بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

އަޅުގަނޑުމެން ކުޅުދުއްފުށްޓަށް މިއައީ، އެނގިވަޑައިގަންނަވާނެ، ރާއްޖޭގެ އިދާރީ ހިންގުން އަދި ރަށްރަށުގެ ތަރައްޤީގެ މަޝްރޫތައް ހިނގަމުންދާއިރުގައި، ރައްޔިތުންގެ ސީދާ ބައިވެރިވުމާ އެކީގައި އެކަންކަން ކުރިއަށް ގެންދެވޭނޭ ތަރުތީބެއް ހޯދުން އެއީ އަޅުގަނޑުމެންގެ ސިޔާސަތެއް. ލާމަރުކަޒީ އުސޫލު އެއީ އަޅުގަނޑުމެން ކަނޑައަޅާފައިވާ ތަރުތީބު. ލާމަރުކަޒީ އުސޫލުން ހިންގައިގެން މެނުވީ، ރާއްޖޭގެ ތަނަވަސްކަމާ، މުއްސަނދިކަމާ، ޤުދުރަތީ ވަސީލަތުގެ ބޭނުން ރާއްޖޭގެ ރައްޔިތުންނަށް ފުރިހަމައަށް ނުހިފޭނެކަން. އިންސާނީ ތަޖުރިބާ ކިތަންމެ ގޮތަކަށްވަނީ ދައްކާފައި.

ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ، މިހާރު ކަންތައް މިހިނގާ އުޞޫލުން، މިސާލަކަށް ކުޅުދުއްފުށީގައި ނަރުދަމާއެއް ހެދުމުގެ މަސައްކަތް ކުރިއަށްދާއިރުގައި، ފުރަތަމަ، މާލޭގައި މިހުންނަވާ ބޭފުޅަކަށް ވިސްނިވަޑައިގަންނަވަން ޖެހެނީ، ކުޅުދުއްފުށްޓަށް ނަރުދަމާއެއް ބޭނުންވާކަން. އެކަން އެހެންވީމާ، އެބޭފުޅަކު، ކަމާގުޅޭ ވުޒާރާއަކަށް އެވާހަކަ އަންގަވައި، އެކަމާގުޅޭ މަޝްރޫޢެއް، އެ ވުޒާރާއިން އެކުލަވާލަން ފަށަނީ. އެކަން އެ ވުޒާރާއިން ކުރުމަށްފަހުގައި، ޚާރިޖިއްޔާއަށް، ފޮރިން އެފެއާޒަށް އެމަޝްރޫޢެއް ފޮނުވަނީ، އެ މަޝްރޫޢަކަށް ފައިސާ ހޯދުމަށްޓަކައި. ފޮރިން އެފެއާޒުން މަޝްރޫޢަށް ފައިސާ ހޯދުމަށް މަސައްކަތް ކުރުމަށްފަހުގައި، ލިބުނު ފައިސާއަކާ އެކުގައި، އަދި ލިބުނު އެހީއަކާ އެކުގައި ޓްރެޜަރީއަށް، މާލިއްޔާއަށް، ފިނޭންސަށް ފޮނުވަނީ އެ މަސައްކަތެއް، އެމަޝްރޫޢެއް، ކުރިއަށް އޮންނަ އަހަރެއްގެ ބަޖެޓުގައި ހިމެނުމަށް. މިހުރިހާ މަރުޙަލާއެއް ކަޑައްތުކޮށް ނިމޭއިރުގައި، މިހުންނަނީ ތިންހަތަރު އަހަރުވެފައި. މަޝްރޫޢު އެކުލަވާލަން އަހަރެއް އެބަނަގާ. ސަރވޭ ކުރުމާއި، އެކަމާ ގުޅޭގޮތުން ކުރެހުންތައް ކުރެހުމަށާއި އަދި އެނޫންވެސް އެކަމާގުޅޭ މަސައްކަތްތައް ހިންގުމަށް. އެއަށްފަހު ފައިސާ ހޯދުމަށްވެސް އަހަރެއް އެބަނަގާ. އަދި އެމަޝްރޫޢެއް ބަޖެޓުގައި ހިމެނުމަށްވެސް މިކަމުގައި އެހާދުވަސް އެބަ ނަގާ. ސަރުކާރުން މިކަން ކުރަން ނިންމުމަށްފަހުގައި، އަދި އެކަންވުމާ ދޭތެރޭގައި ނަގާ މުއްދަތާއި ދުވަސް އަޅުގަނޑަށް ޔަޤީން، އަޅުގަނޑަށްވުރެ ބޮޑަށް ކުޅުދުއްފުށީ ރައްޔިތުންނަށް، މި މިސާލުގައި ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާނެ.

