓަކައި ތިޔަބޭފުޅުންގެ ޙިއްޞާ ވަރަށްބޮޑު. ލަންދޫ ރައްޔިތުންނަކީ، އެނގިވަޑައިގަންނަވާނެ އެމް.ޑީ.ޕީ. ގައި އުފެދުނު އެންމެ ފުރަތަމަ ގޮފިތަކުގެ ތެރެއިން ގޮތްޕެއް އުފެއްދި ރައްޔިތެއް. އަޅުގަނޑު ތިޔަބޭފުޅުންނަށް އެކަމާ ނިހާޔަތަށް ޝުކުރުވެރިވަން.

އަޅުގަނޑުމެންގެ ސަރުކާރު ދެމިއޮންނަނީ ހަމަ އެންމެ ސަބަބަށްޓަކައި. އެއީ ތިޔަބޭފުޅުންނަށް ޚިދްމަތް ކޮށްދިނުމަށްޓަކައި. އަޅުގަނޑުމެން ތިޔަބޭފުޅުންނަށް ވެފައިވާ ވަޢުދުތައް ފުއްދައިދިނުމަށްޓަކައި. އެނޫން އެހެން އެއްވެސް ބޭނުމެއް ނެތް މި ސަރުކާރު ދެމިއޮންނަން. އެހެންވީމާ، އަޅުގަނޑު ތިޔަބޭފުޅުންނަށް ހަމަ ޔަޤީންކޮށް އަރުވަން. އަޅުގަނޑުމެންގެ ވެރިކަމުގައި ރެޔާ ދުވާލު އަޅުގަނޑުމެން މަސައްކަތް ކުރަމުން ގެންދާނީ، ތިޔަބޭފުޅުންގެ ކަންކަން ފުރިހަމަ މަގަށް އެޅުވުމުގައި.

އަޅުގަނޑަށްވެސް އެނގޭ، އަޅުގަނޑު ހަނދާންވެސް އެބަހުރި. މި ބަނދަރު ފުރަތަމަ ހަދަން ފެށުނުއިރުއްސުރެ ފަށައިގެން، ތިޔަބޭފުޅުން ވަކާލާތު ކުރައްވަމުން ގެންދެވީ، މިއީ މިރަށަށް އެކަށީގެންވާ ބަނދަރެއް ނޫންކަމަށް. އެހެންނަމަވެސް، އަޑުއެހުމެއްނެތި، މި ބަނދަރު މިހާރު މިއޮތީ މިގޮތަށް ގެންގޮސް ހަދައި ނިންމާފައި. ދެން އޮތީ ބަނދަރު ބޮޑުކުރުމަށް ހަލާކު ކުރުން. ވަރަށްބޮޑު ދެރައެއް އެއީ، ކުރި ހުރިހާ މަސައްކަތެއް އަލުން އަނބުރާ އެހެން އަތަކަށް އަޅުގަނޑުމެންނަށް ކުރަންޖެހޭކަން. އާ ބަނދަރެއް ހެދުންހާ މިކަން ޚަރަދު ބޮޑުވެގެންދާކަން އަޅުގަނޑުމެންނަށް އޮތީ ފާހަގަވެފައި. އެހެންވީމާ، މިރަށަށް އައުމުގެ ކުރީގައިވެސް އަޅުގަނޑަށް އެނގޭ، މިވާހަކަ ތިޔަބޭފުޅުން ދައްކަވާނެކަން. އަޅުގަނޑު ހަނދާންހުރި ކުރީގައިވެސް ބަނދަރުގެ ވާހަކަ ދެއްކެވިކަން. އަޅުގަނޑު އަސްލަމް އަރިހުން އެދުނިން، އަޅުގަނޑުމެންގެ ކަމާބެހޭ ޕަބްލިކް ވާރކްސް މިނިސްޓަރ މިކަމަށް އޮތް ޙައްލެއް ހޯއްދަވައިދެއްވުމަށް. އަސްލަމް އަޅުގަނޑަށް އެބަ ވަޢުދުވެވަޑައިގަންނަވާ، އެބޭފުޅާއަށް ފެނިވަޑައިގެންނެވި ޙައްލެއް މިކަމަށް ހޯއްދަވައިދެއްވާނެ ކަމަށް. އެހެންވީމާ، އަޅުގަނޑު މި އުންމީދު ކުރަނީ، އެ އުފާވެރި ޚަބަރު ތިޔަބޭފުޅުންނަށް އެރުވޭނެ ކަމަށް. އިރާދަކުރެއްވިއްޔާ މިރަށުގެ ބަނދަރު އަދި އަޅުގަނޑުމެން ދާދި އަވަހަށް މިއަށްވުރެ ބޮޑުކޮށްދޭނަން.

