بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

މި ރާއްޖެއަށް މިއަންނަ ބަދަލުތަކުގެ ޤައުމުގެ އެންމެބޮޑު، އެންމެ ޙިއްޞާ ބޮޑު އެއްބަޔަކީ ހަމަކަށަވަރުންވެސް ކުޑަފަރީ ރައްޔިތުން. މިރަށުގެ ރައްޔިތުންނަކީ މީސްކޮޅު މަދުބަޔަކަށްވެދާނެ. އެހެންނަމަވެސް، ދިވެހިރާއްޖެ ހެކިވާނެ، ދިވެހި ތާރީޚު އެ ނޫންގޮތަކަށެއް ދެނެއް ނުލިޔާނެ، މި ރާއްޖޭގައި މިހިނގާދިޔަ ބަދަލުގެ ބޮޑު ޙަރަކާތް ހިނގާ ދިޔައީ މިރަށުގެ ވަރަށްގިނަ ރައްޔިތުން އެކަމަށް އަޅުގަނޑުމެން އެންމެންނާ އެކުގައި އަތުގުޅާލީތީވެ، ތިޔަބޭފުޅުން އެމަސައްކަތް ސާބިތުކަމާ އެކުގައި ކުރެއްވީތީ. އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުންނަށް ދިވެހި ދަރިން ޒަމާންތަކަށް ޝުކުރުވެރިވާނެ. އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ތިޔަބޭފުޅުންނަށް ޝުކުރާއި މުބާރަކްބާދީ ރައްދުކުރަން.

މިއީ، ކުޑަފަރީއަށް އަޅުގަނޑަށް އާދެވުނު ފުރަތަމަފަހަރު ނޫންކަން ހަމަ ތިޔަ އެންމެ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ. މިދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި، އަޅުގަނޑުމެންގެ ޙަރަކާތުގެ ކޮންމެ މަރްޙަލާއެއްގައިވެސް ކުޑަފަރިއަށް އަޅުގަނޑަށް އޮތީ އާދެވިފައި. ޕާޓީ ރަޖިސްޓްރީ ކުރުމުގައި އަޅުގަނޑު ކުޑަފަރިއަށް އައީމު. ޤާނޫނުއަސާސީ އިޞްލާޙު ކުރުމަށް ބާރު އެޅުމުގެ ގޮތުން މާލެ ދިޔުމަށް އަޅުގަނޑުމެން ރައްޔިތުންނަށް ގޮވާލި ގޮވާލުމަށްޓަކައި ހިންގި މަސައްކަތުގައި އަޅުގަނޑު ކުޑަފަރިއަށް އައިމު. ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށްޓަކައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުނުއިރު، އެކަމާ ގުޅޭގޮތުން ތިޔަބޭފުޅުންނަށް ވާހަކަ ދައްކަން އަޅުގަނޑު ކުޑަފަރިއަށް އައިމު. އަދި މިދިޔަ އިންތިޚާބުގައި ކެމްޕޭނުގައި އަޅުގަނޑު ކުޑަފަރިއަށް އައިމު.

ކުޑަފަރިއަށް މިފަހަރު އައުން ހަމަގައިމުވެސް މިއޮތީ ވަރަށް ބޮޑަށް ލަސްވެފައި. އެކަމާ އަޅުގަނޑު ތިޔަބޭފުޅުންގެ ކިބައިން މަޢާފަށް އެދެން. އެހެން ނަމަވެސް، އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެންނަށް ވެރިކަމާ ޙަވާލުވާން ޖެހުނީ، އަޅުގަނޑު ހަމަ ވަރަށް ސާފުބަހުން ދަންނަވާނަން، ދިވެހި ދައުލަތުގެ ޚަޒާނާގައި ގާތްގަނޑަކަށް އެއްވެސް އެއްޗެއް ނެތް ހިނދެއްގައި. އަދި އޭގެ އިތުރުން، ނެތް ފައިސާ ޚަރަދުކުރާނެ އެތައް ވަޢުދެއް ރައްޔިތުންނަށް އެ ސަރުކާރުން އޮތީ ވެފައި. އަޅުގަނޑުމެން ސަރުކާރު ހިންގުމާ ޙަވާލުވުމުގެ ކުރީގައިވެސް ވަރަށް ސާފުބަހުން ދެންނެވިން. އަޅުގަނޑުމެންނަށް އެނގެޔޭ، ސަރުކާރު ހިންގުމާ ޙަވާލު މިވަނީ ހަމަ އެކައްޗެއްވެސް ނެތްއިރުގައިކަން. އެހެންނަމަވެސް، އަޅުގަނޑުމެން މިކަން ސާބިތުކަމާ އެކީގައި އަޅުގަނޑުމެން މި އެދޭ މިޞްރާބަށް، އަޅުގަނޑުމެން ހިތުލާ މިތިބި ގޮތަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުރާނަމޭ. އަދިވެސް އެއްފަހަރު އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކަން އަރުވަނީ، އަޅުގަނޑުމެންގެ މި ސަރުކާރު ދެމިއޮންނަނީ ހަމައެކަނި އެންމެ ސަބަބަކަށްޓަކައޭ. އެއީ ތިޔަބޭފުޅުންނަށް އަޅުގަނޑުމެން ވެފައިވާ ވަޢުދުތައް ފުއްދައިދިނުމަށްޓަކައި. ތިޔަބޭފުޅުންނަށް އަޅުގަނޑުމެން ޚިދްމަތް ކުރުމަށްޓަކައި. މި ވެރިކަން ދެމިއޮންނަ އެހެން އެއްވެސް ބޭނުމެއް ނެތް. އެހެން އެއްވެސް ސަބަބެއް ނެތް. އަޅުގަނޑުމެންގެ އަބަދުގެވެސް ވާޖިބަކަށްވާނީ، ތިޔަބޭފުޅުންގެ ކަންކަން ކޮށްދިނުން.

އަޅުގަނޑުމެން ސަރުކާރު ހިންގުމާ ޙަވާލުވުމުގެ ކުރީގައި، ޙަވާލުވެފައި ކުރަންހުރި ކަންތައްތަކަކީ ކޮބައިތޯ އަޅުގަނޑުމެން މިނަމުން ގެންދިޔައީމު. އެއީ، އަޅުގަނޑުމެންގެ މެނިފެސްޓޯ، އަޅުގަނޑުމެންގެ ސިޔާސަތު އެކުލަވާލުމަށްޓަކައި. އޭރުވެސް އަދި އޭގެކުރީގައިވެސް އަޅުގަނޑުމެންނަށް ފާހަގަކުރެވިފައި ހުރި ކިތަންމެ ކަމެއް ހުރި.

ޚާއްޞަކޮށް، ރާއްޖޭގައި ޢުމުރުން ދޮށީ ބޭފުޅުންނާ ދޭތެރޭގައި އަޅުގަނޑުމެންގެ ސަރުކާރުންނާއި ވޭތުވެދިޔަ ސަރުކާރުތަކުންނާއި، އަދި ވަރަށްބޮޑު ދަރަޖައަކަށް ޢާންމު ރައްޔިތުންގެވެސް ބޭއިންޞާފު އެބޭފުޅުންނަށް ރައްދުވާކަން. ހަދާނެ ގޮތެއްނެތި، ބިކަ ޙާލުގައި ރަށްރަށުގެ ހޮޅުއަށިތަކުގައި އެބޭފުޅުންގެ ޢުމުރުގެ ފަހުދުވަސްތައް ހޭދަކުރަމުން އެގެންދަނީ. ރިޒޯޓެއްގައި، ކޮންސްޓްރަކްޝަން ގްރޫޕެއްގައި ނުވަތަ އެނޫންވެސް ކޮންމެވެސް ތަނެއްގައި މަސައްކަތްކުރާ ދަރިއެއް، ކާފަ ދަރިއަކު ބުރަ މަސައްކަތުން ކޮންމެވެސް އެއްޗެއް ރަށަށް ފޮނުވިއްޔާ، އެ އެއްޗަކުން ލިބޭ ކުޑަކުޑަ އެތިކޮޅެއްގައި ފުއްދާލައިގެން ތިބެން އެބަޖެހޭ.