އަޅުގަނޑުމެން މިހުށަހަޅާ ގޮތަކީ، މިތަނުގައި ހުންނަވާށޭ ބޭފުޅަކު. މިތިން އަތޮޅުގެ އިދާރާއެއްގެ ގޮތުގައި، މި ރީޖަނަލް ސެންޓަރު ހަމަޖައްސައި، އެ އިދާރައިގައި ވަޒީރުން ފެންވަރުގެ ނުވަތަ ސްޓޭޓް މިނިސްޓަރުން ފެންވަރުގެ ބޭފުޅަކު ހުންނަވައި، މިތަނުން ސަރވޭ ކުރެވި، މިތަނުން އޭގެ ޓެކްނިކަލް ކުރެހުންތައް ކުރަހައި، އޭގެ ޕްރޮޖެކްޓް އެކުލަވާލައި، ރާއްޖެއިން ބޭރުން ލިބެން އޮތް އެހީއެއް މިތަނުން އެކަމަށް ހޯދައި، އަދި މިތަނުން އެ މަޝްރޫޢެއް ބަޖެޓުގައި ހިމަނައި، މިތަނުން އެ މަޝްރޫޢު ޓެންޑަރުކޮށް، އެއަށް ބިޑުހޯދައި، އެ މަސައްކަތް ހިންގުވައި، އެ މަސައްކަތް ބަލަހައްޓައި، އެ މަސައްކަތް ބަލައިގަނެ، އަދި ބަލައިގަނެވުނު މަސައްކަތް މަރާމާތުކޮށް ބަލަހައްޓަމުން ގެންދިޔުން. އެމަގުން އަޅުގަނޑުމެން ގޮސްފިނަމަ، އަޅުގަނޑު ދަންނަވާނީ، ތިން އަހަރުން ކުރެވޭ ކޮންމެ ކަމެއް ގިނަވެގެން ހައެއްކަ މަސްދުވަހުގެ ތެރޭގައި އަޅުގަނޑުމެންނަށް ކޮށް ނިންމޭނެއޭ.

އަޅުގަނޑުމެން ގަސްދުކޮށް މިތިބީ، މަދު ކުދި ކަންތަކެއް ކުރާކަށެއް ނޫން. އަޅުގަނޑުމެން ބޭނުންވެގެން މިއުޅެނީ ޙަޤީޤީ ތަރައްޤީ ރާއްޖެއަށް ގެނެވޭނެ ހަމަތަކަކާއި، ގޮތްތަކަކާއި، މަގުތަކެއް ހޯދުމަށް. އަޅުގަނޑުމެން ބޭނުން، ވީހާވެސް އަވަހަކަށް މިރަށުގެ މަގުތައް ހަދަން. އަޅުގަނޑުމެން ބޭނުން، ވީހާވެސް އަވަހަކަށް މިރަށުގެ ހުރިހާ ބަނދަރެއްވެސް ބޭނުންކުރެވޭ ގޮތަށް ހުޅުވާލެވެން. އަޅުގަނޑުމެން ބޭނުން، މިރަށުގައި ފުލެޓް އަޅަން. އަޅުގަނޑުމެން ބޭނުން، މިރަށުން ކައިރީގައި މިހުރި ރަށްރަށަށްވެސް އަދި އަތޮޅުތެރޭގައިވެސް ފަސޭހަކަމާ އެކީގައި ދަތުރުފަތުރުކޮށް އުޅެވޭނޭ އިންތިޒާމެއް، ނިޒާމެއް ހަމަޖައްސަން. އަޅުގަނޑުމެން ބޭނުން، ހަނިމާދޫ އެއަރޕޯޓް، އިންޓަރނޭޝަނަލް އެއަރޕޯޓަކަށް ހަދަން. އަޅުގަނޑުމެންނަށް ފެންނަ ފެނުމުގައި، މިކަންކަމަކީ އެއްގޮތަކަށްވެސް އުނދަގޫ ކަންކަމެއްވެސް ނޫން. އަދި އަޅުގަނޑުމެންނަށް މިވަގުތު ކުރެވެން ނެތް ކަންކަމެއްވެސް ނޫން.

