بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

އުފާވެރި ހިޖުރީ އާ އަހަރުގެ އެންމެހާ ހެޔޮއެދުންތައް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ތިނަދޫގެ ލޮބުވެތި ރައްޔިތުންނަށް އަރިސް ކުރަން. އަދި އާ ސަރުކާރައިގެން މިހާ ލަހުން ތިޔަބޭފުޅުންނާ ބައްދަލުވުމަށް އަޅުގަނޑުމެން ތިނަދުއަށް މިއައީ، ކިހިނެއްވެގެންތޯ ޙަޤީޤަތުގައި، ތިޔަގެތެރެއިން ބައެއް ބޭފުޅުން ސުވާލު ކުރައްވާނެކަން އަޅުގަނޑަށް ހަމަ ޔަޤީން. ހަމަގައިމުވެސް އަޅުގަނޑު އަމިއްލައަށް ސުވާލު ކުރަން. އަޅުގަނޑު ތިނަދުއަށް އައުމުގައި ތަންކޮޅެއް ލަސްވެގެން މިދިޔައީ، ހުސްއަތާ ތިނަދުއަށް އައުމަށް އަޅުގަނޑު ލަދުގަންނާތީ އަދި ނޭދޭތީވެ.

ޙަޤީޤަތުގައި މާޒީގައި ދެން މިކަން ވެދިޔަގޮތް އަޅުގަނޑަށްވުރެ ބޮޑަށް ތިނަދޫ ރައްޔިތުންނަށް ސާފުވާނެ. ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުވެގެންދިޔުމާއި، ރާއްޖޭގައި ޑިމޮކްރަސީގެ އުޞޫލުތަކުން ވެރިކަމެއް ކުރުމަށް ކަންކަން ހިމުންވެގެން އައިގޮތް އެންމެ ގާތުން ދެކެފައިވާނެ އެއްބަޔަކީ، މި ތިނަދޫގެ ރައްޔިތުން. މިކަމުގައި އެންމެ ބޮޑަށް ބައިވެރިވި ބަޔަކީވެސް ހަމަގައިމުވެސް މިރަށު ރައްޔިތުން. މިކަމުގައި އަޅުގަނޑުމެންނަށް ކާމިޔާބެއް ލިބިގެންދިޔައީވެސް މިރަށުގެ ރައްޔިތުންގެ ހީވާގި މަސައްކަތުން.

މި ސަރުކާރު ދެމިއޮންނަނީ، ހަމައެކަނި އެންމެ ބޭނުމަކަށްޓަކައި. އެއީ، ތިޔަބޭފުޅުން ބޭނުންފުޅުވާ ކަންކަން ކޮށްދެވޭތޯ ބެލުމަށްޓަކައި. އަޅުގަނޑުމެން ވެރިކަމުގައި މިތިބީ، އަޅުގަނޑުމެން ވެރިކަމަށް އައީ، އަޅުގަނޑުމެން، ރައްޔިތުންނަށް ވަޢުދުތަކެއްވެގެން. އަޅުގަނޑުމެން ވެރިކަމުގައި ތިބޭނީ، އެ ވަޢުދުތައް ފުއްދުމުގެ ނިޔަތުގައި، ފުއްދުމުގެ މަސައްކަތުގައި. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ތިޔަބޭފުޅުންނަށްވާ ވަޢުދުތައް އަޅުގަނޑުމެންނަށް ފުއްދައިދެވޭނެ. އެކަމުގައި އަޅުގަނޑުމެން ހުއްޓުމެއްނެތި މަސައްކަތް ކުރާނަން.

ރާއްޖޭގައި ރައްޔިތުންނަށް އަސާސީ ޚިދްމަތްތައް ފޯރުކޮށްދިނުމަށްޓަކައި ބޭނުންވާ ގިނަގުނަ ވަސީލަތްތަކެއް އެބަވޭ. އޭގެތެރެއިން ގިނަ ކަންކަން މިރަށުގައި ފުރިހަމަވެފައި ހުރިކަމަކަށް އަޅުގަނޑުމެން އެއްވެސް އިރެއްގައެއް ނުދެކެން. މިއަދުވެސް ނުދެކެން. މިތަނުގެ ނަރުދަމާއާއި މަގާއި ފެނާއި ކަރަންޓާއި ގެދޮރާއި ބަނދަރު އަވަހަށް ހަދައި އަޅުގަނޑުމެން އެބަ ނިންމަންޖެހޭ. މިރަށަށް އައުމުގެ ކުރީގައި، އަޅުގަނޑު ހިތަށްއެރީ، އަޅުގަނޑުމެން ދުށީ ރާއްޖެއިން ބޭރަށް ދަތުރެއް ކޮށްފައި އައީމާ، ފަހަރެއްގައި ތިނަދުއަށް އަންނައިރު އުފާވެރި ޚަބަރަކާ އެކީގައި އާދެވިދާނެއޭ.

އިރާދަކުރެއްވިއްޔާ، ޖޫންމަހުގެ ކުރީގައި އަޅުގަނޑުމެން ތިޔަބޭފުޅުންނަށް ތިޔަބޭފުޅުންގެ ފެނާއި ނަރުދަމާއާއި މަގު ހަދައިދިނުމުގެ މަސައްކަތް ފަށާނަން. ހަމައެހެންމެ، އިރާދަކުރެއްވިއްޔާ ޖޫންމަހުގެ ކުރީގައި، ދިގު މުއްދަތުގައި ފައިސާ ދައްކައި ޚަލާޞްކުރާ އުޞޫލުން މިރަށުން ތިޔަބޭފުޅުންނަށް ގެދޮރު ލިބިވަޑައިގަންނަވާނެ. މިރަށުން، ހުޅުމާލެއިންވެސް އަދި މާލެއިންވެސް، ވިލިނގިލިންވެސް އެ ލިބޭ އުޞޫލުން ތިޔަބޭފުޅުންނަށް ފްލެޓް ލިބިވަޑައިގަންނަވާނެ. އަޅުގަނޑު ނަމަކަ އެހާ ބާރަކަށް އަތެއް ނުޖަހާނަން. އެއީ، އެ ލިބޭ އުޞޫލުން މާލެއިން ލިބޭ އަގަކު ނޫން ތިޔަބޭފުޅުންނަށް ލިބިވަޑައިގަންނަވާނީ. އެއަށްވުރެ ހެޔޮއަގުގައި. އަޅުގަނޑުމެން އަބަދުވެސް ދައްކަމުން އައި އެއް ވާހަކައަކީ، އަތްފޯރާފަށުގައި މިކަން ވާންޖެހޭނެޔޭ. އެހެންވީމާ، އަޅުގަނޑުމެން މިތަނުގައި ހަދާ ފްލެޓް، އަޅުގަނޑުމެން ދިގުމުއްދަތުގައި އެކަން ޚަލާޞް ކުރަން ތިޔަބޭފުޅުންގެ ކިބައިން އެދޭނީ، ތިޔަބޭފުޅުންގެ އާމްދަނީއާއި ތިޔަބޭފުޅުންނަށް ލިބޭ އެއްޗަކުން އެކަން ތަކުލީފަކާ ނުލައި، އުނދަގުލަކާ ނުލައި، ފޫބެއްދޭނެ އުޞޫލަކުން.

