بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

އަޅުގަނޑުމެންގެ ސަރުކާރު ދެމިއޮންނަނީ ހަމަ އެންމެ ބޭނުމަކަށް، އެންމެ ސަބަބަކަށްޓަކައި. ތިޔަބޭފުޅުންނަށް ޚިދްމަތް ކުރުމަށްޓަކައި. އަޅުގަނޑުމެން ތިޔަބޭފުޅުންނަށް ވެފައިވާ ވަޢުދުތައް ފުއްދައިދިނުމަށްޓަކައި. އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކަން އަރުވަން ބޭނުން، އެމް.ޑީ.ޕީ.ގެ ސަރުކާރުން ތިޔަބޭފުޅުންނަށް، ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް، އެ ވެފައިވާ މިންވަރަށް އެ މުއްދަތުގެ ތެރޭގައި މާތްރަސްކަލާނގެ އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުންނަށް އަޅުގަނޑުމެން ފުއްދައިދޭނަމޭ.

އަޅުގަނޑުމެން އަބަދުވެސް ޤަބޫލުކުރާ ޙަޤީޤަތްތަކެއް އޮވޭ. މިއީ ރައްޔިތުންގެ ސަރުކާރެކޭ. އަޅުގަނޑުމެންނަކީ މިކަން ހިންގަން ތިބި ބައެއް. ތިޔަބޭފުޅުންގެ ޚާދިމުން. މި ސަރުކާރުގައި، މި ރާއްޖޭގައި، މި ދައުލަތުގައި ހިމެނޭ ކޮންމެ ފައިސާ ފޮއްޗަކީ، ކޮންމެ މުއްސަނދިކަމަކީ، ސީދާ ތިޔަބޭފުޅުންގެ މުއްސަނދިކަން. އަޅުގަނޑުމެންގެ ވާޖިބަކީ، އެ މުއްސަނދިކަން އެންމެ ބޭފުޅުންނަށް، އެންމެ ރަނގަޅަށް ބަހާލެވި އަދި އަންނަން އޮތް ޖީލުތަކަށް މި މުއްސަނދިކަން ރައްދުކޮށްދެވޭނީ ކޮން މަގަކުން ސިޔާސަތު ހިންގީމާތޯ ކަނޑައަޅައި އެ މައްޗަށް ސިޔާސަތު ހިންގުން. ޠާރިޤު ވަރަށް ސާފުކޮށް ވިދާޅުވެދެއްވައިފި. އަޅުގަނޑުމެން ސަރުކާރު ހިންގަމުން މިދަނީ، އަޅުގަނޑުމެންގެ ސިޔާސަތު އެކުލަވާލަމުން އައި ހިނދު ތިޔަބޭފުޅުން ފާހަގަކުރެއްވި ނުކުތާތަކުގެ މައްޗަށް ބިނާވެ. އަޅުގަނޑަށް މިރޭ ވަރަށް އުފާވެރި. ޠާރިޤު އެ ވިދާޅުވި ލިސްޓު ނުބަލާވެސް އިރާދަކުރައްވައިގެން އަޅުގަނޑަށްވެސް ކިޔާދެވިދާނެ. އަޅުގަނޑުމެން މި ސަރުކާރު ހިންގުމާ ޙަވާލުވީ، އެ ލިސްޓު އަޑު އަހައިގެން. އެ ލިސްޓު ދެނެގަނެގެން. އަޅުގަނޑުމެން ރައްޔިތުންނަށް މިވާ ވަޢުދަކީ، އެ ލިސްޓުގެ މައްޗަށް ބިނާވެފައި އޮތް ވަޢުދެއް. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެ ލިސްޓު ތިޔަބޭފުޅުންނަށް ފޯރުކޮށްދޭނަން.

އަޅުގަނޑަށް ލިސްޓުގެ އައިޓަމަކަށްފަހު އައިޓަމަކަށް ދެވިދާނެ. އަޅުގަނޑުމެން ސަރުކާރާ ޙަވާލުވިއިރު، މިތަނުގެ ބަނދަރުގެ މަސައްކަތް އޮތީ ހުއްޓިފައި. މިހާރުވަނީ ބަނދަރުގެ މަސައްކަތް ޓެންޑަރ ބޯޑުގެ މަރުޙަލާއިން ނިމި، އެ މަސައްކަތުގެ ޢަމަލީ ކަންކަން ފެށި، ކޮންޓްރެކްޓަރެއް މިހާރު ހޯދިފައިވަނީ. އެ މަސައްކަތުގެ ޢަމަލީ މަސައްކަތް އިރާދަކުރެއްވިއްޔާ ދާދި އަވަހަށް ތިޔަބޭފުޅުންނަށް މިރަށުން ފެނިވަޑައިގަންނަވާނެ.

