މިހާރު މި ރާއްޖޭގައި ފައްކާވަމުން މިދަނީ، ވެރިކަމުގެ ފަރާތުން އަނިޔާވެރިނުވާ، އޯގާވެރި، ހެޔޮވެރިކަމުގެ ނިޒާމެއް ކަމަށާއި، މިއީ ވެރިކަމުގެ ފަރާތުން ބަދަލުހިފުމުގެ ރޫޙު ދޫކޮށްލާފައިވާ ޒަމާނެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، ދަރުބާރުގޭގައި މިއަދު ހެނދުނު ބޭއްވެވި ރަސްމީ ޖަލްސާގައި، ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، މި ޤައުމުގައި މިހާރު އަށަގަންނަމުން މިދަނީ، އިންސާނީ ޤަދަރާއި ކަރާމާތް، ވެރިކަމުގެ ފަރާތުން ހިފަހައްޓައިދޭ ރީތި އާދަތަކެވެ. ހަމައެހެންމެ، އާލާވަމުން މިދަނީ ތިންބާރު ވަކިވެފައިވާ ޑިމޮކްރަސީގެ ތަހުޒީބު މިސާލުތަކެވެ. ހިނގައިމިދިޔަ ދެއަހަރުތެރޭވެސް، މި ސަރުކާރުގެ އެންމެ އިސް އަހަންމިއްޔަތު އަމާޒުވާ ޙަޤީޤީ ބޮޑު މަޝްރޫޢަކީ، ރައްޔިތުންގެ މިނިވަންކަމާއި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ހިފެހެއްޓުމާއި ދެމެހެއްޓުން ކަމުގައި ރާއްޖޭގެ ރައްޔިތުން ދެކެވަޑައިގަންނަވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ވޭތުވެދިޔަ ދެއަހަރު ދުވަހުގެ ތެރޭގައި މި ސަރުކާރަށް ހޯދިފައިވާ ނިސްބަތުން ގިނަ ކާމިޔާބީތައް، އޭގެ ކުރީގެ އެތަކެއް އަހަރަކާ ނުބައްދަލުކަން ބަޔާންކުރައްވަމުން، ޒަމާނުއްސުރެ އަށަގެންފައިވާ ނުރަނގަޅު އާދަތަކާއި، ކޮރަޕްޝަނާއި ނާޖާއިޒު ފައިދާ ނެގުމުގެ އާދަތައް ފޮހެލުމަކީ، އެންމެ ދެއަހަރުން ކުރެވޭނެ ކަމެއް ނޫން ކަމުގައި ވިދާޅުވިއެވެ.

ސަރުކާރުގެ އަމާޒުތައް ކަނޑައެޅިފައި މިވަނީ، އިންތިޚާބީ ވަޢުދުތަކުގެ މައްޗަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވަމުން، މަތިވެރި މާތް އިރާދަފުޅާއި، ކާމިޔާބުކަމާއެކު މި ސަރުކާރުގެ ވަޢުދުތައް އެކަށީގެންވާ ހަލުވިމިނުގައި ފުއްދެމުންދާކަން ހާމަކުރެއްވިއެވެ. މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، މި ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ސަރުކާރަށް ހޯދިފައިވާ ކާމިޔާބީތައް، އޭގެ ކުރީގެ އެތައް ދިހަ އަހަރަކާ ނިސްބަތް ކުރެވޭއިރު، އެތައް ގުނައެއް އިތުރުވެފައި ބޮޑުވެފައި، އަދި ފުރިހަމަ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސަރުކާރުން ފަށްޓަވާ ކަންކަން ކާމިޔާބު ކުރެއްވުމަށްޓަކައި، ދިވެހި ޤައުމާއި ދިވެހި ޖުމްހޫރިއްޔާގެ ކުރިއެރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތާއީދާއި އެއްބާރުލެއްވުން ސަރުކާރަށް ދެއްވުމަށް