ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، މިލަދުންމަޑުލު ދެކުނުބުރީގެ ބައެއްރަށަށާއި، މާޅޮސްމަޑުލު ދެކުނުބުރީ ކަމަދުއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހަވީރު މާލެ ވަޑައިގެންފިއެވެ.

އިއްޔެ މެންދުރު ރައީސުލްޖުމްހޫރިއްޔާ ފެށްޓެވި ދަތުރުފުޅުގައި، މިލަންދުންމަޑުލު ދެކުނުބުރީ ހެނބަދުއާއި، މާޅެންދުއާއި، ޅޮއްސާއި، މަގޫދޫއަށް ވަޑައިގެން އެރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އެރަށްރަށާއި މުޅި ރާއްޖޭގެ ތަރައްޤީއަށް ސަރުކާރުން ރާއްވަވާފައިވާ މަޝްރޫޢުތަކާއި ބެހޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ. އަދި ރޭ އެ އަތޮޅު ހޮޅުދޫއަށް ވަޑައިގެން، އެރަށު މޭނާ ސްކޫލްގެ 2009ވަނަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާ ޝަރަފްވެރި ކޮށްދެއްވައި، އެރަށު ރައްޔިތުންނާ މުޚާޠަބު ކުރައްވައި ވާހަކަފުޅު ދެއްކެވިއެވެ.

މީގެ އިތުރުން، އެމަނިކުފާނުގެ ދަތުރުފުޅު ނިންމަވާލެއްވުމުގެ ކުރިން، މިއަދު މެންދުރުކުރީގެ ވަގުތެއްގައި މާޅޮސްމަޑުލު ދެކުނުބުރީ ކަމަދުއަށް ޒިޔާރަތް ކުރައްވައި އެރަށު ރައްޔިތުންނާ ބައްދަލުކުރެއްވިއެވެ.