ހާސްކަންމަތީގައި މުޅި ދުވަސް، މުޅި ހަފްތާ، މުޅި އަހަރު އެދަނީ. އަޅުގަނޑުމެން ދުށީ މި ރާއްޖެއަށް ލިބިފައި މިވާ އެއްވެސް ކަމެއް، ތަރައްޤީއަކަށްވިޔަސް، ރަނގަޅު ކަމަކަށްވިޔަސް، އަދި ނުރަނގަޅު ކަމަކަށްވިޔަސް އަޅުގަނޑުމެންނަށް ލިބިފައި މިވަނީ މިއަދުގެ ދޮށީ ޢުމުރުގެ މީހުން ވަރަށްގިނަ މަސައްކަތްތަކެއް ކޮށްދީގެނޭ. އެހެންވީމާ، ޕެންޝަނެއް އަރުވާއިރުގައި، އަޅުގަނޑުމެންގެ ނަޒަރުގައި އެ ޕެންޝަން އެންމެ ޙައްޤުވަނީ، ޢުމުރުން ދޮށީ މީހުންނަށް. ޢުމުރުން 65 އަހަރުގެ ހުރިހާ ރައްޔިތުންނަށް. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިދަނީ ތިޔަބޭފުޅުންނަށް އެފައިސާ އަރުވަމުން. މިފަހަރު މިއީ ފުރަތަމަ ފަހަރު. ލިޔެކިޔުމުގެ ކޮންމެވެސް ސަބަބަކާހުރެ ނުވަތަ އެނޫންވެސް ސަބަބަކާހުރެ ފަހަރުގައި ބައެއް ބޭފުޅުންނަށް ފައިސާ ލިބިވަޑައިގަތުމުގައި ތާއްޓެއްވެދާނެ. އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކަން އަރުވަން. މިއީ އަޅުގަނޑުމެން ދޭންއުޅޭ ފައިސާއެއް. ނުދޭންއުޅޭ ފައިސާއެއް ނޫން. އިތުރަށް ބަލައި ހޯދައި އޮޅުންފިލުވައި، މީނައާ އޭނައާ އެހެން ބަލާކަށެއް ނޫން އަޅުގަނޑުމެން މިއުޅެނީކީ. އަޅުގަނޑުމެންގެ މަޤްޞަދަކީ، އަޅުގަނޑުމެންގެ ބޭނުމަކީ، ސަރުކާރުގެ ބޭނުމަކީ ތިޔަބޭފުޅުންނަށް އެއްޗެއް ދިނުން. އެހެންވީމާ، ދެހާސް ރުފިޔާ ނުލިބޭ ކޮންމެ ދިވެއްސަކަށް، 65 އަހަރުން މަތީގެ އަންހެނަކަސް، ފިރިހެނަކަސް، އަޅުގަނޑުމެން މިއަރުވާ ޕެންޝަން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އަރުވަމުން ގެންދާނަން.

ކުޑަފަރިއަށް މި ސަރުކާރުން އަޅުގަނޑުމެން ކޮށްދޭނީ ކޮން ކަމެއްތޯ އެހުމުގެ ބަދަލުގައި، އަޅުގަނޑު ހަމަ ހިތަށްއަރާ ކީއްވެބާވައޭ އަޅުގަނޑު ނުބުނާންވީ ކުޑަފަރިއަށް އަޅުގަނޑުމެން ނުކޮށްދޭނީ ކޮންކަމެއްތޯއޭ! މިއީ ކުޑަފަރީ ސަރުކާރެކޭ. މިރަށުގެ ރައްޔިތުންނާ އެއްވަރަށް އެއަށްވުރެ ބޮޑަށް މި ސަރުކާރަށް އަޣްލަބިއްޔަތު ދިން އެހެން ރައްޔިތަކު ނެތް. އަޅުގަނޑުމެންނަށް ކޮށްދެވެންހުރި ހުރިހާ ކަމެއް އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުންނަށް އަޅުގަނޑުމެން ކޮށްދޭނަން.

