އޮސްޓްރޭލިއާއިން ރާއްޖެއަށްދޭ ސްކޮލަރޝިޕް އިތުރުކުރެއްވުމާ ގުޅިގެން، އޮސްޓްރޭލިއާ ސަރުކާރަށާއި، ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ޝުކުރު އަދާކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ރޭ ޓްރޭޑަރޒް ހޮޓަލުގައި، އޮސްޓްރޭލިއާ ހައިކޮމިޝަނުން ބޭއްވި "އޮސްޓްރޭލިއާ އެވޯޑްސް 2011" ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، މި ސްކޮލަރޝިޕްތަކުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެފައިވާ އިންސާނީ ވަސީލަތްތަކުގެ ދަތިކަމަށް ވަރަށްބޮޑު ޙައްލެއް ލިބިގެންދާނެ ކަމުގައި ވިދާޅުވިއެވެ. އަދި ރާއްޖޭގެ މަތީ ތަޢްލީމީ ދާއިރާއަށް އޮސްޓްރޭލިއާ ސަރުކާރުން ފާއިތުވި އަހަރުތަކުގައި ވަރަށްބޮޑު އެހީތެރިކަމެއް ވެދެއްވަމުން ގެންދަވާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި، އޮސްޓްރޭލިއާ ހައިކޮމިޝަނަރ މިޒް ކެތީ ކްލޫގްމަންވެސް ވާހަކަފުޅު ދެއްކެވިއެވެ. އެކަމަނާ ދެއްކެވި ވާހަކަފުޅުގައި، މިއަހަރު އޮސްޓްރޭލިއާއިން ރާއްޖެއަށްދޭ ސްކޮލަރޝިޕްގެ ޢަދަދު، ކުރީ އަހަރުތަކާ އަޅާބަލާއިރު، ގާތްގަނޑަކަށް ދެގުނަ އިތުރުވެފައިވާއިރު މިއީ، ސީދާ ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތިން، އޮސްޓްރޭލިއާ ސަރުކާރުގެ މަތީ ފެންވަރުގައި މަޝްވަރާ ކުރައްވައިގެން އިތުރުކުރެވުނު ޢަދަދެއް ކަމުގައި ފާހަގަކުރެއްވިއެވެ. އަދި ސަފީރުގެ ވާހަކަފުޅުގައި، އޮސްޓްރޭލިއާއާއި ދިވެހިރާއްޖެއާ ދެމެދު އަބަދުވެސް ގުޅުން ހަރުދަނާ ކަމަށް ވިދާޅުވެ، އެހެންނަމަވެސް، ރައީސުލްޖުމްހޫރިއްޔާގެ މަސައްކަތްޕުޅުތަކުގެ ސަބަބުން، އޮސްޓްރޭލިއާއާއި ދިވެހިރާއްޖެއާ ދެމެދުގައިވާ ގުޅުންތައް މިހާރުވަނީ މުޅިން އާ މަރްޙަލާއެއްގައި ކަމުގައި ސަފީރު ވިދާޅުވިއެވެ.

މިއަހަރުގެ ޖޫންމަހު ރައީސުލްޖުމްހޫރިއްޔާ އޮސްޓްރޭލިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި، އޮސްޓްރޭލިއާގެ ބޮޑުވަޒީރާއެކު ބޭއްވެވި ބައްދަލުކުރެއްވުމަށްފަހު، ނޫސްވެރިންނާ ބައްދަލުކުރައްވައި ބޮޑުވަޒީރު ދެއްކެވި ވާހަކަފުޅުގައި، އޮސްޓްރޭލިއާގެ އެހީގައި ރާއްޖެއަށް 2011 ވަނަ އަހަރަށް ސްކޮލަރޝިޕް އިތުރުކުރައްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

2010 ވަނަ އަހަރަށް ޖުމްލަ 16 ސްކޮލަރޝިޕް އޮސްޓްރޭލިއާއިން ދީފައިވާއިރު، 2011 ވަނަ އަހަރަށް އޮސްޓްރޭލިއާއިން ރާއްޖެއަށް ދީފައިވަނީ، ޖުމްލަ 31 ސްކޮލަރޝިޕެވެ. އޭގެތެރޭގައި، 6 އޮސްޓްރޭލިއަން ލީޑަރޝިޕް އެވޯޑާއި، 25 އޮސްޓްރޭލިއަން ޑިވެލޮޕްމަންޓް ސްކޮލަރޝިޕް ހިމެނެއެވެ.