26 އޯގަސްޓް 2010 ވި ބުރާސްފަތިދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ 2010 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 34 ވަނަ ޖަލްސާއިން ފާސްކުރެއްވި [ޤާނޫނު ނަންބަރު 2006/3 (ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު] ތަޞްދީޤުނުކޮށް މަޑުކޮށްފައިވަނިކޮށް، އެކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމާ ގުޅިގެން، އިންސާނީބާރު ނުފޯރާފަދަ، އިޙްތިޔާރުންބޭރު ސަބަބެއް މެދުވެރިވެގެން މެނުވީ، ރައްޔިތުންގެ މަޖިލީހުން ދެވަނަ ފަހަރަށް ފާސްވެގެން ފޮނުވާ ބިލުތައް ލަސްކުރުމަކާނުލައި ތަޞްދީޤުކުރަންވާނެކަމަށް އެކޯޓުން ޙުކުމްކުރައްވާފައިވާތީ، މިދެންނެވި ބިލު ރައީސުލްޖުމްހޫރިއްޔާ މިއަދު ތަޞްދީޤުކުރައްވައިފިއެވެ. ތަޞްދީޤު ކުރެއްވުމާ ގުޅިގެން މި ޤާނޫނު ދިވެހި ސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިޢުކުރައްވައިފިއެވެ.

މި ބިލު ޤާނޫނަކަށްވުމުން އަންނަނިވި މައްސަލަތައް އުފެދޭނެކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ޤާނޫނީ ލަފާ ލިބިވަޑައިގެންފައިވެއެވެ.

- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 250 ވަނަ މާއްދާގައި، ދައުލަތުގެ މިލްކުގައި ހިމެނޭ އެއްވެސް އެއްޗެއް އެއްވެސް ފަރާތަކަށް ދޭންވާނީ ނުވަތަ ވިއްކާންވާނީ ނުވަތަ ކުއްޔަށް ދޭންވާނީ ނުވަތަ ދޫކޮށްލާންވާނީ ނުވަތަ ރަހުނު ކުރާންވާނީ ނުވަތަ ނައްތައިލާންވާނީ ނުވަތަ މިނޫންވެސް މިފަދަ ކަމަކާގުޅޭ އެއްބަސްވުމެއްގައި ސޮއިކުރާންވާނީ، ޤާނޫނުގައިވާ ގޮތުގެ މަތީންކަމަށް ބަޔާންކޮށްފައި އޮތުމުން، އެމާއްދާގައި ބަޔާންކޮށްފައިވާ ކަންކަމާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނު އޮންނާންވާނީ އެމާއްދާގެ އިމުގެ ތެރޭގައި ކަމަށްވާއިރު، "ޤާނޫނު ނަންބަރު 2006/3 (ދައުލަތުގެ މާލިއްޔަތު ޤާނޫނު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު" ގައި، ޤާނޫނު ނަންބަރު 2006/3 (ދައުލަތުގެ މާލިއްޔަތު ޤާނޫނު) ގެ 5 ވަނަ މާއްދާއަށް ގެނައުމަށް ފާސްކޮށްފައިވާ އިޞްލާޙްގައި ދައުލަތުގެ ކުންފުނިތަކާ ގުޅޭ ގޮތުން ޢަމަލުކުރާނެ އުސޫލުތަކެއް ބަޔާންކޮށްފައި އޮތުމުން، ޤާނޫނުއަސާސީގެ އިސްވެ ދެންނެވި މާއްދާގެ އިމުން ބޭރުވާކަމަށް ފެންނަކަމަށް.

