ލޯކަލް ކައުންސިލްގެ އިންތިޚާބަކީ މިނިވަން، އިންޞާފުވެރި އިންތިޚާބަކަށް ހެއްދެވުމުގެ ގޮތުން، ޢައްޔަން ކުރައްވާފައި ތިއްބެވި ކައުންސިލަރުން، މަގާމުގައި ދެމިނުތިއްބަވާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ނިންމަވައިފިއެވެ. އެމަނިކުފާނު މިގޮތަށް ނިންމެވިކަން ހާމަކުރައްވާފައިވަނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިރޭ ނެރުއްވި ބަޔާނެއްގައެވެ. މި ދަންނަވާލަނީ އެބަޔާނެވެ.
"ދިވެހި ވެރިކަމުގެ ނިޒާމަކީ، ގިނަ ޕާޓީ އެކުލެވޭ ޑިމޮކްރަސީގެ ހަމަތަކުގެ މަތީގައި، ރައްޔިތުންގެ ސީދާ ބާރުން ޤައުމު ހިންގާ ނިޒާމަކަށް، ދިވެހި ރައްޔިތުން ބަދަލުކުރީ، 11 ނޮވެމްބަރ 2008 ގައެވެ.
ޑިމޮކްރަސީއަކީ ރައްޔިތުންގެ ޙައްޤުތަކާއި، މިނިވަންކަމާއި ނިންމުންތައް، ރައްޔިތުންގެ ބާރާއި އިޚްތިޔާރާއެކު، ވީހާ ގާތުން ނިންމޭނެ އުޞޫލުތަކާއެކު ހިންގޭ ނިޒާމެކެވެ. އަދި ޤައުމުގެ ތަރައްޤީއާއި ކުރިއެރުމަށް އެޅިފައިވާ ކޮންމެ ހުރަހެއް ނައްތާލުމުގެ ބާރު، މި ނިޒާމުގައި އެންމެ ބޮޑަށް ލިބިދެނީ، ޚުދު ރައްޔިތުންނަށެވެ. މިގޮތުން، ޤައުމުގެ ތަރައްޤީގައި، އެންމެ ބޮޑު ދައުރެއް، ކުރިއަށް އޮތް ތަނުގައި އަދާކުރުމުގެ ޒިންމާ، ރައްޔިތުން ޙަވާލުކުރާނެ އެއް ފަރާތަކީ، ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކަށް ރައްޔިތުން އިންތިޚާބުކުރާ ފަރާތްތަކެވެ. ވީމާ، ޑިމޮކްރަސީގެ ފުރިހަމަ ސިފަތަކާއެކު ހިންގޭ މިނިވަން އިންޞާފުވެރި އިންތިޚާބަކަށް، އެއިންތިޚާބު ހެއްދެވުމަށްޓަކައި އަޅުއްވަންޖެހޭ ފިޔަވަޅުތައް އަޅުއްވައި، އެހިނދަކަށް ބޭނުންވާ މުހިންމު ނިންމެވުންތައް ނިންމެވުމަކީ، ޑިމޮކްރެޓިކް ދިވެހި ދައުލަތުގެ އެންމެ މަތީވެރިޔާގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާ ކޮންމެހެން ކުރައްވަންޖެހޭ ކަމެއް ކަމުގައި އެމަނިކުފާނު ދެކެވަޑައިގަންނަވައެވެ. ވުމާއެކު، ގާނޫނު އަސާސީގެ 115 ވަނަ މާއްދާއިން ދައުލަތް ހިންގެވުމަށް ލިބިވަޑަގަންނަވާ ބާރުގެ ދަށުން، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވާފައި ތިއްބެވި ހުރިހާ ކައުންސިލަރުން، 25 ޑިސެމްބަރ 2010ގެ ފަހުން، އެ މަގާމުތަކުގައި ދެމިނުތިއްބަވާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފިއެވެ.
ޑިމޮކްރަސީގެ ޅަފަތުގައި ރާއްޖެ ވޭތުކުރި ދެއަހަރާ މަދު ދުވަސް ކޮޅުގެ ތެރޭގައި، ހެޔޮވެރިކަމާއި އޯގާތެރި ދައުލަތުގެ ސިފަތައް، ރާއްޖޭގައި އަށަގެންނެވުމަށް ދިވެހިރައްޔިތުންގެ ފަރާތުން ސަރުކާރަށް ދެއްވަމުން ގެންދެވި އެއްބާރުލެއްވުން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވައެވެ. އަދި މިވޭތުވި މުއްދަތުގައި، ކައުންސިލަރުންގެ މަގާމުގައި ދެމިތިއްބެވި ބޭފުޅުން އަދާކޮށްދެއްވި އަގުހުރި ޚިދްމަތަށްޓަކައި ވަރަށް އިޚްލާޞްތެރިކަމާއެކު ރައީސުލްޖުމްހޫރިއްޔާ އެބޭފުޅުންނަށް ޝުކުރު އަދާކުރައްވައެވެ."