ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން ކަމަށް ހެންވޭރު މާދިލް މުޙަންމަދު ޢާދިލް ސަލީމް އަދި މިނިސްޓަރ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރ ކަމަށް މާފަންނު ވައިނުޖެހޭގޭ ޑޮކްޓަރ މަރިޔަމް ޒުލްފާ ޢައްޔަން ކުރައްވައި، އެދެބޭފުޅުންނަށް މަގާމުގެ ފަތްކޮޅު މިއަދު ދެއްވައިފިއެވެ. މި ދެބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ދެއްވުމުގެ ރަސްމިއްޔާތު އޮތީ، މިއަދު ހެނދުނު 10.30 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މިދެބޭފުޅުން މި ޢައްޔަންކުރެއްވީ، މިދެބޭފުޅުންނަކީ ރާއްޖޭގެ ތަރައްޤީއަށް މަސައްކަތް ކުރައްވާ ޤާބިލު އަދި ކަމަށް އެކަށީގެންވާ އަދި ރައްޔިތުންނަށް ޚިދްމަތް ކޮށްދެއްވޭނެ ދެބޭފުޅުން ކަމަށް ފެނިވަޑައިގަންނަވާތީ ކަމުގައި ވިދާޅުވިއެވެ.

މަގާމުގެ ފަތްކޮޅު ދެއްވުމުގެ ކުރިން، އެ ދެބޭފުޅުން، ވަޒީރުންގެ މަޖިލީހުގެ މެންބަރު ކަމުގެ ހުވާ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު އާދަމް މުޙަންމަދު ޢަބްދުﷲގެ ކުރިފުޅުމަތީގައި ކުރެއްވިއެވެ. ހުވާކުރެއްވުމަށްފަހު، އެ ދެބޭފުޅުން، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވާގެ އިޤްރާރުގައި ސޮއިކުރެއްވިއެވެ.