- އަދި އިސްވެ ދެންނެވުނު މާއްދާގައި ދައުލަތުގެ ކުންފުނިތައް ހިމެނިފައި އޮތްއިރު، ދައުލަތުގެ ކުންފުނިތައްކަމަށް ބަލާނީ ކޮން ސިފަތަކެއް ހުރި ކުންފުނިތަކެއްކަން ސާފުނުވާކަމާއި، މިބިލުގައި ދައުލަތުގެ ކުންފުނި ކަމަށް ޙަވާލާދެނީ، ޤާނޫނު ނަންބަރު 96/10 (ދިވެހިރާއްޖޭގެ ކުންފުންޏާ ބެހޭ ޤާނޫނު) ގައި ބަޔާންކޮށްފައިވާ ސަރުކާރު ކުންފުންޏަށްކަން ނުވަތަ ނޫންކަން ސާފުނުވާކަން ފާހަގަކުރެވޭކަމަށް. އަދި ކުންފުނީގެ މަފްހޫމަށް ބަލާއިރު، ކުންފުންޏަކީ، ކުންފުނީގެ މެންބަރުންނާއި (ހިއްސާދާރުންނާ) ވަކިން އުފެދިފައިވާ އަދި އެކުންފުނީގެ އަމިއްލަ ނަމުގައި މުޢާމަލާތުކުރުމުގެ ހައިސިއްޔަތު ލިބިފައިވާ ވަކި ޤާނޫނީ ޝަޙްޞަކަށްވާއިރު، އެކުންފުނީގެ މިލްކުގައި ހިމެނޭ އެއްވެސް އެއްޗަކީ، (ކުންފުންޏަކީ ސަރުކާރުގެ ކުންފުންޏަކަށްވާހިނދުގައިވެސް) ދައުލަތުގެ މިލްކުކަމަށް ނުބެލެވޭ ހިނދު، ކުންފުނިން ކުރާ މުޢާމަލާތަކާ ގުޅިގެން، ކުންފުނީގެ ހިއްސާދާރުގެ ހައިސިއްޔަތުން ސަރުކާރުން ރައީސުލްޖުމްހޫރިއްޔާ މެދުވެރިކޮށް، ރައްޔިތުންގެ މަޖިލީހަށް އެމުޢާމަލާތާ ގުޅޭ ހުއްދައަކަށް އެދެންޖެހުމަކީ ހަމަޖެހޭ އުސޫލެއް ކަމަކަށް ނުފެންނަކަމަށް.

- ބިލުގެ 5 ވަނަ މާއްދާގެ (ރރ) ގައި، ދައުލަތަށް ނުވަތަ ދައުލަތުގެ ކުންފުންޏަކަށް ލޯނުގެ ގޮތުގައި ނަގާ ފައިސާ ނުވަތަ ދަރަންޏަށް ނަގާ ފައިސާ، އަނބުރާ ދައްކަން ދައުލަތަށް ލާޒިމުކުރާ މުއްދަތު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެކަމަށް ބަޔާންކޮށްފައިވާއިރު، އަދި އެމާއްދާގެ (ކކ) ގައި ދައުލަތަށް ނުވަތަ ދައުލަތުގެ ކުންފުންޏަކަށް އެލޯނު ނެގުމުން ނުވަތަ ދަރަންޏަށް އެފައިސާ ނެގުމުން، ދައުލަތުގެ ފަރާތުން ލޯނުގެ ގޮތުގައި ނުވަތަ ދަރަނީގެ ގޮތުގައި އުފުލަންޖެހޭ ހުރިހާ އިލްތިޒާމްތަކެއްގެ ޖުމްލަ ޢަދަދު، އަދި، އެހުރިހާ އިލްތިޒާމްތަކެއް ފުރިހަމައަށް އަދާކޮށް ނިންމަންޖެހޭ ތާރީޚް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެކަމަށް ބަޔާންކޮށްފައިވާއިރު، ކުންފުންޏަކަށް ލޯނުގެ ގޮތުގައި ނަގާ ފައިސާ އަނބުރާ ދެއްކުމުގެ އިލްތިޒާމް، އެހެން ފަރާތަކަށް (އެއީ ދައުލަތްކަމަށްވިޔަސް) އަންނާނީ، އެފައިސާ ދައްކާނެ ކަމުގެ ޔަޤީންކަން ގަރަންޓަރެއްގެ ހައިސިއްޔަތުން އެފަރާތަކުން ދީފައިވާ ހިނދުގައި އެކަނިކަމަށްވާއިރު، އަދި ކުންފުންޏެއްގެ ލޯނަކީ، ދައުލަތުގެ ދަރަނީގެ ތެރޭގައި ބެލިދާނެ އެއްޗެއްކަމަށްނުވާއިރު، ކުންފުނިތަކަށް ނަގާ ލޯނާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް އެއްވެސް މަޢުލޫމާތެއް ހުށަހަޅަންޖެހުމަކީ އަދި ހުށަހަޅަންޖެހޭ މަޢުލޫމާތުގެ ތެރޭގައި އިސްވެ ދެންނެވި މަޢުލޫމާތު ހިމެނިފައިވުމީ ޤާނޫނީ ގޮތުން ހަމަޖެހޭ ކަމެއް ކަމަށް ނުފެންނަކަމަށް.

