އަންގ ސަން ސޫޗީ ގޭ ބަންދުން މިނިވަންކުރުމަށް ބަރުމާ ސަރުކާރުން ނިންމަވައި މިއަދު އޭނާ ދޫކޮށްލެއްވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މަރްޙަބާ ވިދާޅުވެއްޖެއެވެ. މި ނިންމެވުމަށް ރައީސުލްޖުމްހޫރިއްޔާ މަރްޙަބާ ވިދާޅުވިކަން ހާމަކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިރޭ ނެރުއްވި ޚަބަރުގައި، މި ނިންމެވުމަކީ، ބަރުމާގައި މިނިވަންކަމާއި ޑިމޮކްރަސީގެ ހަރުދަނާ ނިޒާމެއް ޤާއިމްކުރުމަށްޓަކައި ކުރިއަށް އެޅުނު ތާރީޚީ ފިޔަވަޅެއްކަމަށް ސިފަކުރައްވާފައިވެއެވެ.

އަންގ ސަން ސޫޗީއަކީ ބަރުމާއަށާއި ދުނިޔޭގެ އެހެނިހެން ޤައުމުތަކަށް އުންމީދީ، އަލިގަދަ ދަންމަރެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ދެކެވަޑައިގަންނަވާ ކަމަށް މިޚަބަރުގައި ވިދާޅުވެފައިވެއެވެ. އަދި ވަރުބަލިފުޅުވުމެއް މެދުކެނޑުމެއްނެތި، އިންސާނީ ޙައްޤުތަކާއި ޑިމޮކްރަސީ ޙިމާޔަތްކުރެއްވުމަށް އަންގ ސަން ސޫޗީ ކުރެއްވި ބުރަ މަސައްކަތުން ހިތްވަރު ހޯއްދަވައިގެން، ރައީސުލްޖުމްހޫރިއްޔާވެސް އަދި ދުނިޔޭގެ އެހެން ބޭފުޅުންވެސް ކުރިއަށްވަޑައިގެންފައިވާކަން މި ބަޔާނުގައި ހާމަކުރައްވާފައިވެއެވެ.

އަންގ ސަން ސޫޗީއަށް ފުރިހަމަ މިނިވަންކަން ހޯއްދަވައިދެއްވުމަށާއި، ބަރުމާގެ ސިޔާސީ މައިދާނުގައި މުހިންމު އިސް ދައުރެއް އަދާކުރެއްވުމުގެ ޤާބިލުކަން ހޯއްދަވައިދެއްވުމަށް ދިވެހި ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރައްވާނެކަމަށްވެސް ވިދާޅުވެފައިވެއެވެ.