މިއަހަރު ޝަރަފްވެރިކަމުގެ ޤައުމީ އިނާމު، 6 ބޭފުޅަކަށް އަދި ހިތްވަރު ދިނުމުގެ ޤައުމީ އިނާމުވެސް 6 ބޭފުޅަކަށާއި، 3 ފަރާތަކަށް ދެއްވާނެ ކަމަށް ޤައުމީ އިނާމާބެހޭ ކޮމިޓީއިން ހާމަކުރައްވައިފިއެވެ. ޝަރަފްވެރިކަމުގެ ޤައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ދެއްވުން އޮންނާނީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ހެނދުނު 9 ޖަހާއިރު ދަރުބާރުގޭގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ. މިބޭފުޅުންނަށް މި އިނާމު ދެއްވާނީ، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދެވެ.

ޝަރަފްވެރި ކަމުގެ ޤައުމީ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ، އައްޑަނައަށާއި، ޝަރަފްގެ ބެޖަކާއި، ހަނދާނީ ލިޔުމެކެވެ. ހިތްވަރު ދިނުމުގެ ޤައުމީ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ، ހަނދާނީ ފިލައަކާއި، ހަނދާނީ ލިޔުމެކެވެ.

ޝަރަފްވެރިކަމުގެ ޤައުމީ އެރުވޭ 6 ބޭފުޅުންގެ ތެރެއިން 5 ބޭފުޅުންނަކީ، މީގެކުރިން ޢާންމު ޚިދްމަތުގެ ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގަންނަވާ ބޭފުޅުންނެވެ.

ޤައުމީ އިނާމަށް އެދި ހުށަހެޅުއްވުމުގެ މުއްދަތު ހަމަވިއިރު، 181 ހުށަހެޅުމެއް ވަނީ ހުށަހެޅިފައެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިބާއްވަވާ ރަސްމީ ޖަލްސާގައި، އިނާމުތައް ދެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ޤައުމާ މުޚާޠަބު ކުރައްވާނެއެވެ. މިޖަލްސާގައި މަރްޙަބާ ވިދާޅުވުމުގެ ގޮތުން ވާހަކަފުޅު ދައްކަވާނީ، މިނިސްޓަރ އޮފް ހޯމްއެފެއާޒް މުޙަންމަދު ޝިހާބެވެ. ޤައުމީ އިނާމާބެހޭ ކޮމިޓީގެ ރިޕޯޓް ހުށަހަޅުއްވާނީ، ކޮމިޓީގެ ޗެއަރމަން މަޙްމޫދު ރާޒީއެވެ.