ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ އާ ޤާނޫނުއަސާސީގެ ދަށުން އިންތިޚާބު ކުރި ފުރަތަމަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ފެލިދެއަތޮޅު ކެޔޮދޫ ދާއިރާ ތަމްސީލު ކުރައްވާ މެންބަރު އަލްފާޟިލް ޢަބްދުﷲ ޝާހިދު، ހޮވިވަޑައިގަތުމާ ގުޅިގެން، ޢަބްދުﷲ ޝާހިދަށް ރައީސް މުޙަންމަދު ނަޝީދު ތަހުނިޔާ ދަންނަވައެވެ. އަދި މި މަޖިލީހުގެ ނައިބު ރައީސް ކަމަށް މުލަކަތޮޅު ދިއްގަރު ދާއިރާ ތަމްސީލު ކުރައްވާ މެންބަރު އަލްފާޟިލް އަޙްމަދު ނާޒިމް ހޮވިވަޑައިގަތުމާ ގުޅިގެން، އަޙްމަދު ނާޒިމަށްވެސް ރައީސް މުޙަންމަދު ނަޝީދު ތަހުނިޔާ ދަންނަވައެވެ.

ކުރިއަށް އޮތް ފަސްއަހަރަށް މި އިންތިޚާބުވި ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ވަރަށް އެދެވޭ ގޮތެއްގައި އަދި ވަރަށް ހަލުވިކަމާއެކު ކުރިއަށްދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ދެކެވަޑައިގަންނަވައެވެ. އަދި މިކަމުގައި މަޖިލީހުގެ ހުރިހާ މެންބަރުންވެސް ފުރިހަމަ އެއްބާރުލެއްވުން ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޔަޤީން ކުރައްވައެވެ.