2011ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓް، ސަރުކާރުން އެކުލަވާލެއްވިއިރު، ބަޖެޓް ތަންފީޒު ކުރުމުގައި ޢަމަލުކުރާނީ ލާމަރުކަޒީ އުޞޫލުން ކަމަށް ސަރުކާރުންވަނީ ކަނޑައަޅުއްވާފައި ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ކޮޅުމަޑުލުގެ ބައެއް ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ އަތޮޅު އޮމަދުއަށް ވަޑައިގެން، އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، ސަރުކާރުގެ ޕްރޮގްރާމްތައް ހިންގުމުގައި ކަންކަން ހިންގަމުންދާނީ، ނިސްބަތުން އެރަށަށްވާ މިންވަރުން ސީދާ އެރަށަކުންނެވެ. އަދި ސަރުކާރުން ހިންގަވާ މަޝްރޫޢުތައް ހިންގުމުގައި، ރަށްރަށުގެ ރައްޔިތުން އެކަށީގެންވާ ގޮތުގައި ބައިވެރިވާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު މިމޭރުމުން ކުރިއަށް ގެންދަވަމުން، ތަރައްޤީ ހޯދުމަށް ކުރާން އޮތް އެންމެ މުހިންމު އެއް މަސައްކަތަކީ، ތަރައްޤީއަށް މަގުފަހިވާނެ ވެރިކަމުގެ ނިޒާމެއް ހޯދުން ކަމުގައި ވިދާޅުވިއެވެ.

"ތަރައްޤީއަކީ އެންމެ މީހަކު ކުރާ ކަމެއް ނޫން. އަޅުގަނޑަކަށް ޤައުމެއް ތަރައްޤީކޮށެއް ނުދެވޭނެ. ރައްޔިތުންނަށް އެކަންވާނީ" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސް ނަޝީދު އޮމަދޫން ވަޑައިގަތީ، ކިނބިދުއަށެވެ. ކިނބިދޫ ރައްޔިތުންނާ ރައީސް ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައިވެސް، ތަރައްޤީ ހޯދުމަށް ކުރާންޖެހިފައިވާ ކަންކަމުގެ ތެރޭގައި، ރައްޔިތުންގެ އެދުމާއި އިޙްސާސްތަކާ އެއްގޮތަށް، އެ ރައްޔިތުންނާ ގާތުން ވެރިކަމުގެ ކަންކަން ނިންމޭ، ރަށްވެރިކަން ކުރިއަށް ގެންދެވޭނެ ނިޒާމެއް އޮތުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.

އަދި އަތޮޅުތައް ތަރައްޤީ ކުރެއްވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތައް ، މި ދެރަށުގެ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާ ޙިއްޞާ ކުރެއްވިއެވެ.