އަޅުގަނޑުމެންގެ ވަޢުދެއް އެއީ، ދަތުރުފަތުރުކުރުމުގެ ނިޒާމު. އެއްރަށާ އަނެއް ރަށާ ލާމެހިފައިވާ ގޮތެއްގައި ދަތުރުފަތުރުން އަޅުގަނޑުމެން ގުޅުވައިދޭނަމޭ. އެނގިވަޑައިގަންނަވާނެ އެ މަސައްކަތް މިހާރުދަނީ ކުރެވެމުން. އެކަމާގުޅޭގޮތުން އެކަން ހިންގާނެ ބަޔަކު ހޯދުމަށް ސަރުކާރުންވަނީ އިޢުލާނު ކޮށްފައި. އެކަމަށް ޝައުގުވެރިކަން ހާމަކުރާ އެތައް ފަރާތެއް އެބަވޭ. އެ ފަރާތްތަކުގެ ތެރެއިން، އެކަން އެންމެ ރަނގަޅަށް ސަރުކާރަށް ކޮށްދޭނެ ބަޔަކު، ރައްޔިތުންނަށް އެ ޚިދްމަތް އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދޭނެ ބަޔަކު މިނާފައި، ސަރުކާރުން އެބަޔަކާ އެ މަސައްކަތް ޙަވާލުކުރާނެ. އަޅުގަނޑު މިހާރު ދެކޭގޮތުގައި، އަޅުގަނޑުމެން ކުރީގައި ލަފާކުރި މިންވަރަށްވުރެ މާއަވަހަށް އެކަން ކުރިޔަށްދާނެ. އިރާދަކުރެއްވިއްޔާ މިއަހަރު ތެރޭގައި މިކަމުގެވެސް ޢަމަލީ މަސައްކަތް ފެށިގެންދާނެ.

އަޅުގަނޑުމެން މުޅި ރާއްޖޭގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުން، ރައްޔިތުންނަށް ގެދޮރު އަޅާދިނުމުގެ ޕްރޮގްރާމެއް، ވަޢުދެއް، މަޝްރޫޢެއް ހިންގާނަން. އަޅުގަނޑުމެންގެ އަމާޒަކީ، ރައްޔިތުންނަށް ރިވެތި ގޮތުގައި ދިރިއުޅެވި، ބޯހިޔާވަހިކަމެއް ހޯދުމަކީ، ރައްޔިތެއްގެ މުޅި ހަޔާތުގެ މަސައްކަތަށް ވާން ނުޖެހި، ކޮންމެ މީހަކަށްވެސް ބޯހިޔާވަހިކަމެއް ލިބި، ކޮންމެ ޢާއިލާއަކަށްވެސް ރިވެތި ގޮތުގައި ދިރިއުޅެވޭނެ ގޮތެއް ހޯދައިދިނުން. އެ މަގަށްޓަކައި އަޅުގަނޑުމެން މި އެއްފަހަރާ މުޅި ރާއްޖޭގައި ދިހަހާސްގެ، ބޯހިޔާވަހިކަން އެބަ އުފައްދަންޖެހެއޭ. އެބަ އަޅަންޖެހެއޭ. ކޮންމެ ފަސް އަހަރަކުން، ވޯޓުލާ ދުވަސްކޮޅާ ދިމާކޮށް ގޯތި ކަނޑާފައި، އެ ގޯތީގެ ލިސްޓު، އަތުގައި، ޖީބުގައި ބާއްވާފައި، ވޯޓުދޭ ގޮތެއްގެ މައްޗަށް ބަލައިގެން އަކަފޫޓަކުން، އަކަފޫޓަކުން ރާއްޖޭގެ ބިން ބަހާކަށެއް ނޫން އަޅުގަނޑުމެން މިއުޅެނީކީއެއް. އަޅުގަނޑުމެން މިއުޅެނީ މާލޭގައި، އެއްލައްކަ ފަންސާސްހާސް މީހުން ދިރިއުޅޭ ތަނެއްގައި ހަތަރު ފްލެޓް އަޅައިގެން އެ ޤުރުޢަތުން ހޯދައިގެން، ވީދައިގެން، ކައިގެން އެ ލިބެން އޮތީ ކާކަށްތޯ ބަލާކަށެއްނޫން.

އަޅުގަނޑުމެން މިއުޅެނީ ދުނިޔޭގައި މިކަންކުރާ ޢާންމު އުސޫލުން މިކަން ކުރުމަށް. މިކަމުގައި ސިޔާސީ މަޤްޞަދު ފޮރުވިފައި ނެތް އުސޫލުން މިކަން ކުރުމަށް. އަޅުގަނޑުމެންނަށް އެނގޭ ދިގު މުއްދަތުގައި ފައިސާ ދައްކާ ޚަލާޞްކުރާ މަގުން، ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ދުނިޔޭގައި ކިތަންމެ ކުންފުންޏެއް ތައްޔާރަށް އެބަ ތިބިކަން. މިއަދާ ހަމައަށްވެސް އެފަދަ ފަރާތްތަކަށް ރާއްޖެއަށް އައިސް، އެ މަސައްކަތުގައި ޝާމިލް ނުވެވެނީ ކޮރަޕްޝަންގެ ބޮޑުކަމާއި، މި ރާއްޖޭގައި އިންޞާފެއް ނެތުމުން، ފަސާދަ ބޮޑުކަމުން. މި ރާއްޖޭގައި ވިޔަފާރި ހަމަ ކުރެވެން ނޯންނާތީ. އަޅުގަނޑުމެންގެ ސަރުކާރުން އިރާދަކުރެއްވިއްޔާ މިއިން އެއްވެސް ކަމެއް ތިޔަބޭފުޅުންނަކަށް ފެނިވަޑައެއްނުގަންނަވާނެ. ފެނިވަޑައިގެންފިނަމަ، ހަމަ އެހިނދުން އެހިނދަށް ދަޢުވާ ކުރައްވަންވީ. އެކަމަކުން މި ސަރުކާރު ސަލާމަތްކޮށްދިނުމަކީ ޙަޤީޤަތުގައި ރައްޔިތުންގެ ވާޖިބެއް.