އަޅުގަނޑުމެންނަށް ފާހަގަ މިވަނީ މިހާރު މިހުރި އިންތިޒާމުގެ ތެރެއިން މިކަންކަން ކުރާކަމަށް ވަނީވިއްޔާ، އެކަންކަމަށް ފަސްހައަރު، ދިހަ އަހަރުވެސް ނަގާފާނެ. އޭގެބަދަލުގައި މިތަނުގައި، ހަމަ މާލޭގައި އެތިއްބެވި ބޭފުޅުން ފަދައިން، ބޭފުޅުން ތިއްބަވައިގެން އެ މަސައްކަތް ކުރައްވައިފިނަމަ، އަޅުގަނޑު ދަންނަވާނީ ހުރިހާ މަސައްކަތެއް ދެތިން އަހަރު ދުވަހުގެ ތެރޭގައި ކޮށް ނިންމޭނެއޭ. އަޅުގަނޑުމެންގެ ރާއްޖެއަށް އެހީތެރިވެދިނުމަށް ބޭރު ޤައުމެއްގެ ކިތަންމެ ބޭފުޅުންނެއް އެބައުޅުއްވާ. އަޅުގަނޑުމެންނަށް، ސަރުކާރަށް އިޝާރާތް ލިބިފައި އެބައޮތް އިންޑިޔާ ސަރުކާރުންވެސް ވަރަށް ބޮޑެތި އެހީ ދެއްވާނެ ކަމަށް. އިއްޔެ އަޅުގަނޑާ އިނގިރޭސިވިލާތުގެ ވަލީޢަހުދު ޕްރިންސް އެންޑްރޫއާ ބައްދަލުވި. އެބޭފުޅާވެސް ވިދާޅުވީ، އިނގިރޭސި ސަރުކާރުން ދިވެހިރާއްޖޭގެ ތަރައްޤީއަށް ނުހަނު ބޮޑެތި އެހީތައް ވެދެއްވަން ތައްޔާރަށް ތިއްބެވި ކަމަށް. އަޅުގަނޑުމެންނަށް މިމަސައްކަތްތަކަށް، މިއެހީތައް ހޯދައި، އަޅުގަނޑުމެންނަށް އޭގެ ފައިދާ ހޯދުމަށްޓަކައި، އެބޭފުޅުން، ފުރަތަމައިނުންވެސް އެބަ ބާރުއަޅުއްވާ މާލޭގައި ތިބިބަޔަކު ބޭނުންހާ ގޮތަކަށް، ބޭނުންހާ ކަމެއް ކުރުމަށް ފައިސާ ދޫކުރުމަކީ، ބައިނަލްއަޤްވާމީ ދުނިޔެވެސް އެދޭކަމެއް ނޫނޭ. އަދި ބައިނަލްއަޤްވާމީ މާލީ އިދާރާތައްވެސް އެދޭ ކަމެއް ނޫނޭ. ހަމައެހެންމެ، އޭގެއިތުރުން ޤާނޫނުއަސާސީގެ 230 ވަނަ މާއްދާގައި 8 ވަނަ ބާބުގައި ވަރަށް ސާފުކޮށް، ވަރަށް ޞަރީޙަބަހުން މިބުނަނީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ހިންގަންވާނީ ލާމަރުކަޒީ އުޞޫލުންނޭ.

އަޅުގަނޑުމެންގެ ވާޖިބެއް އެއީ، މި އާޤާނޫނުއަސާސީ ދިވެހިރާއްޖޭގައި ތަންފީޒު ކުރަން ފެށުން. އެއަށް ރައްޔިތުން އަހުލުވެރިކުރުވުމާއި ފަރިތަކުރުން. ޤާނޫނުއަސާސީގެ އިންތިގާލީ ބާބުގައި ޖުލައިމަހު އަތޮޅު ކައުންސިލާއި، ރަށުކައުންސިލާއި، މުނިސިޕަލް ކައުންސިލުގެ އިންތިޚާބުތައް ބޭއްވި، ލާމަރުކަޒީ އުޞޫލު، ޤާނޫނުއަސާސީގައި އެވާ ފުރިހަމަގޮތަށް ތަޢާރުފު ކުރަން މިޖެހެނީ، ޖުލައިމަހުގެ ނިޔަލަށް. އެމުއްދަތުގެ ތެރޭގައި މިހިނގާ އިންތިޤާލީ މުއްދަތުގައި، އަޅުގަނޑުމެން އެދެން، ރައްޔިތުންނަށް މިކަން ހިނގާނޭ މަގެއް ހޯދައިދިނުމަށް. އަދި މިދުވަސްވަރުގައިވެސް އަޅުގަނޑުމެން ބޭނުންވަނީ ލާމަރުކަޒީ އުޞޫލުން ރާއްޖޭގެ ހިންގުން ކުރިއަށް ގެންދަން. އެސަބަބަށްޓަކައި އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެންގެ ސަރުކާރުން ރަސްމީގޮތުން ކުޅުދުއްފުއްޓަށް ކުރާ މިއީ ދެވަނަ ދަތުރު. އަޅުގަނޑުގެ ފުރަތަމަ ދަތުރު ކަމުގައިވިޔަސް. އެބޭނުމަށްޓަކައި އަޅުގަނޑުމެން މިތަނުގެ ރީޖަނަލް ޑިވެލޮޕްމަންޓް ސެންޓަރުގައި އޮފީހެއް ޤާއިމްކޮށް، މިތަނުގައި އެ އިދާރާ ހިންގަން ފެށުމަށް މަސައްކަތް ކުރަނީ. އަޅުގަނޑުމެންނަށް މިވަގުތުން ވަގުތަށް، ޤާނޫނުގެ އެންމެފުޅާ މިން، މިކަން ކުރުމަށް ނުލިބޭތީވެ، އެމައްސަލަ އަޅުގަނޑުމެންވާނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި. އަޅުގަނޑަށް ޔަޤީން، މަޖިލީހުގެ މެންބަރުން މިކަންކަމަކަށް އިންކާރެއް ނުކުރައްވާނެކަން. އަޅުގަނޑަށް ޔަޤީން، ދާދިއަވަހަށް މި މަސައްކަތްތައް އިރާދަކުރެއްވިއްޔާ ކުރަން ފެށިގެންދާނެކަން.