ލާމަރްކަޒީ އުޞޫލުން ރާއްޖޭގެ ރަށްތައް ހިންގުމުގެ ޙަޤީޤީ މަސައްކަތް އަޅުގަނޑުމެންނަށް ފެށެން އަންނަނީ، އެކަމަށް ބޭނުންވާ ޤާނޫނުތައް ލިބިގެން ކަމަށް، ބޭފުޅުން ވަރަށް ބާރަށް ވިދާޅުވަމުން އެބަގެންދަވާ. ބައެއް ބޭފުޅުން ވިދާޅުވޭ، މިހާރު އަޅުގަނޑުމެން މި ހިންގާ މަސައްކަތްތައް ހިންގަނީވެސް ޤާނޫނާ ޚިލާފަށޭ. އަޅުގަނޑުމެންނަކަށް އެގޮތަކަށް އެކަމެއް ނުފެނޭ. އިރާދަކުރެއްވިއްޔާ، މި ހަފްތާގެ ތެރޭގައި މިރަށުގައި ސްޓޭޓް މިނިސްޓަރެއްގެ ވަޒީފާގައި ބޭފުޅަކު ހުންނަވާނެ. އެބޭފުޅާ އެކުރައްވާ މަސައްކަތަކީ ކުރީގައި އޮތް މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަންގެ މަސައްކަތް. މާލޭގައި ނުކޮށް އެކަމާ ގުޅޭ ހުރިހާ މަސައްކަތެއް މިރަށުގައި ކުރުން. މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަންގައި ކުރަމުން އައި ހުރިހާ މަސައްކަތެއް، އަޅުގަނޑުމެން މިރަށަށް ބަދަލުކުރާނަން. ހުވަދުއަތޮޅުގެ އަޅުގަނޑުމެންގެ މި ޕްރޮވިންސްގެ މައި ރަށެއްގެ ގޮތުގައި މި ރަށް ކަނޑައެޅި، މި ރަށުގައި އެމަސައްކަތްތައް ހިނގަމުންދާނެ. އިދާރީ ކަންކަން ހިނގާނީ އިތުރު ތަނެއްގައެއް ނޫން. ހަމަ ތިނަދޫގައި.

ހަމައެއާއެކީގައި ސަރުކާރުގެ ހުރިހާ ވުޒާރާއެއް މިތަނުގައި ތަމްސީލު ކުރުން އަޅުގަނޑުމެންނަށް މުހިންމު. އެހެންވީމާ، ކޮންމެ މިނިސްޓްރީއެއްގެވެސް ޑިޕާޓްމަންޓެއް، މި ސަރަޙައްދުގައި މިރަށުގައި ޤާއިމު ކުރެވޭނެ. ތިޔަބޭފުޅުން އަޅުގަނޑުމެން ދެކިވަޑައިގަންނަވަން ނޫނިއްޔާ، މާލެ ވަޑައިގަންނަވަންވީ އެއްވެސް ސަބަބެއް ނޯންނާނެ. އިރާދަކުރެއްވިއްޔާ މިރަށުގައި އެކަންކަން ފުރިހަމަވާ ގޮތަށް އަޅުގަނޑުމެން ތިޔަބޭފުޅުންނަށް އިންތިޒާމުތައް ހަމަޖައްސައިދޭނަން.

އަޅުގަނޑުމެން މިފޯރުކޮށްދޭ އަސާސީ ޚިދްމަތްތައް ފޯރުކޮށްދިނުމަށްޓަކައި މި ބޭނުންވާ ވަސީލަތްތައް، އެއީ، ސާފު ބޯފެން ލިބުމާއި، ދުޅަހެޔޮ ޞިއްޙަތެއްގައި ރައްޔިތުން ބޭތިއްބުމަށް ޤާނޫނުއަސާސީ ވެރިކަމުގެ ފަރާތަށް ލާޒިމުކުރޭ. އަޅުގަނޑުމެން ވަރަށް މުޒާހަރާކޮށްގެން، އެ ބާބުގައި އެ މާއްދާ ހިމެނީ. މިހާރު އެ ބާބުގައި އެ މާއްދާ އެއޮތީ ޙަޤީޤަތަކަށްވެފައި. އަޅުގަނޑުމެންނަށް މި ލިބުނީ އެކަން ތަންފީޒު ކުރަން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެކަން ކުރާނަން.

އެކަން ކުރުމަށްޓަކައި މިރޭ 8ގެ ޚަބަރުގައި އަޅުގަނޑު ހިތުން މިކަން އިޢްލާނު ކޮށްފައިވާނެ. މި ސަރަޙައްދުގެ ޔުޓިލިޓީޒް ކުންފުންޏެއް، ސަރުކާރު ޙިއްޞާވާ، ނަރުދަމާއާއި ފެނާއި ގޭހާއި ކަރަންޓްގެ ޚިދްމަތްދޭ ސަރުކާރު ޙިއްޞާވާ ކުންފުންޏެއް، މިއަތޮޅުގައި ޤާއިމު ކުރެވޭނެ. އެ ކުންފުނީގެ އިސް މަގާމުތަކުގައި ތިއްބަވާނީ، މިއަތޮޅުގެ ބޭފުޅުން. އެ ކުންފުނި ހިނގާނީ މިއަތޮޅުގައި. އެ ކުންފުނީގެ ރައުސްމާލުދޭނީ ދިވެހި ސަރުކާރުން. މިބާވަތުގެ ކުންފުނިތަކުގައި ސަރުކާރާ އެކުގައި ނުވަތަ ތިޔަބޭފުޅުންނާ އެކުގައި ޙިއްޞާވާނެ ބައިވެރިން ހޯދުމަށްޓަކައި ދުނިޔޭގެ އެކިއެކި ސަރުކާރުތަކާއި އެކިއެކި ކުންފުނިތަކާ އަޅުގަނޑުމެން މިއައީ ވާހަކަ ދައްކަމުން. އަޅުގަނޑުމެންނަށް ފެންނަނީ، ވަރަށްގިނަ ފަރާތްތަކަކުން ވަރަށްބޮޑު ޝައުޤުވެރިކަމެއް މިކަމަށްޓަކައި ބަހައްޓާކަން.

