މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަކީ ތަފާތު ރޮނގު ރޮނގުން ޤައުމަށް ޚިދްމަތްތަކެއް ކޮށްދެއްވަމުން ގެންދަވާ މުއައްސަސާއެއް ކަމުގައި ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ނައިބު ރައީސް މިހެން ވިދާޅުވީ، ކަސްޓަމްސްގެ 120 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި، ރޭ ދަރުބާރުގޭގައި ބޭއްވެވި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ނައިބު ރައީސް ވިދާޅުވިގޮތުގައި، ކަސްޓަމްސްއަކީ އެކްސްޕޯޓް އިމްޕޯޓްގެ ކަންތައްތައް ބެލެހެއްޓުމުގެ އިތުރުން، މުޅި ޤައުމުގެ އިޤްތިޞާދު ރަނގަޅު ކުރުމަށްޓަކައި ކުރާ މަސައްކަތުގައި ވަރަށްވެސް މުހިންމު ދައުރެއް އަދާކުރާ ތަނެކެވެ. އަދި ޤައުމުގެ ސަލާމަތް ދެމެހެއްޓުމަށާއި، ސެކިއުރިޓީ ކަންތައްތައް ބެލެހެއްޓުމަށްޓަކައި ކުރަންޖެހޭ ގިނަ މަސައްކަތްތަކެއްވެސް ކަސްޓަމްސްއިން ކުރައްވަމުން ގެންދަވާކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ.

ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދުގެ ވާހަކަފުޅުގައި، ރާއްޖޭގެ ވަރަށްގިނަ ތަންތަނުގައި ކަސްޓަމްސްގެ ޚިދްމަތް ދެއްވަމުން ގެންދަވާކަން ބަޔާންކުރައްވަމުން، އޭގެ ސަބަބުން އަތޮޅުތެރެއަށް އިޤްތިޞާދީ ގޮތުން އިތުރު ހަލުވިކަމެއް، އިތުރު ދިރުމެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ. ރާއްޖެއަށް އެތެރެވާ މަސްތުވާތަކެތި ކޮންޓްރޯލް ކުރުމުގެ މަސައްކަތުގައި، ކަސްޓަމުން އަދާކުރާ ދައުރުގެ މައްޗަށް ނައިބު ރައީސް ބައްލަވާލައްވަމުން، ރާއްޖެ އެތެރެވާ މަސްތުވާތަކެތީގެ ބައެއް ބާވަތްތައް، ކަސްޓަމްސްގެ ލީޑަރޝިޕްގެ ދަށުން މަދުކުރެވެމުންދާކަން ފާހަގަކުރެއްވިއެވެ. އެ މަދުވާ ބާވަތްތަކަކީ، ޚާއްޞަ ގޮތެއްގައި، އެންމެ ނުރައްކާތެރި ހެރޮއިންގެ ބާވަތްތައް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. ހަމައެޔާއެކީގައި، ބައެއް ބާވަތުގެ މަސްތުވާތަކެތި އެތެރެކުރުން މަދުވަމުންދާއިރުގައި، އަނެއް ބާވަތްބާވަތުގެ މަސްތުވާތަކެތި އިތުރުވަމުންދާކަންވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ. މިއީ އަޅުގަނޑުމެން އިތުރަށް ސަމާލުކަންދޭންޖެހޭ ކަމެއް ކަމަށާއި، މިކަމަށްޓަކައި އިތުރަށްދޭންޖެހޭ ތަމްރީނު ދިނުމާއި، ހޭލުންތެރިކަން އިތުރުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް އަޅުގަނޑުމެން ކުރަންޖެހޭ ކަމުގައި ވިދާޅުވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، ކަސްޓަމްސްއިން ލީޑަރޝިޕް ނަންގަވައިގެން، ކަންކަން ރަނގަޅު ކުރެއްވުމަށްޓަކައި، ޚާއްޞަކޮށް، މަސްތުވާތަކެތީގެ ދާއިރާގައި އެހެން ލޯ އެންފޯސްމަންޓް އޭޖެންސީތަކާ ގުޅިވަޑައިގެން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ޚާއްޞަ ގޮތެއްގައި ފާހަގަކުރެއްވިއެވެ.

ރޭގެ ޙަފްލާގައި، 2011 އިން 2013 އަށް ކަނޑައަޅުއްވާފައިވާ ކަސްޓަމްސްގެ ސްޓްރެޓީޖިކް ޕްލޭން، ނައިބު ރައީސް އިފްތިތާޙްކޮށްދެއްވިއެވެ. މި ޕްލޭނަށް އިޝާރާތް ކުރައްވަމުން، ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، މި ޕްލޭންގެ ނަތީޖާ ލަހެއްނުވެ ފެނިގެންދާނެ ކަމަށާއި، ކަސްޓަމްސްގެ ޚިދްމަތްތައް ހޯއްދަވާ ފަރާތްތަކަށް، އޭގެ ސަބަބުން ލުއިފަސޭހަތަކެއް ލިބިވަޑައިގަންނަވާނެ ކަމަށް ވިދާޅުވިއެވެ.

މި ޙަފްލާގައި އެކިއެކި މަގާމުތަކުން އެންމެ ރަނގަޅު ކަމަށް ފާހަގަކުރެއްވުނު މުވައްޒަފުންނަށާއި، އެކިއެކި ކޯސްތަކުގައި ބައިވެރިވެގެން ވަނަވަނަ ޙާޞިލު ކުރެއްވި މުވައްޒަފުންނަށް ހަނދާނީ ފިލައާއި ލިޔުން ދެއްވީ، ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދެވެ. އަދި ވަޒީފާއިން މުސްކުޅި ކުރެއްވި ބޭފުޅުންނަށް ހަނދާނީ ފިލާ ދެއްވީ ކަސްޓަމްސް ހިންގެވުމާ ޙަވާލުވެވަޑައިގެން ހުންނެވި މިނިސްޓަރ އޮފް ހޯމްއެފެއާޒް މުޙަންމަދު އަސްވާނެވެ. ޚިދްމަތުގައި ދެމިތިބި މުވައްޒަފުންގެ ތެރެއިން 20 އަހަރު ދުވަހުގެ މުއްދަތަށް ޚިދްމަތް ކުރައްވާފައިވާ މުވައްޒަފުންނަށް ކަސްޓަމްސްގެ ރަން ބެޖް ދެއްވީ ކުރިން މިނިސްޓަރ އޮފް ސްޓޭޓް ޕްރިންސިޕަލް ކަލެކްޓަރ އޮފް ކަސްޓަމްސް ކަމުގެ މަޤާމު ފުރުއްވި އިބްރާހީމް ރަޝާދެވެ. އަދި އެކިއެކި މުބާރާތްތަކުގައި ބައިވެރިވެގެން ކަސްޓަމްސްއަށް ރީތިނަން ހޯދައިދީފައިވާ މުވައްޒަފުންނަށް ހަނދާނީ ފިލައާއި ލިޔުން ދެއްވީ، ޑެޕިއުޓީ ޕްރިންސިޕަލް ކަލެކްޓަރ އޮފް ކަސްޓަމްސް އަބްދުއްރައްޒާޤް އަބޫބަކުރެވެ.