އަޅުގަނޑު މިއަދު މިމަސައްކަތުގެ އިތުރުންވެސް، ބައެއް އެހެން ވާހަކަ ދަންނަވާލަން ބޭނުން. ތިޔަބޭފުޅުންނަށް އިވިވަޑައިގެންފައި އޮންނާނެ، އަޅުގަނޑުމެންގެ ސަރުކާރުގެ ހޯމް މިނިސްޓަރު، ދާޚިލީވަޒީރު އިސްތިޢުފާ ދެއްވި ވާހަކަ. އަޅުގަނޑު ރަށުން ބޭރުގައި ވަނިކޮށް، އެބޭފުޅާ އެސިޓީ ލައްވަވާފައިވަނީ. އެހެންވީމާ، ޙަޤީޤަތުގައި ތެދުތެދަށް ދަންނަވާނަމަ، އަޅުގަނޑަކަށް އަދި އެސިޓީއެއް ލިބިފައެއްނުވޭ. އެހެންނަމަވެސް، ޤާސިމް އިބްރާހީމް ވަރަށް ސާފުބަހުން އެވާހަކަތައް ދައްކަވައިފި. އަޅުގަނޑު ކައިރީގައި ހެނދުނު ޤާސިމް އެވާހަކަ ފޯނުންވެސް ވިދާޅުވި. ތިމަންނާ ވަރަށް ބުރަކޮށޭ އުޅެންޖެހެނީ، ވަރަށް ދައްޗޭ. އެ މޭރުމުން އެ ވާހަކަތައް އަޅުގަނޑާވަނީ ދައްކަވާފައި. އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން ބޭނުންވަނީ، އަޅުގަނޑުމެންގެ ސަރުކާރު އިރާދަކުރެއްވިއްޔާ ހުއްޓުމަކަށް ނާންނާނެއޭ. އަޅުގަނޑުމެންގެ މިމަޝްރޫޢުތަކާއި ލާމަރުކަޒީ އުޞޫލާއި އަދި އަޅުގަނޑުމެން މިބުނާ މިނިވަންކަމާއި، އަޅުގަނޑުމެން މިބުނާ އުފާވެރިކަމާއި، އަޅުގަނޑުމެން މިވަކާލާތުކުރާ އަނެއް ދިވެހިރާއްޖެ އިރާދަކުރެއްވިއްޔާ، ރާއްޖޭގެ ރައްޔިތުންނަށް އަޅުގަނޑުމެން ރައްދުކޮށްދޭނަމޭ.

އިޞްލާޙު ކުރެވުނު ޤާނޫނުއަސާސީގައި ރައްޔިތުންނަށް ލިބިދީފައިވާ ޙައްޤުތައް ވަރަށްގިނަ. އޭގެތެރޭގައި ހަޅުތާލު ކުރުމުގެ ޙައްޤާއި އަދި މަސައްކަތްތެރިންގެ ޙައްޤުތައް ވަރަށް ބޮޑަށް ފާހަގަކޮށްފައި އެބަހުރި. ތިޔަބޭފުޅުންނަށް އަޑު އިވިވަޑައިގެންފައިވާނެ، ދާދިފަހުން ރީތިރަށް ރިޒޯޓުގައި ހަޅުތާލެއް ހިނގަމުންދިޔަ ވާހަކަ. އަޅުގަނޑު ފާހަގަކުރަން ބޭނުންވަނީ، ސަރުކާރުން ފާހަގަކުރަން ބޭނުންވަނީ، ޤާނޫނުއަސާސީގައި މުދާ ހޯދުމާއި، މުދާ ލިބިގަތުމާއި، މުދާ ރައްކާކުރުމާއި، މުދާ ވިއްކުމާއި އަދި މުދަލުގެ ރައްކާތެރިކަމުގެ ޙައްޤުވެސް ވަރަށްބޮޑޭ. ވިޔަފާރިވެރިންގެ ޙައްޤުތައްވެސް ޤާނޫނުއަސާސީގައި ކުޑައެއްނޫނޭ. ޙަޤީޤަތުގައި ޤައުމެއް ތަރައްޤީވެ ދާނީ، ވިޔަފާރިވެރިންގެ ޙައްޤުތަކާއި އަދި ހަމަ މަސައްކަތްކުރާ މީހުންގެ ޙައްޤުތަކާއި ދެބައިމީހުންގެ ޙައްޤުތައްވެސް އެއްމިންވަރެއްގައި ރައްކާތެރި ކުރެވިގެން. ވިޔަފާރިވެރިންގެ ޙައްޤުތައްވެސް، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ރައްކާތެރި ކޮށްދޭނަން. އެބޭފުޅުންގެ މުދަލަށް ގެއްލުން ލިބިގެން ނުވާނެ. އެބޭފުޅުންގެ އަބުރަށް ގެއްލުން ލިބިގެން ނުވާނެ. އެބޭފުޅުންގެ ވިޔަފާރިއަށް އުނިކަމެއް އައިސްގެނެއް ނުވާނެ.

