ސްވިޓްޒަރލެންޑް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު މިސްޓަރ ތޯމަސް ލިޗަރ، އެމަނިކުފާނުގެ ސަފީރު ކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދަށް މިއަދު އަރުއްވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިކަމަށްޓަކައި ބޭއްވުނު ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ, ސްވިޓްޒަރލެންޑްގެ އާ ސަފީރަށް މަރުޙަބާ ވިދާޅުވިއެވެ. އަދި ރާއްޖެއާއި ސްވިޓްޒަރލެންޑާ ދެޤައުމުގެ ދެމެދުގައި އޮންނަ ގާތް ރަޙްމަތްތެރި ގުޅުމާއި، އެކި ދާއިރާތަކުން މިގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއާއި މިސްޓަރ ލިޗަރ މަޝްވަރާ ކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއަށް ގެނެވުނު އިޞްލާޙީ ބަދަލު ގެންނެވުމުގައި، ސްވިޓްޒަރލެންޑުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރު ވަރަށް މުހިންމު ދައުރެއް އަދާކުރައްވާފައިވާކަން ފާހަގަކުރައްވައި އެމަނިކުފާނަށް ޝުކުރު އަދާކުރެއްވިއެވެ. އަދި، ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާ ކުރެއްވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތަށް ސްވިޓްޒަރލެންޑް ސަރުކާރުގެ އެހީތެރިކަން ލިބޭނެކަން ޔަޤީން ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެ އިތުރުން، ރާއްޖެއަކީ ކާބަން ނިއުޓްރަލް ޤައުމަކަށް ހެއްދެވުމަށް ސަރުކާރުން ހުށަހަޅުއްވާފައިވާ ޕްލޭނާ ބެހޭ މަޢުލޫމާތުވެސް ރައީސުލްޖުމްހޫރިއްޔާ، ސްވިސް ސަފީރު މިސްޓަރ ލިޗަރ އަށް އެރުއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ސްވިޓްޒަރލންޑު ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރު މިސްޓަރ ލިޗަރ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ތަރައްޤީއަށް ސްވިޓްޒަރލެންޑް ސަރުކާރުން އެހީތެރިވެދެއްވާނެ ކަމަށާއި، ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން އެހީ ހޯއްދެވުމުގައި މެދުވެރިވެވަޑައިގެން ސްވިޓްޒަރލެންޑް ސަރުކާރުގެ އެހީތެރިކަން ހޯއްދަވައިދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމުގައި ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ބައިވެރިވެވަޑައިގެންނެވިއެވެ.