އަޅުގަނޑުމެންގެ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން މަސައްކަތްކުރައްވާނީ އިޚްލާސްތެރިކަމާއެކީގައި ސަރުކާރަށް ތާއީދުކުރުމަށް. އެއީ، ސަރުކާރުން ކުރާ ނުރަނގަޅު ކަންކަން ފާހަގަކޮށް، އެކަންކަން ހަމަ މަގަށް އެޅުވުމަށް ކުރާ މަސައްކަތް ކުރުމަށް. ވެރިކަމުގެ ފަރާތުން އަބަދުވެސް ބަލައިގަންނާނެ އިޚްލާސްތެރި މަސައްކަތް. އެއީއަކީއެއް ވެރިކަމާ އިދިކޮޅަށް ކުރާ ކަމެއްގެ ގޮތުގައި މި ސަރުކާރަކުން ނުދެކޭނެ. އަޅުގަނޑުމެންނަކީ މުޅިން އެހެން ވިސްނުމެއްގެ ބައެއް. އަޅުގަނޑުމެންނާއެކު މި ރަށުގެ އެތައް ރައްޔިތުންނެއް އެވިސްނުމަށް އެނބުރިއްޖެ. ރިވެތި ގޮތުގައި އަޅުގަނޑުމެން އެންމެންނަށް ދިރިއުޅެވޭނެ ގޮތެއް ހޯދެން އެބަ އޮތްކަމާއި މި ރާއްޖޭގެ މުއްސަނދިކަން އަޅުގަނޑުމެންނަށް މިއަށްވުރެ ރަނގަޅަށް ބޭނުން ކުރެވިދާނެކަން ތިޔަބޭފުޅުންގެ ތެރެއިން ކިތަންމެ ބޭފުޅުންނެއްވެސް މިއަދު ތިޔަގެންދަވަނީ ހިތުގެ އަޑިން ގަބޫލުކުރައްވަމުން.

އިތުރަށް ވާހަކަދެއްކުމުގެ ކުރީގައި އަޅުގަނޑު އުފަލާއެކީގައި ދަންނަވާލާނަން. އިރާދަކުރެއްވިއްޔާ، މިއަހަރުގެ ތެރޭގައި މިރަށުގައި 150 ފްލެޓް އެޅުމުގެ މަސައްކަތް ފެށޭނެ. އަލަތު ކާވެންޏާއެކުގައި، ރިޒޯޓެއްގައި މަސައްކަތްކުރަން ގޮސްފައި އައިސް، ލިބުނު ލާރިކޮޅުން، ނުވަތަ ކޮންސްޓްރަކްޝަން ތަނެއްގައި އުޅެ، ގްރޫޕެއްގައި އުޅެ ލިބުނު ފައިސާކޮޅު ފުރަތަމަ އަހަރު އައިސް ފައުންޑޭޝަން ދަމާލާފައި، ދެން އަންނަ އަހަރު ހަތަރު ފާރު ރާނާފައި، އަނެއް އަހަރު މަތި ވަޑާންގަނޑު ހިޔާ ކޮށްލާފައި، ދެން ޖެހިގެން އަންނަ ރޯދައަށް އިރުމަތީބިތުގައި ސިމެންތި ޖަހާފައި، އަނެއް ރޯދައަށް ފާޚާނާތަށްޓެއް ބަހައްޓާފާނެ. މިހެން ގޮސް ޠާރިޤު އަނެއްކާވެސް ވިދާޅުވެ ދެއްވައިފި، މީހާގެ ޢުމުރު ދެބައިވާއިރުގައި އަދި ކިރިޔާ މި ގެއެއް އެޅެނީ. އޭރު ހަތް ލައްކަ ރުފިޔާ ޚަރަދުވެ ހިނގައްޖެ. ގެވަޅު ލިބުނުތާ ދިހަ ބާރަ އަހަރު ވެއްޖެ.
އަޅުގަނޑުމެންނަށް، އަޅުގަނޑުމެންގެ ދިރިއުޅުމަށް ކުރަންޖެހޭ ޚަރަދުގެ އެންމެ ބޮޑު ބަޔަކަށް ވެފައި މިއޮންނަނީ ގޯތިގެދޮރަށް ކުރަންޖެހޭ ޚަރަދު. މި ސަރުކާރުގެ ވިސްނުމަކީ، މި ސަރުކާރުގެ ބޭނުމަކީ، ތިޔަބޭފުޅުންގެ އާމްދަނީގެ ވިހި ޕަސަންޓަށްވުރެ ގިނައިން ގޯތި ގެދޮރަށް ޚަރަދު ކުރައްވަން ނުޖެހުން. އިރާދަކުރެއްވިއްޔާ އެމަގަށް އަޅުގަނޑުމެން ތިޔަބޭފުޅުންގެ ކަންކަން މި ތަރުތީބު ކުރަމުން މިގެންދަނީ. އަޅުގަނޑުމެންގެ ވަޢުދަކީ އެއީ، އަޅުގަނޑުމެން ތިޔަބޭފުޅުންނަށް އެ ވަޢުދު ފުއްދައިދޭނަން.

މި ރަށަކީ ސަރުކާރުގެ ވަރަށް ގިނަ ވަޒީފާތަކުގައި ބޭފުޅުން ތިއްބަވާ، އުޅުއްވާ ރަށެއް. އެހެންވީމާ، އެ ވަޒީފާތައް އުފެދިގެން އައި ގޮތާއި، އަދި އެ ވަޒީފާތަކަށް ބޭފުޅުން ޢައްޔަނު ކުރެވުނު ގޮތާއި، އެބޭފުޅުންގެ ކިބައިން ވެރިން މީގެކުރީގައި ކަންކަން ކުރަން އެދުނު ބާވަތުންނާ ގޮތުން މިއަދު މިވަނީ، މިރަށުގެ ދޭދޭ މީހުންގެ ތެރޭގައި، މެދުގައިވެސް، އަދި ތިޔަބޭފުޅުންގެ ތެރެއިން ގާތް މީހުންގެ މެދުގައިވެސް ވަރަށް ބޮޑެތި ޚިލާފު އުފެދިފައި.

އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު އެދެން ބޭނުންވަނީ، އެއްގޮތަކަށްވެސް މި ޒުވާބުގެ ތެރެއަށް ދިޔުން އެއީ، ބުއްދިވެރި ކަމެއް ނޫނޭ. އަޅުގަނޑު މިހުރީ ވެރިކަމުގައި. އެކަމަކާ އެއްގޮތަކަށްވެސް ޝައްކު ކުރައްވާނެކަމެއް ނެތް މިފަސް އަހަރު. ޠާރިޤު ވަރަށް ސާފުކޮށް އެ ވިދާޅުވަނީ، މިކަމުގައި ފަސް އަހަރު އަޅުގަނޑު އިރާދަކުރެއްވިއްޔާ ދެމިހުންނާނެ. އަޅުގަނޑެއް އަދި އެމް.ޑީ.ޕީ.ގެ މި ވެރިކަމެއް ޠާރިޤު އެ ވިދާޅުވިފަދައިން އިރާދަކުރެއްވިއްޔާ މި ފަސް އަހަރުގެ ތެރޭގައި ބަދަލެއް ނުކުރެވޭނެ. އެއީކީއެއް މިހާރު ވާން އޮތް ކަމެއް ނޫން. އެހެންވީމާ، އެއްވެސް ހާލެއްގައި ބޭނުންތެރިކަމެއް ނޫން އެއީ ތިޔަ ދެފަރާތުން ކުރެ އެއްވެސް ފަރާތެއްގެ ބޭފުޅުން މިކަމާ ބަޙުޡްކުރެއްވުން އެއީ. އެއަށްވުރެ މާ މުހިންމު ކަންތައް އެބަހުރި.

އަޅުގަނޑުމެންގެ މުސްތަޤްބަލް، އަޅުގަނޑުމެންގެ ކުރިއެރުން، އަޅުގަނޑުމެންގެ ތަރައްޤީ، މިރަށުގެ ތަރައްޤީ، މިއަތޮޅުގެ ތަރައްޤީ، މި ރާއްޖޭގެ ތަރައްޤީ، އަޅުގަނޑުމެންނަށް ބަޙުޡް ކުރަން ހުރި، އަދި އަރާރުންވާންވެސް ހުރި މާ ގިނަ ކަންކަން އެބަހުރި. މިރޭ ހިނގާ ދިޔަ ކަންކަމުގެ މައްޗަށް އަޅުގަނޑުމެންގެ ހަޔާތް ދޫކޮށް، އެކަމުގައި އަޅުގަނޑުމެން ބަރުހެލިވެ ތިބެން ވެއްޖެނަމަ، އަޅުގަނޑުމެންނަކަށެއް ތަރައްޤީއެއް ނުލިބޭނެ. އަޅުގަނޑުމެން ވިސްނަންވީ ކުރިއަށް އޮތްތާނގައި އަޅުގަނޑުމެން ބަލަންވީ، އަޅުގަނޑުމެންގެ ޖީބަށް މިއަދު މި ވަންނަ ރުފިޔާއަށްވުރެ އިތުރު ރުފިޔާއެއް ވެއްދޭނީ ކިހިނެއްތޯ؟. ސަރުކާރުން ކުރަންވީ މަސައްކަތަކީ، ރައްޔިތުންގެ އާމްދަނީ އިތުރުކޮށްދިނުމަށް ކުރެވެން ހުރި ކަންކަން ކުރުން. އަޅުގަނޑުމެންނަކަށް ނެތް ޖާގައެއް، ވަގުތެއް، ފުރުޞަތެއް މި އަރާރުމުގައި ދެން އެންމެ ދުވަހެއްވެސް އިތުރަށް ތިބެވޭކަށް.

އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކީގައި މާންދޫ ރައްޔިތުންގެ ކިބައިން ވަރަށް ބޮޑަށް އެދެނީ އެކަން ތިޔަބޭފުޅުން ހުއްޓަވައިލައްވާށޭ. މިހާރު އަޅުގަނޑުމެން މިތިބީ ދެން ވެރިކަމުގަޔޭ. ދެން ކުރީގައި ވެދިޔަ ކަންތައްވެސް އެއީ ނުވާކަމަކަށްވެސް ނުވާނެއޭ. އެކަމުގެ ބަރުހެލިކަމުގައި ދެން އަޅުގަނޑުމެން އުޅޭނެ ކަމެއް ނެތޭ. އަޅުގަނޑުގެ ހިތް، ހަމަގައިމުވެސް ބަރެއް ނުވާނެ މިރަށުގެ އެއްވެސް މީހަކަށް. އެކަމަކާ އެއްވެސް ބޭފުޅަކު ކަންބޮޑުވެވަޑައިގަންނަވާނެ ކަމެއް ނެތް. އަދި މިއަދު ތިޔައިން ބޭފުޅަކު އަޅުގަނޑާ ގުޅޭގޮތުން ހަމަ އެ ބާވަތުގެ، ކޮންމެ ބާވަތުގެ ކަމެއް ކުރެއްވިނަމަވެސް އަޅުގަނޑެއް އެނބުރިއެއް ނާންނާނަން ޖަހާކަށް. އަޅުގަނޑެއް އިރާދަކުރެއްވިއްޔާ އެ މަގުން ހިނގާކަން ނެތިން. އަޅުގަނޑުމެން ހަމަ މިދަންނަވާހެން ކުރަން ހުރި މަސައްކަތް ގިނަ. އަޅުގަނޑުމެންނަށް ކުރެވެން އެބައޮތް. މިރާއްޖޭގެ މުއްސަނދިކަމާއި މި ރާއްޖޭގެ ތަނަވަސްކަން، އެމަގަށް އެބަ ފަހިކޮށްދޭ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް މިކަން ކުރެވޭނެ.