އަޅުގަނޑަށް ލަފާކުރެވޭ ގޮތުގައި މިވަގުތު ތިޔަބޭފުޅުން އެންމެބޮޑަށް ބޭނުންވާ އެއްކަމަކީ، ކޮނެ ނިންމާފައި މިވާ ބަނދަރުގެ ރިވެޓްމަންޓެއް ހެދުން. ނުވަތަ ބޭރުގައި ތޮށްޓެއްލުން. ކޮންމެވެސް އެއްގޮތެއް ހަދައި، މި ބަނދަރު ރީތިކޮށް ބޭނުންކުރެވޭނެ ގޮތެއް އެބަ ހަދަންޖެހޭ. މިދިޔަ އަހަރު އެފައިސާ ބަޖެޓުގައި ހިމަނާފައެއް ނެތް. އެހެންނަމަވެސް، އެކަން ކޮށްދޭން އަޅުގަނޑުމެން ސަރުކާރުން ނިންމާފައިވާނެ. އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުންނަށް މިއަހަރުގެ ތެރޭގައި އެމަސައްކަތް އަޅުގަނޑުމެން ކޮށްދޭނަން.

މަދަރުސާ ތަރައްޤީ ކުރުން، ޚާއްޞަކޮށް، ކުޑަފަރީގެ މަދަރުސާ ތަރައްޤީ ކުރުން އެއީ، މި ސަރުކާރުން ވަރަށްބޮޑު އަހަންމިއްޔަތު ކަމެއް ދޭނެ ކަމެއް. އަޅުގަނޑު އަމިއްލައަށްވެސް އެދެން، މިރަށުގައި ގްރޭޑް 11 އާއި 12 އޮތުމަށް. އަޅުގަނޑު ޚާއްޞަކޮށް އެދެން، މިރަށުގައި 11 އާއި 12 ގައި އާޓްސްގެ ދާއިރާއިން ކިޔަވައިދީ، ކުޑަފަރީ ރައްޔިތުންގެ މިހާރު ހުޅުވިފައިވާ ސިކުނޑިއަށް އިތުރު ތަނަވަސްކަމެއް ހޯދައިދިނުމަށް. ހަމައެކަނި މި ކިޔަވާ ހިސާބާއި އަދި އެކައުންޓްސް އާއި ނުވަތަ ކޮމާސްގެ ދާއިރާތަކާއި ސައެންސްގެ ދާއިރާތަކެއް ނޫން. ތާރީޚާއި، ސިޔާސަތާއި، ޤާނޫނާއި، ފަލްސަފާ، މިރަށުގެ ރައްޔިތުންނަށް އެބަ އޮޅުންފިލަންޖެހޭ، އެބަ އެނގެންޖެހޭ. މި ރައްޔިތުންނަށް އިރާދަކުރެއްވިއްޔާ، އެމާއްދާތަކުގައި، 11، 12 ގައި އަދި މަތީ ތަޢްލީމަށް ދެވޭނެ ގޮތް އަޅުގަނޑުމެން ހަމަޖައްސައިދޭނަން. މިރަށުން 11، 12 ނިމޭ ކުދިންނަށް، ބޭރުން ޔުނިވަރސިޓީ ތަޢްލީމު ލިބޭނެ އިންތިޒާމެއްވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހަމަޖައްސައިދޭނަން. އެވަރަށް އަޅުގަނޑުމެން ބޭރުގެ ސްކޮލަރޝިޕް ހޯދާނަން. އިރާދަކުރެއްވިއްޔާ އެކަންކަން މިހާރު އަޅުގަނޑުމެންނަށް މިދަނީ ފުރިހަމަވަމުން. މިއަހަރު ނިމޭއިރު ތިޔަބޭފުޅުންނަށް އެކަންކަން ކޮށްދެވޭވަރު އަޅުގަނޑުމެންނަށްވާނެ.