- ބިލުގެ 5 ވަނަ މާއްދާގެ (ށ) ގައި، ދައުލަތަށް ނުވަތަ ސަރުކާރު މެދުވެރިވެގެން ދައުލަތުގެ ކުންފުންޏަކަށް ލޯނުގެ ގޮތުގައި ނަގާ ފައިސާއާއި، ދަރަނީގެ ގޮތުގައި ނަގާ ފައިސާއާއި، އެކަމާ ގުޅޭ ގޮތުން ދައްކަންޖެހޭ އިންޓްރެސްޓްގެ ފައިސާއާއި، އެކަމާ ގުޅޭގޮތުން ކުރަންޖެހޭ އެހެނިހެން ޚަރަދުތަކަށްވާ ފައިސާ، ދައްކަންވާނީ ނުވަތަ ޚަރަދުކުރަންވާނީ ދައުލަތުގެ ބަޖެޓުގައި ކަނޑައަޅާފައިވާ ގޮތުގެ މަތީންކަމަށާއި، އެފައިސާ ޚަރަދުކުރާނީ، ކޮންސޮލިޑޭޓަޑް ރެވެނިއު ފަންޑުންކަމަށް ބަޔާންކޮށްފައިވެއެވެ. ނަމަވެސް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 96 ވަނަ މާއްދާއަށް ބަލާއިރު، ދައުލަތުގެ ބަޖެޓަކީ، ކޮންމެ މާލީ އަހަރެއް ފެށުމުގެ ކުރީން ދައުލަތުން ހިނގާނޭ ކަމަށް ލަފާކުރާ ޚަރަދާއި، ދައުލަތަށް ލިބޭނޭ ކަމަށް ލަފާކުރާ އާމްދަނީގެ ހިސާބު ހިމެނޭ ގޮތުން، އަދި ވޭތުވެދިޔަ މާލީ އަހަރު ދައުލަތުން ހިނގި ޚަރަދާއި، ދައުލަތަށް ލިބުނު އާމްދަނީގެ ހިސާބު ހިމެނޭ ގޮތަށް މިނިސްޓަރ އޮފް ފިނޭންސް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ އެއްޗަކަށްވާއިރު، އަދި ކުންފުނިތަކުގެ އާމްދަނީއާއި ޚަރަދަކީ، ދައުލަތުގެ ބަޖެޓުގެ ތެރޭގައި ހިމެނޭނެ އެއްޗަކަށް ނުވާއިރު، ކުންފުނިތަކުގެ ދަރަންޏާ ގުޅިގެން ކޮންސޮލިޑޭޓަޑް ރެވެނިއު ފަންޑުން ޚަރަދުކުރާ ގޮތަށް އޮތް އޮތުމަކީ ޤާނޫނީ ގޮތުން ހަމަޖެހޭ ގޮތެއް ނޫންކަމަށް.

