މިލަދުންމަޑުލު ދެކުނުބުރީ ހޮޅުދޫގައި ދެހާސް ބާރަވަނަ އަހަރު ޖޫނިއަރ ހައި ސްކޫލެއް ޤާއިމުކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ހޮޅުދޫ މޭނާ ސްކޫލްގެ 2009 ވަނަ އަހަރުގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާގައި ރޭ ވާހަކަފުޅުދައްކަވަމުންނެވެ. މޭނާ ސްކޫލަކީ، ރާއްޖޭގައި ނަން ފަވާލެވޭވަރުގެ ތަޢުލީމީ ސްކޫލެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވަމުން، އެ ސްކޫލް ތަރައްޤީ ކުރެއްވުމަކީ، މިއަދުގެ ސަރުކާރުގެ ވިސްނުންފުޅެއް ކަމުގައި ވިދާޅުވިއެވެ. އަދި ދެހާސް ބާރަވަނަ އަހަރު މޭނާ ސްކޫލްގައި ކިޔަވައިދެމުން ގެންދާނީ އެއްދަން ފަޅިއަށް ކަމަށާއި، އެކަމަށް ބޭނުންވާ ކްލާސް ރޫމްތައް އެޅުމުގެ މަސައްކަތް އަންނަ އަހަރު ފަށްޓަވާނެ ކަމަށްވެސް ވިދާޅުވިއެވެ.

މިޖަލްސާގައި މޭނާ ސްކޫލުން ވޭތުވެދިޔަ އަހަރު އެކި އެކި ވަނަތަކަށް ހޮވުނު ދަރިވަރުންނަށް އިނާމާއި ހަނދާނީ ލިޔުން ދެއްވީ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ އިތުރުން، މި ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ބައެއް ޢިއްޒަތްތެރިންނެވެ. ވޭތުވެދިޔަ އަހަރު މޭނާ ސްކޫލްގެ ސެކަންޑަރީ ބައިން ހުރިހާ ގޮތަކުން އެންމެ ރަނގަޅު ދަރިވަރަކަށް ހޮވިފައިވަނީ އެރަށު ކާނިމާގޭ ޣާލިބް ރަޝީދެވެ. ހައިސެކަންޑަރީބައިން އެއްވަނަ ދަރިވަރަކަށް ހޮވުނީ އެރަށު މޫންލައިޓް ޢަލީ ފަޔާޒެވެ.