ދިވެހިރާއްޖޭގެ މި ޔުޓިލިޓީޒަށް ނުވަތަ މިދަންނަވާހެން ނަރުދަމާއާއި ފެނާއި ގޭހާއި ކަރަންޓްގެ ޚިދްމަތް ފޯރުކޮށްދިނުމަށްޓަކައި ޝައުޤުވެރިވާ ބައިނަލްއަޤްވާމީ ކުންފުނިތައްވެސް އަދި އެކަމަށް އެހީތެރިވެދޭން ބޭނުންވާ ޤައުމުތައްވެސް ބައިވަރު. އެހެންވީމާ، އަޅުގަނޑެއް ނުދެކެން އަޅުގަނޑުމެންނަށް މާ އުނދަގޫ ކަމަކަށް މިކަން ވެގެން ހިނގައިދާނެ ކަމަކަށް. އަޅުގަނޑުމެން ބަލައިލިއިރުގައި، މިރަށުގެ މަގުތައް އަދި ވަނީ މުޅިން ސަރވޭ ނުކުރެވި. އެހެންވީމާ، އެމަސައްކަތް އިރާދަކުރެއްވިއްޔާ ޖަނަވަރީމަސް މެދުޖެހުމުގެ ކުރީގައި އަޅުގަނޑުމެން ފަށާނަން. އަޅުގަނޑުމެން ބަލައިލިއިރުގައި މިރަށުގެ ނަރުދަމާ މިހާރުވަނީ ކޮންމެވެސް ވަރަކަށް ކުރެހިފައި. ދެން އޭގެއިތުރަކަށް ކަމެއް ހިނގާފައެއް ނެތް. އެހެންނަމަވެސް، އަޅުގަނޑު އުޅުނީ ނަރުދަމާއާއި ފެނުގެ ޚިދްމަތް މިރަށަށް ދިނުމުގެ ކަންތައް ހަމަޖައްސައިގެން އާދެވޭތޯ ބަލަން. އެހެންވީމާ، އަޅުގަނޑު މިރޭ މިހާ ލަހުން މިއައީ، ތިޔަބޭފުޅުންނަށް އެ ޚަބަރު ދެވޭނެ ކަމުގެ ޔަޤީންކަން އަޅުގަނޑުމެންނަށް ލިބުނީމަ.

އަޅުގަނޑުމެން މި އުންމީދު ކުރަނީ، ނަރުދަމާއާއި ފެނާއި އަދި ކައްކާ ގޭސް، ހެޔޮ އަގުގައި ގޭގެއަށް ފޯރުކޮށްދިނުމަށް ހޮޅި އެޅުމަށް. މިވަގުތު އަޅުގަނޑުމެން ހޮޅިތައް ނާޅައިފިނަމަ، އަޅުގަނޑުމެންހާ މޮޔަ ބަޔެއް، ދުނިޔޭގައި ނެތް ކަމަށް ފަހުން އަޅުގަނޑުމެންގެ ދަރިން ވާހަކަ ދައްކާނެ. އަދި އެއްގޮތަކަށްވެސް ތަނެއްދޮރެއްފިލާ ބަޔެއް ނޫންކަމާއި، މުޅި ރަށް ކޮނުނުއިރުގައި، އެތަނަށް ކޮންމެހެން ބޭނުންވާ ހުރިހާ ހޮޅި ނާޅައި ފަސްއެޅީ ކީއްވެގެންކަން ހަމަ އެކަކަށްވެސް އޮޅުމެއްނުފިލާނެ. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން މި ކާނުތައް ކޮންނަން ފަށާއިރުގައި، ފެންހޮޅިއާއި ނަރުދަމާއާއި ކަރަންޓާއި ފޯނާއި ގޭހާ، ބޭނުންވާ ހުރިހާ ޚިދްމަތްތައް ދެވޭނެ އިންތިޒާމެއް އަޅުގަނޑުމެން ހަމަޖައްސާނަން. މި މަސައްކަތްތައް މިދަންނަވާހެން ކުރެވޭނެ މަގު އަޅުގަނޑުމެންނަށް މިހާރު މިވަނީ ފަހިވެފައި.

އަޅުގަނޑުމެން މިމަސައްކަތްތައް ކުރަން އެދެނީ، ސަރުކާރު ޙިއްޞާވާ ކުންފުންޏެއް މެދުވެރިކޮށް. ސަރުކާރުގެ ޑިޕާޓްމަންޓެއް ނުވަތަ ސަރުކާރުގެ މިނިސްޓްރީއެއް މެދުވެރިކޮށްގެން ކަންކަން ކުރީމާ، އަގުގެ ވަރަށް ބޮޑެތި ތަފާތު އަޅުގަނޑަށް ފެނޭ. މިސާލަކަށް، ކުޅުދުއްފުށީގައި އަޅާ ނަރުދަމާއަށްވުރެ، އަޅުގަނޑު ހިތުން ތިނަދޫގައި އަޅާ ނަރުދަމާ ކުޑަތަންކޮޅެއް ބޮޑުވާނެ. ކުޅުދުއްފުށީގައި އަޅާ ނަރުދަމާ އެޅުމަށް އެބަ ޚަރަދުވޭ 96 މިލިޔަން ރުފިޔާ. 8 މިލިޔަން ޑޮލަރު. ހަމަ އެވަރުގެ ނަރުދަމާއެއް އެތާ ކައިރީގައި އޮތް ނާގޯށި ކިޔާ ރަށެއްގައި އަމިއްލަ ފަރާތަކުން އަޅަން، އެމީހުންނަށް ޚަރަދުނުވޭ 8 ލައްކަ ޑޮލަރުވެސް. އަމިއްލަ ވިޔަފާރީގައި މަސައްކަތް ހިންގީމާ، ވަރަށްބޮޑު ތަން ޚަރަދު ކުޑަކުރެވޭ. އެއްވެސް އިސްރާފެއް ސަރުކާރުން ކޮށްފިނަމަ، އިސްރާފް ކުރެވެނީ ތިޔަބޭފުޅުންގެ ފައިސާ. ތިޔަބޭފުޅުންގެ އަތުން ސަރުކާރުން ނަގާ ފައިސާ. އެ ފައިސާ ބޭކާރު ގޮތުގައި އަޅުގަނޑުމެން ޚަރަދުކޮށްގެނެއްނުވާނެ. އެންމެ ރަނގަޅު ގޮތުގައި ފައިސާ ޚަރަދު ކުރެވެނީ ވިޔަފާރީގެ އުޞޫލުން ފައިސާ ޚަރަދު ކުރީމާ.