- ބިލުގައި، ޤާނޫނުގެ 5 ވަނަ މާއްދާގެ (ނ) އަށް ގެނެސްފައިވާ އިޞްލާޙްގައި، ދައުލަތުގެ ކުންފުންޏެއްގެ ނަމުގައި ދިވެހިސަރުކާރުން ދޭ ގަރަންޓީގެ ވާހަކަ ބަޔާންކޮށްފައިވާއިރު، ކުންފުނިތަކުގެ ނަމުގައި ކުރާ މުޢާމަލާތަކީ އެކުންފުނިތަކުން ކުރާ ކަމެއްކަމާއި، އެފަދަ ކުންފުންޏެއްގެ ނަމުގައި ދައުލަތުން ގަރަންޓީ ދިނުމަކީ މުސްތަޙީލް ކަމެއްކަމަށްވާއިރު، އެމާއްދާގައި އެގޮތަށް ބަޔާންކޮށްފައިވަނީ ރަނގަޅަށްކަމަކަށް ނުފެންނަކަމަށާއި، ކުންފުންޏަކުން ނަގާ ލޯނަކާ ގުޅިގެން ދައުލަތުން ދޭ ގަރަންޓީއަކީ އެކުންފުނީގެ ނަމުގައި ދޫކުރެވޭ އެއްޗެއް ނޫންކަމަށާއި، އެއީ ދައުލަތުގެ ނަމުގައި ދޫކުރާ އެއްޗެއްކަން ފާހަގަކުރެވޭކަމަށް.

- ޤާނޫނުގެ 5 ވަނަ މާއްދާއަށް ގެނެސްފައިވަ އިސްލާޙްގައި، ދައުލަތަށް ލޯނު ނަގާ ކޮންމެ ފަހަރަކު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންޖެހޭނެކަމަށް ބަޔާންކޮށްފައިވާއިރު، ރައްޔިތުންގެ މަޖިލީހަކީ، ކަނޑައެޅިފައިވާ އުސޫލަކުން ވަކި ދުވަސްތަކެއްގައި، އަހަރަކު 3 ފަހަރު ޗުއްޓީ ނަންގަވާ މުއައްސަސާއަކަށްވެފައި، ރައްޔިތުންނަށް ދުވަހުން ދުވަހަށް ދައުލަތުން ފޯރުކޮށްދެންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ބޭނުންވާ ފައިސާގެ ދަތިކަން ޙައްލުކުރުމަށްޓަކައި ޓްރެޜަރީ ބިލް މެދުވެރިކޮށް ދައުލަތަށް ފައިސާ ހޯދުމަކީ ކުރަންޖެހޭ ކަމަކަށްވާތީ، މިހާރު ޤާނޫނުގައި އޮތް ގޮތުން އެކަމަށް ހުރަސްއެޅި، ދައުލަތަށް އާމްދަނީ ނުލިބުމަކީ، އަސާސީ ޙައްޤެއްގެ ގޮތުގައި ލިބެންޖެހޭ ޢިނާޔަތްތައް ލިބުމަށް ހުރަސް އެޅޭނޭ ކަމެއްކަމަށް.