އިލްތިމާސް ކުރެއްވިއެވެ. އަދި މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، 2011 ވަނަ އަހަރުގެ ބަޖެޓް ރިޢާޔަތް ކުރައްވާއިރު، ރަށްވެހި ތަރައްޤީއަށާއި، ދިރިއުޅުމުގެ ފަސޭހަތަކަށް މިރާއްޖޭގެ ރައްޔިތުން ކުރައްވާ އުންމީދުތަކާ ސަރުކާރުން ހިންގަވާ މަޝްރޫޢުތަކާ ގުޅިފައިވާ މިންވަރު ފާހަގަކުރައްވާނެ ކަމުގެ ފުރިހަމަ އިތުބާރު އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ކަމުގައި ވިދާޅުވިއެވެ. 2011 ވަނަ އަހަރު ރާއްޖޭގެ ކަންކޮޅުތަކުގައި ހިންގުމަށް ރާއްވަވާފައިވާ ޕްރޮގްރާމްތަކުގެ މައްޗަށް ބިނާކުރައްވާފައިވާ މަޝްރޫޢުތަކަކީ، އަދި ރަށްވެހި ތަރައްޤީގެ ޚަރަދުތަކަކީ، ދައުލަތުގެ ބަޖެޓަށް ބުރަނުވެ، އެކަންކަމުގެ ފައިދާ ނިސްބަތުން އަވަހަށް ރައްޔިތުންނާ ހަމައަށް ފޯރާނެ މަޝްރޫޢުތަކެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި އެކަންކަން ޙާޞިލުކުރައްވާނީ، ވީހާ ފުޅާ ދާއިރާއެއްގައި އަމިއްލަ ފަރާތްތަކުން މި މަޝްރޫޢުތަކުގައި ޝާމިލުވެވޭނެ ފުރްޞަތުތައް ހުޅުއްވާލައްވައިގެން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ޖުމްހޫރީ ދައުލަތް ވަރުގަދަވެ، ސަރުކާރުގެ މަސައްކަތްތަކުގެ ޖުމްލަ ނަތީޖާ، އޭގެ އެންމެ ހެޔޮގޮތުގައި ލިބޭނީ، ދައުލަތުގެ އެހެން މުއައްސަސާތަކުންނާއި އަދި ޢާންމުކޮށް ދިވެހި ލޮބުވެތި އެންމެހާ ރައްޔިތުން ވަރަށް އިޚްލާޞްތެރިކަމާއެކު، މި ޤައުމުގެ ހެވާއި ލާބަ އިސްކުރައްވައިގެން ކަމުގައިވެސް ވިދާޅުވިއެވެ. "މިއަދު ފެންނަމުންއެދާ ޗާލޫވި ރިވެތި މަންޒަރުތަކާއި، އުޖާލާވި ހިތްގައިމު ކުލަތައް ގުޅިފައި ހުރީ، ދިވެހި ލޮބުވެތި އެންމެހާ ރައްޔިތުންގެ ވިސްނުންތެރިކަމާއި، ކެތްތެރިކަމާއި އަދި ވަކިން ޚާއްޞަ ގޮތެއްގައި، ދިވެހި އެންމެހާ ރައްޔިތުންގެ ވިންދުތަކާ ގުޅިފައިވާ ވަރުގަދަ ޤައުމީ ލޯތްބާކަމާމެދު އަޅުގަނޑު ޝައްކެއްނުކުރަން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ޖުމްހޫރީ ދުވަސް ފާހަގަކުރާއިރު، އަޅުގަނޑުމެންގެ ނަޒަރުތައް އަމާޒުކޮށްލެވެނީ، އެ ޤައުމެއް، ޖުމްހޫރިއްޔަތެއްގެ ގޮތުގައި ދެމިއޮވެ ކުރިއެރުމުގައި ޙިއްޞާ ކުރެވޭ އަގުހުރި ޤައުމީ ޚިދްމަތްތަކަށްކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ ޤައުމާއި ދީނުގެ ދިފާޢުގައި ފަނޑުނުވާނޭ ޚިދްމަތްތަކެއް ކޮށްދެއްވަމުން ގެންދަވާ އެންމެހާ ދިވެހީންނަށް ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ ފޮނުއްވިއެވެ.