ރައްޔިތުންނަށް ޚިދްމަތް ލިބެންޖެހޭނީ ކޮންޓްރޯލް އަގުގައި. ރައްޔިތުންނަށް އަތްފޯރާފަށުގައި. ވިޔަފާރި ހިންގާ ފަރާތުން ޚިދްމަތްދޭއިރުގައި ވިއްކާ ފެން ލީޓަރު، އެއީ ތިޔަބޭފުޅުންގެ އާމްދަނީއާ އަޅާބަލާއިރުގައި ގަނެވެން ނެތް އެއްޗަކަށްވަންޏާ، ގަނެވޭވަރަށް ދެންއޮތްބައި ސަރުކާރުން އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުންނަށް ދޭނަން. އަޅުގަނޑުމެން ބަޖެޓުގައި ހިމަނާނީ، މިދަންނަވާ ގޮތަށް ރައްޔިތުންނަށްދޭ އެކިބާވަތް ބާވަތުގެ ސަބްސިޑީ. މިހާރު ވެއްޖިއްޔާ ސަރުކާރުން ކޮންމެ ދުވަހަކު އެތައް މިލިޔަން ރުފިޔާއެއް މިސާލަކަށް، ދެމުން މިއަންނަނީ ސްޓެލްކޯއިން ސަބްސިޑީއެއްގެ ގޮތުގައި. އަޅުގަނޑުމެން މިދެކެނީ، އިންޖީނުގެއަށް އެފައިސާ ދިނުމަށްވުރެ ކަރަންޓް ބިލް ދައްކާމީހާ އަތަށް އެފައިސާ ދިނިއްޔާ މާރަނގަޅުވާނެއޭ. އޭރުން އިންޖީނުގެއިން އެ ކިޔާ އަގެއް ކިޔާފާނެ. އެއަގަކީ، ތިޔަބޭފުޅުންނަށް ދެއްކެވޭވަރުނުވާ ބޮޑު އަގަކަށްވަންޏާ، ބާކީ އޮތް ބައި، ސަރުކާރުން ތިޔަބޭފުޅުންގެ އަތްޕުޅަށް އަރުވާނަމޭ. އޭރުން ތިޔަބޭފުޅުން ވަޑައިގެން ކަރަންޓް ބިލް ދައްކަވާނީ. އޭރުން ވިޔަފާރީގެ އުޞޫލުން އިންޖީނުގެވެސް ހިނގާނެ. އަދި ތިޔަބޭފުޅުންނަށް ކަރަންޓް ޔުނިޓެއް ލިބޭނޭ އަގުވެސް މާ ހެޔޮވެގެންދާނެ.

އަޅުގަނޑުމެން ޤަޞްދުކޮށްގެން މިތިބީ، އެއް ކުންފުނިން ހުރިހާ އިންޖީނުގެއެއް ހިންގަން. މިހާރު ހުރި ޢާންމު ރައްޔިތުންގެ އިންޖީނުގެތައް އަޅުގަނޑުމެން އެދޭނީ، މި ސަރުކާރުގެ ކުންފުންޏަށް ބަދަލުކުރަން. ބަދަލުވީމާ، އެ އިންޖީނުގެތަކަށް، އެ އިންޖީނުގެތަކުގެ ވެރިންނަށް މި ކުންފުނިން ޙިއްޞާ ލިބޭނެ. ނުވަތަ އެބޭފުޅުން ބޭނުންފުޅުވެވަޑައިގަންނަވާނަމަ، އެ އިންޖީނުގެތައް އެބޭފުޅުންނަށް މި ކުންފުންޏަށް ވިއްކޭނެ.

އަޅުގަނޑުމެން މިދަންނަވާ ޔުޓިލިޓީޒް ކުންފުނި، ނުވަތަ ފެނާއި ނަރުދަމާއާއި ކަރަންޓާއި ގޭހުގެ ޚިދްމަތް ދިނުމަށް މި އުފައްދާ ކުންފުންޏަކީ، އޭގެ ޙިއްޞާ ރައްޔިތުންނަށް ލިބޭނެ ކުންފުނި. ރައްޔިތުންނަށް އެ ކުންފުނިތަކުގައި ބައިވެރިވެވޭނެ ކުންފުނިތައް. އެކުންފުނިތަކުގެ ރައުސްމާލު އިތުރުކުރުމަށާއި ފައިސާ އިތުރުކުރުމަށާއި، މިއަތޮޅުގައި ހުރި ޤުދުރަތީ މުއްސަނދިކަން، އެކުންފުނިތަކަށް ބޭނުންކުރެވޭނެ ގޮތެއްވޭތޯ އަޅުގަނޑުމެން ބަލާނަން. އޭގެތެރޭގައި، މިއަތޮޅުގައި ހުރި ރިޒޯޓުތަކުގެ މުއްސަނދިކަންވެސް، އެކުންފުނިތަކަށް ބޭނުންކުރެވޭނެ ނުވަތަ އެރިޒޯޓުތަކުގެ ވިޔަފާރީގައި އެކުންފުނިތަކަށް ބައިވެރިވެވޭނެ އުޞޫލެއް އަޅުގަނޑުމެން ޤާއިމުކުރާނަން. އަޅުގަނޑުމެން އަބަދުވެސް ދައްކަމުން އައި ވާހަކައެއް އެއީ. މިއަތޮޅުގެ މުއްސަނދިކަން އޮންނަންޖެހޭނީ މިއަތޮޅަށޭ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެ އުޞޫލުން މި ކުންފުނިތައް ހިންގާނަން.

ޔުޓިލިޓީޒް ކުންފުންޏެއްގެ އިތުރުން، ސަރުކާރުގެ ސިޔާސަތަކީ ގެދޮރު ޢިމާރާތްކުރާ، މަގުހަދާ އަދި ކުނި ނައްތާލާ ކުންފުންޏެއްގެ ގޮތުގައި ހައުސިންގ ކޯޕަރޭޝަނެއްވެސް މިދެއަތޮޅުގައި ޤާއިމުކުރުން. އެއީ މިދަންނަވާހެން ގެ ޢިމާރާތް ކުރުމަށް އަދި މަގުހެދުމަށް އަދި ކުނި ނައްތާލުމަށް ޤާއިމު ކުރެވޭ ކުންފުންޏެއް. އަޅުގަނޑުމެން މި އުންމީދުކުރަނީ، މިއަހަރުގެ މެދުޖެހުމުގެ ކުރީގައި މިރަށުގައި މަދުވެގެން 200 ފްލެޓް ތިޔަބޭފުޅުންނަށް ލިބިވަޑައިގަންނަވާގޮތް ހެދުމަށް މިއަހަރު އަޅުގަނޑުމެންނަށް އެ މަސައްކަތް ފަށައިގަނެވޭނެ ކަމަށް. އަޅުގަނޑުމެންގެ މަޤްޞަދަކީ، އަޅުގަނޑުމެންގެ ބޭނުމަކީ، އިތުރުވާ ވަރަށް ގެދޮރު ޢިމާރާތް ކުރެވޭތޯ ބެލުން. މިއަހަރު ޢިމާރާތް ކުރުމަށް އަޅުގަނޑުމެންނަށް އެބަލިބޭ 10000 ގެ. އެހެންވީމާ، މުޅި ރާއްޖެއަށް އަޅުގަނޑުމެން އެ ގެތައް ބަހާލާނަން. އޭގެތެރެއިން، ބޮޑު ޢަދަދެއް، ރަނގަޅު ޢަދަދެއް މިރަށަށް ލިބިގެންދާނެކަން އެއީ އަޅުގަނޑުމެން ޝައްކުކުރާ ކަމެއް ނޫން. އިރާދަކުރެއްވިއްޔާ އެކަންވެސް އެގޮތަށް ހިނގައި ދާނެ.