- ޤާނޫނު ނަންބަރު 2006/3 (ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލުގެ 5 ވަނަ މާއްދާގެ (ބ) ގައި، އަމިއްލަ ފަރާތްތަކަށް ދޫކުރެވޭ ރަށްރަށާއި، ބިންބިމާ ގުޅޭ ޙައްޤުތައް ރަހުނުކުރުމާއި، ގެދޮރު އިމާރާތްކުރުމަށާއި ވިޔަފާރީގެ ބޭނުންތަކަށް ބަންޑާރަ ބިން ރަހުނުކުރުމާ ގުޅޭ އުސޫލުތައް، މިޤާނޫނުގެ މި މާއްދާގެ އިސްވެ ދިޔަ އަކުރުތަކުގައި ބަޔާންކޮށްފައިވާ އުސޫލުތަކުން އިސްތިސްނާވާނެކަމަށް ބަޔާންކުރުމަށްފަހު، އެއިން ޙާލަތެއްގައި ދޫކޮށްފައިވާ ރަށްރަށާއި، ބިންބިމާއި، އިމާރާތްތަކާއި، މިނޫންވެސް އުފުލޭ މުދަލާއި، ނުއުފުލޭ މުދާ މޯގޭޖްކުރުމަށް ނުވަތަ ރަހުނު ކުރުމަށް އެގްރީމަންޓް ހުއްދަކޮށްފައިވާ މުއްދަތުގައި މޯގޭޖްކުރުމަށް ނުވަތަ ރަހުނުކުރުމަށްޓަކައި ސަރުކާރުން އިތުރު ހުއްދައެއް ނަގާކަށް ނުޖެހޭނެކަމަށް ބަޔާންކޮށްފައިވާކަމާއި، އެހުއްދައަކީ އެތަނެއް ތަރައްޤީކުރުމަށް ނުވަތަ މަސައްކަތެއް ހިންގުމަށް އެގްރީމަންޓްކުރެވިފައިވާ ފަރާތަކަށް މިޤާނޫނުން ލިބިދޭ ޙައްޤެއްކަމަށް ބަޔާންކޮށްފައި އޮތުމުން، ސަރުކާރާއެކު މިފަދަ އެގްރީމަންޓް ކޮށްފައިވާ ފަރާތްތަކުން ނަގާ ލޯނުތަކާ ގުޅިގެން އެފަދަ ތަންތަން ރަހުނުކުރުމުގެ ހުއްދަ ދިނުމުގެ ކުރީން ސަރުކާރުން ވަޒަންކުރާ ކަންކަން ބެލުމުގެ ދައުރު ނެތިގެންދާތީ، އެކަމުގެ ސަބަބުން ދިމާވެދާނެ ރިސްކުތަކެއް ހުންނާނެކަމަށާއި، ސަރުކާރުގެ އެކްސްޕޯޝަރ ބޮޑުވެގެންދާނެކަން ފާހަގަކުރެވޭކަމަށް.

