ލޮލުގެ ބަލިތަކަށް ފަރުވާ ދީ، އޮޕަރޭޝަންތައް ކުރުމަށް މިހާރު ރާއްޖެ އައިސްފައިވާ ހިލޭ ސާބަހަށް މަސައްކަތްކުރާ އިޒްރާއީލްގެ މަދަނީ ޖަމްޢިއްޔާއެއް ކަމުގައިވާ "އައި ފްރޮމް ޒަޔަން"ގެ ލޮލުގެ ޑޮކްޓަރުންގެ ޓީމާ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު ބައްދަލުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، މި ޑޮކްޓަރުންގެ ޓީމުން ރާއްޖޭގައި ފޯރުވައިދެއްވަމުންގެންދަވާ އިންސާނީ ޚިދުމަތަށް ރާއްޖޭގެ ވަރަށްގިނަ ބަޔަކު މަރުޙަބާ ކިޔާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، ރާއްޖޭގެ ޞިއްޙީ ދާއިރާގައި ހަރަކާތްތެރިވާ މަދަނީ ޖަމްޢިއްޔާތަކާ ގުޅުން ބަދަހި ކުރައްވައި، އެފަރާތްތަކުގެ އެހީގައި ޞިއްޙީ ދާއިރާއިން ރާއްޖެއަށް އެހީތެރިކަން ބޭނުންވާ އެކި ދާއިރާތަކުން އެއްބާރުލުން ދެއްވަމުން ގެންދެވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި، އެ ޑޮކްޓަރުން ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއަށް ޒިޔާރަތް ކުރައްވައި، ރާއްޖޭގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުއްވައިދެއްވުމުގެ ފުރުޞަތު ލިބިވަޑައިގެންނެވުމަކީ، ވަރަށް ބޮޑު ޝަރަފެއްކަމަށާއި، ރާއްޖެއިން އެބޭފުޅުންނަށް ލިބިވަޑައިގަންނަވަމުންދާ މެހްމާންދާރީއަށް ޝުކުރު އަދާކުރެއްވިއެވެ. މީގެ އިތުރުން، ރާއްޖޭގައި، ލޮލުގެ ތަފާތު ބަލިތަކަށް ފަރުވާ ބޭނުންވާ މީހުންވަރަށް ގިނަކަމަށް ވިދާޅުވެ، އެޓީމުން ރާއްޖޭގައި ިދެއްވަމުންގެންދަވާ ޚިދުމަތަށް ރާއްޖޭގެ ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު ތަރުޙީބެއް ލިބެމުންދާކަން ފާހަގަކުރެއްވިއެވެ.

"އައި ފްރޮމް ޒަޔަން"އަކީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޞިއްޙީ އަދި އިންސާނީ ޚިދުމަތް ފޯރުވައިދެމުން ގެންދާ އިޒްރާއީލްގެ ހިލޭސާބަހަށް މަސައްކަތްކުރާ ޖަމާޢަތެކެވެ. މި ޖަމާޢަތުގެ ޑޮކްޓަރުންގެ ޓީމުން ރާއްޖެއަށް މިކުރާ ޒިޔާރަތުގައި، މާލެއާއި، އަތޮޅުތެރޭގެ ބައެއް ހޮސްޕިޓަލްތަކުގައި ލޮލުގެ ތަފާތު މައްސަލަތައް ހުންނަ މީހުންނަށް ފަރުވާދެއްވުމަށް ހަމަޖެހިފައިވެއެވެ.