"ސައުތު ސެންޓްރަލް ހެލްތް ސަރވިސަސް ކޯޕަރޭޝަން ލިމިޓެޑް" މި ނަމުގައި ދަރަންޏަށް ޒިންމާވާންޖެހޭ މިންވަރު ކަނޑައެޅިފައިވާ، ދިވެހި ސަރުކާރުގެ ސައްތައިންސައްތަ ޙިއްޞާ އެކުލެވިގެންވާ، ސަރުކާރުގެ ކުންފުންޏެއް، ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން އުފައްދަވައިފިއެވެ.

މިކުންފުންޏަކީ، ދިވެހިރާއްޖޭގެ އިޤްތިޞާދީ ތަރައްޤީއާއި އިޖްތިމާޢީ ދުޅަހެޔޮކަމާއި ރައްޔިތުންގެ ޞިއްޙީ ޙައްޤުތައް ކަށަވަރުކޮށްދިނުމަށް މަގުފަހިކޮށްދޭނެފަދަޔަކުން، މެދުދެކުނު ސަރަޙައްދުގައި ފެންވަރު ރަނގަޅު ޞިއްޙީ ޚިދްމަތްތައް ޤާއިމުކޮށް، އެ ޚިދްމަތްތައް ދެމެހެއްޓެނިވި ގޮތަކަށް، ލާ މަރުކަޒީ އުޞޫލުން ރައްޔިތުންނަށް ފޯރުކޮށްދެއްވުމަށްޓަކައި އުފެއްދެވި ކުންފުންޏެކެވެ.

ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި އަނެއް ކުންފުންޏަކީ، "ނޯތް ސެންޓްރަލް ހެލްތް ސަރވިސަސް ކޯޕަރޭޝަން ލިމިޓެޑް"ގެ ނަމުގައި އުފެއްދެވި ކުންފުންޏެކެވެ. މި ކުންފުންޏަކީ ދަރަންޏަށް ޒިންމާވާންޖެހޭ މިންވަރު ކަނޑައެޅިފައިވާ، ދިވެހި ސަރުކާރުގެ ސައްތައިންސައްތަ ޙިއްޞާ އެކުލެވިގެންވާ ސަރުކާރުގެ ކުންފުންޏެކެވެ.

ނޯތް ސެންޓްރަލް ހެލްތް ސަރވިސަސް ކޯޕަރޭޝަން ލިމިޓެޑަކީ، ދިވެހިރާއްޖޭގެ އިޤްތިޞާދީ ތަރައްޤީއާއި އިޖްތިމާޢީ ދުޅަހެޔޮކަމާއި، ރައްޔިތުންގެ ޞިއްޙީ ޙައްޤުތައް ކަށަވަރުކޮށްދިނުމަށް މަގުފަހިކޮށްދޭނެފަދަޔަކުން، މެދުއުތުރު ސަރަޙައްދުގައި ފެންވަރު ރަނގަޅު ޞިއްޙީ ޚިދްމަތްތައް ޤާއިމްކޮށް، އެ ޚިދްމަތްތައް ދެމެހެއްޓެނިވި ގޮތަކަށް، ލާމަރްކަޒީ އުޞޫލުން ރައްޔިތުންނަށް ފޯރުކޮށްދެއްވުމަށްޓަކައި އުފެއްދެވި ކުންފުންޏެކެވެ.

މި ދެކުންފުންޏަކީ، ކުންފުނީގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދުގައި ބަޔާން ކުރައްވާފައިވާ ކަންތައްތައް ހިންގުމުގައްޔާއި، އަމިއްލަ ނަމުގައި ދަޢުވާ ކުރުމާއި، ދަޢްވާ ލިބިގަތުމާއި، އުފުލޭ މުދަލާއި ނުއުފުލޭ މުދާ، ޤާނޫނު ހުއްދަކުރާ ގޮތުގެ މަތިން ހޯދުމާއި ލިބިގަތުމާއި، މިކަންކަމުގެ ޙައްޤު ލިބިގެންވާ އަދި ވަކި ސިއްކައެއް އޮންނަ، ޤާނޫނީގޮތުން އަމިއްލަ ޝަޚްޞެކެވެ.