ޚާއްޞަކޮށް ސުނާމީއަށްފަހުގައި މަނަދޫގައި ހިންގަންފެށި ބައެއް ކަންތައްތަކުގެ ތެރެއިން، އ.ދ.އިން އެހީތެރިވެގެން ހިންގި ޕްރޮގްރާމެއް އެބަވޭ، ޕޯސްޓް ސުނާމީ އެގްރިކަލްޗަރ ޕްރޮގްރާމްތަކުގެ ތެރޭގައި. އަޅުގަނޑުމެން ސަރުކާރު ހިންގުމާ ހަވާލުވެ، ކަންކަމަށް އަޅުގަނޑު ކުޑަކޮށް ބަލަމުން ދިޔައިރު އަޅުގަނޑަށް ފާހަގަވި މަނަދޫގައި ދަނޑުވެރިކަމުގެ މަސައްކަތް ކޮންމެވެސް ވަރަކަށް ހިނގާކަން. ޚާއްޞަކޮށް ބަކަރި ގެންގުޅުމުގެ މަސައްކަތް. އޭރުއްސުރެ ފަށައިގެން ފެށުމުގެ، އާލާކުރުމުގެ ކަންކަން ވާކަން. އެކަން އެމަގަށް ނުގޮސް މިއުޅެނީ. އެކަން ވާންވީ ގޮތަކަށެއް ނުއެއް ހިނގާ. އެކަމަށް ސަރުކާރުން ދޭންވާ އަހަންމިޔަތުކަމެއް ނުމެދެވޭ. ލޯނު ފައިސާ ދޫކުރެވިއްޖެ. ދެން އެ އަނބުރާ ދެއްކުމާއި އެ ފައިސާ ލޯނު މެނޭޖްކުރުމާއި މިކަންކަމާ ގުޅޭގޮތުން ތިޔަބޭފުޅުންގެ ހިތްޕުޅު ހަމައެއް ނުޖެހޭ. އެއްބަޔަކު އެކަން ކުރާގޮތަކާ އަނެއް ބަޔަކު އެކަން ކުރާ ގޮތަކާއެއް ނުއެއް ރުހޭ. ފައިސާއަށްވީ ގޮތަކީ ކޮބައިތޯ އަނެއްބަޔަކު އެބަ ސުވާލު ކުރޭ. މިހެން، ހަމަ ރަށުއޮފީހަކުން ބޭންކެއްގެ ދައުރު އަދާކުރަން ޖެހުނީމާ ވަރަށް ދަތިވާނެ. އެ ބޭންކުން ރަށުއޮފީހުގެ ވަޒީފާ އަދާކުރަންޖެހުނީމާ ބޭންކަށްވެސް ދަތިވާނެ. ބޭންކެއް ހުރެމެ އަދި ރަށު އޮފީހެއް ހުރެމެ މި ދެ އޮފީހުގެ ދައުރު މިހާ ފުރިހަމަކޮށް އޮޅުވާލައިގެން އެކަން އެ ގެންދެވުނީ. އެއީ، ދެން ވަރަށް ފުޅާ ވިސްނުމެއްގައިކަމަށް އަޅުގަނޑަށް މިހާރު މި ފެންނަނީ. މި މަސައްކަތް އޭގެ ރަނގަޅު ހަމައަށް އަޅުގަނޑުމެންނަށް އެޅުވިދާނެ. މިރަށުގެ ރައްޔިތުންނަށް އޭގެ ކިތަންމެ ފައިދާއެއް، ސަރުކާރުން ހޯދައިދެވިދާނެ.

އަޅުގަނޑު މިރޭ ތިޔަބޭފުޅުންނަށް ދަންނަވަން ބޭނުމީ، ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭނެއޭ މިރަށުގައި މިދަންނަވާ ބާވަތުގެ މަސައްކަތް ކުރިއަރުވަން. އެކަމަށް ބޭނުންވާ ލުއި ލޯނާއި، އެކަމަށް ބޭނުންވާ އެހެނިހެންވެސް އެހީތެރިކަން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ފޯރުކޮށްދޭނަމޭ، އެކަމުގެ ޕްރޮގްރާމްތައް އަޅުގަނޑުމެން މިހާރު މިގެންދަނީ ރާވަމުންނޭ.

އަޅުގަނޑުމެންގެ ސަރުކާރުން، މި ސަރުކާރުން އަބަދުވެސް ދެކެމުން އައީ، ރާއްޖޭގައި ވެރިކަން ހިންގަން އޮތް ހެޔޮގޮތުގައި ވެރިކަން ހިންގަން އޮތް ހަމައެކަނި މަގަކީ، ޑިމޮކްރަސީގެ އުސޫލުން އެކަން ކުރުމޭ. އަޅުގަނޑު އަޖައިބުވޭ ބައެއް ސިޔާސީ ވެރިން ޚާއްޞަކޮށް ކުރީގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ކުރައްވާ އަދި ބަންޑާރަނައިބުކަމުގައިވެސް އުޅުއްވާ، މިފަދަ ގޮތްގޮތަށް މިފަދަ މަގާމުތައް ސަރުކާރުގައި ފުރުއްވާފައި ހުންނެވި ބޭފުޅަކު ޤާނޫނާ ގުޅޭގޮތުން ދެއުޅިއެއްވާ ހަމަ އެއްވެސް ވާހަކައެއް ނުދައްކަވާތީ. ލާމަރުކަޒީ އުސޫލަކީ، ޚާއްޞަ ނަމެއްގެ ގޮތުގައި އެބޭފުޅާ ތަރުޖަމާ ކުރައްވަނީ. އެއީ، ޤާނޫނުއަސާސީގެ 230 ވަނަ މާއްދާގައި ލިޔެފައި އެބައޮތް ލާމަރުކަޒީ އުސޫލު. އެހެންވީމާ، އެ ނޫން ލާމަރުކަޒީ އުސޫލެއް ނުވޭ. ޤާނޫނުއަސާސީގައި ލިޔެފައި އެ އޮތީ ވަކި ގޮތަކަށް ވަކި ކަމެއް ކުރާ ވާހަކަ. އެކަން އެގޮތަށް ހިންގާ ވާހަކަ.

