ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ކޮޅުމަޑުލު ކަނޑޫދޫ، ވަންދޫ އަދި ހިރިލަންދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައިފިއެވެ.

މި ތިން ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ރަށްތައް އެރަށްރަށުގެ ރައްޔިތުން އެދޭގޮތަށް އަދި ރައްޔިތުންގެ ރުހުމާއެކު، ރަށްރަށުގެ ރަށްވެހިކަން ކުރިއަށް ގެންދެވިގެން ނޫނީ، މިރާއްޖޭގެ ރައްޔިތުންނަށް ޙަޤީޤީ ތަރައްޤީ ނުލިބޭނެ ކަމަށް ސަރުކާރުން ދެކެވަޑައިގަންނަވާ ކަމުގައި ވިދާޅުވިއެވެ. އަދި ލާމަރްކަޒީ އުޞޫލަށް މި ސަރުކާރުން ވަކާލާތު ކުރައްވަމުން ގެންދެވީވެސް، ހަމަ އެ ސަބަބަށްޓަކައި ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މިމޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ލާމަރްކަޒީ އުޞޫލުން ރާއްޖޭގެ ރަށްތައް ހިންގުމަށްޓަކައި އުފެދޭ ލޯކަލް ކައުންސިލްތަކަކީ ބާރުވެރި ކައުންސިލްތަކަކަށް ހެއްދެވުމާއި، އަދި އެ ކައުންސިލް މެދުވެރިކޮށްގެން ނޫނީ، ރަށުގެ އަދި އަތޮޅުގެ ކަންކަން ނިންމަމުން ނުގެންދެވޭނެ އިންތިޒާމެއް އެކުލަވާލެއްވުމަކީ، ސަރުކާރުން ވަރަށް ބޮޑަށް ބޭނުންފުޅުވާ ކަމެއް ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، 2011 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި، މި ރަށްރަށް ކަނޑައަޅުއްވާފައިވާ މިންވަރުގެ މައްޗަށް އަލިއަޅުއްވައިލައްވައި، 2011ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓް ބަހާލެވިފައިވަނީ، މީގެކުރީގައި، ކަންކުރެވެމުން އައިގޮތާ ވަރަށް ބޮޑަށް ތަފާތުކޮށް ކަމުގައިވެސް ރައީސް ފާހަގަކުރެއްވިއެވެ. އަދި މިފަހަރުގެ ބަޖެޓްގެ އެންމެބޮޑު އެއް އަމާޒަކީ، ވަޒީފާގެ ފުރްޞަތުތައް އުފެއްދުން ކަމުގައި ހާމަކުރެއްވިއެވެ. އަދި މިކަން ކުރެވޭނީ އަމިއްލަ ވިޔަފާރި ކުރިއަރުވައިގެން ކަމަށްވާތީ، އެކަމަށް މަގުފަހިކުރުމަށް ސަރުކާރުން ކުރައްވަން ޤަޞްދު ކުރައްވާފައިވާ ކަންކަމާ ބެހޭގޮތުންވެސް ވާހަކަފުޅު ދެއްކެވިއެވެ.

ކަނޑޫދޫ، ވަންދޫ އަދި ހިރިލަންދޫގެ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައިވެސް، އަތޮޅުތައް ތަރައްޤީ ކުރެއްވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތައް ރައްޔިތުންނާ ޙިއްޞާ ކުރެއްވިއެވެ. އަދި މިކަމުގައި މިހާތަނަށް ޙާޞިލް ކުރެވިފައިވާ ކާމިޔާބުތަކާ ބެހޭގޮތުންވެސް އެމަނިކުފާނު ވާހަކަފުޅު ދެއްކެވިއެވެ.