ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އެމެރިކާގެ ޑިޕާޓްމަންޓް އޮފް ސްޓޭޓްގެ ސްޕެޝަލް ރެޕްރެޒެންޓޭޓިވް ޓު މުސްލިމް ކޮމިއުނިޓީޒް ފަރަހް ޕަންޑިތާ ބައްދަލުކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިބައްދަލުކުރެއްވުމުގައި، އެކި ރޮނގު ރޮނގުން، ޚާއްޞަ ގޮތެއްގައި އިޖްތިމާޢީ ގޮތުން ރާއްޖެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖެ އިޖްތިމާޢީ ގޮތުން މިހާރު މިވަނީ ވަރަށް ބަދަލުވެފައިކަން ފާހަގަކުރެއްވިއެވެ. އަދި މިގޮތުން ރާއްޖެއަށް އެކިދާއިރާތަކުން، ކުރިމަތިވެފައިވާ ތަފާތު ގޮންޖެހުންތަކުން އަރައިގަތުމަށް އެމެރިކާގެ އެހީތެރިކަން ބޭނުންފުޅުވާ ކަމަށް ވިދާޅުވެ، ވަރަށްގިނަ އިޖްތިމާޢީ މައްސަލަތަކަށް ޙައްލެއް ހޯއްދެވުމުގަޔާއި، މަދަނީ މުޖްތަމަޢުގެ ދައުރު ފުޅާކުރުމުގައި، އެފަދަ ޖަމްޢިއްޔާތަކަށް ކުރިމަތިވެފައިވާ ދަތިތަކުން އަރައިގަތުމަށް އެމެރިކާގެ އެހީތެރިކަމަށް އެދިވަޑައިގެންނެވިއެވެ.

މިބައްދަލުކުރެއްވުމުގައި، މިސް ފަރަހް ޕަންޑިތު ދެއްކެވި ވާހަކަފުޅުގައި، އެމެރިކާގެ ރައީސްގެ އިސްނެންގެވުމުގެ މަތިން، މުސްލިމް ޤައުމުތަކާއި އެމެރިކާއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރެއްވުމުގެ މަސައްކަތްޕުޅުގައި، ރާއްޖޭގެ ބައިވެރިވުންވެސް ވަރަށް މުހިންމުކަން ފާހަގަކުރެއްވިއެވެ. މީގެއިތުރުން، ރާއްޖޭގެ ތަފާތު އިޖްތިމާޢީ މައްސަލަތައް ޙައްލުކުރުމުގައި، މަދަނީ މުޖްތަމަޢްގެ ބައިވެރިވުން އިތުރުކުރުމަށްޓަކައި، މަދަނީ ޖަމާޢަތްތަކުގެ ޤާބިލްކަން އިތުރުކުރެއްވުމަށް، އެމެރިކާގެ މިފަދަ ޖަމާޢަތްތަކާއި ރާއްޖޭގެ ޖަމާޢަތްތަކާ ގުޅުން ބަދަހިކުރުމުގެ މަގުފަހިކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ވިދާޅުވިއެވެ.

ފަރަހް ޕަންޑިތަކީ، އެމެރިކާގެ ޑިޕާޓްމަންޓް އޮފް ސްޓޭޓުން ދުނިޔޭގެ މުސްލިމް ޤައުމުތަކަށް ޚާއްޞަކޮށް ކަނޑައެޅި ފުރަތަމަ މަންދޫބެވެ.