ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ކޮޅުމަޑުލު ވޭމަންޑޫ ރައްޔިތުންނާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ އިއްޔެ އެ މަނިކުފާނު ވޭމަންޑުއަށް ކުރެއްވި ދަތުރުފުޅުގައެވެ.

ވޭމަންޑޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ތަރައްޤީ ހޯދުމަށް، ރައްޔިތުންގެ އިޙްސާސްތަކާއި، ރައްޔިތުންގެ އެދުންތަކާއި، ރައްޔިތުންގެ ބޭނުންތަކާ އެއްގޮތްވާ ގޮތުގެމަތިން، އެރައްޔިތެއްގެ ކަންކަން ނިންމަމުން ގެންދިޔުމަކީ، ކޮންމެހެން ބޭނުންތެރި ކަމެއް ކަމުގައި ވިދާޅުވިއެވެ.

"އިރާދަކުރައްވައިގެން، ފެބްރުއަރީ 5 ވަނަ ދުވަހު އަޅުގަނޑުމެންނަށް މިއެޅެނީ މިދެންނެވި މަސައްކަތުގެ ބިންގާ. އެ ބިންގާގެމަތީގައި އަޅުގަނޑުމެންނަށް ބިނާކުރެވުނީމާ، އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ރާއްޖެ ތަރައްޤީ ކުރުމުގެ ކަންކަން މަގުފަހިވެގެންދާނެ" ރައީސް ވިދާޅުވިއެވެ.

މި މޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، 2011ވަނަ އަހަރުގެ ދަޢުލަތުގެ ބަޖެޓު ސަރުކާރުން ތަންފީޒު ކުރުމަށް ނިންމާފައިވާ އެއް ނިންމުމަކީ، މިރާއްޖޭގެ ރަށްތަކުގެ ތަރައްޤީއަށް މަސައްކަތް ކުރުމަށް އަދި ޚާއްޞަކޮށް، ސަރުކާރުގެ ޕްރޮގްރާމްތައް ރަށްރަށުގައި ހިންގުމަށް ބޭނުންވާ ފައިސާ ރަށްރަށަށް ދިނުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެއިތުރުން، ވޭމަންޑޫ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައިވެސް، އަތޮޅުތައް ތަރައްޤީ ކުރެއްވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތައް ރައްޔިތުންނާ ޙިއްޞާ ކުރެއްވިއެވެ.

ކޮޅުމަޑުލުގެ ބައެއް ރަށްރަށަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ މާލެ ވަޑައިގެންނެވީ ރޭގެ ވަގުތެއްގައެވެ.