ސަރުކާރުން ނިންމާފައިވާ އެންމެބޮޑު އެއް މަޝްރޫޢަކީ، މި ރަށުގައި ތިޔަބޭފުޅުން ތިއްބަވައިގެން އަނބިދަރިންނާއެކުގައި ދިރިއުޅުއްވަމުން، ތިޔަބޭފުޅުންނަށް ވަޒީފާ އަދާކުރެއްވޭނެ ގޮތްތަކެއް ހޯދައިދިނުން. ރަށުގައި ވަޒީފާތަކެއް އުފެއްދުން. ރަށުގައި މަސައްކަތް ކޮށްގެން، އެކަންކަން ކުރިއަށް ގެންދެވޭނެ ގޮތެއް ހޯދުން. އެއީ، ގޯތިގެދޮރު އެޅުމުގެ އިތުރުން، ތަންކޮޅެއް ތަނަވަސް، މިއަށް ގެސްޓްހައުސްއޭވެސް ކިއިދާނެ. ބޮޑެތި ބިންބިމުގައި ދުނިޔޭގެ ތަނަވަސް ހިސާބުތަކުން މީހުން އައިސް، ގިނަދުވަހު މަސްދުވަހު ނުވަތަ ދެމަސްދުވަހު ދިރިއުޅެފައި ގޮސް އަދި އެހެން ބަޔަކު އައިސް އަނެއްކާވެސް ދިރިއުޅެފައިދާނެ. ބާވަތެއްގެ ޓޫރިޒަމެއް އެއީ. އެހެންނަމަވެސް، މިހިންގާ ޢާންމު ބާވަތެއް ނޫން އެއީކީ. މިއަދުގެ ދުނިޔޭގައި ވަރަށް މަޝްހޫރުވަމުން އަންނަ ބާވަތެއް. އެއީ، ރެސިޑެންސީއެއް އުފެއްދުން. އަޅުގަނޑުމެން ސަރުކާރުން ތިޔަބޭފުޅުންގެ ރުހުން އޮތްނަމަ، ނިންމާފައި މިވަނީ މިރަށުގައި މިދަންނަވާހެން ލަގްޒަރީވިލާ ނުވަތަ އެ ގެސްޓްހައުސްއޭ ކިޔުއްވިޔަސް، ސިޓީ ހޮޓަލޭ ކިޔުއްވިޔަސް، ޓޫރިޒަމްގެ ޙަރަކާތެއް މިރަށުގައި ހިންގުން. ވަޒީފާއާއި ފައިސާ ލިބޭނެ މަގުތައް އެކަމުން ތިޔަބޭފުޅުންނަށް ފަހިކޮށްދިނުން. އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި އަޅުގަނޑުމެން އެމަސައްކަތްވެސް ފަށައިގަންނާނަން.

އެނގިވަޑައިގަންނަވާނެ، މިރަށުގެ ބޭފުޅެއްކަމަށްވާ މަތީން އެހުންނަވަނީ، މި ޕްރޮވިންސްގެ އަސާސީ ޚިދްމަތްތައް ފޯރުކޮށްދޭ ކުންފުނި ހިންގެވުމާ ޙަވާލުވެ. އަޅުގަނޑު އެދެން، އެބޭފުޅުން ބޮޑަށް މަސައްކަތް ކުރައްވައިގެން، މިރަށްރަށުގެ ފެނާއި ނަރުދަމާއާއި ކަރަންޓްގެ ޚިދްމަތް، ވަކި ރަށެއްގައެއް ނޫން ހަމަ ހުރިހާ ރަށެއްގައިވެސް ދެވޭނޭ އިންތިޒާމެއް، ދެވޭނޭ ގޮތެއް ހަމަޖެއްސުމަށް. އަޅުގަނޑަށް އެނގޭ، އަޅުގަނޑުމެންގެ މި ގެންގުޅޭ ސިޔާސަތުގެ ތެރެއިން މާ އުނދަގުލަކާ ނުލާ އެކަން ހަމަޖެހިގެންދާނެކަން.