ބައިނަލްއަޤްވާމީ މިންގަނޑުތަކުން ބަލާއިރުގައި، ހަޅުތާލެއް ކުރާއިރުގައި، ހަޅުތާލެއް ކުރަން މިޖެހެނީ، ސިނާއީ އެސަރަޙައްދަކުން ބޭރުގައި. މީހެއްގެ އިމާރާތުގައި، މީހެއްގެ ގޭގައި، މީހެއްގެ އިމުގައި، ހަޅުތާލު ކުރުމުގެ ޙައްޤެއް، ޤާނޫނުއަސާސީއެއްވެސް އެހެން މީހަކަށް ނުދޭ. މިމާނައިގައި ދެކިއްޖެނަމަ، އަޅުގަނޑު ދަންނަވާނީ ނުދެއޭ. އެހެންވީމާ، ހަޅުތާލެއް ހިންގަވާއިރުގައި، މަސައްކަތްތެރިން ވަރަށް ބޮޑަށް ބައްލަވަންޖެހޭނެ، އެ ހަޅުތާލެއް އެ ހިންގެނީ ބައިނަލްއަޤުވާމީ މިންގަނޑުގެ ތެރޭގައިތޯ! މަސައްކަތްތެރިންނާބެހޭ ޤާނޫނު، އަޅުގަނޑުމެންނަށް ލިބުނީ ދާދި އިހަކަށްދުވަހު، ވަރަށް ކުއްލިގޮތަކަށް. ހަމަ ލިބުމާ އެކީގައި އެއަށް ޢަމަލުކުރުމަށް އެންމެ ދުވަހެއް އޮތީ، އެއަށް ޢަމަލުކުރަން ފަށަން ޖެހިއްޖެ. ޖެހުނުއިރު، އެޤާނޫނު ލާޒިމުކުރާ އެތައްކަމެއް ހުރީ ނުވެ. އޭގެތެރޭގައި، މުޢާމަލާތު ކުރުމާއި، ވާހަކަ ދެއްކުމުގެ މަރުޙަލާތައް ކަޑައްތު ކުރާނެ ގޮތާއި، ހަޅުތާލަކަށް ނިންމާނެ ގޮތާއި، ހަޅުތާލެއް ކުރިއަށް ގެންދާނެ ގޮތާ، މިކަންކަމާ ގުޅޭ ގަވާއިދުތައް އަދި މިވަނީ އެކުލަވާނުލެވި. އެހެންނަމަވެސް، ޤާނޫނު އަސާސީން ރައްޔިތުންނަށް ލިބިދީފައިއޮތް ޙައްޤަކަށް ހުރަސް އެޅުން، އެއީކީއެއް ބުއްދިވެރި ކަމެއްގެ ގޮތުގައެއް އަޅުގަނޑުމެންނެއްވެސް ނުދެކެން. ހަމައެހެންމެ، ޤާނޫނުއަސާސީގައި ހުރީ ކޮން ޙައްޤުތަކެއްތޯ ރަނގަޅަށް ދެނެގަތުންވެސް، އެނގުންވެސް، އެއީ އަޅުގަނޑުގެ ނަޒަރުގައި ވަރަށް މުހިންމު ކަމެއް. މުދަލަށް އަރައިގަނެވިގެން ނުވާނެ. އަދި އަބުރަށްވެސް އަރައިގަނެވިގެން ނުވާނެ.

ވިޔަފާރީގެ އުޞޫލުން ދެކޭއިރުގައި އަބުރު އެއީ، ވަރަށް ބޮޑު އެއްޗެއް. މިއިން ހޮޓެލް ޗޭނެއްގެ ކުންފުންޏެއްގެ އަބުރަކީ ވަރަށް އަގުބޮޑު އެއްޗެއް. މިސާލަކަށް "ވަން އެން އޮންލީ"، އެބަސް ނުވަތަ އެނަން. އެނަމުގެ އަގަކީ ވަރަށް ބޮޑު އަގެއް. އެ އަގަށް ބުރޫއަރާކަހަލަ ގޮތެއް ވިޔަދިނުމަކަށް އަޅުގަނޑުމެންނަކަށެއް ޖާގައެއްނެތް. އަދި ހަމައެހެންމެ، ގަވާއިދާ ޚިލާފަށް ނުވަތަ ޤާނޫނާ ޚިލާފަށް ހިނގާ ކަމެއް ހުއްޓުވުމަށްޓަކައި، ބާރު ބޭނުންކުރުން އެއީކީވެސް ޤާނޫނުއަސާސީ ނުވަތަ ޢާންމު އުޞޫލުތަކުން ބަލާއިރުގައިވެސް، ބޭނުންނެތް ބާރެއް ބޭނުންކުރުން އެއީ ބުއްދިވެރި ކަމެއް ނޫން. އިރާދަކުރެއްވިއްޔާ ވާހަކަދައްކައިގެން، މިދެންނެވި ރީތިރަށުގެ ހަޅުތާލުގެ ކަންތައް އަޅުގަނޑުމެންނަށް މިވަނީ ޙައްލުކުރެވިފައި ހަމަޖެއްސިފައި. އަޅުގަނޑު އުންމީދު ކުރަނީ، އެ މިސާލުގައި، ރާއްޖޭގެ އެހެން ހުރިހާ ރިޒޯޓެއްގެ ކަންކަންވެސް، އެހެން ހުރިހާ މުވައްޒަފުންގެ ކަންކަންވެސް ފުރިހަމަ ވެގެން ދާނެއޭ. އެމިސާލުގައި، އަޅުގަނޑުމެންނަށް ރާއްޖޭގައި މަސައްކަތްތެރިންގެ ޙައްޤުތަކާއި އަދި މުދާ ހޯދުމާއި މުދާ އެއްކުރުމާއި މުދާ ގަނެވިއްކުމުގެ ވިޔަފާރިވެރިންގެ ޙައްޤުތައްވެސް ރައްކާތެރި ކުރެވިގެންދާނެއޭ.

ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެންގެ ފުރަތަމަ ބަޖެޓް މިހާރުވާނީ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައި. އެ ބަޖެޓުގައި އަޅުގަނޑުމެން ވަކި ތިންހަތަރު ކަމެއް، ތަންކޮޅެއް ބޮޑަށް އެބަ ފާހަގަކުރަން. އޭގެތެރޭގައި، 65 އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށް، ކޮންމެ މަހަކު 2000 ރުފިޔާގެ ފެންޝަނެއް ދިނުން. އެއީ އިރާދަކުރެއްވިއްޔާ، ސަރުކާރުން ކޮށްދޭނެ ކަމެއް. ބަޖެޓުގައި ހިމަނާފައި އޮތް ކަމެއް. އެކަން ޖަނަވަރީ މަހުން ފެށިގެން އިރާދަކުރެއްވިއްޔާ ހިނގަމުންދާނެ. ހަމައެހެންމެ، ބަޖެޓުގައި ހިމެނިފައި އެބައޮތް، އެއްލައްކަ މީހުންނަށް ހެލްތު އިންޝުއަރެންސް ފޯރުވައިދިނުން. އަޅުގަނޑުމެންނަށްވެސް ފާހަގަކުރެވޭ، ރާއްޖޭގެ މުޅިޖުމްލަ ރައްޔިތުންގެ އަދަދަކީ ތިންލައްކަކަން. މިއަހަރަށް އަޅުގަނޑުމެންނަށް ބަޖެޓުގައި ހިމެނެން އޮތީ އެއްލައްކަ މީހުންގެ ހެލްތު އިންޝުއަރެންސް. އެއްލައްކަ މީހުންނަކީ އަޅުގަނޑުމެންނަށް ފާހަގަވާ ގޮތުގައި، މިވަގުތު ބޭސްފަރުވާގެ އެހީއަށް ބޭނުންވާ، މާލީޙާލަތު ތަންނުދޭތީވެ، ބޭސްފަރުވާ އަމިއްލަ ޚަރަދުގައި ކުރެވެން ނެތް ނިކަމެތި ރައްޔިތުން. އަޅުގަނޑުމެން މިހާރުން މިހާރަށް އިރާދަކުރެއްވިއްޔާ، އެ ރައްޔިތުންނަށް ހެލްތު އިންޝުއަރެންސްގެ ޚިދުމަތް ފޯރުވައިދޭނަން.

އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެން ޑީސަލާއި، ދުޅަހެޔޮ ޞިއްޙަތަކަށް ބޭނުންވާނެ ކާނާއާއި، ބޭހުގެ ޑިއުޓީ އެބަ ކަނޑާލަން. މިކަން މިހެން ކުރީމާ، ސަރުކާރަށް 500 މިލިއަން ރުފިޔާ އެބަ ގެއްލުންވޭ. ނުވަތަ ނުލިބޭ. އަޅުގަނޑުމެންގެ ބޭނުމަކީ، ޚިދުމަތާއި ތަކެތީގެ އަގު އަތްފޯރާފަށުގައި ބެހެއްޓުން. މިހާރު ރާއްޖޭގައި ޑީސަލް ލިބެން އެހުރީ، ސަރަޙައްދީ އެއްވެސް ޤައުމަކުން ލިބެންހުރި އަގަށްވުރެ މާކުޑަކޮށް. ރާއްޖޭގައި ޑީސަލްގެ އަގު ދަށްވެފައި އެހުރީ ހަމައެކަނި ބޭރު ދުނިޔޭގެ މާރުކޭޓުތަކުގައި، ތެލުގެ އަގު ދަށްވީތީކީއެއްނޫން. އަޅުގަނޑުމެންނަށް އެސް.ޓީ.އޯ.ގެ ތެރެއިންނާއި އަދި އެހެންވެސް ގޮތްގޮތުން ގެނެވެން ހުރި ބަދަލު ގެނެސް، އޭގެވެސް ސަބަބުން. ތެލުގެ ޑިއުޓީ، ޖަނަވަރީ މަހުން ފެށިގެން ނުނަގާ ގޮތަށް މަޖިލީހުން ފާސްކޮށްދެއްވައިފިނަމަ، އިރާދަކުރެއްވިއްޔާ ތެލުގެ އަގު އަދި އިތުރަށް ދަށްވެގެންދާނެ. ހެޔޮވެގެންދާނެ. އަޅުގަނޑުމެން އަމާޒުކުރީ، ޑިއުޓީ ކުޑަކޮށްގެން، ކުކުޅު ކިލޯއަކުން 5 ރުފިޔާ، އަދި އެހެންވެސް ތަރުކާރީއާއި، އާފަލާއި، މޭވާއާއި، އަދި ސިއްޙަތަށް ފައިދާހުރި ކާނާއާއި، ކިރާ، މިބާވަތުގެ ތަކެތިން ޑިއުޓީ ކުޑަކޮށްގެން އަގު ތިރިކުރުމަށް. އަޅުގަނޑު މި އުންމީދު ކުރަނީ، ކުކުޅު ކިލޯއަކުން 5 ރުފިޔާ، ޖަނަވަރީ މަހުއްސުރެ ފެށިގެން ތިރިވާނެ ކަމަށް. އަޅުގަނޑުމެން މި އުންމީދު ކުރަނީ، ކުޑަކުދިންނަށް ބޭނުންވާ ކިރާއި، އަދި ކުޑަކުދިންނަށް ބޭނުންވާ އެހެން ބާވަތުގެ ސާމާނުންވެސް އަގުތައް ތިރިވެގެންދާނެ ކަމަށް. އަޅުގަނޑުމެންގެ ބޭނުމަކީ މިފަދަ މާލީ ސިޔާސަތެއް ރޭވުން. އަގުތައް ހެޔޮކޮށްފައި ޚަރަދު ކުޑަކުރީމާ، އަގުހެޔޮވާނެ. އަގުތަށް މައްޗަށް އަރައިގެނެއް ނުދާނެ. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން އެސިޔާސަތު ހިފަހައްޓައިދޭނަން. ރާއްޖޭގެ އިންފްލޭޝަން ދަށްކުރުމަކީ، އަޅުގަނޑުމެންގެ އެންމެބޮޑު އެއްއަމާޒު. އަދި ބައިނަލްއަޤްވާމީ ރިޒާވެއް އުފެއްދުމަކީވެސް އަޅުގަނޑުމެންގެ އެންމެބޮޑު އެއް އަމާޒު. މި ބަޖެޓުންވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެކަން ކުރާނަން.