އާ ސަރުކާރު ވެރިކަމާ ހަވާލުވިތާ މިއަދު ދެ އަހަރު ފުރުނުއިރު، އަޅުގަނޑުމެންގެ ރާއްޖެއާއި ރާއްޖޭގެ ރައްޔިތުންނަށް ލިބިފައިމިވާ ފުރިހަމަ މިނިވަންކަމުގެ ޙަޤީޤަތަކީ، ރާއްޖޭގެ ވެރިކަމަށް ދިވެހި ރައްޔިތުން ގެނެސްފައިމިވާ ބަދަލުކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. "ގިނަ ޕާޓީ އެކުލެވޭ ސިޔާސީ މިޞްރާބަށް މި ރާއްޖޭގެ ޖުމްހޫރީ އޮޑި މިއަދު ދުވަމުން މިދަނީ، މި ރާއްޖޭގެ ކެރޭ ދިވެހި ރައްޔިތުންތަކެއް ކުރެއްވި ބުރަ އަދި ތެދުވެރި މަސައްކަތްތަކުގެ ސަބަބުން. ޚިޔާލުފާޅުކުރުމާއި، މުޒާހަރާ ކުރުމާއި، އެއްވެ އުޅުމުގެ ފުރިހަމަ މިނިވަންކަން މިއަދު ލިބިފައިމިވަނީ، މި ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ވަރަށްގިނަ ބަޔަކުވީ މަތިވެރި ޤުރްބާނީތަކުގެ ސަބަބުން. އެ ބަދަލު ދިވެހިން ގެނައީ، މާރާމާރީއާއި ލޭއޮހޮރުވުން މެދުވެރިވިޔަނުދީ، ޞުލްޙަވެރިކަމާއެކު ހިންގި ސިޔާސީ ޙަރަކާތްތަކުން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު ދަރުބާރުގޭގައި ބޭއްވެވި ރަސްމީ ޖަލްސާގައި ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅު ނިންމަވާލެއްވީ، އެމަނިކުފާނަށް އިތުބާރު ކުރެއްވުމަށް ރާއްޖޭގެ ލޮބުވެތި ރައްޔިތުންގެ ކިބައިން އެދިވަޑައިގަންނަވަމުންނެވެ. "އަޅުގަނޑެއް ތިޔަބޭފުޅުންނަކަށް ދެރަގޮތެއް ނުހަދާނަން. ރާއްޖޭގެ ގިނަބަޔަކު އަޅުގަނޑު ދަންނާނީއަކީ މިއަދަކުނޫން. ޚާއްޞަކޮށް، މި މާލޭގައި ދިރިއުޅުއްވާ ރައްޔިތުން. ތިޔަބޭފުޅުން އަޅުގަނޑު ދެނެވަޑައިގަންނަވާތާ ކިތަންމެ ދުވަހެއް ވެދާނެ. މިހާތަނަށް އޮތް އަޅުގަނޑުގެ ރިޕޯޓް ކާޑު ބައްލަވާ. އަޅުގަނޑު ފަހަތަށްޖެހިފައެއް ނުވާނެ. ހިތްވަރުދެރަކޮށްފައެއް ނުވާނެ. އަދި ވަކީން، ދުވަހަކުވެސް، ގޮތްހުސްވެގެން އުޅެފައެއް ނުވާނެ. ތިޔަބޭފުޅުންނަށް ދެރަކޮށް ކަންކޮށްފައެއްވެސް ނުވާނެ. ކުރިއަށް އޮތްތާނގައިވެސް އަޅުގަނޑު ހުންނާނީ މިގޮތަށް." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.