ކުޑަކުދިންނާމެދުވެވޭ ކޮންމެ އިހްމާލަކީ، އަނިޔާއެއްކަން އަޅުގަނޑުމެން ހަނދާން ކުރަންޖެހޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މިއަދު އެމަނިކުފާނު ދެއްވި ހަފްތާ ރޭޑިޔޯ ޚިޠާބުގައި، މިއަދަކީ ކުޑަކުދިންނަށް ކުރެވޭ ހުރިހާ ބާވަތެއްގެ އަނިޔާ ހުއްޓުވުމަށް، މުޅި ދުނިޔޭގައި މަސައްކަތްކުރާ ދުވަސް ކަމަށްވުމާއި، އަދި މާދަމައަކީ ބައިނަލްއަޤްވާމީ ކުޑަކުދިންގެ ދުވަސް ކަމަށްވުމާއެކު، މި ދެދުވަހުގެ މުހިންމު ކަމުގެ މައްޗަށް ބައްލަވާލައްވައި، ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، މިއަދާއި މާދަމައަކީ، ކުޑަކުދިންނަށް ކުރެވޭ ހުރިހާ ބާވަތެއްގެ އަނިޔާއަކާއި، އެކުދިންގެ ޙައްޤުތަކާމެދުވެވޭ އެކިބާވަތުގެ އިހްމާލާމެދު، އިތުރަށް ހޭލުންތެރިވެ، މިފަދަ ކަންކަން ހުއްޓުވުމަށް އިތުރަށް މަސައްކަތް ކުރުމަށް ޢަޒުމް ކަނޑައަޅަންވީ ދެދުވަހެވެ. [މުޅި އިންސާނިއްޔަތު އާރާސްތުވެދާ ޙަޤީޤީ ސިއްރަކީ، ކުޑަކުއްޖާ ބޮޑުވެ، ފުރިހަމަ މީހަކަށްވުން. ދެދުނިޔޭގެ ބާއްޖަވެރި ކަމަށާއި، ހެވާއި ލާބައަށް އެދޭ އެއްވެސް ދިވެއްސަކު، އެކުދިންނަށް އިހްމާލުވެ، އެއްވެސް ބާވަތެއްގެ އަނިޔާއެއް ކުރުމަކީ، ވަރަށް ހިތާމަހުރި ކަމެއް.] ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު ދެއްވި އެމަނިކުފާނުގެ 74 ވަނަ ހަފްތާ ރޭޑިޔޯ ޚިޠާބުގައި، އެންމެ ޚާއްޞަ ގޮތެއްގައި ބައްލަވާލައްވާފައިވަނީ، އަންނަ ހަފްތާގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާ 2011 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި އިސްކަން ދެއްވުމަށް ހަމަޖެހިފައިވާ ކަންތައްތަކުގެ މައްޗަށެވެ. މިފަހަރުގެ ބަޖެޓަކީ، އެހެން އަހަރުތަކާ ޚިލާފަށް، ވަރަށް ތަފާތު ބަޖެޓެއްކަން ފާހަގަކުރައްވަމުން، މިފަހަރުގެ ބަޖެޓްގައި، މީގެ ކުރީގައި ރާއްޖޭގެ ވަކިވަކި ރަށްރަށަށް ބަޖެޓް ކުރެވިފައިވާ ޢަދަދުތަކަށްވުރެ، މާބޮޑު ޢަދަދެއް ހިމެނޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ރާއްޖޭގެ ރަށްތަކުގައި ސީދާ ތަންފީޒު ކުރަންޖެހޭ ޕްރޮގްރާމްތައް ތަންފީޒު ކުރުމާ ގުޅޭގޮތުން، ރަށްރަށަށް ކަނޑައެޅިފައިވާ ބަޖެޓް، މީގެކުރީގެ އަހަރުތަކާ އަޅާބަލާއިރު، ވަރަށްބޮޑުތަނުން ބޮޑުވާނެކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، އެކަން ސަރުކާރުން މިކުރައްވަނީ، މިނިސްޓްރީތަކުން ހިންގަވާ މަސައްކަތް، މިހާރަށްވުރެ ކުޑަވާނެ ކަމަށް ދެކެވަޑައިގެން، އަދި ޚާއްޞަކޮށް، އަތޮޅު ކައުންސިލްތަކާއި، ރަށު ކައުންސިލްތައް ހިންގާން ފެށުމުން، ޒިންމާދާރުކަމާ އެކުގައި ހިންގާންޖެހޭ މަސައްކަތްތަކެއް ހުންނާނެ ކަމަށް ސަރުކާރަށް ފެނިވަޑައިގަންނަވާތީއެވެ.

2011 ވަނަ އަހަރުގެ ބަޖެޓްގައި، ހަމައެކަނި ފާހަގަވެގެންދާނީ، ޢުމްރާނީ ތަރައްޤީގެ ކެޕިޓަލް ޚަރަދުގެ މަސައްކަތްތައް އެކަނި ނޫންކަން ބަޔާންކުރައްވަމުން، މިބަޖެޓްގައި ވަރަށް މުހިންމު އަހަންމިއްޔަތު ކަމެއް ދެއްވާފައިވާ އިތުރު ކަންތައްތައް ހިމެނޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އޭގެތެރޭގައި، ކުދި އަދި މެދުފަންތީގެ ވިޔަފާރިއަށް ލުއިލޯނުގެ ގޮތުގައި، ސަރުކާރުން ލޯނު ގެރެންޓީ ކޮށްދެއްވުމުގެ ޕްރޮގްރާމެއް، އެ ބަޖެޓްގެ ދަށުން ހިންގެވުން ހިމެނޭކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. އަދި އެ ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ ވަކިވަކި ރަށްރަށުގައި ހިންގާ ވަކި ބާވަތްތަކުގެ، ވަކިވަކި ޚާއްޞަ މަސައްކަތްތަކަށް، ލޯނުގެ މަގު ފަހިވެގެންދާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އަމިއްލަ ވިޔަފާރި ތަރައްޤީކޮށް، އެ ވިޔަފާރީގެ ތެރެއިން ވަޒީފާގެ ފުރްޞަތުތައް އިތުރުކުރެއްވުމަކީވެސް، ބަޖެޓުން ފާހަގަވާ މުހިންމު ކަމެއްކަން ރައީސުލްޖުމްހޫރިއްޔާ ބަޔާން ކުރެއްވިއެވެ. އަދި ވަށާޖެހޭ ތަޢްލީމެއް ދެއްވުމަށް، މިބަޖެޓުން ވަރަށްބޮޑު ހޭދައެއް ކުރައްވާނެ ކަމަށާއި، ހަމައެހެންމެ، ރާއްޖޭގެ އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދެއްވުމަށްޓަކައިވެސް ވަރަށްބޮޑު ހޭދައެއް ބަޖެޓުން ކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ރާއްޖޭގެ ރައްޔިތުންނަށް ފުރިހަމަ ޞިއްޙީ ޚިދްމަތެއް ދެއްވުމަށްޓަކައި ކުރައްވާ ހޭދަވެސް ބޮޑުވާނެ ކަމަށާއި، ޚާއްޞަ ގޮތެއްގައި، މިމަސައްކަތް ހިންގެވުމަށް ސަރުކާރުން ރާއްވަވާފައިވަނީ، ހެލްތް ކޯޕަރޭޝަންތައް މެދުވެރިކުރައްވައިގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ދެއްވި ހަފްތާގެ ރޭޑިޔޯ ޚިޠާބުގައި، އެއަރޕޯޓް ތަރައްޤީ ކުރެއްވުމުގެ މަސައްކަތް، ޖީ.އެމް.އާރު ކުންފުންޏާ ޙަވާލުކުރެވިފައިވާކަން ފާހަގަކުރައްވަމުން، އެއީ މިސަރުކާރަށް ލިބުނު އަދި މިރާއްޖެއަށްވެސް ލިބުނު ވަރަށްބޮޑު ކާމިޔާބީއެއް ކަމުގައި ވިދާޅުވިއެވެ. އަދި ދުނިޔޭގެ އެހެން ތަންތަނުގައިވެސް މިބާވަތުގެ ބޮޑެތި އިންވެސްޓްމަންޓްތައް ހިންގާ އުޞޫލުން، ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕްގެ އުޞޫލުން ސަރުކާރުން މިވަނީ އެއަރޕޯޓް ހިންގުމުގެ އެންމެހާ ކަންކަން ނިންމަވައި، ކަނޑައަޅުއްވައި، އެކަމުގެ ޢަމަލީ މަސައްކަތްތައް ފަށްޓަވާފައި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރޭޑިޔޯ ޚިޠާބުގައި، މިހާރު އެމަނިކުފާނު ސްރީލަންކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ މައްޗަށް ބައްލަވާލައްވަމުން، މިދަތުރުފުޅުގައި، ސްރީލަންކާ ސަރުކާރާއެކު ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެކަން ހާމަކުރެއްވިއެވެ. މީގެއިތުރުން، ސްކޫލްތަކުގެ އަހަރީ ޗުއްޓީ މިހާރު ފެށިފައިވުމާއެކު، މިޗުއްޓީގެ ބޭނުން ހުރިހާ ކުދިންވެސް ހެޔޮގޮތުގައި ހިފުމަށް ރައީސުލްޖުމްހޫރިއްޔާ ނަޞޭޙަތްތެރިވެވަޑައިގެންނެވިއެވެ. މިގޮތުން، ކޮންމެ ކުއްޖަކުވެސް، މި ޗުއްޓީގައި ރާއްޖޭގެ އެހެން ރަށަކަށް ދަތުރުކުރެވޭނެ ފުރްޞަތު ހޯދައި، އެރަށްރަށުގެ މަޢްލޫމާތާއި، އެރަށްރަށުގެ ރައްޔިތުންގެ ދިރިއުޅުމުގެ ކަންތައްތައް ހުރިނެތްގޮތުގެ މަޢްލޫމާތު ހޯދުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.