ހަމަ އޭގެއިތުރުން، އަޅުގަނޑުމެންގެ ނަޒަރުގައި، މިރަށުގައި ބޭރަށް ދެވޭ ބަނދަރެއް، ބައިނަލްއަޤްވާމީ ބަނދަރެއް އޮތުން ވަރަށް މުހިންމު. އެހެންވީމާ، އެމަސައްކަތް މިއަހަރުގެ ތެރޭގައި ފެށޭތޯ އަޅުގަނޑުމެން ބަލާނަން. ތިނަދޫން ފުރައިގެން ރާއްޖެއިން ބޭރަށް ދެވެންޖެހޭނެ. މިރަށުން ރާއްޖެއިން ބޭރަށް މަސް އެކްސްޕޯޓް ކުރެވެން ޖެހޭނެ. އެކަމަށް އެއްވެސް ކުޑަސިޓީއެއް ހައްދާކަށް، ޗިޓެއް ހައްދާކަށް ތިޔަބޭފުޅުން މާލެ ވަޑައިގަންނަވާކަށް ނުޖެހޭނެ. ހައްތާވެސް އަޅުގަނޑުމެންނާ ދިމާނުވާގޮތް މި ވާން މިއުޅެނީ. މާލެގޮސް މަސް ބޭރުކުރުމުގެ އުޞޫލެއް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ނުބާއްވާނަން. މިތަނުން ފުރައިގެން ތިޔަބޭފުޅުންނަށް ދެވޭނެ މަގު އަޅުގަނޑުމެން ފަހިކޮށްދޭނަން. އަޅުގަނޑުމެން މިމަސައްކަތް ކުރަނީ، އެއް އިންޖީނުގެއިން ގިނަ ރަށްތަކަކަށް ކަރަންޓް ދެވޭނެ އުޞޫލަކުން ކޭބަލް އަޅައިގެން ކަރަންޓްދޭނެ ކުންފުންޏަކާ މިމަސައްކަތް ޙަވާލުކުރަން. އަޅުގަނޑުމެންނާ އެބަ ބައްދަލުވޭ، މިގޮތަށް އެމަސައްކަތް ކުރަން ބޭނުންވާ ވަރަށްގިނަ ފަރާތްތައް.

އެހެންވީމާ، އިރާދަކުރެއްވިއްޔާ މިހުރިހާ މަސައްކަތެއްމެ، ދާދި އަވަހަށް އަޅުގަނޑުމެންނަށް ފަށައިގަނެވޭނެ. އަޅުގަނޑު ދަންނަވާނީ، ޢަމަލީގޮތުން ފަސް ކޮންނަން ފެށޭނެއޭ، އެންމެ ލަސްވެގެންވެސް ޖޫން ނުވަތަ ޖުލައިމަހުގެ ތެރޭގައި. ކުރެހުމަށް ނަގާ ވަގުތު ވަރަށްގިނަ ކަމަށް އަސްލަމްމެން އަޅުގަނޑުމެން ކައިރީގައި ވިދާޅުވި. އެއީ ކޮނުމަށްވުރެވެސް، މާބޮޑު މަސައްކަތެއް ކަމަށްވަނީ. އަޅުގަނޑު ކޮންމެހެން ގަބޫލުކުރަނީކީ ނޫން. އެހެންނަމަވެސް، ކޮންމެހެންވެސް އެބޭފުޅުން އެބަޖެހިވަޑައިގަންނަވާ، ކަރުދާހުގައި އެކުރައްވާ ކަންތައް ކޮންމެހެންވެސް ކުރައްވައި ނިންމަވަން. އެހެންވީމާ، އެބޭފުޅުން، އަސްލަމްމެން މިކުރައްވާ މަސައްކަތަކީ، ރަށުއޮފީސްތަކުގައި، ބަންދުވެފައި ނުތިބޭ ގަޑިގަޑީގައި، ކަރުދާހުގައި ކުރައްސަވައިގެން މަސައްކަތްތައް ބާރަށް ކުރެއްވޭތޯ ބެއްލެވުން.

އެހެންވީމާ، އަޅުގަނޑުގެ ވަރަށްބޮޑު އިތުބާރު އޮވޭ، އަޅުގަނޑުމެންގެ ވަޒީރުންނަށާއި، ސްޓޭޓް މިނިސްޓަރުންނަށާއި، އަދި ސަރުކާރުގައި އަޅުގަނޑުމެންގެ ސިޔާސީ މަގާމުތަކުގައި އެތިއްބެވި ބޭފުޅުންނަށް. އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން. ހަމަގައިމުވެސް އަޅުގަނޑު ސަރުކާރުގެ މަސައްކަތުގައި ދުވާލެއްގެ މައްޗަށް 12، 14 ގަޑިއިރު އުޅޭނަން. އަދި އަޅުގަނޑަށް އެނގޭ، އެބޭފުޅުންވެސް އެހާ ވަގުތު ހަމަ ސަރުކާރުގެ މަސައްކަތުގައި އުޅުއްވާކަން. މިއަދަކީވެސް އަޅުގަނޑުމެންނަށް ބަންދު ދުވަހެއް ނޫން. އަޅުގަނޑުމެންނަށް ހުކުރު ދުވަހުގެ މެންދުރުފަހެއްވެސް ބަންދެއް ނުވޭ. ހޮނިހިރު ދުވަހެއްވެސް ބަންދެއްނުވޭ. ރޭގަނޑެއްވެސް ބަންދެއްނުވޭ. އަޅުގަނޑުމެން އެންމެންވެސް ހަމަ ފުރަތަމަ ދުވަހުއްސުރެ ފެށިގެން 24 ގަޑިއިރު ކަހަލަގޮތަކަށްހެން މިއަންނަނީ މަސައްކަތް ކުރަމުން. އަޅުގަނޑުމެން ބޭނުންވަނީ މަސައްކަތްކުރާ ސަރުކާރެއް. އަޅުގަނޑުމެން ބޭނުން، އަޅުގަނޑުމެންގެ ޚާއްޞަކޮށް ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުން، ގިނައިރު ބުރަ މަސައްކަތް ކުރައްވައިގެން އަޅުގަނޑުމެންގެ ވަޢުދުތައް ފުއްދައި، އަޅުގަނޑުމެން މިދޭންޖެހޭ ޚިދްމަތްތައް ތިޔަބޭފުޅުންނަށް އެރުވުމަށް.

