ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ އަރިހަށް އެމެރިކާގެ ޕެސިފިކް ފްލީޓްގެ ކޮމާންޑަރ އެޑްމިރަލް ރޮބަޓް ވިލަރޑް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއަކީ ވަށައިގެން ކަނޑު އޮންނަ ޤައުމަކަށްވެފައި، ކަނޑުދަތުރުކުރާ ދިވެހިންގެ ސަލާމަތާމެދު ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަމުގައި ވިދާޅުވިއެވެ.

އެމެރިކާގެ ޕެސިފިކް ފްލީޓްގެ ކޮމާންޑަރ އެޑްމިރަލް ވިލަރޑް ދެއްކެވި ވާހަކަފުޅުގައި، އެމެރިކާ ނޭވީގެ ފަރާތުން މިކަމުގައި ދިވެހި ސަރުކާރަށް ވެދެއްވެން އޮތް އެހީތެރިކަމެއް ވެދެއްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި ކަނޑުގެ ސަރަޙައްދުގެ ރައްކާތެރިކަމާއި ސަލާމަތަށް ދިވެހި ސަރުކާރުން މިކުރައްވާ މަސައްކަތުގައި އެއްބާރުލެއްވުން ދެއްވަމުން ގެންދަވާނެ ކަމަށާއި، ރާއްޖޭގެ ސަރަޙައްދުގައި ގަވާއިދާ ޚިލާފު ކަންތައްތައް ކުރުން ހުއްޓުވުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ވިދާޅުވިއެވެ.