ރާއްޖޭގެ ތަރައްޤީއަށް ސަރުކާރުން ހުށަހަޅުއްވާފައިވާ މަޝްރޫޢު ސަރުކާރުން ކާމިޔާބު ކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ރާއްޖޭގެ ރައްޔިތުންނަށް އަތްފޯރާ އަގުގައި ބޯހިޔާވަހިކަން ހޯއްދަވައިދެއްވުމަށް ސަރުކާރު ކަނޑައަޅުއްވާފައިވާ މަޝްރޫޢުގެ ދަށުން، މާލޭގައި އިމާރާތް ކުރައްވަން ހަމަޖެހިފައިވާ 350 ހައުސިންގ ޔުނިޓްގެ ބިންގާ އެޅުއްވުމުގެ ރަސްމިއްޔާތުގައި މިއަދު ހެނދުނު ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސަރުކާރުން ހިންގަވާ ގިނަ މަޝްރޫޢުތައް ހިންގަވަމުން ގެންދަވަނީ ވަރަށް ގިނަ ހުރަސްތަކެއް ގިރާކުރައްވަމުން ކަމަށް ވީނަމަވެސް، ސަރުކާރުން ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދަވައިދެއްވާނެ ކަމަށް ވިދާޅުވިއެވެ. މި މޭރުމުން ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ސަރުކާރުގެ ބޯހިޔާވަހިކަން ހޯއްދަވައިދެއްވުމުގެ ވަޢުދަށް އިޝާރަތް ކުރައްވަމުން، ރާއްޖޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން އިރާދަކުރެއްވިއްޔާ ހޯއްދަވައިދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.

" މި ސަރުކާރު އުފެދިފައި މިވަނީ، މިދެންނެވި ވަޢުދުގެ މައްޗަށް ބިނާވެ. ރާއްޖޭގެ ތަރައްޤީ އަޅުގަނޑުމެން ހޯދާނީ، ބޯހިޔާވަހިކަން ތަރައްޤީކޮށްގެންކަމަށް އަޅުގަނޑުމެން ދެކި، އެ އުޞޫލުގައި، އެ އިންތިޒާމުގައި މި ރާއްޖެ ބަދަލުކުރެވިދާނެ"، ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އިންސާނީ ތަރައްޤީއަށް ބޭނުންވާ އެންމެ މުހިންމު އެއް އަސާސަކީ ބޯހިޔާވަހިކަން ކަމަށާއި، ޤައުމެއް ތަރައްޤީ ކުރުމަށް އުފައްދާންވި އެންމެ މުހިންމު އެއް މުއައްސަސާއަކީ ގެ ކަމުގައި ވިދާޅުވިއެވެ.

ޤައުމީ ތަރައްޤީގައި ގެ އާއި ބޯހިޔާވަހިކަމުގެ މުހިންމުކަމުގެ މައްޗަށް ވާހަކަފުޅު ދައްކަވަމުން، އިޖްތިމާޢީ މައްސަލަތަކަށްވެސް އަދި އިޤްތިޞާދީ މައްސަލަތަކަށްވެސް ޙައްލެއް ގެނެވޭނީ، ރަނގަޅު ގެއެއް އަދި އެ ގެއެއްގެ ތެރޭގައި ރަނގަޅު ޢާއިލާއެއް އުފެދިގެންކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ރައްޔިތުންނަށް އަތްފޯރާ އަގުގައި ބޯހިޔާވަހިކަން ހޯއްދަވައިދެއްވުމަށް ސަރުކާރުން ވެވަޑައިގެންފައިވާ ވަޢުދު ފުއްދަވައިދެއްވުމަށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 10,000 ހައުސިން ޔުނިޓް ތަރައްޤީ ކުރެއްވުމަށް ސަރުކާރުން ކަނޑައަޅުއްވާފައިވެއެވެ. މި ޕްރޮގްރާމްގެ ދަށުން، މާލޭގައި ޢިމާރާތް ކުރެއްވުމަށް ހަމަޖެހިފައިވާ ހައުސިން ޔުނިޓްތަކުގެ ތެރެއިން، މިއަދު ބިންގާ އަޅުއްވައިދެއްވި 350 ހައުސިން ޔުނިޓަކީ އިންޑިޔާގެ ކަރްގަވާލް 18 އެސް.ޖީ. ޑިވެލޮޕާރސްއާ ހަވާލުކުރައްވައިގެން ޢިމާރާތް ކުރައްވާ 350 ހައުސިން ޔުނިޓެވެ.