އަޅުގަނޑުވެސް ހަމަ ދިގުކޮށް ވާހަކަ ދައްކާހިތްވެސްވޭ. އެހެން ނަމަވެސް، މިހާރު މި އާދެވެނީ، ވަރަށް ލަސްވާފަހުން ކޮންމެ ރެއަކުވެސް. ތިނަދުއަށް އާދެވެނީ، އެހެން ހުރިހާ ތަނެއްގައި ދުއްވާފައި ނިދުމަށް. އަޅުގަނޑު ތިޔަބޭފުޅުން މާގިނައިރަކު ނުބައިތިއްބާނަން.

އެހެންނަމަވެސް، ދަންނަވާލަން އެބައޮތް ވާހަކައެއް. އަދިވެސް އަޅުގަނޑަކަށް ހަމަ އެއްގޮތަކަށްވެސް ނުފެނޭ، އެއްވެސް ބޭފުޅެއް ބަދަލުހިފުމުގެ ރޫޙުގައި އުޅުއްވާކަށް. އަޅުގަނޑުމެން އެބާވަތުގެ ކަމެއް ކުރަން ފަށައިފިއްޔާ، އަޅުގަނޑުމެންގެ ހުރިހާ ކަމެއް ދާނީ އެކަމުގެ ތެރެއަށް. އަޅުގަނޑުވެސް އިންނަން ޖެހޭނީ ކޮންމެ ދުވަހަކު ބޭނުންނެތް ބައިވަރު ފޯނުކުރަން. އަޅުގަނޑު އިންނަންޖެހޭނީ ބައިވަރު މީހުންނާ ބޭނުން ނެތް ވާހަކަ ދައްކަން. އަޅުގަނޑަށްވެސް އެނގޭ، އެންމެންވެސް އިންޞާފު ބޭނުންވާކަން. އެކަމަކު އަޅުގަނޑުގެ ނަޒަރުގައި ފުރިހަމައަށް ހިނގާ ޑިމޮކްރަސީއަކަށްވުރެ ވަކިބޮޑު އިންޞާފެއް އަޅުގަނޑުމެންނަކަށެއް ނުލިބޭނެ.

އަޅުގަނޑު އަނެއްކާވެސް ހަމަ ތަކުރާރުކޮށް ދަންނަވާލަން ބޭނުންވަނީ، ހިނގާށޭ އަޅުގަނޑުމެން ކުރިއަށް މުސްތަޤްބަލަށްޓަކައި ކުރަން ހުރި، އަޅުގަނޑުމެންގެ ދަރިންނާއި ދަރިންގެ ދަރިންނަށްޓަކައި ކުރަންހުރި މި މަސައްކަތްތައް ކުރުމުގައި އުޅެން. ބަދަލު ހިފައިގެން ދެން މިވަގުތު އަޅުގަނޑުމެންނަށް ލިބޭނޭ އިތުރު އެއްޗެއް ނެތް. މީހަކަށް އަދަބެއް ދެވިދާނެ. އަނިޔާއެއް ކުރެވިދާނެ. އެހެންނަމަވެސް، އަޅުގަނޑުމެންނަށް ދެން ލިބޭނޭ އެއްޗެއް ޙަޤީޤަތުގައި ނެތް. އެހެންވީމާ، އަޅުގަނޑުގެ ހުރިހާވެސް ވަގުތެއް އަޅުގަނޑު ހޭދަކުރަން ބޭނުންވަނީ، އަޅުގަނޑުމެންނަށް، އަޅުގަނޑުމެންގެ ޖީބަށް އެއްޗެއް އިތުރުކުރެވޭނެ ގޮތެއް ހޯދަން. އެމަސައްކަތުގައޭ އަޅުގަނޑު ގިނަ ވަގުތު ހޭދަކުރާހިތް އޮތީ.

ހަމަ މި ނުކުތާގައި، މި މައުޟޫޢުގައި ދަންނަވާލަން ބޭނުން. ޤާނޫނުއަސާސީ އަޅުގަނޑުގެ މައްޗަށް އެ އަސާސް ޙިމާޔަތް ކުރުމާއި، އަދި އެހެން މުއައްސަސާތައްވެސްމެ، އެ އަސާސާ އެއްގޮތަށް ޢަމަލުކުރުމަށް ބާރުއެޅުމަށް ލާޒިމުކުރޭ. އަޅުގަނޑު މިތާ މިރޭ މިހުރީ، މާތްރަސްކަލާނގެ ގަންދީ ހުވާކޮށްގެން އެކަން ކުރުމަށް. އެހެންވީމާ، ޤާނޫނުއަސާސީއަށް ގެއްލުމެއް ލިބޭ ގޮތަށް ނުވަތަ އެއާ މާނަ އޮޅޭގޮތަކަށް، އަރާރުންވާ ގޮތަކަށް، އޭގައި އޮތް އެއްޗެއް ކިލަނބުވާ ގޮތަކަށް ކަމެއް ހިނގަން ދޫކޮށްގެނެއް އަޅުގަނޑެއް ނުހުންނާނަން.

ރައްޔިތުންގެ މަޖިލިސް، ޗުއްޓީއަށް ވަޑައިގަންނަވަން ޖެހޭނީ، އެތައް ބަޔެއްގެ ވިސްނުން ހުރިގޮތުން މިހާރު މި އާ އިންތިޚާބު ބޭއްވޭނެ ބިލްތައް ނިންމަވާފައި. އެހެން ނަމަވެސް، އެ މަޖިލިސް މިހާރުވަނީ ޗުއްޓީގައި. އެހެންވީމާ، އާ އިންތިޚާބު ބޭއްވުމަށް ބޭނުންވާ ބިލްތައް، ޤާނޫނުތައް، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޭއްވުމަށް ބޭނުންވާ ޤާނޫނުތައް މިހާރުވަނީ ނުހެދި. މިހެން މިކަން އޮތްއިރު، ބައެއް ބޭފުޅުންގެ ނަޒަރުގައި، މިހާރު މިއޮތް މަޖިލީހުގެ ޤާނޫނީ ޞައްޙަކަން 1 މާޗުގައި ގެއްލިދޭ. އެ ކަން އޮތްގޮތެއް ސާފުކުރުމަށްޓަކައި، ސަރުކާރުގެ ދައުލަތުގެ ބަންޑާރަނާއިބުވަނީ އުއްތަމަ ފަނޑިޔާރުގެ ކިބައިން ލަފައަކަށް އެދިވަޑައިގެންފައި. އުއްތަމަ ފަނޑިޔާރު އޭގައި ނެރުއްވާ ޙުކުމެއް ވަރަށް މުހިންމު. އެއީ އެންމެފަހު ޙުކުމް. ޤާނޫނީގޮތުން އެކަން އޮތްގޮތަކީ މިހާރު މިއޮތް މަޖިލިހަކީ، 1 މާޗުގެ ފަހުން ޤާނޫނީ ޙައިޘިއްޔަތެއް ނެތް މަޖިލީހެއް ކަމަށް އެބޭފުޅާ ވިދާޅުވެއްޖެނަމަ، މިހާރުގެ ރައްޔިތުންގެ މަޖިލިސް އެއްކޮށް، އެ މަޖިލީހަށް މިހާރު ހުށަހެޅިފައި އޮތް ދެޤާނޫނު އަވަހަށް ނިންމުމަކީ، ކޮންމެހެން ބޭނުންތެރި ކަމެއް. އެކަން އެހެން ނުކޮށްފިނަމަ، އުނދަގޫތަކަކާ އަޅުގަނޑުމެންނަށް ކުރިމަތިވެދާނެ.