އަޅުގަނޑުމެން ތަކުރާރުކޮށް ބުނަމުން މިދަނީ، އަޅުގަނޑުމެން މިހާރު މިކުރަމުން ގެންދާ މަސައްކަތަކީ، ކައުންސިލްތަކުގެ އިންތިޚާބާއި ރަށު ކައުންސިލާއި އަތޮޅު ކައުންސިލްތަކުގެ އިންތިޚާބުތައް ލާމަރުކަޒީ އުސޫލުން ޖޫން ޖުލައި ހިސާބުގައި ބޭއްވެންދެން، ބޭއްވުމަށް މަގުފަހިކުރުމަށްޓަކައި އިދާރީ ގޮތުން ލާމަރުކަޒީ އުސޫލެއްގައި ސަރުކާރު ހިންގަމުން ގެންދަނީއޭ، އިދާރީ ގޮތުން. އަޅުގަނޑުމެން ހަމައެކަނި ކުރަމުން މިއަންނަ ކަމަކީ، މިނިސްޓްރީ އޮފް ހޯމް އެފެއާޒްގައި މީގެކުރީގައި މާލޭގައި ކުރަމުން އައި މަސައްކަތްތައް އަތޮޅުތަކުގައި ކުރުމަށް ބަދަލުކުރުން. އަދި އޭގެއިތުރުން، މާލޭގައި ހިންގާ ކޮންމެ މިނިސްޓްރީއެއްގެ މޭޒެއް، އަތޮޅުތަކުގައިވެސް ބެހެއްޓުން. އެ މިނިސްޓްރީތަކުން ދޭ ޚިދްމަތް އަތޮޅުތަކުން ރައްޔިތުންނަށް ލިބޭނޭ ގޮތް ހަދައިދިނުމަށް، ރައްޔިތުންނާ ގާތުން ރައްޔިތުންގެ ކަންކަން ނިންމޭނޭ އުސޫލުތަކެއް ތަންފީޒުކުރުން.

މި ޤާނޫނުއަސާސީއާ ޚިލާފުވާ އެއްވެސް ގޮތެއް އަޅުގަނޑަށް ޔަޤީން، ޤާނޫނީ އެއްވެސް ހަމައެއް ދަންނަ އެއްވެސް ބޭފުޅަކު ވިދާޅެއް ނުވާނެ، ރައްޔިތުންނަށް ޚިދްމަތެއް ދިނުމަކީ، ޤާނޫނީއަސާސީއާ ޚިލާފުކަމެކޭ. މާލޭގައި މިނިސްޓްރީތަކުން ދެމުން އަންނަ ޚިދްމަތް މާލޭގައި އެކަނި ނުދީ، އަތޮޅުތަކުގައި ދިނުން އެއީ، ޤާނޫނުއަސާސީއާ ޚިލާފުކަމެކޭ. އަޅުގަނޑަށް ހަމަ ވަރަށް ބޮޑަށް އޮޅިގެން މިއުޅެނީ. މިނިސްޓްރީ އޮފް ހޯމްއެފެއާޒްގައި މާލޭގައި ކުރަމުން އައި މަސައްކަތް އަތޮޅުތަކުގައި ކުރުން އެއީ، ޤާނޫނުއަސާސީ އާ ޚިލާފު ކަމެކޭ.

ކޮން ގޮތަކަށް ޤާނޫނުއަސާސީ މާނަކުރީމާކަން އެނގިވަޑައިގަންނަވާތޯ މިގޮތަށް މިފެންނަނީ. ތިމަންނާ އަތުގައި ހުރިހާ ބާރެއް އޮންނަންޖެހޭނެއޭ. މާލޭގައޭ ތިމަންނާ މިހުރީ، ތިމަންނާގޭ މުށުތެރޭގައޭ މި ދައުލަތުގެ އެންމެހާ ބާރުތައް އޮންނަންޖެހޭނީ. އެ ވިސްނުމުގައި ތިއްބަވައިގެން ޤާނޫނުއަސާސީ ވިދާޅުވީމާ ހަމަ ފެނިވަޑައިގަންނަވަނީ އެ ހުވަފެން. އަޅުގަނޑު ހަމަ އެބޭފުޅާއަށާއި އަދި އެ ވިސްނުމުގެ އެންމެ ބޭފުޅުންނަށް ދަންނަވާލަން ބޭނުންވާ ވާހަކައަކީ، ލާމަރުކަޒީ އުސޫލުންނޭ އަޅުގަނޑުމެން އަޅުގަނޑުމެންގެ ސަރުކާރު ހިންގަމުން ގެންދާނީ. އަޅުގަނޑުމެންގެ މި ސަރުކާރަކީ، ދިވެހިރާއްޖޭގެ ރައްޔިތުންނަށް ދިވެހިރާއްޖެ އަލުން އަނބުރާ ރައްދުކޮށްދިނުމަށް ހިންގާ ސަރުކާރެކޭ.

