ތައިލެންޑްގައި މިހާރު ހިނގަމުންދާ "އޭޝިޔަން ކްރިކެޓް ކައުންސިލް ޓްރޮފީ ޗެލެންޖް 2010" ކްރިކެޓް މުބާރާތުގެ ފައިނަލަށް ރާއްޖޭގެ ޤައުމީ ކްރިކެޓް ޓީމް ދިއުމާ ގުޅިގެން، އެ ޓީމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ތަހުނިޔާ ވިދާޅުވެ، ޓީމަށް ހިތްވަރު ދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޓީމަށް ތަހުނިޔާ ވިދާޅުވެ ހިތްވަރުދެއްވީ، ޤައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން މޫސާ ކަލީމާ މިރޭ ފޯނުންގުޅުއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރާއްޖޭގެ ޤައުމީ ކްރިކެޓް ޓީމް މި މުބާރާތުގެ ފައިނަލަށް ދިޔައީ ތައިލެންޑްގެ ތައި ކްރިކެޓް ގްރައުންޑްގައި ޤަޠަރުގެ ޤައުމީ ޓީމާ ބައްދަލުކޮށް މިއަދު ކުޅުނު ސެމީ ފައިނަލް މެޗް 122 ލަނޑުން ކާމިޔާބު ކޮށްގެންނެވެ.

މި މުބާރާތުގެ ފައިނަލް މެޗް އޮންނާނީ އަންނަ ހޮނިހިރު ދުވަހުއެވެ. ފައިނަލްގައި ރާއްޖެ ބައްދަލުކުރާނީ ސަޢޫދީ ޢަރަބިއްޔާއާއެވެ.