ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު،ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމް، ހިރިމަރަދޫ އަދި ފިނޭގެ ރައްޔިތުންނާ ބައްދަލުކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މި ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވީ އެމަނިކުފާނު މިހާރު ތިލަދުންމަތީ ދެކުނުބުރިއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުއްގައެވެ.

މި ތިން ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އެތިން ރަށުގެ ތަރައްޤީއަށް ރޭވައިފައިވާ އެކިއެކި ޕްރޮގްރާމްތަކާއި، މިހާތަނަށް ހިންގިފައިހުރި ބައެއް ޕްރޮގްރާމްތަކުން ހޯދިފައިވާ ކާމިޔާބުތަކާބެހޭ ތަފްޞީލުދެއްވިއެވެ. މީގެ ތެރޭގައި ސަރުކާރުގެ މައިގަނޑު ފަސް ވަޢުދުގެ ދަށުން، ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކުރުމުގައި ލިބިފައިވާ ކުރިއެރުންތަކާއި، ސިއްޙީ ޚިދުމަތް ރަނގަޅުކުރުމުގެ ގޮތުން މަދަނައިގެ ދަށުން ލިބިފައިވާ ކާމިޔާބީތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅުދެއްކެވިއެވެ. އަދި، ތަޢުލީމީ ދާއިރާ ހަރުދަނާކޮށް ކުރިއެރުވުމުގެ ގޮތުން ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކާއި، އިޖުތިމާޢީ ރައްކާތެރިކަމުގެ ނިޒާމެއް ރާއްޖޭގައި ގާއިމުކުރެއްވުމުގައި ހޯދިފައިވާ ކުރިއެރުންތައްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުތަކުގައި ލާމަރުކަޒީ އުސޫލުން ރަށްތައް ހިންގެވުމުގެ ފައިދާތަކާ ބެހޭގޮތުންވެސް އެމަނިކުފާނު ވާހަކަފުޅުދެއްކެވިއެވެ. އެގޮތުން، ރައްޔިތުންގެ ރުހުމާއެކު، ރަށްރަށުގެ ރަށްވެހިކަން ކުރިއަށް ގެންދެވިގެން ނޫނީ، މިރާއްޖޭގެ ރައްޔިތުންނަށް ޙަޤީޤީ ތަރައްޤީ ނުލިބޭނެ ކަމުގައި ވިދާޅުވެ، ލޯކަލް ކައުންސިލަކީ ސަރުކާރުގެ ނިންމެވުންތަކުގައި ރަށްރަށުގެ ރައްޔިތުން ބައިވެރިކުރުމަށް ވަރަށް މުހިއްމު ބާރެއްކަމުގައި ރައީސް ވިދާޅުވިއެވެ. އަދި ސަރުކާރުގެ ސިޔާސަތަކަށް ވާނީ ލޯކަލް ކައުންސިލްތަކުގެ ދަށުން ރައްޔިތުން ނިންމާ ނިންމުންތައް ތަންފީޒުކުރުން ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.