ކުދިރަށްރަށަށް ޚިދުމަތް ނުދީ، ކުދި ރަށްރަށް ބިކަކޮށް އެކަނިކޮށް މި ރަށްރަށަށް ތަރައްޤީވެވޭނޭ އުންމީދެއް ނުދީ، އަދި ތަރައްޤީގެ މަގުގައި ކުރިއަށްދެވޭނޭ ގޮތްތަކެއް ހަމަނުޖައްސައި އޮތުމަކީ، ސަރުކާރަށް ޤަބޫލުފުޅު ކުރެއްވޭނޭ ގޮތެއްނޫން ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އެމަނިކުފާނު މާޅޮސްމަޑުލު ދެކުނުބުރީގެ ބައެއް ރަށްރަށަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، މިއަދު މެންދުރު މާޅޮސްމަޑުލު ދެކުނުބުރީ ކަމަދުއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ސަރުކާރުގެ މަޤްޞަދަކީ، މިރާއްޖެ މި އޮތްގޮތަށް އަންނާންއޮތް ޖީލުތަކަށް ރައްދުކޮށްދެއްވުމާއެކު، މިއަށްވުރެ ފުރިހަމަ، މިއަށްވުރެ ހިތްހަމަޖެހޭ، މިއައްވުރެ ހާސްކަން ކުޑަ، މިއަށްވުރެ ތަނަވަސް، މިއަށްވުރެ ފަސޭހަ އެހެންގޮތެއް އެހެން ދިރިއުޅުމެއް ރާއްޖޭގެ ރައްޔިތުންނަށް ހޯއްދަވައި ދެއްވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިކަން މިގޮތަށް ކުރުމަށްޓަކައި، ރާއްޖޭގެ ހުރިހާ ރަށެއް ދަތުރުފަތުރުގެ ނިޒާމަކުން ގުޅުވާލުމުގެ މުހިންމުކަން ފާހަގަކުރައްވައި، އެފަދަ ނިޒާމެއްގެ ސަބަބުން އެއް ރަށެއްގެ ޚިދުމަތްތައް އަނެއް ރަށަކަށް ހުޅުވި، ވިޔަފާރީގެ ފުރުސަތުތައް ފަހިވެ، އަޅުގަނޑުމެން މިއެދޭ ތަރައްޤީ ލިބޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ރާއްޖޭގެ ހުރިހާ ރަށްތަކެއް ދަތުރުފަތުރުގެ ނިޒާމަކުން ރަނގަޅަށް ގުޅުނީމާ، މިހާރު ކުދި ރަށްރަށުގެ ގޮތުގައި ފާހަގަކުރެވިފައިވާ ކަމަދޫފަދަ ރަށްރަށް، ކައިރީގައި އޮތް ރަށްރަށާއެކު ގުޅި ބޮޑެތި ރަށްތަކެއްގެ ގޮތުގައި ފާހަގަވާން ފަށާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން، ވޭތުވެދިޔަ ދެއަހަރެއްހާ ދުވަހުގެ ތެރޭގައި މިރާއްޖެއަށް އައިސްފައިވާ ބަދަލުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވަމުން، ކަމަދުއާއި، މުޅި މިރާއްޖެއަށް ގެނެވިފައިވާ ބަދަލު މާއްދީ އެއްވެސް ބަދަލަކަށްވުރެ ބޮޑުވެފައި މުހިންމު ކަމުގައި ވިދާޅުވިއެވެ. އަދި މިބަދަލަކީ، ރައްޔިތުންނަށް ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ލިބިފައި އޮތުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރައްޔިތުންނަށް ދިމާވެފައިވާ މައްސަލަތަކާއި ދަތިތައް ޙައްލުކޮށްދެއްވުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވަނީ، ބިރެއް ނެތި ރައްޔިތުންނަށް އެމީހުންގެ މައްސަލަތަކާ މެދު ވާހަކަދައްކައި، އެ މައްސަލަތަކާއި އެ ޝަކުވާތައް އެކިއެކި ފަރާތްތަކަށް ފޯރުވައިދެވޭތީ ކަމުގައި ވިދާޅުވިއެވެ. މިކަން މިހެން މިވަނީ މި ރާއްޖެއަށް މިހާރު ގެނެވިފައިމިވާ އާ ޤާނޫނު އަސާސީއާއި ވެރިކަމުގެ ނިޒާމުގެ ސަބަބުން ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.