- ޤާނޫނުގެ 7 ވަނަ މާއްދާއަށް ގެންނަވާފައިވާ އިޞްލާޙްގައި، ދައުލަތުގެ މުދަލެއް އެއްވެސް ފަރާތަކަށް ދޭންވާނީ، ނުވަތަ ވިއްކާލާންވާނީ، ނުވަތަ ކުއްޔަށްދޭންވާނީ، ނުވަތަ ދައުލަތުގެ ނަމުގައި ހިންގާ ވިޔަފާރި މުޢާމަލާތަކާ ގުޅިގެން ސީދާ ގޮތުގައި ނުވަތަ ނުސީދާ ގޮތުގައި ނަމަވެސް އެއްވެސް ލުޔެއް ނުވަތަ މަންފާއެއް ނުވަތަ އެހީއެއް ނުވަތަ ސަބްސިޑީއެއް އެއްވެސް ފަރާތަކަށް ދޭންވާނީ، ނުވަތަ ދިނުމަށް އެއްބަސްވާންވާނީ، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ކަމާބެހޭ ޤާނޫނެއްގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންކަމަށް ބުނެފައިވެއެވެ. މިމާއްދާގައި ބަޔާންކޮށްފައިވާ ފަދަ ޤާނޫނެއް އަދި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ނެތްއިރު، އަދި އެފަދަ ޤާނޫނެއް ވުޖޫދަށް އަންނާނީ ކޮން އިރަކުންކަން ނޭނގޭއިރު، މިމާއްދާ މިހާރު އޮތް ގޮތަށް ޢަމަލުކުރަން ފަށައިފިނަމަ، ސަރުކާރުގެ ފަރާތުން ހިންގަމުންދާ ގިނަ މަޝްރޫޢުތަކެއް ހުއްޓާލަންޖެހި، އަދި ޚާއްޞަކޮށް، ސަރުކާރުން ހިންގަވަމުން ގެންދަވާ ޕްރައިވެޓައިޒޭޝަން އަދި ކޯޕޮރަޓައިޒޭޝަން ސިޔާސަތުގެ ދަށުން ކުރިއަށް ގެންދަވާ ކަންކަން މިމާއްދާއަށް ޢަމަލުކުރަން ފެށުމާއެކު ހުއްޓާލަން ޖެހޭނެކަމަށް ފެންނަކަމަށް. 2011 ވަނައަހަރަށް ލަފާކުރި ދައުލަތުގެބަޖެޓު އެކުލަވާލެވިފައިވަނީ، މިދެންނެވި ސިޔާސަތުތަކުގެ ދަށުން، ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީއަށް ވެސް ބެލިގެން ކަމަށްވީހިނދު، އަދި މިދެންނެވި ބަޖެޓުގައި، ސަރުކާރުން އެކި ފަރާތްތަކަށް ސަބްސިޑީގެ ގޮތުގައާއި އެހެނިހެން އެހީގެ ގޮތުގައި ދޭ ފައިސާވެސް ހިމަނައިގެން އެފަދަ އެހީއާއި ސަބްސިޑީ ދެމުން ގެންދެވޭއިރު، އަދި އިޤްތިޞާދީ ގޮތުން ހީނަރުކަމެއް ކުރިމަތިވެފައިވާ މިފަދަ ދުވަސްވަރެއްގައި ޢާންމުންގެ ތެރެއިން ގިނަ ޢަދަދެއްގެ ބަޔަކު މިދެންނެވި އެހީތަކަށާއި ސަބްސިޑީތަކަށް ބަރޯސާވެގެން ތިބިއިރު، އަދި ޕްރައިވެޓައިޒޭޝަން ސިޔާސަތުގެ ދަށުން ގިނަ ޢަދަދެއްގެ ޤާނޫނީ އެގްރީމަންޓްތަކެއްގައި ދައުލަތް ބަނދެވިފައިވާ ދަނޑިވަޅެއްގައި، މިފަދަ އިންޤިލާބީ ބަދަލެއް މުޅި ނިޒާމަށް އައުމަކީ، މުޅި ޤައުމަށް ތަހައްމަލުކުރަން އުނދަގޫވާނެ ބޮޑު ބަދަލެއްކަން ފާހަގަކުރެވޭކަމަށް.

- ޤާނޫނުގެ 34 ވަނަ މާއްދާގެ (ނ) އަށް ގެންނަވާފައިވާ އިޞްލާޙްގައި، ބަޖެޓް ފާސްކުރާއިރު، ބަޖެޓް ދިރާސާ ކުރާ ކޮމިޓީގެ ރެކޮމެންޑޭޝަންތަކުގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ރެކޮމެންޑޭޝަންތަކަށް ބަޖެޓު ތަންފީޒުކުރުކުގައި ސަރުކާރުން ޢަމަލުކުރުން ލާޒިމުވާނެކަމަށް ބަޔާންކޮށްފައިވީނަމަވެސް، ބަޖެޓަކީ، ޤާނޫނުއަސާސީގެ 96 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ވަކި ޚާއްޞަ މަޢުލޫމާތުތަކެއް ހިމަނައިގެން، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ އެއްޗަކަށްވާއިރު، އަދި ބަޖެޓާ ގުޅޭ ގޮތުން މަޖިލީހުގެ ދައުރަކީ، އެމަޖިލީހަށް ގެންނާން ފެންނަ އުނިއިތުރު ގެނައުން، ނުވަތަ އުނި އިތުރެއް ނުގެނެސް ފާސްކުރުން ކަމަށްވާއިރު، އެބަޖެޓާ ގުޅޭ ގޮތުން ބަޖެޓު ދިރާސާ ކޮމިޓީގެ ރެކޮމެންޑޭޝަން ތަކަކީ، އެމައްޗަށް ޢަމަލުކުރަން ލާޒިމުއެއްޗެއްކަމަށް ހެދިދާނެކަމަށް ނުފެންނަކަމަށް.