އަޅުގަނޑު މަނަދުއަށް ކުރި މިދަތުރުގައި، ތިޔަބޭފުޅުންނާއެކީގައި މިލިބޭ ވަގުތުކޮޅު ބޭނުންކުރާނެ ވަކި ގޮތެއް ވިސްނައިގެނެއް ނޫން، މިރޭ ކޮންމެހެން މިތާނގައި އަޅުގަނޑު ހުއްޓި މިހުރީ. މުޅި ރާއްޖޭގެ ސިޔާސީ މަސްރަޙާ ގުޅޭގޮތުންވެސް އަޅުގަނޑުމެން ބައެއް ފަހަރަށް ވިސްނާލަން އެބަޖެހޭ.

އަޅުގަނޑުމެން ސަރުކާރު ހިންގުމާ ހަވާލުވިއިރު، ސަރުކާރުގެ މާލިއްޔަތު އޮތީ ވަރަށް ބިކަ ހާލުގައި. ފުރަތަމަ މަހު އަޅުގަނޑުމެންނަށް މަދުވި ދުއިސައްތަ މިލިއަން ރުފިޔާ. އެއީ، ލިބޭ އެއްޗަކަށްވުރެ ހިނގި ޚަރަދު ދުއިސައްތަ މިލިއަން ރުފިޔާއިން ބޮޑުވި. އޭރުގައި ބޭރުން ލޯނެއް ކުއްލިއަކަށް ނެނގޭކަށެއް ނެތް. އެއީ، ރާއްޖެ ދަރަނިވެރިވެފައިވާ މިންވަރުން އުފެއްދުންތެރިކަމާ އަޅާބަލާއިރު ލޯނު ނަގަން ދަތިވާތީ. އަޅުގަނޑުމެންނަށް ލިބުނު އެ ކުޑަހިނދުކޮޅުގެ ތެރޭގައި، އަޅުގަނޑުމެންނަށް އަބަދުވެސް އެނގޭ، ވިސްނޭ، މި ސަރުކާރު ހިންގުމާ އަޅުގަނޑުމެން ހަވާލުވެއްޖެނަމަ، ހަވާލުވާއިރު ކަންކަން ހުންނާނީ މި ހަމައިގައިކަން.

އެހެންނަމަވެސް، އަޅުގަނޑު މިވަގުތު ޢަލީ ޙާޝިމަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަންޖެހޭ. ޢަލީ ހާޝިމާއި އަދި ސަރުކާރުގެ އެހެން ވަޒީރުންނާއެކު، އަޅުގަނޑުމެންނަށް ސަރުކާރުގެ މާލިއްޔަތު އެބަ ވަކި ހަމައަކަށް ގެނެވޭ. އަދިވެސް މުޅިންނެއް ނުގެނެވޭ. އެހެންނަމަވެސް، މިހާރު މިދަނީ އަޅުގަނޑުމެންގެ ޑެފިސިޓް، އެއީ، ލިބޭ އެއްޗަކަށްވުރެ ކުރާ ޚަރަދު ބޮޑުވާ މިންވަރު ކުޑަވަމުން. މުޅި ސީދާ އަދަދު އަދި އަޅުގަނޑަށް ސާފު ނުވެ ހުއްޓާ މި އަންނަންޖެހުނީ. އެކަމު އަޅުގަނޑު މިދެކެނީ، މި ވޭތުވެދިޔަމަހު ސަތޭކަ ފަންސާސް މިލިއަން ރުފިޔާއޭ އަޅުގަނޑުމެންނަށް ޑެފިސިޓް ވެގެން ގޮސްފައިވާނީ.

އަޅުގަނޑު މިދެކެނީ އަހަރު ނިމޭއިރު އަޅުގަނޑުމެންނަށް އެ ޑެފިސިޓް ފޫބެދި އަދި ލިބުނު އެއްޗަކަށްވުރެ ކުރެވުނު ޚަރަދު ކުޑަ ތަންކޮޅެއް މަދުވެ، ބާކީވެސް ހުންނާނެއޭ. އަޅުގަނޑުމެން އެބަޖެހޭ ބާކީއެއް ބަހައްޓަން. ޚާއްޞަކޮށް މިދިޔަ ދިހަ އަހަރު، އަދި މިދިޔަ ތިރީސް އަހަރަށް ބަލައިފިއްޔާ މިކަންތައް މާ ހައްދުން ނެއްޓިފައި ހުރީ. ލިބޭ އެއްޗަކަށްވުރެ އިތުރަށް ޚަރަދުކުރަމުން ދިޔައިމާ ފައިސާގެ އަގު ދުވަހުން ދުވަހަށް ވެއްޓިގެންދަނީ. ފައިސާ އިތުރުވަނީ. ފައިސާ ޚަރަދުކުރަނީ ފައިސާ ޗާޕު ކޮށްގެން. ފައިސާ އިތުރުކުރި ވަރަކަށް ފައިސާގެ އަގު ވެއްޓެމުން އަންނަނީ.