އަޅުގަނޑުމެންގެ ބަޖެޓުގައި އިތުރަށް އެބަވޭ، ވިޔަފާރީގެ ފައިދާއިން %15 ޓެކްހެއް ނެގުމާއި، ފަސްލައްކަ ރުފިޔާވަރުގެ އާމްދަނީ، ނުވަތަ ފައިދާގިނަ ކޮންމެ ވިޔަފާރިއަކުން ސަރުކާރަށް ކޮންމެވެސް އެއްޗެއް ނެގުން. އެއީ ވިޔަފާރިވެރިންނަށް އަންނާނެ އުނދަގުލެއް. އުފުލަން ޖެހޭނެ އިތުރު ބުރައެއް، ބަރެއް. ހަމައެއާއެކީގައި އެމީހުންގެ ފައިދާ އިތުރު ކޮށްދިނުމަށްޓަކައި އަދި ސަރުކާރަށް އާމްދަނީ ހޯދުމަށްޓަކައި، މިހާރު ސަރުކާރުން ދިގުމުއްދަތަށް ކުއްޔަށް ދޫކޮށްފައިވާ ރަށްތައް، ޤާނޫނުއަސާސީގައި އެބުނާ މިންގަނޑަށް ގެނައުމަށް، ޤާނޫނަށް އިސްލާޙު އެބަ ގެންނަން. ޤާނޫނުއަސާސީގައި ރަށްރަށް ދިގުމުއްދަތަށް، 50 އަހަރަށް ކުއްޔަށް ދިނުން އެބަ ހުއްދަކުރޭ. ދިނުމުގެ ފުރުޞަތު އެބަދޭ. އެހެންވީމާ، އެމުއްދަތު އިތުރުކޮށްގެން، ސަރުކާރަށް އާމްދަނީއެއް ހޯދޭނެ ކަމަށް އަޅުގަނޑުމެންނަށް ފެނޭ. އަޅުގަނޑުމެން މިދެކެނީ، އެ މުއްދަތު އިތުރުކޮށްގެން، 1.5 ބިލިއަން ރުފިޔާ މިއަހަރުގެ ތެރޭގައި ސަރުކާރުގެ ބަޖެޓަށް އިތުރުވެގެންދާނެ ކަމަށް. ރިޒޯޓުތަކުގެ މުއްދަތު އަޅުގަނޑުމެން މި އިތުރުކޮށްދެނީ، އެއިން އަޅުގަނޑުމެން ބޭނުންވާ، ސަރުކާރަށް ބޭނުންވާ އާމްދަނީއެއް ހޯދުމަށްޓަކައި. އިރާދަކުރެއްވިއްޔާ، އެ އާމްދަނީ މިއަންނަ އަހަރު ދުވަހުގެ ތެރޭގައި ސަރުކާރަށް ލިބިގެންދާނެ. އަދި އޭގެ ސަބަބުން ޓެކްސް، އިމްޕޯޓް ޑިއުޓީ، ޓެކްސްގެގޮތުގައި މިނަގާ އިމްޕޯޓު ޑިއުޓީ، އަޅުގަނޑުމެންނަށް ކުޑަކުރަމުން ގެންދެވޭނެ. މުއްދަތު އިތުރު ކުރުމުގެ އަނެއް ބޭނުމަކީ، ވިޔަފާރި ކުންފުނިތަކުގެ ފައިދާ އިތުރުކޮށްދިނުން. ވިޔަފާރި ކުންފުނިތަކުގެ ފައިދާ އިތުރުވީމާ، ސަރުކާރަށް ވިޔަފާރީގެ ފައިދާއިން ނަގާ ޓެކްސް އިތުރުވެގެންދާނެ. ސަރުކާރަށް ލިބޭ އާމްދަނީ އިތުރުވާނެ. ޓެކްސްގެ ގޮތުގައި، ވިޔަފާރީގެ ފައިދާގެ ޓެކްސްގެ ގޮތުގައި ނެގޭ، ލިބޭ އާމްދަނީ އިތުރުވަމުންދިޔަ ވަރަކަށް، އަޅުގަނޑުމެން ޑިއުޓީން ނަގާ އާމްދަނީ ކުޑަކުރަމުން ގެންދާނަން.