އެހެންނަމަވެސް، އަޅުގަނޑު ތިޔަބޭފުޅުންގެ އަރިހުން އެދޭނީ، އަޅުގަނޑަށް އިތުބާރު ކުރައްވާށޭ، އެ އުނދަގުލުން އަޅުގަނޑު ނެއްޓޭނަމޭ. ނެއްޓޭއިރު ތިޔަބޭފުޅުންނާ އެކީގައި އަޅުގަނޑުމެން ދާނަމޭ. މި ޤާނޫނީ ހުސްކަމެއްގެ ވާހަކައާ ދޭތެރޭގައި މާ ކަންބޮޑުވެގެން އުޅުއްވާނެ ކަމެއް ނެތޭ. އެއްވެސް ހުސްކަމެއް، އެއްވެސް ތާކަށް އަޔަކައެއް އަޅުގަނޑެއް ނުދޭނަމޭ. އަޅުގަނޑު މިހުރީ، އިންތިޤާލީ ބާބު ނެއްޓި، އާ ޤާނޫނުއަސާސީގެ ދަށުން ރައީސުލްޖުމްހޫރިއްޔާގެ ގޮތުގައި ހުވާ ކޮށްގެން. އަޅުގަނޑަކީ މި ޤާނޫނުއަސާސީ ބަޔާންކުރާ ހަމަތަކުން އުފެދިފައިވާ ރައީސުލްޖުމްހޫރިއްޔާއޭ. އެހެންވީމާ، އެ ޤާނޫނުއަސާސީ ތަންދޭ ހުރިހާ ފުޅާމިނެއްގައި އަޅުގަނޑު ޙަރަކާތްތެރިވާނެ. ކުއްލިއަކަށް ކުރަންޖެހޭ ކަންކަން ކުއްލިއަކަށްވެސް ކުރާނަން. އަދި ދުރާލާ ކުރަމުން ކުރަމުން އަންނަ ކަންކަން، ދުރާލާ ކުރަމުން ކުރަމުންވެސް އަޅުގަނޑު ގެންދާނަން. އިރާދަކުރެއްވިއްޔާ ރާއްޖޭގެ އެއްވެސް ތަނަކަށް، އެއްވެސް ކަމަކަށް ޤާނޫނީ ހުސްކަމެއް އަޔަކައެއް އަޅުގަނޑެއް ނުދޭނަން. ޤާނޫނުއަސާސީ، އެ ފުރްޞަތު އަޅުގަނޑަށް ލިބިދީފައި އެބަވޭ. އެހެންވީމާ، އަޅުގަނޑު ތިޔަބޭފުޅުންނަށް ދަންނަވަން ބޭނުންވަނީ، 1 މާޗްގައި މިހާރު މިއޮތް ރައްޔިތުންގެ މަޖިލިސް އެއީ ޞައްޙަ މަޖިލީހެއް ނުވަތަ ޤާނޫނީ ޙައިޘިއްޔަތެއް ނެތް މަޖިލީހެއް ކަމަށް އުއްތަމަފަނޑިޔާރު ކަނޑައެޅުއްވުމަށްފަހު، އަދި މަޖިލިސް އެއްނުވިނަމަވެސް، ޤާނޫނީ ހުސްކަމެއް އަޔަނުދީ، މި ގާނޫނުއަސާސީގެ އިމުގެ ތެރެއިން އަޅުގަނޑުމެންނަށް ގެންދެވޭނެޔޭ. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން މި ޤާނޫނުއަސާސީ ސަލާމަތުގެ އައްސޭރިއެއްގައި ބަނދަރުކޮށްދޭނަމޭ.

އެއީ، ހަމަ ތިޔަބޭފުޅުންގެ ނަރުދަމާހާ، މަގުތައްހާ މުހިންމު ކަމެއް. އެތައް ނަޒަރުން ދެކޭއިރުގައި، ނަރުދަމާއާއި މަގާއި އަދި އަސާސީ ޙައްޤު އަޅުގަނޑުމެންނަށް ލިބޭނީވެސް މި ޤާނޫނުއަސާސީ ޙިމާޔަތް ކުރެވިގެން. ޤާނޫނީ ދައުލަތެއް އަޅުގަނޑުމެންނަށް ހިންގިގެން. ޤާނޫނުގެ މައްޗަކަށް އެއްވެސް ބޭފުޅަކު، އެއްވެސް ފަރާތެއް ނާރާނެ. އަޅުގަނޑުމެންގެ އެންމެހާ ކަންކަން ކުރިއަށް ގެންދެވޭނީ ޤާނޫނަށް ބޯލަނބައިގެން.

އަޅުގަނޑުމެން މިހާރު ޢަމަލު ކުރަމުންމިދާ އާ ދުސްތޫރީ ޙަޔާތް، އާ ޤާނޫނީ ޙަޔާތަކީ، މުޅިން އާ ޤާނޫނީ ޙަޔާތެއް. ނުވަތަ މުޅިން އާ ކަންތައްތަކެއް، އޭގައި އެކުލެވިގެންވާ ކަމެއް. އެހެންވީމާ، ކޮންކަމެއްތޯ ކުރަންވީ، ކޮންކަމެއްތޯ ކުރެވޭނީ، މިކަންކަމާ ގުޅޭގޮތުން އަބަދުވެސް ސުވާލު އުފެދޭނެ. ބައެއް ބޭފުޅުން ވިދާޅުވޭ، ލާމަރްކަޒީ އުޞޫލު ހިންގޭނީ، އެކަމާ ގުޅޭ ޤާނޫނުތައް ފާސްވުމަށްފަހުގައޭ. އެހެން ނޫނީ އެކަން ކުރެވޭކަށެއް ނެތޭ. އެއީ ތެދުފުޅެއް. އެހެން ނަމަވެސް، މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ ސްޓޭޓް މިނިސްޓަރެއް، މިދެއަތޮޅަށް ނިސްބަތްވާ ގޮތަށް ހުންނަވައިގެން، މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ މަސައްކަތް، މިދެއަތޮޅުގެ މަސައްކަތް، މިތަނުގައި ކުރުން ޤާނޫނީ ގޮތުން މަނައެއް ނުކުރޭ. އަދި ހަމަ ހުރިހާ މިނިސްޓްރީއެއް، މިރަށުގައި ޤާއިމުކޮށްގެން، އެމިނިސްޓްރީތަކުގެ ޚިދްމަތް، މިއަތޮޅުގެ، މިދެއަތޮޅުގެ ރައްޔިތުންނަށް ދިނުންވެސް ޤާނޫނީ ގޮތަކުން މަނައެއް ނުކުރޭ.