މިރަށުގެ ނަރުދަމާއާއި އަދި އެހެން ނޫނަސްވެސް އެހެން އަސާސީ ޚިދްމަތްތައް ފޯރުކޮށްދިނުމުގައި މިހާރަށްވުރެ ރަނގަޅު އިންތިޒާމެއް އުފައްދަން އެބަޖެހޭ. އެކަމަށްޓަކައި ސަރުކާރުން މިހާރުވަނީ ޔުޓިލިޓީޒް ނުވަތަ އަސާސީ ޚިދްމަތްތައް ފޯރުކޮށްދޭ ކުންފުންޏެއް މި ސަރަޙައްދަށްވާ ގޮތަށް، މިޕްރޮވިންސަށްވާ ގޮތަށް އުފައްދާފައި. އެ ކުންފުނީގެ މަސައްކަތުގެ ތެރޭގައި ހިމެނޭނެ އެންމެބޮޑު އެއްކަމަކީ މިދެންނެވީ. މިރަށުގައިވެސް ނަރުދަމާ ޤާއިމުކޮށްދިނުން. އަޅުގަނޑަށް ދަންނަވަން ކެރިދާނެ. އިރާދަކުރެއްވިއްޔާ މިއަހަރު ނިމުމުގެ ކުރީގައި ނަރުދަމާ އެޅުމުގެ ޢަމަލީ މަސައްކަތް މިރަށުގައި ފެށޭނެއޭ.

މިރަށުގެ ކުނި ނައްތާލެވޭނެ އިންތިޒާމެއް އަޅުގަނޑުމެން އެބަ އުފައްދަންޖެހޭ. ކުނި މިހާރު އެއީ، މި ރާއްޖޭގެ ވަރަށްގިނަ ރަށްރަށުގެ ވަރަށްބޮޑު ތަކުލީފެއް، މައްސަލައެއް. އެހެންވީމާ، އަޅުގަނޑު ތިޔަބޭފުޅުންނަށް ދަންނަވަން ބޭނުން، އަޅުގަނޑުމެން އެކަމަށް އުފައްދާފައިވާ ކުނި ނައްތާލާ ކުންފުނި ނުވަތަ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަންގެ އިންތިޒާމްތަކުގެ ތެރެއިން މިރަށުގައިވެސް ކުނި ނައްތާލެވޭ އިންތިޒާމެއް ހަމަޖެހިގެން އިރާދަކުރެއްވިއްޔާދާނެކަމަށް. މާދަމާ އަޅުގަނޑުމެން ބައެއް ކުނި ބައެއް ރަށްރަށުން އުކާލެވޭތޯ ބަލާނަން. އެހެންނަމަވެސް، ދާއިމީ ގޮތެއްގައި މިކަން ކުރުމަށްޓަކައި ދާއިމީ ޙައްލެއް އެބަ ބޭނުންވޭ. ކުނި ކޮށްޓެއް އެބަ ބިނާކުރަންޖެހޭ. އަދި އެ ކުނި ނައްތާލެވޭނެ ގޮތެއްވެސް މިތަނުގައި އެބަ ޤާއިމުކުރަންޖެހޭ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ތިޔަބޭފުޅުންނަށް އެކަން ކޮށްދޭނަން.