އެނގިވަޑައިގަންނަވާނެ، ޑިއުޓީއަކީ، އެންމެ ނިކަމެތި މީހާގެ ދަތް އުނގުޅާ ބޭސްފުޅިންވެސް ޑިއުޓީނަގާ މިންވަރު އެއްވަރު، އެންމެ ތަނަވަސް މީހާގެ ދަތް އުނގުޅާ ބޭސްފުޅިންވެސް ޑިއުޓީނަގާ މިންވަރާ. ޑިއުޓީއަކީ ވަރަށް ބޭއިންސާފުން ނެގޭ ޓެކްހެއް. އޭގެ ބަދަލުގައި ވިޔަފާރީގެ ފައިދާއިން ޓެކްހެއް ނެގުމުގެ މުހިންމުކަން ކިތަންމެހާވެސް ބޮޑު. އަޅުގަނޑުމެން މިހާރުވާނީ ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމާއި، އަދި އެކަމާގުޅޭ އިދާރީ ބިލާ، މިދެބިލް، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި. އަޅުގަނޑު އުންމީދު ކުރަނީ، މިދެބިލްވެސް މަޖިލީހުން ފާސްވެގެން އަޅުގަނޑުމެންނާ ހަމައަށް އަންނާނެ ކަމަށް.

އަޅުގަނޑުމެން، ސަރުކާރާ ހަވާލުވެ މިތިބީ ހަމަ އެންމެ ބޭނުމަކު. އެއީ އަޅުގަނޑުމެން ވެފައިވާ ވަޢުދުތައް ފުއްދުމަށް. އެ ވަޢުދުތައް ފުއްދުމަށްޓަކައި ގެންނަންޖެހޭ ބަދަލާ، ކުރަންޖެހޭ ކަންކަން، އަޅުގަނޑުމެން ގެންދާނީ ކުރަމުން. އަޅުގަނޑުމެންނެއް އިރާދަކުރެއްވިއްޔާ، މިއިން އެއްވެސް ކަމެއްގައި ފަހަކަށް ނުޖެހޭނެ. އަޅުގަނޑުމެންގެ ސަރުކާރަކީ، ދިވެހި ރައްޔިތުންނަށް ޚިދުމަތް ކޮށްދިނުމަށް އޮތް ސަރުކާރެއް. ވަކިޕާޓީއެއްގެ ބަޔަކަށް އޮތް ސަރުކާރެއް ނޫން. އަދި ވަކި ބާވަތެއްގެ މަސައްކަތް ކުރާ ބަޔަކަށް އޮތް ސަރުކާރެއްވެސް ނޫން. އަދި ވަކި ބާވަތެއްގެ ވިޔަފާރި ހިންގާ ބަޔަކަށް އޮތް ސަރުކާރެއްވެސް ނޫން. އަޅުގަނޑުމެން މިމަސައްކަތް ކުރަމުން މިދަނީ، ރާއްޖޭގެ މުސްތަޤްބަލަށާއި، ރާއްޖޭގެ ތަނަވަސްކަމަށާއި، ރާއްޖޭގެ ތަރައްޤީއަށް މަގުފަހިވާނެ ހުރިހާ ގޮތެއް ބަލައިގެން. ބައިނަލްއަޤްވާމީ ފަރާތްތަކުގެ އެހީތެރިކަމާއި، ދިވެހިރައްރިތުންގެ އިޙްތިރާމާއި ލޯތްބާ އެކީގައި އަޅުގަނޑުމެންނަށް މިކަން ކުރެވޭނެ ކަމުގެ ފުރިހަމަ އުންމީދާއި އިތުބާރު އަޅުގަނޑުމެންނަށް އެބައޮތް. އިރާދަކުރެއްވިއްޔާ، އަޅުގަނޑު ދަންނަވާނީ، އަދަށްވުރެ އަދި މާފަހި މާދަމައެއް އަޅުގަނޑުމެންނަށް ލިބޭނެޔޭ. އަޅުގަނޑުމެން މިއުންމީދުކުރާ އަނެއް ދިވެހިރާއްޖެ، އަޅުގަނޑުމެން މިއުންމީދުކުރާ އުފާވެރި، ހާސްކަމެއްނެތް ދިރިއުޅުން ”ގުލްޒާރު“ އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ ލިބޭނެޔޭ.

ވަރަށް ބޮޑަށް ޝުކުރިއްޔާ!

اَلحَمْـدُ لِلّـهِ.