އެހެންވީމާ، އަޅުގަނޑުމެން ކުރާ ކަންކަން ހުއްޓުވުމަށްޓަކައި ޤާނޫނީ ޙުއްޖަތު ދެއްކެވުން، ޤާނޫނޭ ވިދާޅުވެ ވާހަކަތައް ދައްކަވަމުން ގެންދެވުން އެއީ، އަޅުގަނޑުމެން ފަހަތަށް ޖެހޭނޭ ކަމެއް ނޫން. ޒައްރެއްގެ މިންވަރަށްވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑެއް ފަހަތަކަށް ނުޖެހޭނަން. އެހެންވީމާ، އަޅުގަނޑު ބިރެއްނުގަނޭ. އަޅުގަނޑެއް އިރާދަކުރެއްވިއްޔާ މީހަކަށް އަނިޔާއެއް ނުކުރާނަން. އަޅުގަނޑެއް ތިޔަބޭފުޅުންގެ މުދަލަކަށް އަރައެއްނުގަންނާނަން. އަޅުގަނޑެއް ތިޔަބޭފުޅުންގެ ފައިސާއެއްގައެއް ނުޖެހޭނަން. އިރާދަކުރެއްވިއްޔާ އިޚްލާޞްތެރިކަމާއި ތެދުވެރިކަމާއެކީގައި ތިޔަބޭފުޅުންނަށް އަޅުގަނޑު މަސައްކަތް ކޮށްދޭނަން. އެހެން އަޅުގަނޑު އެކަން ކުރަމުންދާހާ ހިނދަކު، އަޅުގަނޑު ބިރުގަންނާންވީ ހަމަ އެއްވެސް ކަމެއް ނެތް ހެއްދެވި ފަރާތް ފިޔަވައި. އެހެންވީމާ، މިތަނުން ދިމާވެދާނެ ކަމަކާ ދޭތެރޭގައި އަޅުގަނޑު ކުޑަކޮށްވެސް ޖެހިލުމެއްނުވޭ. އިރާދަކުރެއްވިއްޔާ އަޅުގަނޑު ހުންނާނީ ހެޔޮމަގުގައި. ތެދުމަގުގައި. ހުރެގެން އަޅުގަނޑުމެންނަށް މި ޤާނޫނުއަސާސީވެސް ތަންފީޒު ކުރެވޭނެ. އަދި އަޅުގަނޑުމެން މި ބޭނުންވާ ކަންކަންވެސް، އަޅުގަނޑުމެން މި ބޭނުންވާ ތާހިރު ދިރިއުޅުންވެސް، ހާސްކަމެއް ނެތް ދިރިއުޅުންވެސް، އަޅުގަނޑުމެންނަށް ލިބޭނެ. މަހަކު އެއްފަހަރު އައިސްކްރީމް ބޯންވެސް އަޅުގަނޑުމެންނަށް ދެވޭނެ.

އަޅުގަނޑު ވަރަށް އުފާވޭ، މިރޭ ތިނަދޫގައި ހުރެ ތިޔަބޭފުޅުންނާ މި ވާހަކަ ދައްކަން. އަޅުގަނޑު ތިޔަބޭފުޅުންނަށް އަނެއްކާވެސް ހިޖުރީ އާ އަހަރުގެ ހެޔޮއެދުންތައް ރައްދުކުރާއިރު، ދަންނަވަން އޮތް ވާހަކައަކީ، ދާދި އަވަހަށް މީލާދީ އާ އަހަރުވެސް އެބައާދެޔޭ. އަޅުގަނޑު އެދުވަހު މިތާ ނެތިދާނެ. ތިޔަބޭފުޅުންނަށް ކުރިއަށް އާއަހަރުގެ އެންމެހާ ހެޔޮއެދުންތައްވެސް ރައްދުކޮށްދޭން ބޭނުން. ހަމަ ޔަޤީން އަޅުގަނޑުމެންގެ ވަޒީރުންގެ ތެރޭގައިވެސް އަޅުގަނޑަށްވުރެ ބޮޑަށް އިސްލާމީ ތާރީޚު އެނގިވަޑައިގަންނަވާ ބޭފުޅުން ގިނަވާނެ. އެހެން ނަމަވެސް، އިސްލާމީ ހިޖުރައަކީ ފެށުމެއް. މުޅިން އާ ފެށުމެއް. ކަނޑައެޅިގެން ހިޖުރީ އާ އަހަރު ދުވަހަށް އަޅުގަނޑުމެން ތިނަދުއަށް އައިސް މިތިބީ. އެއީ އަޅުގަނޑުމެން އާ ކަމެއް ކުރަންވެގެން އެދުވަހާ އަޅުގަނޑުމެން ދިމާކޮށް، އެކަމަށްޓަކައި އަޅުގަނޑުމެން މިތަނަށް އައިސް މިތިބީ. މީލާދީ އާ އަހަރު ދުވަހަށްވުރެ ހިޖުރީ އާ އަހަރު ދުވަސް، އާ ކަންތައްތައް ފެށުމަށް އަޅުގަނޑުމެން އިސްލާމުންނަށް، އައުލާކަން ބޮޑުކަމަށް އަޅުގަނޑުމެންނަށް ފެނި، ހިޖުރީ އާ އަހަރު ދުވަހު، އަޅުގަނޑުމެން މި އާ ހިޖުރަ ފަށަން، ހިޖުރައަށް ދިޔުމަށް އަޅުގަނޑުމެން މި އެދޭ އަނެއް ދިވެހިރާއްޖެއަށް ދިޔުމަށް އިރާދަކުރެއްވިއްޔާ ޙަޤީޤަތުގައި އަޅުގަނޑުމެންގެ ދަތުރު މި ފަށައިގަންނަނީ.

އިރާދަކުރެއްވިއްޔާ މިވޭތުވެދިޔަ އަހަރަށްވުރެ ކުރިއަށް މިއޮތް އަހަރު، އަޅުގަނޑުމެންނަށް އުފާވެރިވާނެ. އިރާދަކުރެއްވިއްޔާ މާދަމައަކީ މިއަދަށްވުރެ އުފާވެރި ދުވަހަކަށްވާނެ. ތިޔަ އެންމެހާ ބޭފުޅުންނަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ޝުކުރާއި މުބާރަކްބާދީ އަދާކުރަން.

اَلحَمْـدُ لِلّـهِ. السّـلام عليـكم