އަޅުގަނޑު މިރަށުގައި މިވާހަކަ ދައްކާކަށް ނުޖެހޭ. ސިވިލް ސަރވިސްގެ މުވައްޒަފުންގެ ސަބަބުން އަޅުގަނޑުމެންގެ ޕްރޮގްރާމްތަކަށް، އަޅުގަނޑުމެންގެ މަސައްކަތަށް ދަތިވެގެންދާތަނެއް އަޅުގަނޑަކަށް ނުފެނޭ. އެހެން ނަމަވެސް، ބައެއް ރަށްރަށުގައި މިއުނދަގޫ، މި މައްސަލަ މި ސަރުކާރާ އެބަ ކުރިމަތިވޭ. އަޅުގަނޑު ދަންނަވަން ބޭނުންވަނީ، އަޅުގަނޑުމެންނެއް ފަހަތަކަށެއް ނުޖެހޭނަމޭ. އަޅުގަނޑުމެންގެ ޕްރޮގްރާމަށް ހުރަސް އަޅުއްވަން އެއްވެސް ބޭފުޅަކު އުޅުއްވާނެ ކަމެއްނެތޭ. އަޅުގަނޑުމެން ނުސިހޭނެއޭ. އަޅުގަނޑުމެންގެ މަސައްކަތް ކުރުމުގައި އަޅުގަނޑުމެން އަބަދުވެސް ދެމިތިބޭނަމޭ. ހަމަ ޔަޤީނުންވެސް ދުވާލަކަށް 14 ގަޑިއިރު ސަރުކާރުގެ ދައުލަތުގެ ޚިދްމަތުގައި އަޅުގަނޑު މަސައްކަތް ކުރާނަމޭ. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ ވަޢުދު އަޅުގަނޑުމެން މިފަސްއަހަރު ދުވަހުގެ ތެރޭގައި ފުއްދާނަން.

އަތްފޯރާފަށުގައި ތިޔަބޭފުޅުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދެވޭނެ. ދަތުރުފަތުރު ކުރުމުގެ ނިޒާމަކުން ރާއްޖޭގެ ރަށްތައް އިރާދަކުރެއްވިއްޔާ ގުޅާލެވޭނެ. ޚިދްމަތާއި ތަކެތީގެ އަގު ތިރިކޮށްފައި ބެހެއްޓުން އެއީ، އަޅުގަނޑުމެންގެ ސިޔާސީ، އިޤްތިޞާދީ އަދި މާލީ ސިޔާސަތުގެ ނާރެސް. ތިޔަބޭފުޅުން މިއަދު ބެއްލެވިޔަސްވެސް އެނގިވަޑައިގަންނަވާނެ، މިދިޔަ ދެތިންމަހެއްހާ ދުވަހުގެ ތެރޭގައި، އަޅުގަނޑުމެން ސަރުކާރު ހިންގުމާ ޙަވާލުވިފަހުން ފުލުސް އޮފީހުން ހިފަހައްޓާފައިވާ ބާރުގަދަ ޑްރަގްގެ ބަރުދަން، ޢަދަދު، މިންވަރު އިތުރުވާނެ މުޅި މިދިޔަ އަހަރުގައި ހިފެހެއްޓުނު ޢަދަދަށްވުރެ. މާލޭގައި މާރާމާރީ އެންމެ މަދުން ހިނގި އެއް މަހަށްވާނެ، މިދިޔަ ދިހަ އަހަރަށް ބެއްލެވިޔަސްވެސް މި ޖަނަވަރީ މަސް. އަދި ރަށްރަށުގައިވެސް އަޅުގަނޑުމެން މިދަނީ މިކަންކަމަށް އިންތިޒާމުތައް ރާވަމުން.