އަޅުގަނޑަށް އިއްޔެގައިވެސް އިނދެވުނީ އިންޑިޔާގެ އެންމެބޮޑު އެއްކުންފުންޏާ އެކުގައި. ތިޔަބޭފުޅުންގެ އަސާސީ ޚިދްމަތްތައްދޭ ކުންފުންޏާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރި ތަނެއްގައި. އެތަނުގައި އިނުމުގެ ނަޞީބު އަޅުގަނޑަށް އޮތީ ލިބިފައި. އަޅުގަނޑަށް ޔަޤީން، ތިޔަބޭފުޅުންގެ ތެރޭގައި މިއުޅުއްވާ ބޭފުޅުންގެ ޤާބިލުކަމާއި ހީވާގިކަމުގެ ތެރެއިން ތިޔަބޭފުޅުންނަށް، ތިޔަބޭފުޅުންގެ ރަށުގެ އަސާސީ ޚިދްމަތްތަކުގެ ކަންކަން މާބޮޑަށްވެސް ފުރިހަމަކުރެވޭނެ. އިރާދަކުރެއްވިއްޔާ، ތިޔަބޭފުޅުންގެ ނަރުދަމާގެ ކަންތައް، މިރަށުގައި މި ކުރިއަށް މިއޮތް މަސްތަކުގެ ތެރޭގައި ހަމަޖެހިގެންދާނެކަމީ އަޅުގަނޑު ޝައްކުކުރާ ކަމެއް ނޫން.

އަޅުގަނޑުމެން ހަނދާން ކުރަންޖެހޭނެ އަބަދުވެސް މި އެންމެ ކަންކަން ކުރުމަށް ހުރަސް އެޅުމަށް ވާދަވެރި ސިޔާސީ ޖަމާޢަތްތައް އަދިވެސް މަސައްކަތް ކުރާނެކަން. ސިޔާސީ ޙަރަކާތުގެ ގޮތުގައި ވާދަކުރުމަށް އަދި އަޅުގަނޑުމެންނާ ވަކާލާތު ކުރުމަށް އަޅުގަނޑުވެސް އެދެން. އެބޭފުޅުންގެ ސިޔާސަތަކީ ކޮބައިތޯއޭ މިނޫން ގޮތަކަށް މިކަން ކުރުމުގައި. އެބައޮތްތޯއޭ އެބޭފުޅުންގެ އެހެން ސިޔާސަތެއް. އަޅުގަނޑުމެން ދުށީމުއޭ މިދިޔަ ތިރީސް އަހަރު އެ ތަންފީޒު ކުރައްވަމުން ގެންދެވި ސިޔާސަތު. ތިޔައިން ގިނަ ބޭފުޅުން ތިއްބެވީ ބިރުން. ބާކީ ތިއްބެވި ބޭފުޅުން ތިއްބެވީ ހައްޔަރުގައި. އެ ސިޔާސަތުގެ ދަށުން ތިރީސް އަހަރުވީއިރުގައި، މި ބިކަ ޙާލު އަޅުގަނޑުމެންނަށް ޖެހިފައި މިވަނީ. އަޅުގަނޑުމެން ރައްޔިތުން ބޭނުމެއްނުވި އެގޮތަށް ދެން އިތުރަކަށް އަޅުގަނޑުމެންގެ ދުވަސްތައް ހޭދަކުރަމުން ގެންދާކަށް. އަޅުގަނޑެއް ޝައްކެއް ނުކުރަން ކުރިއަށް މިހުރި އިންތިޚާބުތަކުގައި ތިޔަބޭފުޅުން ވޯޓު ދެއްވާނީ، ހަމަ އަނެއްކާވެސް މުސްތަޤްބަލަށްޓަކައި. އަޅުގަނޑަށް ޔަޤީން އެ ވޯޓު ތިޔަބޭފުޅުން ދެއްވާނީ މި ސަރުކާރަށް. އަޅުގަނޑުމެންނަށް މި އިންތިޚާބުގައި ކާމިޔާބު ވަރަށް މުހިންމު. އެއީ ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށްމެނުވީ، މި ޤާނޫނުއަސާސީ ތަންފީޒު ކުރަމުންދާއިރުގައި، ސަރުކާރުގެ ސިޔާސަތު ހިންގަމުން ގެންދަން އުނދަގޫވާނެ.

