2009 ވަނަ އަހަރުގެ ރާއްޖޭގެ ކާބަން އޮޑިޓް ރިޕޯޓް މިއަދު ނެރެފިއެވެ. މި ރިޕޯޓް ނެރުން އޮތީ، މިކަމަށްޓަކައި ބޭއްވުނު ނޫސް ކޮންފަރެންސެއްގައެވެ. ފޯން މެދުވެރިކޮށް، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުވެސް ބައިވެރިވެވަޑައިގެންނެވި މި ނޫސް ކޮންފަރެންސްގައި ބެންޖަމިން ރޮތްސްޗައިލްޑްގެ ކުންފުނި، (ސީ.ޓީ.ބީ.އާރު)ގެ ވައިސްޗެއަރމަން އާރިއާން ޑި ރޮތްސްޗައިލްޑާއި، އެކުންފުނީގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރ ހޫގޯ ފެރެއިރާއި، ބީސިޓިޒަންގެ މެނޭޖިންގ ޕާޓްނަރ ފްލޯރާ ބަރނަރޑް ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، މިއަހަރުގެ މާޗްމަހު ސްވިޓްޒަރލޭންޑަށް ކުރެއްވި ދަތުރުފުޅުގައި، ދިވެހިރާއްޖެ ކާބަން ނިއުޓްރަލް ކުރެއްވުމަށް ސަރުކާރުން އެކިރޮނގުން ހިންގަވާ މަޝްރޫއުތަކުގައި އެހީތެރިވެދެއްވާނެ ފަރާތެއްގެ ގޮތުގައި މަޝްހޫރު ވިޔަފާރިވެރިޔާ، ބެންޖަމިން ރޮތްސްޗައިލްޑްގެ ކުންފުންޏެއް ކަމުގައިވާ ސީ.ޓީ.ބީ.އާރާއެކު ދިވެހި ސަރުކާރުން ވަނީ އެއްބަސްވުމެއްގައި ސޮއިކުރައްވާފައެވެ .

މިއެއްބަސްވުމުގެ ދަށުން ރާއްޖޭގެ ކާބަން ފުޓްޕްރިންޓް ނުވަތަ ވިހަ ގޭހާއި ގެދަބުޅި ޖައްވަށް ދޫކުރާ މިންވަރު އޯޑިޓް ކުރުމަށާއި، ކާބަން ނިއުޓްރަލް މާސްޓަރ ޕްލޭނަށް ބައިނަލްއަޤްވާމީ ފަރާތްތަކުން ފައިސާ ހޯދުމުގެ ޒިންމާ އަދާކުރާނީ ސީ.ޓީ.ބީ.އާރު. އިންނެވެ. އަދި ރާއްޖޭގެ ކާބަން ފުޓްޕްރިންޓްގެ ފުރިހަމަ އޯޑިޓެއް ހަދައި ނިމުމުން، ބީސިޓިޒަންސްއިން 2020 ވަނަ އަހަރާ ހަމައަށް ރާއްޖެ ކާބަން ނިއުޓްރަލްވެވިދާނެ ގޮތްތަކާ ބެހޭގޮތުން މާސްޓަރ ޕްލޭނެއް އެކުލަވާލާނެއެވެ. އެއަށްފަހު، މިޕްލޭންގެ ދަށުން އެކިއެކި މަޝްރޫޢުތައް ތަންފީޒު ކުރުމަށް ބައިނަލްއަޤްވާމީ ފަރާތްތަކުގެ އެހީ ހޯދުމަށް ސީ.ޓީ.ބީ.އާރު. އިން އެހީތެރިވެދޭނެއެވެ.

މިއަދު މިނެރުނު ކާބަން އޮޑިޓަކީ، މި އެއްބަސްވުމުގެ ދަށުން ކުރެވުނު އޮޑިޓެކެވެ. މި ރިޕޯޓްގައި، 2009 ވަނަ އަހަރު ރާއްޖެއިން ބޭރުކުރެވުނު ގްރީންހައުސް ގޭސްގެ މިންވަރާއި، 2020އާ ހަމައަށް ބޭރުވާނެ ކަމަށް ލަފާކުރެވޭ ގްރީންހައުސް ގޭސްގެ މިންވަރާއި، ކާބަން ނިއުޓްރަލް ވުމަށްޓަކައި ސަމާލުކަންދޭންޖެހޭ ދާއިރާތައް ހިމެނެއެވެ.

މިރިޕޯޓް ދައްކައިދޭގޮތުގައި، 2009 ވަނަ އަހަރު ރާއްޖެއިން ގާތްގަނޑަކަށް 1.3 މިލިއަން ޓަނުގެ ކާބަންޑައިއޮކްސައިޑް ބޭރުކޮށްފައިވެއެވެ. މިއީ ރާއްޖޭގެ މުޅި އާބާދީއަށް ބަލާއިރު، މީހަކަށް 4.1 ޓަނުގެ ކާބަންޑައިއޮކްސައިޑެވެ.

ބީސިޓިޒަންގެ މެނޭޖިންގ ޕާޓްނަރ ފްލޯރާ ބަރނަރޑް ވިދާޅުވިގޮތުގައި، 2020 ވަނަ އަހަރާ ހަމައަށް ކާބަން ނިއުޓްރަލް ޤައުމަކަށް ރާއްޖެ ހެދުމަކީ، ހާޞިލް ކުރެވިދާނެ ލަނޑުދަނޑިއެކެވެ.

ކާބަން ނިއުޓްރަލް ޤައުމަކަށް ރާއްޖެ ހެދުމުގެ މައިގަނޑު އަމާޒުތަކުގެ ތެރޭގައި، ޤައުމެއް ކާބަން ނިއުޓްރަލްވުމަކީ ކުރެވިދާނެ ކަމެއްކަން ދުނިޔެއަށް ދައްކުވައިދިނުމާއި، ޑީސަލާއި ޕެޓްރޯލް ފަދަ ފޮސިލްފިއުލްއަށް ރާއްޖެއިން ބަރޯސާވާ މިންވަރު ދަށްކޮށް، ހަކަތަ އުފެއްދުމުގައި ނިސްބަތުން މަތީ ދަރަޖައެއްގެ މިނިވަންކަން ރާއްޖެއަށް ހޯދައިދިނުން ހިމެނެއެވެ.


ރާއްޖޭގެ ކާބަން އޮޑިޓް 2009 ޑައުންލޯޑް ކުރެއްވުމަށް ތިރީގައިވާ ލިންކަށް ކްލިކް ކޮށްލައްވާ.