އަޅުގަނޑުމެންނަށް މިކަންކަން ހިންގެނީ، ވެރިކަމުގެ ތެރެއަށް ކޮރަޕްޝަނާއި ފަސާދަ ވަދެ ނުދާތީ. ވެރިކަން ކުރަމުންދާއިރު، ކަންކަން ނިންމަމުން ގެންދަނީ ވަކިބަޔެއްގެ ނާޖާއިޒު ފައިދާއަށް ކަމަށްވަނީވިއްޔާ، އެހިސާބުން ވަކި އެހެން ކަމެއްވެސް ރަނގަޅަށް ކުރަން ދެން ވަރަށް އުނދަގޫވާނެ. އަޅުގަނޑުމެންނަށް ކަންކަން ރަނގަޅަށް ހިންގޭނީ، ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކުގައި އަޅުގަނޑުމެން ކަންކަން ކުރީމާ. އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން ބޭނުން، އަޅުގަނޑު މިކަން ކުރަމުން ގެންދާނީ، އަޅުގަނޑަށްވީ އެންމެ ތެދުވެރިކަމުގެ ތެރޭގައޭ. އަދި އަޅުގަނޑަކީ އެއްވެސް ޙާލެއްގައި ތިޔައިން ބޭފުޅެއްގެ އެއްވެސް އެއްޗެއްގެ ޙުރްމަތްކަނޑައި، އިޙްތިރާމް ކުޑަކޮށް، އަޅާނުލާ ޚިޔާނާތްތެރިވާނެ މީހެއް ނޫން. އަޅުގަނޑުމެންނަށް މި މަސައްކަތް އިރާދަކުރެއްވިއްޔާ ހިންގޭނެ. އަޅުގަނޑުމެން މި އުންމީދުކުރާ އަނެއް ދިވެހިރާއްޖެ އިސާހިތަކު ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ.

އަޅުގަނޑުމެން މިދެކޭގޮތަށް ދަތުރުފަތުރު ކުރުމުގެ ނިޒާމު، މި ރާއްޖޭގައި ޤާއިމު ކުރެވޭނެ. އެ ނިޒާމު ޤާއިމު ކުރެވިގެންދާއިރުގައި ލަންދޫ އަޅުގަނޑުމެން ފާހަގަކުރާ ވަކި ޚާއްޞަ ގޮތެއް އެބައޮތް. އެއީ ޒަމާންވީ އާސާރީ ބިނާތަކެއް ހުރި ޓޫރިސްޓުން ގިނަގިނައިން އައުން ރަނގަޅު ރަށެއްގެ ގޮތުގައި. އަޅުގަނޑާއެކު އިރާދަކުރައްވައިގެން ދިވެހިބަހާއި ތާރީޚާއި ޚިދްމަތްކުރާ ޤައުމީ މަޖިލީހުގެ ނާއިބު މިނިސްޓަރު އެބަ އިންނެވި. މިރަށުގައި މިހާރުވެސް މިނިސްޓަރުވަނީ އަޅުގަނޑު ހިތުން މިރަށުގެ ހަތްތެލިތައް ބެލެހެއްޓޭނެ ބަޔަކު ހޯދުމަށް އިޢްލާނު ކުރައްވާފައި. އަދި އޭގެއިތުރުން އެކަންކަން ބެލެހެއްޓިގެންދާއިރުގައި އަންނާނެ މެހްމާނުންނަށް މަގުފަހިވާ ނުވަތަ މެހްމާނުންނަށް އަހުލުވެރިވާނެ ބާވަތުގެ ކަންކަންވެސް އަޅުގަނޑަށް ޔަޤީން މިރަށުގައި އުފެދިގެންދާނެ. މިއަތޮޅަށް އަންނަ ޓޫރިސްޓުން، މިރަށަށް އަންނާނޭ މަގަކަށް ކަންކަން ތަރުތީބު ކުރުމަށް އަޅުގަނޑުމެން މަސައްކަތްތަކެއް ހިންގާނެ. އިރާދަކުރެއްވިއްޔާ، ތިޔަބޭފުޅުންގެ ރަށަކީ ގިނައިން ދަތުރުވެރިން، ފަތުރުވެރިން ޒިޔާރަތްކުރާ ރަށަކަށް މި ސަރުކާރުގެ ފަސް އަހަރު ދުވަހުގެ ތެރޭގައި އަޅުގަނޑުމެން ހަދައިދޭނަން.

