ކެނެޑާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މިސްޓަރ ބްރޫސް ލެވީ، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިބައްދަލުކުރެއްވުމުގައި، ރާއްޖެއާއި ކެނެޑާއާ ދެޤައުމުގެ ދެމެދުގައި ތަރައްޤީގެ އެކިދާއިރާތަކުގައި އެއްބާރުލުން އިތުރުކުރެއްވުމާބެހޭގޮތުންނާއި، ރާއްޖޭގައި މަސައްކަތް ކުރާނެ ކެނެޑާގެ ވޮލަންޓިއަރުން ހޯއްދެވުމާބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. އަދި ވަކިން ޚާއްޞަކޮށް ރާއްޖޭގެ އިންސާނީ ވަސީލަތްތައް ބިނާކުރުމުގައާއި، ފުލުހުންގެ ދާއިރާގެ ކަންތައްތައް ކުރިއެރުވުމަށް ކެނެޑާގެ އެހީތެރިކަން ހޯއްދެވިދާނެ ގޮތްތަކާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއާއި ސަފީރު މަޝްވަރާ ކުރެއްވިއެވެ.