ރާއްޖޭގެ ރައްޔިތުންނަށް ޞުލްޙަވެރިކަމާއި އަމާން ކަމާއެކު ދިރިއުޅެވޭނެ މާޙައުލެއް ޤާއިމްކޮށް ދެމެހެއްޓުމަށްވުރެ މުހިންމު ކަމެއް ނެތް ކަމުގައި ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ރާއްޖޭގައި ކައުންޓަރ ޓެރަރިޒަމް ސްޓްރެޓެޖީއެއް އެކަށައެޅުމަށްޓަކައި، މިދާއިރާއިން ރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު ތަޖުރިބާ ޙިއްޞާ ކުރުމަށް ބޭއްވޭ ކައުންޓަރ ޓެރަރިޒަމް ވާރކްޝޮޕް އިފްތިތާޙްކޮށްދެއްވުމުގެ ގޮތުން މިއަދު ހެނދުނު އާރަށުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި، ދުނިޔޭގެ އެހެން ޤައުމުތަކެކޭ އެއްފަދައިން، ރާއްޖެއަކީވެސް ޓެރަރިޒަމްގެ ބިރުވެރިކަމުން ސަލާމަތްވެފައިވާ ޤައުމެއް ނޫންކަމަށް ވިދާޅުވެ، ޤައުމީ ސަލާމަތާބެހޭ ސިޔާސަތުގައި ޓެރަރިޒަމާ ދެކޮޅަށް ހަރަކާތްތެރިވުމުގެ ސްޓްރެޓެޖީއެއް އޮތުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި ރައްޔިތުން ފުރިހަމަ ގޮތުގައި ހަރަކާތްތެރިވުމަށްޓަކައި ސަލާމަތާއި ރައްކާތެރިކަމުގެ ޔަޤީންކަން ލިބިފައި އޮތުމުގެ މުހިންމު ކަމުގެ މައްޗަށް ނައިބު ރައީސް ބައްލަވާލެއްވިއެވެ.

ޓެރަރިޒަމްފަދަ ނުރައްކާތަކުން ސަލާމަތްވެ، ފުރިހަމަ ސުލްހަވެރި މާޙައުލެއް ޤާއިމްކޮށް ދަމަހައްޓައި، މި ރާއްޖެއަށް ގެނެވިފައިމިވާ މިނިވަން ޑިމޮކްރެޓިކް މާޙައުލުގެ ތަޞައްވުރު ރައްޔިތުންނަށް ޙަޤީޤަތަކަށް ހަދައިދިނުމުގެ މުހިންމު ކަމުގެ މައްޗަށްވެސް ނައިބު ރައީސް ވާހަކަފުޅު ދެއްކެވިއެވެ. މި މޭރުމުން ވާހަކަފުޅު ދައްކަވަމުން، ރާއްޖެއަކީ ހުރިހާ ޚިޔާލެއްގެ މީހުންނަށް ޞުލްޙަވެރިކަމާއެކުގައި އުޅެވޭ، އަނެކާގެ ޚިޔާލަށް އިޙްތިރާމްކުރާ މުޖްތަމަޢެއް ކަމުގައި ހަދަންޖެހޭ ކަމުގައި ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވިއެވެ.