ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް މަރްޙަބާ ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ، ވަޒީރުންނަށް މަރްޙަބާ ވިދާޅުވިކަން ހާމަކުރައްވާފައިވަނީ، ރައިސުލްޖުމްހޫރިއްޔާގެ އޮފީހުން މިރޭ ނެރުއްވި ޚަބަރެއްގައެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ވަޒީރުންނަށް އެ މަޖިލީހުގެ ރުހުން އޮތްތޯ ބެއްލެވުމަށް ވަކިވަކިން ނެންގެވި ވޯޓުގައި، ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣްލަބިއްޔަތު ހަމަވާ ވަރަށް އެއްވެސް ވަޒީރަކާ ދެކޮޅަށް ވޯޓު ލިބިވަޑައިގެންފައިނުވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވާކަމަށް މި ޚަބަރުގައި ވިދާޅުވެފައިވެއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އިތުބާރާއެކު، ވަޒީރުން އެބޭފުޅުންގެ މަސްއޫލިއްޔަތުތަކާއި މަސައްކަތްތަކުގައި ކުރިއަށް ވަޑައިގަތުމަށް ވަޒީރުންގެ އަރިހުން ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގަންނަވާ ކަމަށްވެސް މި ޚަބަރުގައި ވިދާޅުވެފައިވެއެވެ.