އަޅުގަނޑުމެންގެ ވަޢުދެއް ތަކެތީގެ އަގު އަތްފޯރާ ފަށުގައި ބަހައްޓައިދިނުން. އެކަން އަޅުގަނޑުމެންނަށް ކުރެވޭނީ، ފައިސާގެ އަގު ހިފެހެއްޓިގެން. ސަރުކާރުން ކުރީގައިވެފައި ހުރި އެކި ބާވަތްބާވަތުގެ ވަޢުދުވެސް އެބަހުރި. ރައްޔިތުންނަށް ކޮށްދޭނެކަމަށް ކުރީ ސަރުކާރުން ވިދާޅުވެފައި ހުރި ވާހަކަތަކެއް އެބަހުރި. އަޅުގަނޑުމެން މިދަނީ އެ ވަޢުދުތައްވެސް ފުއްދައިދެމުން. އަދި އޭގެއިތުރުން، ސަރުކާރު މުވައްޒަފުންނަށް ހަމަ ރަނގަޅު ހަތަރު ބިލިއަން ރުފިޔާ އެބަ ޚަރަދުކުރަންޖެހޭ. އެހާމެ ގިނަ މުވައްޒަފުން. އަޅުގަނޑުމެންނެއް ބޭނުމެއް ނޫން އެއްފަހަރާ މުވައްޒަފުންތަކެއް ވަކިކުރާކަށް. އަޅުގަނޑުމެން ބޭނުން ބަލަން އިތުރު ވަޒީފާތައް، ވަޒީފާގެ ފުރުސަތުތައް އުފައްދާފައި، ނޫނިއްޔާ އަޅުގަނޑުމެން މުވައްޒަފުންނެއް ދުލެއް ނުކުރާނަން.

އެހެންވީމާ، އަޅުގަނޑުމެނަށް ފުރަތަމަ ކުރަން ޖެހިފައި މިއޮތްކަމަކީ، ވަޒީފާގެ ވަރަށް ގިނަ ފުރުސަތުތަކެއް އުފެއްދުން. އެކަން މިރަށުގައިވެސް އަޅުގަނޑުމެން ކުރާނަން. މި ދަންނަވާހެން ދަނޑުވެރިކަމުގެ ކަންކަމުގައި ނުވަތަ އަޅުގަނޑުމެންގެ ދަތުރުފަތުރުކުރުމުގެ ނިޒާމު ފަށައިގަނެވުނީމާ އެ މަސައްކަތުގައި ނުވަތަ ފްލެޓްތައް އެޅުމުގެ ނުވަތަ ފެނާއި ނަރުދަމާއާއި ކަރަންޓުގެ މަސައްކަތުގައި. މި ލާމަރުކަޒީ އުސޫލުން ސަރަޙައްދުތަކުގައި، ޕްރޮވިންސްތަކުގައި އަޅުގަނޑުމެން ހިންގާ މަސައްކަތްތަކުގައި ބައިވެރިވުމުގައި. މިވަޒީފާތައް އުފެއްދުން އެއީ، އަޅުގަނޑުމެން ފުރަތަމަ ކުރަންޖެހޭނެ ކަންތައް. އުފައްދާފައި އަޅުގަނޑުމެންނަށް މުވައްޒަފުން ދޫކުރެވޭނީ.

ޤަބޫލުފުޅުކުރައްވާތީ އަތޮޅު އޮފީހެއްގައި ބައެއް ފަހަރަށް މުވައްޒަފުން ގިނަ، މިހާރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށްވުރެ. ދެން އަޅުގަނޑަށް ހަމަ އެހާ ބޮޑަކަށް ގަބޫލެއް ނުކުރެވޭ އަޅުގަނޑުމެން އޮފީހަށްވުރެ ވަކި އަތޮޅުއޮފީހެއްގެ މަސައްކަތް އިތުރުވެފައި އޮވެދާނެކަމަކަށް. އަޅުގަނޑުމެން އެބަޖެހޭ، އެ ތިރީސް އަހަރު ހިންގާފައިއޮތް އެއްކަމަކީ، ވެރިކަމުގައި އަބަދު ހުރެވުނީސް، ތިންލައްކަ މީހުންނަށް ސަރުކާރުން ވެދީފައިއޮތް އެހީ، އެމީހުން ވަޒީފާއިން ވަކިކުރާނެކަމުގެ ބިރުގައި އަބަދު ބޭތިއްބުނީމާ. ދެން އެއްވެސް މީހަކަށް މަގުން ކައްސާލަން ވަރަށް އުނދަގޫވާނެ. ނުނިޔަތުގައި އެއްޗެއްވެސް ނުބުނެވޭނެ. އަޅުގަނޑުމެން އެބަޖެހޭ ޚަރާބުގައި ހުރި މިވާބަތުގެ ކިތަންމެ ކަމެއް، ސާފު މަގަށް ގެންނަން. މިކަންކަމަށް، އެބަ އިރުކޮޅެއް ހިނދުކޮޅެއް ނަގާ.

އެހެންނަމަވެސް، އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަގީންކޮށް އަރުވަން ބޭނުންވަނީ، މިކަންކަން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުރާނަމޭ. އަޅުގަނޑުމެން މިއެދޭ އަނެއް ދިވެހިރާއްޖެ، އަޅުގަނޑުމެންގެ އުންމީދު، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހާސިލުކުރާނަމޭ. ތިޔަބޭފުޅުންނަށް އަޅުގަނޑުމެން ވެފައިވާ ވަޢުދުތައް، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ފުއްދައިދޭނަމޭ. އަޅުގަނޑު ނިންމާލަމުންވެސް އަނެއްކާވެސް ހަމަ ދަންނަވަން ބޭނުންވަނީ، އިރާދަކުރެއްވިއްޔާ މާދަމާ ވެގެންދާނީ، މިއަދަށްވުރެ އަދި މާ ފާގަތި ފަހި ދުވަހަކަށޭ.

والسّـلام عليـكم. الحمد للّـه. ވަރަށްބޮޑަށް ޝުކުރިއްޔާ.