އަޅުގަނޑުމެންގެ ބޭނުމަކީ، އަޅުގަނޑުމެންގެ އަމާޒަކީ، އަޅުގަނޑުމެންގެ އުންމީދަކީ، މިއަދަށްވުރެ އަދި މާފަހި، ފަރި މާދަމައެއް ތިޔަބޭފުޅުންނަށް ހޯދައިދިނުމަށް މަސައްކަތް ކުރުން. އަޅުގަނޑު މިއަދު މިހުންނަނީ އިއްޔެއަށްވުރެ މިކަން ކުރެވޭނެ ކަމުގެ އިތުބާރު އެތައް ތަނެއް ބޮޑުކޮށް. އަޅުގަނޑު މިއަދު މާބޮޑަށް ޔަޤީން. މި ރާއްޖޭގެ ތަނަވަސްކަމާއި މި ރާއްޖޭގެ މުއްސަނދިކަމާއި ޤުދުރަތީ ވަސީލަތްތައް ބޭނުންކޮށްގެން، ދިވެހި ރައްޔިތުންނަށް މިއަށްވުރެ މާ ރިވެތި ފާގަތި ދިރިއުޅުމެއް އުޅެވޭނެކަން.

އަޅުގަނޑު ވާހަކަ ދިގެއް ނުކުރާނަން. އިރާދަކުރެއްވިއްޔާ ލަސްތަކެއްނުވެ ތިޔަބޭފުޅުންނާ އަނެއްކާވެސް ބައްދަލުވާނެ. ތިޔަބޭފުޅުންނާ ހަމައަށް އާދެވުމުގައި މިހާ ލަސްވެ ދިޔައީތީވެ، އަޅުގަނޑު ތިޔަބޭފުޅުންގެ ކިބައިން މަޢާފަށް އެދެން. ހަމައެހެންމެ، އަޅުގަނޑު މިހާރު ފުރައިގެންދާން ޖެހޭތީވެސް އަޅުގަނޑު ތިޔަބޭފުޅުންގެ ކިބައިން މަޢާފަށް އެދެން. އަޅުގަނޑުމެން މިދަނީ މަނަދުއަށް. އަޅުގަނޑަށްވެސް އެނގޭ، މިރަށުގައި އަޅުގަނޑު ހުރުން ހަމަ ކޮންމެ ބޭފުޅަކަށްވެސް މުހިންމު. އަޅުގަނޑަށްވެސް އެކަން މުހިންމު. އެހެންނަމަވެސް، ދެން ޖެހިގެން އޮތް ރަށަށްދިޔުންވެސް، އެރަށުގައި ހުރުންވެސް މުހިންމު. އަޅުގަނޑުމެންގެ ދުއިސައްތަ ރަށް އެބައޮތް. ދުއިސައްތަ ރަށަށްވެސް އަޅުގަނޑު ދާން އެބަޖެހޭ. އަޅުގަނޑު އަބަދުވެސް ނިންމައިގެން މިހުންނަނީ، އިރާދަކުރެއްވިއްޔާ ކޮންމެ ހަފްތާއަކުންވެސް މަދުވެގެން ދެދުވަހު އަތޮޅުތަކުގައި ތިޔަބޭފުޅުންނާ އެކީގައި އުޅެވޭނެ ގޮތަކަށް އަޅުގަނޑުގެ ވަޒީފާ އަޅުގަނޑު އަދާކުރަމުން ގެންދިޔުމަށް. އަޅުގަނޑުގެ ނަޒަރުގައި ރައީސުލްޖުމްހޫރިއްޔާގެ ވާޖިބު އަދާކުރެވޭނީ، ރާއްޖޭގެ ރަށްރަށަށް ދަތުރުކޮށްގެން. އެހެންވީމާ، އިރާދަކުރެއްވިއްޔާ އަޅުގަނޑު ނުހުއްޓި އަބަދުވެސް މިކަން ކުރަމުން ގެންދާނަން. ދާދި އަވަހަށް ތިޔަބޭފުޅުންނާ އަދި ބައްދަލުވާނެ ކަމުގެ އުންމީދުގައި ވަކިވެލާނަން.

الحمد للّـه. والسّـلام عليـكم. ވަރަށްބޮޑަށް ޝުކުރިއްޔާ!