ތިޔަބޭފުޅުންނަށް މިއަދުވެސް އަޑު އިވިވަޑައިގެންފައިވާނެ. 65 އަހަރުން މަތީގެ ބޭފުޅުންނަށް، ރައްޔިތުންނަށް އަޅުގަނޑުމެން ޕެންޝަން އަރުވާތީވެ، އެއީ މިމަހު އެކަނި ދޭނެ އެއްޗެކޭ، މާދަމާ ނުދޭނެއޭ. މިހެން ބުނާއަޑު. އެއީ، މުޅި ޢުމުރަށް އަޅުގަނޑުމެން ތިޔަބޭފުޅުންނަށް އިރާދަކުރެއްވިއްޔާ އަރުވާނެ ޕެންޝަނެއް. އެބާވަތުގެ ކިތަންމެ ވާހަކައެއް ދައްކާ. ސަރުކާރު މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށްޓަކައި އަޅުގަނޑުމެން އެއްބިލިޔަން ރުފިޔާ ބަޖެޓުގައި ހިމެނީމު. އޭގެ ސަބަބުންވެސް ރައްޔިތުންގެ މަޖިލީހުގައި އެބަ އިދިކޮޅަށް ވަކާލާތު ކުރޭ. އަޅުގަނޑުމެންނަށް ސަރުކާރަކަށް އިޚްތިޔާރެއް ނެތޭ، ސަރުކާރު މުވައްޒަފުންގެ މުސާރަ ބޮޑުކޮށްދޭކަށް. އެއީ، ސިވިލް ސަރވިސްއަށް ކުރެވެން އޮތް ކަމެކޭ. ދެން ބައެއް ބާވަތުގެ ވާހަކަތައް ބޭފުޅުން ދައްކަވަންވީމާ ހަމަ ދައްކަވަނީއޭ. އޭގައި ކޮޅެއް މެދެއް އޮތްތޯވެސް ބައްލަވަނީކީއެއް ނޫން. ކޮންމެ ގޮތެއްވިޔަސްވެސް ރައްޔިތުންގެ މަޖިލީހަށް ބަޖެޓު ހުށަހަޅަނީ ސަރުކާރުން. ބަޖެޓު ފާސްކޮށްދެއްވަނީ ސަރުކާރުން އެ ފައިސާ ޚަރަދު ކުރުމަށް. އެހެންވީމާ، ރައްޔިތުންގެ މަޖިލީހަށް ބަޖެޓު ހުށަހަޅާފައި އޮތްގޮތަށް މިފައިސާ ޚަރަދު ކުރަމުން ގެންދާނީ ހަމަ އަޅުގަނޑުމެން، ސަރުކާރުން. އަޅުގަނޑުމެން ނިންމީ، ސަރުކާރު މުވައްޒަފުންނަށް އިތުރު އެއްޗެއް ދިނުމަށް.

