މާލޭގެ ތަރައްޤީއާ ގުޅިފައިވާ މި ރާއްޖޭގެ ތަރައްޤީ ހޯދޭނީ، މާލެއަށް ގެނެވެންހުރި ބަދަލުތަކެއް، މިހާރުން މިހާރަށް ގެނެސްގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، [ވެށި ފަހި މާލެ] ޕްރޮގްރާމް އިފްތިތާޙް ކުރެއްވުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިއަދު ހެނދުނު ދަރުބާރުގޭގައި އޮތް މިޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ރައްޔިތުން އުޅެމުންމިދާ ހާލުގައި އުޅުމަކީ، އެ ރައްޔިތުންނަށް ޙައްޤު މިންވަރެއް ނޫން ކަމަށާއި، ރާއްޖޭގެ ތަނަވަސްކަމާއި މުއްސަނދިކަމަކީ، ރާއްޖޭގެ ރައްޔިތުންނަށް ހެޔޮގޮތުގައި އޭގެ ބޭނުން ހިފެން އޮތް ތަނަވަސްކަމަކާއި މުއްސަނދި ކަމެއް ކަމުގައި ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ވޭތުވެދިޔަ ދެއަހަރު މި ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދެވީ، މި ވަޢުދުތައް ޙަޤީޤަތަކަށް ހެއްދެވުމަށް ކަމަށާއި، މިގޮތުން ކިތަންމެ ލަނޑުދަނޑިތަކެއް މިހާރު ޙާޞިލު ކުރެއްވިއްޖެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މާލެއާއި ރާއްޖެތެރެއާ ވަރަށް ބޮޑަށް ތަފާތުކުރެވޭ ވާހަކަތައް އަޅުގަނޑުމެންނަށް އިވޭ ކަމަށާއި، އެއީ ޙަޤީޤަތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެހެން ނަމަވެސް އެންމެފަހުން އައިސް، މި ތަފާތު ކުރުމުން ނުކުތް ނަތީޖާއަކީ، އެނގުމުގައި ނަމަވެސް، ނޭނގުމުގައި ނަމަވެސް، މާލޭގެ ރައްޔިތުން ވަރަށް ބޮޑަށް ބިކަވުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މާލޭގެ ރައްޔިތުންނަށް މާލޭގެ ޢާންމު ޙާލަތު ބަދަލުކުރެވެންޖެހޭނެ ކަމަށާއި، އެ ޙާލަތު ބަދަލުކުރުމަކަށް ނުކުމެވަޑައިގަންނަވާކަށް ކުޑަކޮށްވެސް ޖެހިލުންވެވަޑައިނުގަންނަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މާލޭގައި މި ހައްދަވާ ޕާކްތަކާއި، ކެފޭތަކާއި، ރެސްޓޯރެންޓްތަކާއި، ފިހާރަތަކާއި، ރީތި ސާދާ މަގުތައް ހައްދަވައި އަދި ބޯހިޔާވަހިކަން ލިބޭނެ ގޮތްތައް ރާއްވަވަމުން މިގެންދަވަނީ، ދައުލަތުގެ ބަޖެޓަކުން ނޫން ކަމަށާއި، ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕްގެ ދަށުން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.