- މިޤާނޫނުގެ 7 ވަނަ މާއްދާއަށާއި 10 ވަނަ މާއްދާއަށް ގެނެވޭ އިޞްލާޙްތަކުގައި ބަޔާންކޮށްފައިވާ ޤާނޫނު ނެތީސްވެސް، މިހާރު ދެމުންގެންދާ ބައެއް އެހީތަކާއި ސަބްސިޑީތައް ދިނުމުގެ ފުރުޞަތު އޮތްކަމަށާއި، ބަޖެޓަކީވެސް "ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނު" ކަމަށް ބައެއް ފަރާތްތަކުން ބުނަމުން ގެންދިޔަނަމަވެސް، "ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނު" އަކީ، މަޖިލީހަށް ހުށަހެޅޭ ބިލެއްގެ ގޮތުގައި ހުށަހެޅުމުން، ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ފާސްވެ، ޤާނޫނުއަސާސީގެ 92 ވަނަ މާއްދާގެ ދަށުން ތަޞްދީޤްކޮށް ގެޒެޓްގައި ޝާއިޢުކުރަންޖެހޭ އެއްޗަކަށްވާއިރު، ބަޖެޓަކީ އެގޮތަށް ޢަމަލުކުރަންޖެހޭ އެއްޗަކަށްނުވާތީ، ބަޖެޓަކީ "ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނު" ގެ މާނައިގައި ބެލެވޭނެ އެއްޗެއް ނޫންކަމަށް.

މަތީގައި ބަޔާންކޮށްފައިވާ ކަންކަން އެހެން ހުރުމުން، ދައުލަތުގެ ބަންޑާރަނައިބު މިއަދު ވަނީ، ޤާނޫނު ނަންބަރު 2006/3 (ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު ގެ 5 ވަނަ މާއްދާއާއި، 7 ވަނަ މާއްދާއާއި 10 ވަނަ މާއްދާގެ (ހ) އަށާއި 34 ވަނަ މާއްދާއަށް ޢަމަލުކުރުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 23 ވަނަ މާއްދާއާއި 35 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤުތައް ލިބުމަށް އުނިކަން އަންނާނެކަމަކަށްވާތީ، ދައުލަތުގެ މާލިއްޔަތުގެ ޤާނޫނުގެ 5 ވަނަ މާއްދާއާއި، 7 ވަނަ މާއްދާއާއި 10 ވަނަ މާއްދާގެ (ހ) އާއި 34 ވަނަ މާއްދާއަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާ ޚިލާފު މާއްދާތަކެއްކަމަށް ކަނޑައަޅުއްވައިދެއްވުން އެދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައެވެ.

އަދި ޤާނޫނު ނަންބަރު 2006/3 (ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުން ދައުލަތުގެ މާލިއްޔަތުގެ ޤާނޫނަށް ގެނެވުނު އިސްލާޙްތަކުގެ ސަބަބުން ދިމާވާ ކަންކަން ޙައްލުކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ފާސްކުރަންޖެހޭ ޤާނޫނުތައް ފާސްވަންދެން، ޤާނޫނު ނަންބަރު 2006/3 (ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުން، ދައުލަތުގެ މާލިއްޔަތުގެ ޤާނޫނަށް ގެނެވުނު ބަދަލުތަކަށް ޢަމަލު ކުރުން ހުއްޓުވުމުގެ އަމުރެއް ނެރެދެއްވުމަށްވެސް އެމައްސަލައިގައި ވަނީ އެދިލައްވާފައެވެ.