އަޅުގަނޑުމެން ހަމައެއާއެކީގައި އެބޭފުޅުންގެ ކިބައިން އެދެމުން މިއަންނަނީ އިތުރަށް މަސައްކަތެއް ކޮށްދެއްވުމަށް. އަޅުގަނޑުމެންވެސް މަސައްކަތް ކުރަން. ޤަބޫލުފުޅު ކުރައްވާ، ޔަޤީންކޮށް ތިއްބަވާ. ހަމަގައިމުވެސް އަޅުގަނޑު ރެޔަކާ ދުވާލަށް 14 ގަޑިއިރު މަސައްކަތް ނުކޮށް އެންމެ ދުވަހަކުވެސް ހުއްޓައެއްނުލާނަން. އަޅުގަނޑުމެން މި އެދޭ ކަމަކީ އަޅުގަނޑުމެން މިއެދޭ ބަދަލު، އަޅުގަނޑުމެންގެ ފޮނި އުންމީދު،
އަޅުގަނޑުމެން މިދެކެން ބޭނުންވާ އަނެއް ދިވެހިރާއްޖެ، އިރާދަކުރެއްވިއްޔާ ދާދި އަވަހަށް އަޅުގަނޑުމެންނަށް ފެންނާނެ. ދަތުރުފަތުރު ކުރުމުގެ ނިޒާމުން އަޅުގަނޑުމެންނަށް ރާއްޖޭގެ އަތޮޅުތައް، ރަށްތައް ގުޅާލެވޭނެ. ބޯހިޔާވަހިކަން އެއީ އަތްފޯރާފަށުގައި ދިގު މުއްދަތުގައި ފައިސާ ދައްކާ، ޚަލާޞްކުރާ އުޞޫލުން ތިޔަބޭފުޅުންނަށް ލިބިވަޑައިގަންނަވާ އެއްޗަކަށް އަޅުގަނޑުމެންނަށް ހަދައިދެވޭނެ. ފެނާއި ނަރުދަމާއާއި ކަރަންޓާއި ގޭސް އަދި އެހެންވެސް އަސާސީ ޚިދްމަތްތައް ފަސޭހަކަމާއެކީގައި ތިޔަބޭފުޅުންނަށް ލިބިވަޑައިގަންނަވާނެ އިންތިޒާމު، ނިޒާމް އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ ހަމަޖައްސައިދެވޭނެ. ތަކެތީގެ އަގު ތިރިކުރުން އެއީ، އަޅުގަނޑުމެންގެ މާލީ ސިޔާސަތު. އިޤްތިޞާދީ ޙަރަކާތް އަޅުގަނޑުމެން ގެންދަނީ އެމަގަށް. ޑްރަގް، ޚާއްޞަކޮށް ބާރުގަދަ ޑްރަގްތައް ރާއްޖޭގެ ޒުވާނުން ޝިކާރައަކަށް ހަދައި، އެ ޒުވާނުން ބިކަޙާލުގައި ޖެހި ނެތިދާތަން ބަލާކަށް ގޮތެއްނެތި ތިބޭކަށް ތައްޔާރަކަށް ނޫން އަޅުގަނޑުމެން މިތިބީ. އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެން ސަރުކާރު ހިންގުމާ ޙަވާލުވިފަހުން ލިބުނު ހެރޮއިންގެ ޢަދަދު، ބަރުދަނުން ގިނަވާނީ ވޭތުވެދިޔަ ފަސް އަހަރު ނެގި ހެރޮއިންގެ ޢަދަދާ. ފަސްއަހަރަށްވުރެ އަޅުގަނޑުމެންގެ ތިންމަސްދުވަހުގެ މަސައްކަތް ގިނަވާނެ. އަޅުގަނޑު ހަމައެކަނި ބުނަން ބުނަނީކީ ނޫން. އަޅުގަނޑުމެން ސަރުކާރު ހިންގުމާ ޙަވާލުވިފަހުން މާލޭގައި މާރާމާރީ ދެގުނައަށް ދަށްވާނެ. މިހާރުވެސް ދަށްވާނެ. އަޅުގަނޑުމެން، އިރާދަކުރެއްވިއްޔާ މިހާރު ހަމަ މިގެންދަނީ އެ ޕްރޮގްރާމްތައް ރާއްޖޭގެ އެހެން ރަށްރަށުގައިވެސް ހިންގަމުން. އައްޑުއަތޮޅުގައިވެސް. ކުޅުދުއްފުށީގައިވެސް. އަޅުގަނޑމެންގެ އަމާޒަކީ، އަޅުގަނޑުމެންގެ ބޭނުމަކީ، ތިޔަބޭފުޅުންނަށް ތާހިރު ދިރިއުޅުމެއް ރިވެތި ގޮތުގައި އުޅެވޭނެ ގޮތެއް ހޯދައިދިނުން.

އަޅުގަނޑު ހަމަ ނިންމާލަމުންވެސް ދަންނަވާނީ، އިރާދަކުރެއްވިއްޔާ މާދަންވެގެންދާނީ އަދި މިއަށްވުރެ މާ ފާގަތި ދުވަހަކަށޭ.

الحمد للّـه. والسّـلام عليـكم. ވަރަށްބޮޑަށް ޝުކުރިއްޔާ!